ކުޅިވަރު / ޓްރެކް

ތިނަދޫގައި ސްވިމިން ޓްރެކެއް އަޅައިފި

ގދ. ތިނަދޫގައި މިއަދު ބޭއްވި ސްވިމިން ޓްރެކް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން.-- ފޮޓޯ: މިހާރު

25 އޮކްޓޯބަރ 2016 - 22:00

ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސްއާ ގުޅިގެން ކުޅިވަރާ ބެހޭ މިނިސްޓްރީން ގދ. ތިނަދޫގައި އެޅި ސްވިމިންޓް ޓްރެކް ކުޅިވަރާ ބެހޭ ވަޒީރު އިރުތިޝާމް އާދަމް މިއަދު ހުޅުވައިދެއްވައިފި އެވެ.

މާލެ އާއި އައްޑޫ ސިޓީގައި އަޅާފައިވާ ފެންވަރުގެ މި ސްވިމިން ޓްރެކުގެ ދިގުމިނުގައި 25 މީޓަރު އަދި ފުޅާ މިނުގައި 20 މީޓަރު ހުރެ އެވެ. މި ޕްރޮޖެކްޓަށް މިލިއަނައަކަށް ވުރެ ރުފިޔާ ވަނީ ހަރަދުވެފަ އެވެ.

މިއަދުގެ ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ ކުޅިވަރުގެ ތަރައްގީ އަށް މި ސަރުކާރުން އަންނަނީ ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުން ކަމަށާއި މިއަދު މި ފެނިގެން ދިޔައީ އޭގެ ތެރެއިން މުހިއްމު އެއް މަސައްކަތެއްގެ ނިމުން ކަމަށެވެ.

"މި ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއް ކުޅިވަރުން އެންމެ މަތީ ފަންތި އަށް ދިއުމަށް ޒުވާނުންނަށް ފުރުސަތުތައް ފަހިކޮށްދިނުމަކީ. އެގޮތުން ޒަމާނީ ވަސީލަތްތައް ފޯރުކޮށްދެވޭތޯ ހުރިހާ މަސައްކަތްތަކެއް މި ދަނީ ކުރަމުން. އަޅުގަނޑުގެ އުއްމީދަކީ ތިނަދޫގައި މި އެޅިގެންދިޔަ ސްވިމިން ޓްރެކުގެ ބޭނުން ހިފައިގެން އެންމެ މަތީ ފަންތީގެ މުބާރާތްތަކުގައި ވާދަކުރެވޭ ފެންވަރުގެ ފެތުން ތެރިން އުފެދުން،" އިރުތިޝާމް ވިދާޅުވި އެވެ.

ސްރީ ލަންކާގައި ނިމިގެން ދިޔަ ސައުތު އޭޝިއަން އެކުއަޓިކް ޗެމްޕިއަންޝިޕުން ރާއްޖޭގެ ފެތުންތެރިން ވަނީ 17 މެޑަލް ހޯދައިފަ އެވެ. މިއީ ފެތުމުގެ އިވެންޓަކުން ރާއްޖެ އަށް މިހާތަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބީ ކަމަށް ސްވިމިން އެސޯސިއޭޝަނުން ބުނެ އެވެ. މިނިސްޓަރު ވަނީ މެޑަލް ހޯދި ހުރިހާ އެތުލީޓުންނާއި ކޯޗުންނަށް ޝުކުރު އަދާކޮށްފަ އެވެ.

ގދ. ތިނަދޫގައި މިއަދު ބޭއްވި ސްވިމިން ޓްރެކް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން.-- ފޮޓޯ: ޔޫތު މިނިސްޓްރީ

ސްޕޯޓްސް މިނިސްޓްރީން ވަނީ މިހާތަނަށް ތިނަދޫގައި 10 މަޝްރޫއެއް ކުރިއަށް ގެންގޮސްފަ އެވެ. މި ހުރިހާ މަޝްރޫއަކަށް 37 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް މިނިސްޓްރީން ބުނެ އެވެ. މީގެ އިތުރުން ތިނަދޫގެ ސްޕޯޓްސް އެރީނާގެ އިންޑޯ ކޮމްޕްލެކްސްގެ 90 އިންސައްތަ ނިމިފައިވާއިރު މި އަހަރުގެ ތެރޭގައި ވޯޓާ ތީމްޑް ޕާކެއް މި ރަށުގައި ގާއިމްކުރަން ވަނީ ނިންމައިފަ އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން ސްވިމިން އެސޯސިއޭޝަންގެ ރައީސް މުހައްމަދު އަބްދުއް ސައްތާރު ވިދާޅުވީ ސްވިމިން އިން ރާއްޖެ އަންނަނީ ސަރަހައްދީ ލެވެލްގައި ފާހަގަކޮށްލެވޭފަދަ ކާމިޔާބީތަކެއް ހޯދަމުން ކަމަށާއި ފެތުންތެރިންނަށް ބޭނުންވާ ފަދަ ވަސީލަތްތައް އިތުރުވުމަކީ ލިބޭ ބޮޑު ހިތްހަމަ ޖެހުމެއް ކަމަށެވެ.

ސްވިމިން ޓްރެކް ހުޅުވުމަށް ތިނަދޫ ސްކޫލު ކުދިންގެ މެދުގައި ކުރިއަށްދިޔަ ރިލޭ އިވެންޓުގެ ތެރެއިން.-- ފޮޓޯ: ޔޫތު މިނިސްޓްރީ

"އަޅުގަނޑުމެންނަށް މިއަހަރު ފުރަތަމަ ލިބުނީ ލޯ މެޑަލެއް. އެކަމަކު އެންމެ ފަހުން ނިމިދިޔަ މުބާރާތުން ލިބިއްޖެ ދެ ރިހި މެޑަލާއި 15 ލޯ މެޑަލް. މިއީ ވަރަށް ބޮޑު ކާމިޔާބެއް. ތިނަދޫގައި މި ހުޅުވިދިޔަ ސްވިމިން ޓްރެކުގެ ސަބަބުން ގައުމީ ފެންވަރުގެ މުބާރާތްތަކަށް އަނެއްކާ ވެސް ފެންވަރު ރަނގަޅު ފެތުންތެރިންތަކެއް އުފެދި ގައުމީ ޓީމަށް ވެސް މޮޅު ފެތުންތެރިންތަކެއް އިތުރުވާނެ،" ސައްތާރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސްވިމިން ޓްރެކުތައް އިތުރުވުމުގެ އަނެއް ފައިދާ އަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފެންވަރު ރަނގަޅު މުބާރާތްތަކެއް ބާއްވަން ފަހިވެގެންދާ ފުރުސަތެއް ކަމަށެވެ. އަދި މުސްތަގުބަލުގައި ސާކްގެ ގައުމުތަކަށް ހުޅުވާލައިގެން ލޯންގް ޑިސްޓަންސް ފެތުމުގެ މުބާރާތެއް ބޭއްވުމަށް މަޝްވަރާތައް ކުރަމުން އަންނަ ކަމަށާއި މި ފަދަ ޓްރެކްތަކުގެ ސަބަބުން މި މުބާރާތްތައް ބޭއްވުމަށް ވެސް ފަސޭހަތަކެއް ވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޓްރެކް ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައިވަނީ ތިނަދޫ ސްކޫލް ކުދިން އަށް ޓީމަކަށް ބަހާލައިގެން 25 މީޓަރުގެ ރިލޭ އިވެންޓެއް ކުރިއަށް ގެންްގޮސްފަ އެވެ. މި އިވެންޓުން ވަނަތަކަށް ހޮވުނު ޓީމުތަކަށް އިނާމް ހަވާލް ކޮށްދެއްވީ ކުޅިވަރާ ބެހޭ ވަޒީރު އިރުތިޝާމް އެވެ.

0 ކޮމެންޓް, 13 ރިއެކްޝަންސް

icon happy icon happy 69%
icon sad icon sad 8%
icon angry icon angry 23%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454