ކުރީގެ ނައިބު ރައީސް އަދީބު ކޯޓަށް ހާޒިރުކުރަނީ: ރިޔާސީ ލޯޗްކޮޅުގައި ބޮމެއް ގޮއްވާލި މައްސަލައިގެ ފަހު އަޑުއެހުން އަންނަ ހޮނިހިރުދުވަހު ބާއްވާނެ. --ފޮޓޯ/މުހައްމަދު ޝަރުހާން
01 ޖޫން 2016 - 16:22
ރިޔާސީ ލޯންޗްކޮޅު "ފިނިފެންމާ"ގައި ބޮމެއް ގޮއްވާލި މައްސަލައާ ގުޅިގެން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ކުރާ ދައުވާގެ ދިފާއުގައި އޭނާގެ ފަރާތުން ހުށަހެޅި ހެކިން ހާޒިރުކުރަން ކޯޓުން ދިން އެއް ގަޑިއިރުގެ ތެރޭގައި ހެކިން ހާޒިރު ނުކުރެވުމުން، އިތުރު ފުރުސަތު ނުދީ އެ މައްސަލައިގެ ފަހު އަޑުއެހުން އަންނަ ހޮނިހިރު ދުވަހު ބާއްވަން ނިންމައިފި އެވެ.
ރައީސް އަބްދުﷲ ޔާމީންގެ ދެކަނބަލުން ދަތުރުފުޅު ކުރައްވަނިކޮށް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ފިނިފެންމާ ލޯންޗްކޮޅުގައި އައިއީޑީއެއް ގޮއްވާލި މައްސަލައާ ގުޅިގެން އަދީބަށް ދެ ދައުވާއެއް ކުރެއެވެ. އޭގެ ތެރެއިން އަދީބުގެ ހެކިން ހާޒިރު ކުރަން އިތުރު ފުރުސަތު ނުދޭން ނިންމީ ގޮވާ އެތި ހަރުކުރަން ލޯންޗްކޮޅު ބޭނުން ކުރި ކަމަށް ބުނެ އަދީބަށް ކުރާ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާގަ އެވެ.
އަދީބުގެ ފަރާތުން ހުށަހެޅި، އޭނާގެ އޭރުގެ ސެކްރެޓަރީ އައިމިނަތު މައުރީނާ އެއް ގަޑިއިރު ތެރޭގައި ކޯޓަށް ހާޒިރުކުރަން މިއަދު މެންދުރު ބޭއްވި އަޑުއެހުމުގައި އަދީބަށް ދިން ފުރުސަތުގައި އެކަން ނުކުރެވުނީ މައުރީނާގެ ފޯން ނިވާލާފައި އޮތުމުން ކަމަށް ޝަރީއަތުގައި އަދީބު ވިދާޅުވި އެވެ. އެހެންވެ އިތުރު ފުރުސަތެއް ދޭން އަދީބު އެދުނެވެ.
އެކަމަކު އެ މައްސަލަ ބައްލަވާ ގާޒީ އަބްދުލްބާރީ ޔޫސުފް ވިދާޅުވީ އެކަށީގެންވާ ފުރުސަތު އަދީބަށް ދެވިފައިވާ ކަމަށް ގަބޫލު ކުރެވޭތީ ދިފާއީ ހެކިން ހާޒިރު ނުކުރަން ނިންމެވީ ކަމަށެވެ. ގާޒީ ވިދާޅުވި ގޮތުގައި ދިފާއީ ހެކި ގެންނަން ކޯޓުން މަޖުބޫޫރު ނުކުރާނެ ކަމަށާއި އެކަމަކު ދައުލަތުގެ ހެކިވެރިން ބަންދުކޮށްގެން ވިޔަސް ކޯޓަށް ގެންނާނެ ކަމަށެވެ.
ގާޒީ ބާރީ އިތުރަށް ވިދާޅުވީ އަދީބުގެ ފަރާތުން ހެކި ހުށަހަޅާފައިވަނީ އެކަމަށް އޮންނަ އުސޫލުން ބޭރުން ކަމަށާއި އަދި އަދީބުގެ ބޮޑީގާޑެއްގެ ގޮތުގައި އުޅުނު ހަސަން ރިކާޒް ހެއްކެއްގެ ގޮތުގައި ހުށަހެޅިޔަސް އޭނާގެ ފަރާތުން ސާފުކުރަަން ބޭނުންވި ކަންކަން އެހެން ހެކިން ބަހުން ވެސް އެނގޭ ކަމަށެވެ.
އަދީބުގެ ހެކިން ގެންނަން ކޯޓުން އެއް ގަޑިއިރު ދިން ނަމަވެސް ކުރިން އޭނާގެ ފަރާތުން އެދިފައި އޮތީ ކޯޓު މެދުވެރިކޮށް އެ ހެކިން ގެނައުމަށެވެ.
އެ މައްސަލައިގެ ފަހު އަޑުއެހުން އަންނަ ހޮނިހިރު ދުވަހު އޮންނާނެ ކަމަށާއި އެދުވަހު ދެ ފަރާތުން ޚުލާސާ ބަޔާން ހުށަހަޅަން ގާޒީ ބާރީ އެންގެވި އެވެ. ޚުލާސާ ބަޔާނަށް ފަހު އޮންނާނީ ހުކުމެވެ.
އެ މައްސަލައިގެ އިތުރުން ލޯންޗްކޮޅުގއި ގޮވާ އެތި ހަރުކުރި ކަމަށް ބުނި ޓެރަރިޒަމްގެ ދައުވާއެއް ވެސް އަދީބަށް ކުރެއެވެ. އެކަމަކު އެ މައްސަލަ ގެންދަނީ ވަކިންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ަސިއްތި
01 June 2016
ސަޅި ތި ޝަރީއަތް ދިޔަ ގޮތް
އަލިދީދީއައްޑޫސިޓީ
01 June 2016
ކޯޓުތަކުގެ ޤަވާޢިދުގައި ހެކިން ހާޟިރު ކުރަން ލިޔެވިފައި އޮންނަ އުޞޫލަކީ ކޮބައިބާ؟ ދެފަރާތުން ހުށަހަޅާ ހެކިންނަށް ވެސް ކޯޓަށް ހާޟިރު ވުމުގެ އަމުރު ގެ ޗިޓު ފޮނުވަނީ ނޫންބާ؟ ތިމާ ހިތަށް އެރިހާ ބަޔަކު ގޮވައިގެން ގޮސް ދޮރުމަތީ ބައިތިއްބާފަ މަގޭ ހެކިން މިތާ އެބަތިއްބޭ ބުނެ މީހުން ވައްދަނީބާ؟ ކުރިން މިއަދު ހެކިން ހާޟިރުކުރުމަށް އަންގާފައި އޮތްބާ؟