ބޯޒްމަން.
29 އޯގަސްޓް 2020 - 08:35
ބެލުންތެރިންގެ ބޮޑު ތަރުހީބެއް ހޯދި ސުޕަހީރޯ ފިލްމު "ބްލަކް ޕެންތާ" ގެ ޓައިޓްލް ރޯލް ކުޅުނު އެކްޓަރު ޗާޑްވިކް ބޯޒްމަން ކެންސަރު ބަލީގައި މަރުވެއްޖެ އެވެ.
މީޑިއާތަކުން ބުނީ 42 އަހަރުގެ އެކްޓަރު މަރުވީ ލޮސް އެންޖެލިސްގައި މިއަދުގެ ވަގުތެއްގައި ކަމަށެވެެ.
އާއިލާ އިން ނެރުނު ބަޔާނެއްގައި ބުނީ ބޯޒްމަން މަރުވީ 2016 އިން ފެށިގެން ކޮލޯން ކެންސަރާ ދެކޮޅަށް ވަރަށް ހިތްވަރާ އެކު ހަނގުރާކުރަމުން ދަނިކޮށް ކަމަށެވެ. އަދި އޭނާ ވަކިވެގެން ދިއުމަކީ އާއިލާ އަށް ލިބުނު ވަރަށް ފުން ހިތާމައެއް ކަމަށާއި ބޯޒްމަން ސިނަމާ އަށް ކޮށް ދީފައިވާ މަސައްކަތްތަކާ އެކު އޭނާގެ ހަނދާންތައް ބެލުންތެރިން އަބަދު ވެސް އާކުރާނެ ކަމަށް ބުންޏެވެ.
— Chadwick Boseman (@chadwickboseman) August 29, 2020
އުންމީދީ ހުނަރުވެރި އެކްޓަރު ކެންސަރު ބަލީގައި މަރުވި އިރު ކެންސަރު ޖެހުނުކަން ކުރިން ހާމަކޮށްފައެއް ނުވެ އެވެ. އެކަމަކު މި ފަހަކަށް އައިސް އޭނާ ވަރަށް ބޮޑަށް ހިކިއަނަރޫފަކޮށް ފެންނާތީ ބޯޒްމަންގެ ސިއްހަތާ ދޭތެރޭ ވަރަށް ގިނަ ބަޔަކު ދިޔައީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އޭނާގެ މަރާ އެކު ފިލްމީ ދާއިރާގެ މީހުންނާއި ފޭނުން އަންނަނީ ސޯޝަލް މީޑިއާ ހިތާމަ ފާޅުކޮށް އާއިލާ އަށް ތައުޒިޔާ ފޮނުވަމުންނެވެ.
ކަޅު ނަސްލަށް ނިސްބަތްވާ ބޯޒްމަން ކުޅެފައިވާ ފިލްމުތަކުގެ ތެރޭގައި "ގެޓް އޯން އަޕް"، "ގޯޑްސް އޮފް އިޖިޕްޓް"، "ކެޕްޓަން އެމެރިކާ: ސިވިލް ވޯ"، "މާޝަލް" އަދި "އެވެންޖާޒް" ގެ ފިލްމުތައް ހިމެނެ އެވެ. ބޯޒްމަންގެ އެންމެ ފަހުގެ ފިލްމަކީ ނެޓްފްލިކްސް އިން ޖޫން މަހު ސްޓްރީމްކުރި "ޑަ ބްލަޑް" އެވެ. އޭނާގެ ކުރިއަށް އޮތް ފިލްމަކީ "މަ ރެއިނީޒް ބްލަކް ބޮޓަމް" އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy