ހުޅުމާލޭގައި ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން އިމާރާތްކުރި، ހުޅުމާލޭގެ ފުލުހުންގެ އާ މަރުކަޒު.
01 ސެޕްޓެމްބަރ 2020 - 11:25
ހުޅުމާލޭގައި އިމާރާތްކުރި، ފުލުހުންގެ އާ ޕޮލިސް ސްޓޭޝަން މިއަދު ހުޅުވައިފި އެވެ.
ހެނދުނު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އިމާރާތްކުރި، ހުޅުމާލޭގެ ފުލުހުންގެ އާ މަރުކަޒު ހުޅުއްވައި ދެއްވީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެވެ. މި ރަސްމިއްޔާތުގައި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވެސް ބައިވެރިވެވަޑައިގަތެވެ.
ހުޅުމާލޭގެ ފުލުހުންގެ އާ މަރުކަޒު މި ހުޅުވީ، ދިވެހި ފުލުހުންގެ ޚިދުމަތް މަދަނީ ބަޔަކަށް ބަދަލުކުރިތާ 16 އަހަރު ފުރުމުގެ ދުވަހާ ވެސް ގުޅުވައިގެންނެވެ. ސިފައިންނާއި ފުލުހުން ވަކި ދެ މުއައްސަސާއަކަށް ބަދަލުކުރީ ސެޕްޓެމްބަރު 1، 2004 ގަ އެވެ.
ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން ހުޅުމާލޭގައި އިމާރާތްކުރި، ފުލުހުންގެ އާ މަރުކަޒު.
ހުޅުމާލޭގެ ސެންޓްރަލް ޕާކް ކައިރިން، ހިތިގަސް މަގުގައި އިމާރާތްކުރި، ހުޅުމާލޭގެ ފުލުހުންގެ އާ މަރުކަޒު ރަސްމީކޮށް ހުޅުވުމުގެ ހަފުލާގައި މިނިސްޓަރު އިމްރާން ވިދާޅުވީ، އެ ތަނުގައި މަސައްކަތްކުރާ ފުލުހުން ދޭ ހިދުމަތުގެ ފެންވަރު ރަނގަޅުވާން ޖެހޭނެ ކަމަށެވެ. ހުޅުމާލޭގެ އާބާދީ އިތުރުވުމުން، އެ އެތަނުގައި އުޅޭ ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތްތައް ގިނަވެފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މިއަދުގެ ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އިމްރާން ވާހަކަ ދައްކަވަނީ.---ފޮޓޯ: ޕޮލިސް
ފުލުހުން މަސައްކަތް ކުރަން ޖެހޭނީ ރައްޔިތުންގެ އިހްތިރާމު ލިބޭނެ ފަދަ ގޮތަކަށް ކަމަށާއި ނަމަވެސް މަދު ފުލުހަކު ކުރާ ކަމެއްގެ ސަބަބުން ރައްޔިތުންގެ ހިތުގައި ފުލުހުންނާ މެދު ނުތަވަސްކަން އުފެދޭތީ ހިތާމަ ކުރައްވާ ކަމަށް އިމްރާން ވިދާޅުވި އެވެ.
"އެދެނީ ފުލުހުންނަކީ ރައްޔިތުންގެ ލޯތްބާއި، އިހުތިރާމް ލިބިގެންވާ ބަޔަކަށްވުން،،" މިނިސްޓަރު ވިދާޅުވި އެވެ.
ހުޅުމާލޭގެ ފުލުހުންގެ އާ މަރުކަޒު، ރަސްމީކޮށް ހުޅުއްވައި ދެއްވުމުގެ ގޮތުން މިނިސްޓަރު އިމްރާނާއި ސީޕީ ހަމީދު ދިދަ ނަންގަވައި ދެއްވަނީ.---ފޮޓޯ: ޕޮލިސް
އޭނާ ވިދާޅުވީ، ފުލުހުންނަކީ ރައްޔިތުންނަށް ހިދުމަތް ދޭން ތިބި ބައެއް ކަމަށާއި މިއަދުގެ ދުނިޔޭގައި އަމާންކަން ކަށަވަރު ކުރެވޭނީ ފުލުހުންކުރާ މަސައްކަތުން ކަމަށެވެ. ފުލުހުންނާ
މިނިސްޓަރު ވިދާޅުވި ގޮތުގައި ފުލުހުންނާ މެދު ސަރުކާރުން ކުރާ އުއްމީދު ވަރަށް ބޮޑެވެ. އެހެންވެ، ފުލުހުންގެ ވަސީލަތްތައް ކުރިއަރުވަން ބޮޑު އިސްކަމެއް ދޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ހުޅުމާލޭގެ ފުލުހުންގެ އާ އިމާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު އިމްރާނާއި ސީޕީ ހަމީދު އަދި ފުލުހުންގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ޕޮލިސް
ހުޅުމާލޭގައި މިހާތަނަށް ފުލުހުން ޚިދުމަތް ދެމުން އައީ އެޗްޑީސީގެ އިމާރާތުގެ މަތީގައި ހަދާފައިވާ ބައެއްގަ އާއި ފްލެޓެއްގެ ތިރީގައި ގާއިމް ކޮށްފައިވާ ތަނެއްގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރާއްޖެ
01 September 2020
ދަރުމަވަންތަ ހޮސްޕިޓަލް އަޅާ ނިމިއްޖެތަ؟ އެތަން ހުޅުވަނީ ކޮން ދުވަހަކު؟
ސިދާ
01 September 2020
ޢެހެންވީއްޔާ ރައީސްމައުމޫނު އެޅުއްވި ހާދަތަނެއްހުންނާނެތާ
ށީށަ
01 September 2020
ތިޔަބުނަނީ މިވެސް ހަމަ ޔާމީނު އެޅި ތަނެކޭތަ؟
ނަގޫ ރޯޅި
01 September 2020
އެތަން ހެދީ ޔާމީނުގެ ފައިސާ އިންތަ؟ ބަލަ މި ޤައުމަކީ ޔާމީނު ތަރިއެއްތަ؟ ކުރި ވައްކަން ހަނދާން ކޮށްބަލަ.
މަމޮޅު
01 September 2020
ޔާމީނު ވިއްޔާ ރައްޔިތުންގެ ލާރި. އިބޫ ސޯލިހު ވިއްޔާ ހެޔޮފުޅުކަމުން. ކަލޭ ކޮން ވައްތަރު ހުންނަނީ؟؟
މަގޫރޯޅި
01 September 2020
ޔާމީނުގެ ފައިސާގަ އަޅާފަ ހުރި ތަންތަން ނޫންވީމައޭ ދަރުމެންދުރަ ހޮސްޕިޓަލާ ކޮތަރުކޮށިތަކާ އެހެން ތަންތަންވެސް އޭގެ އެންމެ ހައްގު ގޮތުގައި ރައްޔިތުންނާ ހަވާލުކުރަންވީ މާބޮޑު ބަހަނާތަކެއް ނުދައްކާ. ޔާމީނު ކުރި ވައްކަން ހަނދާންކުރާނީ ކިހިނެތް ގައުމު މިހާރު ބަނޑަށްޖެހެމުންދާއިރު؟ ތިޔަކިޔާ ވައްކަމެއް ހަނދާންކޮށްގެން މިހާރު ޑޮލަރުކޮޅެއް އަގުހެޔޮކޮށް ލިބޭނެނަމަ ހަނދާން ކުރެވިދާނެ.
އުމަރުބެ
01 September 2020
ރައްޔިތުންގެ ފައިސާ ހަރަދުކޮށްގެން ފުލުހުންގެ މަރުކަޒް އަޅައި، ފުލުހުންގެ ފުލެޓް އަޅައި، ހަދާތި، އެކަމަކު ރާއްޖޭގައި ހިނގަމުންދާ އެއްވެސް މައްސަލައެއް ހައްލު ކުރެވޭތޯ ނުބަލާތި، ފުލުހުންނަކީ މިހާރު މުޅިން އޮފީސް ހިންގާ ބަަޔަކަށްވެއްޖެ ނިމިއްޖެ، ފުލުހުންގެ އަރާމާއި އިއްޒަތަށް ހަރަދުކުރަމުންގޮސް ރައްޔިތުންގެ ޓެކުސް ފައިސާ ހުސްވެއްޖެ، އަދިވެސް ދިވެހިންނަށް ރައްކާތެރިކަމެއް ނުލިބޭ
ކަންވާގޮތް އެހާރު މިހާރު ވެސް
01 September 2020
ދެން އަންނަ ސަރުކާރަކުން ހުޅުވަން ހުންނާނީ މިސަރުކާރުން ހަދާފައި ގުންނަ އިމާރާތް ތަކެވެ. ނަޝީދުގެ ސަރުކާރުން "ރިބަން ކަޑަން" ޖެހުނީ މައުމޫނުގެ ސަރުކާރުން ހެދި އިމާރާތް ތަކެވެ. ޔާމީނުގެ ސަރުކާރުން ބެހީ ނަޝީދުގެ ސަރުކާރުން ހެދި ފްލެޓް ތަކެވެ. އެކަމަކު ހައްތާ ކެއީ ވެސް ރައްޔިތުންގެ ލާރި އެވެ.މި ހަޤީޤަތް ޤަބޫލް ކުރަން އެބަ ޖެހެއެވެ.
ބަންޖާރާ
01 September 2020
މިފަހުގެ ތާރީހުގައި ވެރިކަންކުރި މީހުންގެ ތެރޭން ފުލުހުންގެ ތަރައްގީއަށް އެންމެ ކުޑަކޮށް އިންވެސްޓުކުރީ ރައީސް ޔާމީނު އޭނާގެ 5 އަހަރުގައި ފުލުހުންނަށް ހިންގައިދިނީ އެންމެ 2 ޕްރޮޖެޓު އެއީ ހޯރަފުށީ ޕޮލިސް ސްޓޭޝަނާ ހުޅުމމާލޭ ޕޮލިސް ސްޓޭޝަން ޕްރޮޖެކްޓު، އާއްމުގޮތެއްގައި ފުލުހުންގެ ތަރައްގީއަށް އަހަރަކު މަދުގެން 5 ޕްރޮޖެކްޓް ވަރު ސަރުކާރުންދޭ
ދިވެހިގައު މު
01 September 2020
އެތަނަށް ވަޑައިގެންނެވި އެއްވެސް ބޭފުޅަކަށް އެނގިލައްވާބާ ކޮން ބެފުޅެއްގެ ވެރިކަ މުގަ އި މާރާތް ކުރަން ފެށިތަނެއްކަން.
ޙިނި
01 September 2020
ޢާއިމާރާތާއެކު ހިދުމަތް ރަންގަޅުވާނެތ؟ ނޫނީ ދެއިމާރާތް ހިންގަން ވީމަ ހަރަދުތޯ ޑަބަލްވާނީ
ހޮޓްކިންގ
01 September 2020
ޝުކުރިއްޔާ ދިވެހިގައުމުގެ ތަރައްގީގެ ބާނީ ރައީސް ޢަބްދުﷲ ޔާމީނު ޢަބްދުލް ޤައްޔޫމް.