އެގްޒެކިއުޓާސް ކުންފުނީގެ މައުލޫމާތާ އެކު ބޭނުންކޮށްފައިވާ އެ ކުންފުނީގެ އޮފީހެއް ކަމަށް ބެލެވޭ ފޮޓޯއެއް: ވެންޓިލޭޓަރު އެއްބަސްވުމާ ގުޅޭ ގޮތުން އެ ކުންފުނިން ވާހަކައެއް ނުދެއްކި.
02 ސެޕްޓެމްބަރ 2020 - 12:35
ކޮވިޑް-19ގެ ފަރުވާ އަށް ވެންޓިލޭޓަރު ހޯދަން ރާއްޖޭގެ ހެލްތު މިނިސްޓްރީއާ އެކު އެއްބަސްވެ، އެޑްވާންސަށް 30 މިލިއަން ރުފިޔާ ދީފައިވާ އިރު އެ ތަކެތި ރާއްޖެ ނުލިބި ލަސްވަމުންދާ މައްސަލައިގައި ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއިން ވާހަކައެއް ނުދެއްކި އެވެ.
އެ ކުންފުންޏާ އެކު އެއްބަސްވީ 10 ޕޯޓަބަލް އަދި 65 އައިސީޔޫ ވެންޓިލޭޓަރު ހޯދާށެވެ. މުޅި މި ޕްރޮޖެކްޓުގެ އަގަކީ 34 މިލިއަން ރުފިޔާ ނަމަވެސް އެޑްވާންސަށް 30 މިލިއަން ދޫކުރަން މި ކުންފުނިން އެދުނީ ވެންޓިލޭޓަރުތައް ޝިޕްކުރެވޭ ހާލަތުގައި ގުދަނުގައި ހުރި ކަމުގެ ޔަގީންކަން ހެލްތު މިނިސްޓްރީ އަށް ދީގެންނެވެ.
ހެލްތު މިނިސްޓްރީއާ ހަވާލާދީ، އޮޑިޓް ރިޕޯޓުގައިވާ ގޮތުގައި ޕްރޮޖެކްޓުގެ 90 ޕަސެންޓަށް ވާ ފައިސާ އެޑްވާންސްކޮށް އެގްޒެކިއުޓާސް އަށް ދޫކުރީ އެޑްވާންސް ޕޭމަންޓް ގެރެންޓީ ހޯދަން ވަގުތު ނަގާނެތީ އާއި ވެންޓިލޭޓަރުތައް ވަކި މުއްދަތެއްގެ ތެރޭގައި ރިޒާވްނުކޮށްފި ނަމަ އެ ނުލިބޭނެތީ އެވެ. ވެއާހައުސް ޗާޖުގެ ގޮތުގައި ކޮންމެ ދުވަހަކު 25،000 ޑޮލަރު އެގްޒެކިއުޓާސް އިން ދައްކަން ޖެހޭ ކަމަށް އެ ކުންފުނިން ބުނި ކަމަށް ވެސް އޮޑިޓުގައިވެ އެވެ.
ވެންޓިލޭޓަރުތައް ގެންނަން މި ކުންފުންޏާ އެކު އެއްބަސްވިތާ ފަސް މަސް ވެފައިވާ އިރު މިހާތަނަށް ފޮނުވީ އެންމެ 10 ވެންޓިލޭޓަރެވެ. އެ ތަކެތި ވެސް ބޭނުމެއް ނުކުރެވެ އެވެ.
އެހެންވެ ހަވާލުވާން ދެކޮޅު ހަދައި ހެލްތު މިނިސްޓްރީން އެދުނީ އެ ކުންފުނީގެ އަތުގައި ހުރި ކަމަށް ބުނެ ކޯޓޭޝަން ފޮނުވި އަދި އެއްބަސްވި ސްޕެސިފިކޭޝަނަށް ފެތޭ ވެންޓިލޭޓަރުތައް ފޮނުވައިދޭށެވެ. އެ ތަކެތި މިދިޔަ މަހުގެ 30 ގައި ފޮނުވާނެ ކަމުގެ ޔަގީންކަން ދީފައި އޮތް ނަމަވެސް އެ ތާރީޚުގައި ވެސް ނުލިބުނެވެ. އެންމެ ފަހުން ހެލްތު މިނިސްޓްރީ އަށް މައުލޫމާތު ދީފައި ވަނީ 10 ވެންޓިލޭޓަރު ޝިޕްކުރަން ބަޔަކާ ހަވާލުކޮށްފައިވާ ކަމަށެވެ.
ވެންޓިލޭޓަރުތައް ނުލިބި ލަސްވަމުންދާ މައްސަލައިގައި އެގްޒެކިއުޓާސްގެ ވެރިޔާ ޑރ. އަލީ އަލް ތަހްމަތީ އަށް "މިހާރު"ން ރޭ ގުޅައި ތަފްސީލަށް އެދުމުން ކުރެއްވީ ސުވާލެކެވެ. އޭނާ އެއްސެވީ ވެންޓިލޭޓަރު އެއްބަސްވުމާ ގުޅޭ ގޮތުން އޭނާ އާއި އެ ކުންފުނިން މައުލޫމާތު ހޯދަން ޖެހޭ ސަބަބަކީ ކޮބައިތޯ އެވެ. ދެން ވިދާޅުވީ ތި މައުލޫމާތު ހޯދަން ޖެހޭނީ ރާއްޖޭގެ ހެލްތު މިނިސްޓްރީން ކަމަށެވެ.
ވެންޓިލޭޓަރުތައް ނުލިބި ލަސްވުމަކީ ރާއްޖޭގައި ކަންބޮޑުވުން އޮތް މައްސަލައެއް ކަމަށް ދެންނެވުމުން ވިދާޅުވީ "އެއްބަސްވުމާ ގުޅޭ ގޮތުން ވާހަކަ ދައްކަން މިނިސްޓްރީގެ ހުއްދައެއް ނެތް" ކަމަށެވެ. މިހެން ވިދާޅުވެ އިތުރަށް އެއްވެސް ސުވާލަކަށް ޖަވާބު ދެއްވަން ވެސް އޭނާ ބޭނުމެއް ނުވި އެވެ.
ހެލްތު މިނިސްޓްރީން އެންމެ ފަހުން ބުނެފައި ވަނީ 10 ވެންޓިލޭޓަރު ޝިޕްކުރަން ހަވާލުކޮށްފައިވާ ކަމަށް ބުނި ނަމަވެސް ބާކީ 65 ވެންޓިލޭޓަރު ފޮނުވާނެ ދުވަހެއްގެ ޔަގީންކަން އަދި ދީފައި ނުވާ ކަމަށެވެ. އެކަމަކު އެ ވެންޓިލޭޓަރުތަކާ ގުޅޭ ގޮތުން ވެސް ކުންފުންޏާ ވާހަކަ ދައްކަމުން އަންނަ ކަމަށެވެ. އެއްބަސްވުމެއް އޮއްވައި އަދި މިގޮތަށް މުއާމާލާތު ކުރަނިކޮށް ވެންޓިލޭޓަރުތައް ނުލިބޭނެ ކަމަށް ނުނިންމޭނެ ކަމަށް ވެސް ހެލްތު މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ވެންޓިލޭޓަރުތައް ފޮނުވައިދޭން ހަވާލުވި މި ކުންފުނީގެ ވިޔަފާރި ނުވަތަ ކުރާ މަސައްކަތާ ބެހޭ ތަފްސީލެއް ވެބްސައިޓާއި ފޭސްބުކް ޕޭޖުން ވެސް ނުލިބުނެވެ. ވެންޓިލޭޓަރު އެއްބަސްވުމުގެ އެޑްވާންސް ފައިސާ ތަހުމަތީގެ އެކައުންޓަށް ފޮނުވަން އެދުނު މައްސަލަ ވެސް އޮތީ ފެންމަތިވެފަ އެވެ. ފިނޭންސް މިނިސްޓްރީން އެކަމަށް ދެކޮޅު ހެދުމުން ފަހުން ފައިސާ ޖަމާކުރީ ކުންފުނީގެ އެކައުންޓަށެވެ.
ވެންޓިލޭޓަރުތައް ފޮނުވައިދޭން ހަވާލުވި މި ކުންފުނީގެ ވިޔަފާރި ނުވަތަ ކުރާ މަސައްކަތާ ބެހޭ ތަފްސީލެއް ވެބްސައިޓާއި ފޭސްބުކް ޕޭޖުން ވެސް ނުލިބުނެވެ.
ކޮވިޑްގެ ފަރުވާ އަށް ކޮންމެހެން ވެސް ވެންޓިލޭޓަރުތަކެއް އަވަހަށް ބޭނުންވެގެން ހެލްތު މިނިސްޓްރީން ކުރި މަސައްކަތުގައި ދުބާއީގެ ކުންފުނީގެ ނަން ދިނީ ޑަބްލިއުއެޗްއޯ އިން ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެ އެވެ. ޑަބްލިއުއެޗްއޯގެ ރެޕްރެޒެންޓޭޓިވް އަރުވިންދު މާތުރާ އެކު މިކަމުގައި ހިންގެވީ ރަސްމީ މުއާމަލާތެއް ކަމަށް މިނިސްޓަރު ވިދާޅުވި ނަމަވެސް އޮޑިޓް ރިޕޯޓުގައި ބުނެފައި ވަނީ ދުބާއި ކުންފުންޏަކީ ޑަބްލިއުއެޗްއޯގެ މަޝްވަރާގެ މަތިން ހޮވި ކުންފުންޏެއް ނޫން ކަަމަށް އެ ޖަމާއަތުން ބުނެފައިވާ ކަމަށެވެ.
ވެންޓިލޭޓަރު ހޯދުމުގައި ގޯސްތަކެއް ހިނގާފައިވާ ކަމަށް އޮޑިޓުގައި ތުހުމަތު ކުރުމުން އޭސީސީ އާއި ފުލުހުން ގުޅިގެން އަންނަނީ ތަހުގީގެއް ހިންގަމުންނެވެ. މި ތަހުގީގު ހިނގަނިކޮށް، އަމިއްލަ އަށް މަސްއޫލިއްޔަތުން އެކަހަރިވެވަޑައިގެން ހުންނެވި ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި ސަސްޕެންޑްކޮށްފައިވާ ހެލްތު މިނިސްޓްރީގެ ފައިނޭންޝަލް ކޮންޓްރޯލަރާއި ބިޑް ކޮމިޓީ މާލިއްޔަތު ކޮމިޓީ އަށް ހާޒިރުކުރުމުން އެ ބޭފުޅުން ވިދާޅުވީ ގަވާއިދާއި ގާނޫނާ ޚިލާފަށް ނާޖާއިޒު އެއްވެސް މަންފާއެއް ހޯދައިދިނުމުގެ އަމަލެއް ހިންގާފައި ނޯންނާނެ ކަމަށެވެ. ތިން ކުންފުންޏާ އެކު އެއްބަސްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ދެއްވި ހުއްދައާ އެއްގޮތަށް، ކޮވިޑް-19ގެ މަސައްކަތުގައި ހިމެނުނު ދައުލަތުގެ ހުރިހާ މުއައްސަސާތަކަށް އެނގިގެން ކަމަށެވެ. އެކަމަކު އަމީރު ވިދާޅުވެފައި ވަނީ ގަވާއިދާ ޚިލާފަށް އަމަލުކުރަން ހުއްދައެއް ދެއްވާފައި ނޯންނާނެ ކަަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުހައްމަދު ބ
03 September 2020
ގާނޫނާ ޚިލާފަށް ނާޖާއިޒު އެއްވެސް މަންފާއެއް ހޯދައިދިނުމުގެ އަމަލެއް ހިންގާފަ ބުނާނީ ކާކުތޯ.
އާދަމް ޝަރީފް
03 September 2020
ތިހާ ގިނައަދެއްގެ ފައިސާ ގެ ކޮންޓްރަކްޓެއް ކުރާއިރު ބަލަންޖެހޭ ކަންކަން ބަލަންވާވަރަށް ނުބެލި ވާކަން އެއީ ހަގީގަތެއް. އެކަން ކަން އެ ދަނޑިވަޅުގައި ބެލޭވަރަށްވުރެ ހާލަތު ގޯސްކޮށް އޮތްކަމަށްވެސް ވެދާނެ. ނަމަވެސް މިކަމުގަ ކޮރަޕްޝަން ނުވަތަ އިހްމާލު އުޅޭކަމަށް ތުހުމަތު ކުރަން މިޖެހުނީ ، މުދާ ނުލިބި ލަސްވުމުން އެ ކުންފުންޏާ ބެހޭސާފު މަޢުލޫމާތު ރައްޔިތުންނަށް އަދިވެސް ގެނެސް ނިދެވޭތީ.
ނަމޫނާ ކަތީބު
03 September 2020
ހެލްތް މިނިސްޓްރީގައި އުޅުއްވާ (ކުރިން ހެލްތްވޯކަރަކަށް އުޅުއްވި) އަބޫބަކުރު އަބުދުލަކަރީމާއި އަޙުމަދު ޤާސިމްއަކީ ޔާމީނަށް ކެމްޕެއިންކުރަން ރަށްރަށަށް ދުވެއުޅުނު ދެމީހުންނެވެ. ސިއްރިޔާތުގައި ކަންކަން ކުރުމުގެ ސަޤާފަތެއްއޮތް ދެމީހުންނެވެ. އަދި މިނޫނަސް ޔާމީނަށްތާއީދުކުރާ ގިނަ ބަޔަކު މިނިސްޓްރީގެ އިސްސަފުގައިތިބިއިރު ތިވެންޓިލޭޓަރގެކަންކަން ދުވަހަކުވެސް ސާފެއްނުވާނެއެވެ.
ތިއީވެސްނަމޫނާއެއްް
03 September 2020
މިކަންވެސް ޔާމީނާ ގުޅިފަ ތިބި މީހުންގެ ބޮލުގަ އަޅުވަން ކޮމެންޓްކުރުމަކީ ތިބޭފުޅާގެ ނަމޫނާކަން ދައްކައިދޭކަމެއް. ބަޔަކު ތަނެއްގަ ތިއްބަސް އެމީހުން އިސްކޮށް އެކަމުގައި ނޫޅޭނަމަ އެކަން އެމީހުން ކުރި ގޮތެއްވެސް ކިޔައިދިންނަމަ. ޔާމީނޭކިޔާ ފިތުނަ އުފައްދައިގެން ތިއޮތީ ވެރިކަން ބަދަލުކޮށްފަ. ގައުމުދަރާފައޭ ބުނިމީހުން ހެޔޮއެދިގެން މިކޮށްދޭ ކަމަކީ އެހެން ގައުމަކަށް ރާއްޖެ އިތުރަށް ދަރާނެގޮތް ހެދުން. ނަމޫނާވެ ނިމިފަ އެއޮތީ
ބަލާތި
04 September 2020
ނަމޫނާ ކަތީބުން ކޮންމެ ހާލަކާ ލައިގެން ކޮންމެސް އެއްޗެކޭ ކިޔައިގެން ކޮންމެ ކަމެއް ވެސް ކުރީ ސަރުކާރު ނުވަތަ ޔާމީންގެ ބޮލަށް ކަނޑާލެވޭތޯ ބަލައްޗެވެ!
ކައްދާނިކެ
03 September 2020
މިކަމުގެ ހުރިހާ އިހްމާލެއް ބޮލުގައި އަޅަންޖެހޭނީ އިބޫ ސޯލިހް. ދެވަނަ މީހެއް ނޫން.
ދިވެހި ބިން
03 September 2020
ޔަޤީންވަނީ ބަޔަކު ވ. ބޮޑު ޙިޔާނާތެއް ރައްޔިތުންގެ މާލިއްޔާއަށްވެ މިކަން ނުހިނގާ ކަމަކަށް ހަދަން ބޮޑުތަނުން މަސައްކަތްކުރާކަން! މިވުޒާރާ ހިންގަންތިބި އެންމެ އިސްވެރިން މިވައްކަމުން ރެކެވޭނެ ގޮތެއް ނޯންނާނެ. މިއީ ދަޢުލަތަށް ޤައްދާރުވުން. މިކަންފޮރުވަން ފަސްއަޅާ ބޮޓުންތައްވެސް މިޒަމާނުގަ ހޯދާކަށް އުނދަގުލެއްނުވާނެ. ކަށަވަރުވާ ކަމަކީ ބޮޓުންތަކުގެ އަރުތެރޭގަވެސް ރައްޔިތުންގެ ޚަޒާނާއިން ވަގަށް ނަގާފަވާ ފައިސާގެ ރަހަ ވަރަށް ބޮޑަށް ލައިފަ ހުރިކަން.
ނަގޫރޯޅި
02 September 2020
ލިބުނު 10 ވެންޓިލޭޓަރު ވެސް ސްޕެސިފިކޭސަނައް ނުފެތޭއިރު މިކަ މުގެ ޒިން މާވާނެ ބައެއްނެތް. ހައްތަހާވެސް ކިޔަނީ އޭނައޭ މީނައޭ މިތަނޭއެތަނޭ. މިއަދު މިހެން ކިޔަކިޔާ ތިބެވިދާނެ ވެރިކަން ބަދަލުވެސްވާނެ މާމ މުލި ވަގުނައް ހިލާނުފިލޭނެ.
އަސްލުވީގޮތް...
03 September 2020
ނޫނޭ، ނިމުނުއިރު މި އެނގި ހާމަވަނީ މިއީ އެއްވެސް މައްްސަލައެއް އޮތް ކަމެއް މުއާމަލާތެއް ނޫންކަން. މިކަން ބޮޑު ކޮށްލީ ޕީިޕީސީއިން އެމީހުންގެ އޮޑިޓަރަށް ފައިސާ ކޮޅެއް ދީގެންކަން. ވެދުން.
އަސްލުއޮޅުވާލާ
03 September 2020
ފެންވަރެއްނެތް ބަޔަކާ ވެންޓިލޭޓަރުތައް ގެންނަން ހަވާލުކޮށް އެމީހުންގެ ފެންވަރުނެތްކަން ފެންނަ އެންމެ ބޮޑު ހެކިކަމަށްވާ ފޭކް ވެންޓިލޭޓަރު ފޮނުވުމާ އަދި ބާކީ އެއްޗެހި ފޮނުވާނެ ދުވަހެއްވެސް ނޭނގުން އެއީ ދެން އިތުރު ތަފްސީލެއް އެއަށް ބޭނުންވާ ކަމެއްނޫން. އެއްވެސް ޕާޓީއެއް ކިތަންމެ މަސައްކަތެއް ކުރިއަސް ވެންޓިލޭޓަރުތައް ގެންނަން ހުރި ފެންވަރުގަ ގެނެއްސަ ހުރިނަމަ ކިޔާނެ އެއްޗެއް ނޯންނާނެ.
ޝޮކްތެރަޕީ
02 September 2020
ރޯމާ ދުވާލު ވައްކަމޭ މިކުރަނީ
އައިސަ
02 September 2020
ވައްކަމެއް ނެތް ކަމަށް އޮޑިޓަރު އަންގަނީ. ބުނީ ރިކޮމެންޑޭޝަންގެ މައްސަލައެކޭ. ދެން ފަހުން ބުނީ އެވެސް އެބައޮތޭ. މައްސަލައަކީ އޮޑިޓަރަށްވެސް ނިމުނުއިރު ވާނުވާ ނޭނގުނީމަ.
ނެތްދޯ
04 September 2020
އައިސަޔަށް އެނގޭބާ، އޮޑިޓަރުން ރިޕޯޓުގައި ހާމަކޮށްފައިވާ ޕޮއިންޓްތައް ދެނެގަންނަން. އޮޑިޓަރުން ކަނޑައެއްނާޅާނެ ވައްކަމެއްތޯ ކުރީ، ޚިޔާނާތެއްތޯ ވީއެއް. ތަހުގީގުކުރަންޖެހޭ ކަންތައްތަކެއް ފާހަގަކޮށްދީފަ އެއޮތީ. ދެން ތަހުގީގަކުން ސާބިތުހެކި ހޯދަންވާނީ. ވައްކަންކުރިއިރު މި ދުވަސް އަތުވެދާނެ ކަމުގެ ފިކުރެއް ޚިޔާލެއް ނެތްދޯ؟
ޓަކިބެ
02 September 2020
އިޔާދަ ނުކުރެވޭނެ ގެއްލުން މި ހުންނަނީ. ހަމަ އެކަނި ހެލްތުއާ ޑަބްލިއުއެޗްއޯގެ އަގެއް ނޫން މި ވެއްޓެނީ. ދުނިޔޭގެ އެހެން ކުންފުނިތައް ކުރިމަތީގައިވެސް ރާއްޖޭގެ އަގު ވެއްޓެނީ.
ކާފަގެ ދަރި
02 September 2020
ދެރަވޭ ޚަބަރުތައް ކިޔާފަ. އަހަރުމެްގެ ފެންވަރު ވަޒަންކުރެވުނީމަ
ޓަކިބެ
02 September 2020
ސިޔާސީ ވެރިން ކައްކާ ސިޔާސީ ފޮލާގައި ޖެހި ގައުމުގައި ތިބި ހުރިހާ މުއައްސަސާއެއް ވެއްޔާ މޮޑެވޭއިރުވެސް ގިނަ މީހުންނަށް ވާނުވާ ނޭނގެ. ކަމަކަށް ނުވާ ކަމެއް މިހާ ބޮޑު ކޮށްގެން މިއަދު މި ގޮތަށް ހެލްތުގެ އަގު ވެއްޓީމަ، މާދަމާ މިފަދަ ބޮޑު ބަލި މަޑުކަމެއް ދިމާވެގެން ތަކެތި ގަންނަން އުޅޭއިރު މިއަދު ކޮށްލިވަރު ކުންފުނިތައް ހަނދާން ނުހުންނާބާ؟ ވިސްނާލުން ރަނގަޅު.
އެކްސެކިއުޓާސް
02 September 2020
ދުނިޔޭ ތަރައްގީ ވެފައިވާ ހިސާބުތަކުގެ މީހުން ތިބޭނެ ދޯ މި ރާއްޖެެއިން މިކަން ބޮޑުކޮށްލި ވަރު ފެނި ހޭން.. ހިހިހި .. އަދި ނުވީތާކަށް ބޭރު މީހުންނަށް ފޯނު ކޮށް ތިމާމެންގެ އަމިއްލަ މުއައްސަސާތަކަށް ތިމާމެން އިތުބާރު ނުކުރާކަން ބުނެދީ.. ހިހިހި
ސަހަނރޯ
02 September 2020
އާއެކޭ، ލަދުން ބޯހަލާކު
ހަސަނު
02 September 2020
ޑަބްލިއުއެޗްއޯގެ އަރުވިންދު މާތުރާ އާ އަބްދުﷲ އަމީން ދެއްކީ ކޮން ވާހަކައެއްތޯ ކަމާ، އަރުވިންދު އަމީން ގާތު ބުނީ ކޮން ވަހަކަތަކެއްތޯ އަޅެ ނިހާރުން އަރުވިންދާ ވަހަކައެއް ނުދައްކަމުތަ؟؟
އޮޅުވާލި ހާސަރު
02 September 2020
ތިކަމެއް ނުކުރާނެ. އޭރުން އެނގިދާނެތާ ހެލްތު މިނިސްޓަރު މި ދައްކަނީ ތެދު ވާހަކަކަން. އެކްސިކިއުޓާސްއަށް ގުޅާ އެމީހުން މައުލޫމާތެއް ނުދިނޭ ކިޔާލަ ކިޔާލަ ތިބީމަ ރައްޔިތުން އޮޅުވަން ފަސޭހަވާނެއެއްނު.