04 ސެޕްޓެމްބަރ 2020 - 07:52
ގާތުންދޭ އުމުރުގެ ކުދިން ގޮވައިގެން ބާޒާރުކުރަން ނުކުމެ އުޅޭ މައިންނަށް އެމެރިކާގެ ވޮލްމާޓުން އެތަނުގެ ސަތޭކައެއްހާ އައުޓްލެޓްގައި، ގާތުންދޭ މައިންނަށް ހާއްސަ ޕޮޑްތަކެއް ހިލޭ ބޭނުންކުރެވޭ ގޮތަށް ބަހައްޓަން ނިންމައިފި އެވެ.
މިކަން ކުރަން ނިންމީ މި ހިދުމަތަށް ހިތްވަރުދޭ މާމާވާ އިންކްއާ ގުޅިގެންނެވެ. އެގޮތުން މިދިޔަ އަހަރުން ފެށިގެން ވޮލްމާޓްގެ ތިން އައުޓްލެޓެއްގައި މާމާވާ ޕޮޑްތައް އަންނަނީ ޓްރަޔަލްއެއްގެ ގޮތުގައި ތަޖުރިބާ ވެސް ކުރަމުންނެވެ. އެމެރިކާގެ އެންމެ ބޮޑު އެއް ރީޓެއިލް ޗެއިނުން ބުނިގޮތުގައި މި އަހަރުގެ ނިމުމުގެ ކުރިން އެމެރިކާގެ އެކި ހިސާބުތަކުގައި ހުރި ވޮލްމާޓް 100 އެއްހާ އައުލެޓެއްގައި މާމާވާ ޕޮޑްތައް ބަހައްޓާނެ އެވެ. އަދި ކުރިއަށް އޮތް ތަނުގައި އެކި އައުލެޓްތަކުގައި ބަހައްޓަމުން ގެންދާނެ ކަމަށް ބުންޏެވެ.
މި ޕޮޑްތަކުގެ ބޭނުން ހިފޭނީ ބާޒާރުކުރަން ނުކުމެ އުޅޭއިރު މާމާވާ މޮބައިލް އެޕް މެދުވެރިކޮށެވެ. ޕޮޑްތައް ފަރުމާކޮށްފައި ވަނީ މައިމީހާ އާއި ދަރިންނަށް ވެސް ވަރަށް އަރާމުކޮށް އޭގެ ތެރޭގައި ތިބެވޭ ގޮތަށެވެ. އަދި ބުއްދޭން ބޭނުންކުރެވޭނެ ވަސީލަތްތައް ޕޮޑްތަކުގައި ހުންނާނެ އެވެ.
— Adhushan (@Adhushan1) September 3, 2020
ޕޮޑްތައް ފަރުމާކޮށްފައިވާ ގޮތަށް ބަލާއިރު އެޕް މެދުވެރިކޮށް އެ މީހަކު ބޭނުންވާ ގޮތަކަށް އޭގެ އެތެރެ ކަސްޓަމައިޒް ވެސް ކުރެވޭނެ އެވެ. އެގޮތުން ބޭނުންވާ ގޮތަށް ލައިޓްތަކުގެ ސެޓިން އާއި އެއާފްލޯގެ އިތުރުން އަޑު އަހައިލަން އަރާމު މިއުޒިކް ވެސް ސެޓްކޮށްލެވޭނެ އެވެ. އަދި ޕޮޑްތައް ބޭނުންކުރާ މައިންގެ މެދުގައި ޑިޖިޓަލްކޮށް، މެސެޖްތައް ވެސް ބަދަކުކުރެވޭނެ އިންތިޒާމު އިންނާނެ އެވެ.
އެއްވެސް އަގަކާ ނުލައި ބޭނުންކުރެވޭ ގޮތަށް ބަހައްޓާ މާމާވާ ޕޮޑްތަކާ ބެހޭ ގޮތުން ވޮލްމާޓްގެ އެސޯސިއޭޓް ޓެނިލް ވެބް ވިދާޅުވީ މި ޕޮޑްތައް ފެނުނު ހިސާބުން ވެސް ވޮލްމާޓްގެ ކަސްޓަމަރުންނަށް މި ހިދުމަތް ދިނުމާ ދޭތެރޭ ވިސްނަމުން ދިޔަ ކަމަށެވެ.
"މިއީ ހަގީގަތުގައި ވަރަށް ބޭނުންތެރި ހިދުމަތަކަށްވެގެން ދާނެ. އެއާއެކު ކަސްޓަމަރުންނަށް ވޮލްމާޓްގައި ބާޒާރުކުރަން އިތުރު ފަސޭހަތަކެއް ލިބިގެންދާނެ." އޭނާ ވިދާޅުވި އެވެ.
މާމާވާގެ ސީއީއޯ އަދި އެ ކުންފުނީގެ އެއް ބާނީ ސާޝާ މޭޔާ ވިދާޅުވީ އެ މީހުންގެ އުފެއްދުމެއް ވޮލްމާޓް ބޭނުންކުރަން ފެށުމަކީ މަސައްކަތަށް ލިބުނު އިތުރު ހިތްވަރެއް ކަމަށެވެ.
"ބާޒާރުކުރުން ކަހަލަ ކަންކަމަށް ދަރިން ގޮވައިގެން ނުކުމެ އުޅޭ އިރު ބުއްދެވޭނެ ކަހަލަ ފަސޭހަ ގޮތްތަކެއް ހަމަޖެހިފައި އޮތުމަކީ މައިން ހަމަ ވަރަށް ބޭނުންވާނެ ހިދުމަތަކަށް ވާނެ،" އޭނާ ވިދާޅުވި އެވެ. "މާމާވާ ޕޮޑް ވުޖޫދަށް ގެނައީ ވެސް އެ ވިސްނުމުގެ ތެރެއިން."
ގާތުންދޭ މައިންނަށް މާމާވާ ޕޮޑްތައް ވޮލްމާޓްގެ އައުޓްލެޓްތަކުގައި ބަހައްޓަން ނިންމި އިރު، އެ ކުންފުނީގެ ބައެއް އައުޓްލެޓްތަކުގައި ކުރިން ވެސް މުވައްޒަފުންގެ ތެރެއިން ގާތުންދޭ އަންހެނުންނާއި ކަސްޓަމަރުންނަށް ހާއްސަކޮށްގެން މަދާޒް ރޫމް ތައާރަފުކޮށްފައިވެ އެވެ. މާމާވާ ޕޮޑްތައް ބަހައްޓާނީ އެ ވަސީލަތް ނެތް އައުޓްލެޓްތަކަށް އިސްކަން ދީގެންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy