އިދިކޮޅު ކޯލިޝަނުން މީގެ ކުރިން ބޭއްވި ނިއުސް ކޮންފަރެންސެއްގައި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވާހަކަދައްކަވަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
14 ސެޕްޓެމްބަރ 2020 - 21:25
ޕްރިންސިޕަލުންގެ އުސޫލާ ގުޅޭ މައްސަލަ މަޖިލީހަށް ހުށަހަޅަން އިދިކޮޅު ކޯލިޝަނުން މިއަދު ނިންމައިފި އެވެ.
މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، "ޕްރިންސިޕަލުން ވަޒީފާ އަދާކުރާ ސްކޫލު ކަނޑައަޅާނެ އުސޫލު" ގެ ސަބަބުން ތައުލީމީ ނިޒާމް ބިނާކުރި ޕްރިންސިޕަލުން މުޅިން މާޔޫސްވެފައިވާ ކަމަށެވެ. އެއީ ވަރަށް ސީރިއަސް އަދި އެތައް ހާސް ދަރިވަރުންނަކާ ގުޅުންހުރި މައްސަލައެއް ކަމަށް ވިދާޅުވި އެވެ.
"މި މައްސަލަ މަޖިލީހަށް ހުށަހެޅުމަށް މި ދަނީ ތައްޔާރުވަމުންނެވެ. [މަޖިލީހުގެ ރައީސް] މުހައްމަދު ނަޝީދު ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށް އުއްމީދުކުރަން،" ތައުލީމީ ދާއިރާގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތްކުރައްވާފައިވާ އާދަމް ޝަރީފް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރު ނިންމާލައި މަޖިލިސް ވަނީ އެއް މަހުގެ ޗުއްޓީއަށް ގޮސްފަ އެވެ. ޖަލްސާތައް ފަށަނީ އަންނަ މަހުގެ ތެރޭގަ އެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިދިޔަ ބުރާސްފަތި ދުވަހު އާއްމުކުރި އުސޫލު ބުނާގޮތުން، ޕްރިންސިޕަލުން މަސައްކަތްކުރާނެ ސްކޫލެއް ކަނޑައަޅާނީ އެޑިއުކޭޝަން މިނިސްޓަރުގެ ލަފާގެ މަތިން ޕާމަނަންޓް ސެކްރެޓަރީ (ޕީއެސް) އެކުލަވާލައްވާ ފަސް މެމްބަރުންގެ ކޮމިޓީއަކުންނެވެ.
Miee varah serious, ethah haas kiyavaa kudhinnnaa gulhun huri massalaeh. Education system binaakuri principalun mulhin maayoos vejje. Mimassala majlis ah hushahelhumah mdhanee thayyaaruvamun. @MohamedNasheed
— Adam Shareef Umar (@Adamshareefz) September 14, 2020
halleh hoadhdhavaidhevvaane kamah ummeedh kuran. https://t.co/mtXwHVoIBI
އޭގައި ހަމަޖައްސާފައިވާ ގޮތުން އެއް ސްކޫލެއްގައި ޕްރިންސިޕަލަކަށް ގިނަވެގެން މަސައްކަތް ކުރެއްވޭނީ ވެސް އަށް އަހަރެވެ. ޓެނުއަޝިޕްގެ މުއްދަތު ހަމަވުމުން އެ ޕްރިންސިޕަލް ޖެހޭނީ އެހެން ސްކޫލަކަށް ބަދަލުވާށެވެ. އެ މުއްދަތުގައި ވެސް ޕްރިންސިޕަލަކު ހުންނެވި ސްކޫލު ބަދަލުކުރުމުގެ ބާރު، އެ ކޮމިޓީއަށް ލިބެ އެވެ.
އެ އުސޫލު އާއްމުކުރި ދުވަހުން ފެށިގެން އެއަށް އަމަލުކުރަން ފަށައި ސިވިލް ސާވިސްގެ އިދާރީީ އޮނިގަނޑުގައި ތިބި ޕްރިންސިޕަލުން، އެޑިއުކޭޝަން މިނިސްޓްރީގެ އިދާރީ އޮނިގަނޑަށް ބަދަލުކުރަން ވަނީ ފަށައިފަ އެވެ. އެކަމަކު ޕްރިންސިޕަލުންގެ ޓެނުއަޝިޕް ހަމަޖައްސައި ނިންމަންޖެހޭނީ އެއް އަހަރުގެ ތެރޭގަ އެވެ. އެހެންވެ ރަސްމީ ލިޔުން ލިބުމާ ހަމައަށް، އެ ޕްރިންސިޕަލަކު މިވަގުތު ހުންނެވި ސްކޫލެއްގައި މަސައްކަތްކުރެއްވޭނެ އެވެ.
ޕްރިންސިޕަލުންނާ މަޝްވަރާކުރުމެއް ވެސް ނެތި ހަދާފައިވާ އުސޫލާ މެދު ގިނަ ބޭފުޅުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. "މިހާރު" އާ ވާހަކަދެއްކެވި ޕްރިންސިޕަލަކު ވިދާޅުވީ އެ އުސޫލުގެ ސަބަބުން ވަޒީފާގެ ޔަގީންކަމެއް ނުލިބޭ ކަމަށެވެ. އެހެންވެ ތައުލީމީ ދާއިރާ ދޫކޮށް ދިއުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ވިދާޅުވި އެވެ.
"މިހުރީ ވަރަށް ބޮޑަށް ހިތްދަތިވެފައި. އަޅުގަނޑު ބޭނުންވަނީ ޓީޗަރަކަށް ބަދަލުވާން މިހާރު. އެކަމަކު ޓީޗަރުގެ ވަޒީފާ ނުލިބިއްޖެނަމަ ދާއިރާ ދޫކޮށްދާން ބޭނުންވަނީ. މިހާރު ވެސް އެހެން ވަޒީފާއެއް ލިބޭތޯ ބަލަމުން މި ދަނީ،" އެ ޕްރިންސިޕަލް ވިދާޅުވި އެވެ. ޕްރިންސިޕަލުންގެ ކަންބޮޑުވުން މިގޮތަށް ހުރި ކަމުގައި ވިޔަސް އެޑިއުކޭޝަނުން ބުނެފައިވަނީ މިކަމުން ޕްރިންސިޕަލުންގެ ހައްގެއް ނުގެއްލޭނެ ކަމަށާއި ލިބޭނީ ކުރިއެރުން ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކިނާން
15 September 2020
ތި މީހުން ޑެޕިއުޓި ޕްރިންސިޕަލުންނަށް ހެދީ ކިހިނެއް
ދޯރި
15 September 2020
މިހާރު އޮންނަ ގޮތުންވެސް ޕްރިންސިޕަލުން އެއް ސުކޫލުން އަނެއް ސުކޫލަށް ބަދަލު ކުރުމުގެ އިހްތިޔާރު އެޑިއުކޭޝަނަށް ލިބެއެވެ. ދެން ކޮންކަމާތޯ މި އުޅެނީ. ވަޒީފާގެ ޔަގީންކަން ގެއްލޭ ސަބަބެއް އެއްގޮތަކަށްވެސް ނުވިސްނޭ. ޕްރިންސިޕަލުން އެހެން މަގާމަކަށް ބަދަލު ކުރުމުގެ ވާހަކައެއް މި އުސޫލަކު ނެތެވެ. އެހެން ސުކޫލަކަށް ބަދަލު ކުރުމަކީ ވަޒީފާ ގެއްލުން ތޯއެވެ.
އަބުދުﷲ
15 September 2020
އަޅެ ކިހާ ދެރަވަރުކަމެއް މިއީ. މި ބައިމީހުން މައްސަލަ މިޖައްސަނީ ހުރިހައިކަމަކާ މަޖުލިހުން ބެހޭތީ. މި މީހުން ކޮންމެ ކަމެއް މަޖިލީހައް ވެއްދީމަ ދެން އެތާ އައުލަބިއްޔަތު އޮތްބައެއް އެމީހުން ބޭނުންގޮތަކައް އެއަކައް ބަދަލު ގެންނާނެ. ރައްޔިތުން ކުރިމަތީގައި ތިމާމެން ކަމެއް ކުރީމޭ، ބިލެއް ހުށަހެޅިމޭ ބުނަން ކުރާކަންތައްތައް މުޅިންވެސް. އެއްވެސް ކަހަލަ އިޙުލާސްތެރިކަމެއް ހުރިނަމަ ކޮންމެ ކަމެއް މަޖުލީހައް ނުވައްދައިވީސް.
އަހަންމާބެ
15 September 2020
ފޫނެތްފަޔަކަށް ފެންފުރުންކަހަލަ ކަމެއްތީ! ތިޔަބުނާ މަޖިލީހަކުން ދައުލަތުގެ ހުރިހާ ބާރެއްގެ ތެރެއަށް އަތްބާނައި ވަކިގޮތަކަށް ކަންކަން ގެންދިއުމަށް ނުފޫޒުފޯރުވާތީ، މަޤާމުގެ ދިފާޢުކުރަން ކޮށްފަ ނުކުރާނެ ކަމެއްނޭގިގެން ކުރެވޭ ކަންތައްތައް އެއީ، ފަހަރަކު ވެދާނެ މަޖުބޫރުވެގެން ކުރެވުނު ކަމަކަށްވެސް، ދުވަހަކުވެސް މިޤައުމުގެ ކަންކަން ރަނގަޅުވާނެ ކަމުގެ އުންމީދެއްނެތް، އަހިވަކާޖެހި އަހިވަށްފާވާހާ ހިނދަކު!
ހޮޓްކިންގ
15 September 2020
އާދަމް ޝަރީފު ކުރީގާ އެޑިއުކޭޝަންގައި އުޅުނީމާ މިކަމަށް ބޭނުނީ. މީ ރައްޔިތުންނަށް ކޮން މުހިއްމު ކަމެއް އޮތް މައްސަލައެއްތޯ؟ އެމްޑީޕީއަށް ތާއީދުކުރި ވަރަށް ގިނަ ސްކޫލް ތަކުގެ އިސްވެރިންނާއި ޓީޗަރުން. އެހެން އެކަން އޮތްއިރު އެމްޑީޕީން ކުރާ މިކަހަލަ ކަންކަމަށް ނުބޭނި ރައްޔިތުންނަށް ފައިދާހުރި ކަމެއް ތި މަޖިލީހުގައި ކޮށްބަލަ.
ނަގުދު
15 September 2020
އާދަނުމެން ތިތަނަށް ލާފަ ތިތިބީ ރައްޔިތުންގެ ރޫހާއެއްގޮތަށް މިގައުމު ބައްޓަން ކުރަން.. އަމިއްލަ މަސްލަހަތު އޮތް ހައެއްކަ ޕްރިންސިޕަލުން މިކަމާ ދެކޮޅުހެދިޔަސް ހުރިހާ ބެލެނިވެރީން ( އެމީހުނަށާ އާދަނުމެނަށް މުސާރަ ދޭމީހުން ) މިކަމަށްއިންތިހާއަށް ބޭނުންވެފަ ތިއްބަ ތީފިތުނަ ނޫން ކޯއްޗެއްތޯ.. ނޫންނަމަ މެޖޯރިޓީއާ ދެކޮޅަށް ވޯޓްހޯދާށޭކިޔާފަ ވެސް ހައެއްކަ މީހުންގެ ވަސްވާސް ހިފައިގެން ނުނުކުތީސް...
ހަސަދު
15 September 2020
ވަރަށް އާދޭހާއެކު ދަންނަވަން ގައުމު ހަލާކު ކޮށްނުލައްވާށެވެ. ޕުރިންސިޕަލުން އެއްސުކޫލެއްގައި އެހާގިނަ ދުވަހު ބެހެއްޓުމުން ވަރަށް ގިނަ މައްސަލަ ނިކުމޭ. ތިޔަބޭފުލާއަށް ވެސް ރަނގަޅަށް އެކަން އެގިވަޑައިގަންނަވާނެ. ހަމަ ގައުމު ފަސާދު ކުރުމުގެ ބޭނުމުގަ މަޖުލިހަށް ގަރާރު ލަނީ.
އަޚްލާގީ
15 September 2020
ތަޢުލީނިޒާ މް ވެސް ހަލާކު ވާނެ އެކަކު އެއްތަނެއްގައި މުޅި އު މުރުގަ ހުރީ މަ އެއުސޫލު އަދިވެސް ހަރުކަށިކުރަންވީ. 4 ނުވަތަ 5 އަހަރަށް ހަދައިގެން ތަންފީޒުކުރަންވީ. މިހާރުވެސް އޮންނަނީ 4 އަހަރުން ބަދަލުވާ ގޮތަށް، ނަ މަވެސް ހަ މަ ތަންފީޒު ވިޔަނުދެނީ ތިޔަކަހަލަ ސިޔާސީ ނުފޫޒު ބޭނުންކޮށްގެން. ވީ މާ، ތިޔަޤަރާރު ގިނަވެގެން 5 އަަރަށް އެކަކަށް އެއްތަނެއްގައި ހުރެވޭ ގޮތަށް ބާރު އަޅުއްވާ. ވަރަށް ގިނަ އިޖުތި މާއީ މައްސަލަތައްވެސް ހަައްލުވާނެ. މީ ވަރަށް ވާހަކަ
ޓިނު
15 September 2020
ބަލަގަ ،އާދަނާ ، ތިމާވެންގެ ވެރިކަމުގު ކަންކުރިގޮތް ހަދާންނެތުނީތަ؟ ތިމައްސަލަ ހުށަހަޅަންވީ މެޑަމްގެ ޞަދަގާތް ފައުންޑޭޝަނަން؟
ހަނު ހުންނަ މީހާ
15 September 2020
އެ އުސޫލުގެ ދަށުން ވަޒީފާގެ ޔަގީންކަން ނޯނަނީ ކިހިނެތް؟ އެ އުސޫލުން ވަޒީފާގެ ގިންތި ދަށްވެސް ނުކުރޭ ހަމަ އެކަނި ބަދަލު ކުރަނީ ސުކޫލު. ޕުރިންސިޕަލަކު ބުނިއްޔޭ ކިޔާފަ ކަޑައެޅިގެން ދޮގު މައުލޫމާތު ފަތުރާކަށް ނުވާނެ.
ކާއްޑަ
15 September 2020
ރައްޔިތުންނަށްޓަކާ ތިވަރަށް ނުތެޅޭ. ހައްޓަށް ބަލައިގެން އުޅޭ.