ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން އަދި އެ މިނިސްޓްރީގެ އިސްވެރިން، ސީއެސްސީގެ މެމްބަރުންނާ އިއްޔެ ބައްދަލުކުރައްވަނީ.-- ފޮޓޯ: ހަޔަ އެޑިއުކޭޝަން މިނިސްޓްރީ
15 ސެޕްޓެމްބަރ 2020 - 13:28
ސިވިލް ސާވިސް މުވައްޒަފުން ވަޒީފާ އިން ވަކިނުކޮށް، އެއް މިނިސްޓްރީން އަނެއް މިނިސްޓްރީ އަށް ވަޒީފާ ބަދަލުކުރެވޭނެ އުސޫލެއް ހޯދައިދިނުމަށް އެ ކޮމިޝަންގައި ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އެދިއްޖެ އެވެ.
ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އަށް އަލަން އައްޔަންކުރި މެމްބަރުންނާ އެކު އިއްޔެ ބޭއްވި ބައްދަލުވުމުގައި، ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވަނީ ސިވިލް ސާވިސްގެ މުވައްޒަފުންގެ އޮނިގަނޑު އެކުލަވާލާފައިވާ ގޮތުން ދިމާވާ ދަތިތަކާ ބެހޭގޮތުން ވާހަކަ ދައްކަވައިފަ އެވެ.
އެގޮތުން، ސިވިލް ސާވަންޓުން ވަޒީފާ އިން ވަކިނުކޮށް، އެހެން މިނިސްޓްރީއެއްގެ ވަޒީފާ އަށް ބަދަލުކުރެވޭނެ ނިޒާމެއް ހޯދައި ދިނުމާއި މޯލްޑިވްސް ޕޮލިޓެކްނިކް އަދި ޓިވެޓް އޮތޯރިޓީ އަށް ބޭނުންވާ ޓެކްނިކަލް، ޕްރޮފެޝަނަލް މުވައްޒަފުން ހޯދުމުގައި ދިމާވާ ދަތިތައް ސީއެސްސީގެ މެމްބަރުންނާ މިނިސްޓަރު ހިއްސާކުރެއްވި ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.
ހަޔަ އެޑިއުކޭޝަން މިނިސްޓްރީގައި އިއްޔެ ބޭއްވި ބައްދަލުވުމުގައި ޑރ. އިބްރާހިމް ހަސަން (ކ) އަދި ސީއެސްސީގެ ރައީސް ނާސިހު (ވ) ބައިވެރިވެޑައިގަންނަވަނީ.-- ފޮޓޯ: ހަޔަ އެޑިއުކޭޝަން މިނިސްޓްރީ
އެ މިނިސްޓްރީން ބުނިގޮތުގައި، ފަންނީ ގިނަ މާއްދާތަކެއް ކިޔަވައިދޭ ޕޮލިޓެކްނިކަށް ޓީޗަރުން ހޯދުމުގައި ދިމާވާ އެންމެ ބޮޑު އެއް ދައްޗަކީ ލެކްޗަރާއިންގެ އަތުގައި ކިޔަވައިދިނުމުގެ ސަނަދެއް އޮތުން ލާޒިމު ވުމެވެ. އޭގެ ސަބަބުން ބޭނުންވާ އަދަދަށް ލެކްޗަރާ އިން ލިބުމުގައި ދަތިތައް ކުރިމަތިވެފައިވާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެ އެވެ.
އެ ބައްދަލުވުމުގައި، ސީއެސްސީގެ އާ ރައީސް މުހައްމަދު ނާސިހު ވިދާޅުވީ ސަރުކާރުގެ މަސައްކަތްތައް ތަންފީޒު ކުރުމަށްޓަކައި އެ ކޮމިޝަންގެ މެމްބަރުންގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށެވެ. ސިވިލް ސާވިސްގެ އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތައް ގާނޫނު ތަން ދިން އެންމެ ފުޅާމިނެއްގައި ގެންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސީއެސްސީގެ އާ މެމްބަރުންނާއެކު ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
20000
16 September 2020
މިހާރުވެސް އޮވޭ އިއުލާން ކުރިމާ ވަކި ނުވެ ބަދަލް ވެވޭގޮތް. އެކަމަކު އޮފީސްތަކުން މުއައްޒަފުން ބަދަލް ކުރަން އުޅޭ ކަމަށް ވާނަމަ ، ރާއްޖޭގައި ވަޒީފާ މެދު ކިރިޔާވެސް ގެރެންޓީ އޮތް އެންމެ ނިކަމެތި ސިވިލް ސާރވަންޓްއަށް އޮތް ޖެބް ސެކިއުރިޓީ ގެއްލި ދިޔައި. ސިޔާސީ މީހުން ބޭނުން ކުޅިއެއް ކުޅޭނީ. އޮފީސްތަކުގައި އޮތް ޓީމް ވާރކް ގެއްލޭނެ. މޯޓިވޭޝަން ގެއްލޭނެ. މާދަމާވެސް ކަން ވާނެ ގޮތެއް ނޭގެ . ބުނާ ބަހަކުން ، ވަޒީފާ ގެއްލޭނެ
އަހަންމާބެ
16 September 2020
އޯގަނައިޒޭޝަންތަކުގައި ބަދަލަކީ މަރުޙަބާކިޔަންޖެހޭ އެއްޗެއް، ހެޔޮބަދަލާއި، ނުރަނގަޅު ބަދަލު އެނގޭނީ ތަޖުރިބާ ކޮށްލުމުން، އެހެނަސް، މުވައްޒަފަކު އަދާކުރާ ވަޒީފާ އޭނާގެ ނުރުހުމުގައި އެހެން އޯގަނައިޒޭޝަނަކަށް ބަދަލުކުރުމަކީ އެދެވިގެންވާ ކަމެއްނޫން، އަދި ހަމައެހެންމެ، މުވައްޒަފެއްގެ ނުރުހުމުގައިވެސް އޭނާ ވަޒީފާ އަދާކުރާ އޯގަނައިޒޭޝަންގައި އޭނާ އަދާކުރާ މަޤާމަށްވުރެ ދަށްނޫން މަޤާމަކަށް ބަދަލުކުރުމުގެ އިޚްތިޔާރު އޯގަނައިޒޭޝަންގެ އެޗްއާރަށް އޮންނަންވާނެ.
ފަދުވާ މުނީރު
16 September 2020
މަޖިލިސް މެމްބަރުން 05 އަހަރުގެ ދައުރެއް ނިންމީމަ މުޅި އުމުރަށް އިނާޔަތް ލިބޭ..އެކަމަކު ސިވިލް ސާވިސްގަ ވަޒީފާ އަދާކުރާމީހާ ވަރިހަމަ 20 އަހަރަށްވުރެން ގިނަދުވަހު ވަޒީފާ އަދާކުރިޔަސް ވަޒީފާ އިން ވަކިވީމަ ނުވަތަ ރިޓެޔާ ކުރީމަ އެކަށްޗެއްވެސްނުލިބޭ.މަޖިލިސް މެމްބަރުން އަމިއްލަޔަށް އަމިއްލަ ފައިދާއަށް ގާނޫނު މިހަދަނީ..މީތޯ ހެޔޮވެރިކަމަކީ..އިންސާފަކީ.ތިއަށްވުރެން މާރަނގަޅު މިކަމަށް ގޮތެއް ނިންމިއްޔާ.
ފަދުވާ
16 September 2020
ތިއަށްވުރެން މާރަނގަޅުވާނެ ސަރުކާރަށް 20 އަހަރަށްވުރެން ގިނަދުވަހު މަސައްކަތް ކުރާ މުވައްޒަފުންނަށް ވަޒީފާއިން ވަކިވުމުން ނުވަތަ ރިޓެޔަރ ކުރުމުން ވަޒީފާ އަދާކުރި މުއްދަތަށް ބަލާ ދާއިމީ އެލަވަންސެއް ދިނިއްޔާ.65 އަހަރުވުމުންއެދޭ އެލަވަންސް އަކީ އުމުރު ދުވަހު ޖަލުގައި އޮވެފައި އަންނަމީހާ އަށްވެސް ދޭ އެލަވަންސެއް.ސަރުކާރަށް އެހާގިނަދުވަހު ޚިދުމަތް ކުރުމުގެ ބޭނުމަކީ ކޮބާ؟
ހާލި21
16 September 2020
އެންމެ 2ހަފްތާ އެއްގެ ތެރޭގައި އައު ކޮމިޝަނުން ދަނީ ސިވިލް ސާރަވަންޓުންގެ ވަޒީފާ ތައް ގާނޫނު އާއި ފުށުއަރާ ސަކުއުލާތައް ހަދާ ވަކި ބަޔަކަށް މަންފާ ހޯދަދޭން މުޖްތަމައުގެ މަސްލަހަތު ގެއްލުވަމުން. ޤައުމއްވާ ނެތް
ވައިސޫރި
15 September 2020
ވަޒީފާ ތަކަކީ އެއްބައެއްގެ ހައްގެއްތޯ ކޮންމެއަހަރަކު އެތައްހާސް ކުދިން ސުކޫލުނިންމާއިރު އެކުދިން މަގުމަތިކުރަންވީތޯ ކޮންމެ މުއައްޒިފަކުވެސް ގާނޫނާ ގަވާއިދުތަކާ ޙިލާފުވެއްޖެނަމަ އުސޫލާއެއްގޮތައް ވަކިކުރުމައްފަހު އެހެންމީހުންނައް ފުރުސަތު ދޭންޖެހޭނެ
ވަރަށްވެދުން
15 September 2020
މީހަކު އަމިއްލަ އަށް އިޚްޔިޔާރުކުރާ ތަނެއްގައި އެމިހަކު ބޭނުންވެގެން އަދި އެ މަގާމަށް ގާބިލުކަން ހާމަކޮށްދީގެން ވަޒީފާ އަދާކުރަމުން ދަނިކޮށް ، ވަޒީފާ ދޭ ފަރާތުން ބޭނުންތަނަކަށް ބަދަލުކުރެވޭނަމަ ، ގާނޫނުގެ ތެރެއިން ވަޒީފަައިން ވަކިކުރާނެ ފުރުސަތު ނުމިބޭ ކޮންމެ ފަހަރަކު އެމީހަކު ބަދަލުކުރާނީ ފަޅު ރަށަކަށް ނުވަތަ އެމީހަކު ދިރިއުޅޭ ރަށާއި އެންމެ ދުރު ހިސާބަކަށް.
ގައުމީދޫ001
15 September 2020
ސިވިލް ސާރވިސް މިވައްޒަފުންނަށް ބިރު ދައްކައި އެމީހުން ލައްވައި ގަވާއިދުގެ ބޭރުން ކަންކަން ކުރުވުމަށް ޖަހާ މަޅިއެއް. ގާނޫނެއް ގަވާއިދެއް އުސޫލެއް ނުދަންނަ ސިޔާސީ އެކްޓިވިސްޓުންނަށް ވުމުގެ ސަބަބުން ސިޔާސީ މަގާމުތައް ލިބުފައިވާ ބައެއްގެ ނުފޫޒުގެ ދަށަށް ސިވިލްސާވަންޓުން ގެންނަން ކުރާކަމެއް
ބަޑި އެދުރުކަލޭގެފާނު
15 September 2020
ވަޒީފާއަށް ކުރިމަތިލަނީ ވަކި އޮފީހެއްގެ ވަކި މަގާމަކަށް އިންޓަރވިއު ކޮށް ވަޒީފާ ދެނީ އެމަގާމަށް . ދެން އެހެން އެހެން ރަށެއްގައި ހުންނަ އެހެން އޮފީހަކަށް ބަދަލުކުރެވޭނީ ކިހިނެއް؟ ސިވިލްސާވިސް އަކީ ސިޔަަސީ ނުފޫޒުން އެއްކިބާވެފްއި އޮންނަންޖެހޭ މުއައްސަސާއެއް!
މަސްވެރިޔާ
15 September 2020
ބަރާބަރު. ސިވިލް ސާވިސްގެ ހުރިހާ ދާއިރައަކުންވެސް ވަކިނުވެ ވަޒީފާބަދަލުކުރެވޭނެ އުސޫލެއް އޮތުން ވަރަށް މުހިންމު. ކުރިން ހަމައެކަނި މާލޭގެ ހަފޮޅުން އެތެރޭގައި ހިގި އެތައް ކަމަކާއި އަަދި ދިރިއުޅުންވެސް މިހާރުމިވަނީ ވިލިމާލެ، ހުޅުމާލެ އަށް ފެތުރިފައި. މުސްތަގުބަލުގައި ތިލަމާލެ، ގުޅިމާލެ އެނބުމާލެ ފަދަ ތަންތަނަށް ދާނީ ފެތުރެމުން. އަދި ރާއްޖޭގެ އެކިދިމާލުންވެސް ވަޒީފާތައް ދާނީ އުފެދެމުން. އާއިލާތަކަށް ވަޒަނަށް ރުޖޫޢު ވުމުގެ ފުރުސަތު އޮތުން ރަގަޅު.
ޥަގުތީ
15 September 2020
މުވައްޒަފުންނަށް ބަދަލުވުމުގެ ފުރުސަތު ހޯދައި ދެނީ އެއް ނޫން އޮފީސްތަކަށް މަުވައްޒަފުން ބަދަލުކުރުމުގެ ފުރުސަތު ތަނަވަސް ކުރަނީ !