ހުޅުމާލޭގައި އިމާރާތް ކުރަމުން އަންނަ ހިޔާ ފްލެޓްތަކުގެ އެޕާޓްމެންޓެއް: ހަތަރު ކެޓަގަރީއަކުން ހުޅުވާލި ލިސްޓަށް ގިނަ އަދަދެއްގެ ޝަކުވާ ވަނީ ހުށަހަޅާފައި. --ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް /މިހާރު
15 ސެޕްޓެމްބަރ 2020 - 20:57
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އިއުލާންކުރި ހިޔާ މަޝްރޫއަށް ހުށަހެޅި ފޯމުތައް އަލުން އިވެލުއޭޓްކުރުމަށް ފަހު މި ސަރުކާރުގެ ފްލެޓް ކޮމިޓީން އާއްމުކުރި ހަތަރު ކެޓަގަރީގެ ލިސްޓަށް 3،068 ޝަކުވާ ހުށަހަޅައިފި އެވެ.
ފްލެޓް ކޮމިޓީން އިއުލާންކުރީ ޑޮކްޓަރުންނާއި ނަރުހުންނާއި ޓީޗަރުންނާއި މާލޭގެ ރަށްވެހިންގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ވަގުތީ ލިސްޓެވެ. މި ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު ހަމަވީ، މިދިޔަ ހޯމަ ދުވަހެވެ. މި ހަތަރު ކެޓަގަރީގެ ލިސްޓް ގެޒެޓްކުރީ ޔާމީންގެ ސަރުކާރުގައި ލިބުނު ޕޮއިންޓްގެ އަދަދާއި ފްލެޓް ކޮމިޓީން އަލުން ފޯމުތައް އިވެލުއޭޓް ކުރުމުން ލިބުނު ޕޮއިންޓް އެނގޭ ގޮތަށެވެ. ހަމައެކަނި ލިބުނު ޕޮއިންޓުގެ އަދަދާއެކު ކުރިން ލިސްޓު އާއްމުކޮށްފައި ވިޔަސް މިފަހަރު ލިސްޓު އާއްމުކުރީ މީހުންގެ ވަނަވަރާ ވެސް އެކުގަ އެވެ.
ފްލެޓް ކޮމިޓީއާ ހަވާލާދީ، ރައީސް އޮފީހުން މިރޭ ބުނީ ހަތަރު ލިސްޓަށް އެންމެ ގިނައިން ޝަކުވާ ހުށަހެޅީ ލިބިފައިވާ ޕޮއިންޓާ މެދު ކަމަށެވެ. އަދި އެހެން މީހުންނަށް ލިބިފައިވާ ޕޮއިންޓުތަކަށް ބަލައި 140 ޝަކުވާއެއް ހުށަހަޅާފައިވާ އިރު ޝަރުތު ހަމަނުވާ ލިސްޓުގައި ހިމަނާފައި ވުމުން 57 ޝަކުވާއެއް ވަނީ ހުށަހަޅައިފަ އެވެ.
ރައީސް އޮފީހުން ބުނިގޮތުގައި އިތުރު ކޮމެންޓްސްގެ ގޮތުގައި ދީފައިވާ މައުލޫމާތާ ގުޅިގެން 85 ޝަކުވާއަކާއި މައުލޫމާތުގައި ކުށެއް އޮވެގެން 78 ޝަކުވާއެއްގެ އިތުރުން އެހެނިހެން ކަންކަމާއި ގުޅޭ ގޮތުން 278 ޝަކުވާއެއް ހުށަހަޅާފައިވެ އެވެ.
ލިސްޓުތަކަށް ޝަކުވާ ހުށަހަޅަން ހުޅުވައިލި މުއްދަތުގައި ހުށަހަޅާފައިވާ ޝަކުވާތައް ބަލައި ޖަވާބު ދިނުމުގެ މަސައްކަތް ފްލެޓު ކޮމިޓީން ވަނީ ފަށައިފަ އެވެ. މި ހަތަރު ކެޓަގަރީގެ ވެސް ދާއިމީ ލިސްޓު އެކުލަވާލާއިރު، އެ ޝަކުވާތަކަށް ރިއާޔަތް ކުރާނެ ކަމަށް ކޮމިޓީއާ ހަވާލާދީ ރައީސް އޮފީހުން ބުންޏެވެ.
ހުޅުމާލޭގައި، ހިޔާ މަޝްރޫއުގައި ފުރަތަމަ ޕްލޭންކުރި 7،000 ފްލެޓަށް 12 ކެޓަގަރީއަކުން ކުރިމަތިލާން ހުޅުވާލުމުން ގާތްގަނޑަކަށް 25،000 ފޯމު ހުށަހެޅި އެވެ. މީގެ ތެރެއިން ފްލެޓު ލިބުނު މީހުން ކަނޑައެޅި ގޮތާ މެދު ބޮޑެތި ތުހުމަތުތަކެއް ކުރީގެ ސަރުކާރަށް ކުރި އެވެ. މާކްސް ދޭނެ ވަކި ކްރައިޓީރިއާއެއް އިއުލާންކޮށްފައި އޮތަސް އެ ކްރައިޓީރިއާގައި ހިމެނި ދިރިއުޅުމުގެ ހާލަތުގެ ބައިން މާކްސް ދީފައިވާ ގޮތާ މެދު އޮތީ ސުވާލު އުފެދިފަ އެވެ. ގޭގެ އަށް ނުގޮސް ދިރިއުޅޭ ހާލަތުގެ ބައިން ޕޮއިންޓް ދިން ގޮތާ މެދު ގިނަ ބަޔަކު ޝަކުވާކުރި އެވެ.
ފްލެޓް ކޮމިޓީން ބުނެފައިވާ ގޮތުގައި ފޯމުތައް ވަކިވަކިން ބަލައި މާކްސް ދިނީ ކުރީގެ ސަރުކާރުން ހިޔާ މަޝްރޫއަށް ކަނޑައެޅި ޕޮއިންޓް ދިނުމުގެ އުސޫލާ އެއްގޮތަށެވެ. އޭރު ދިރިއުޅުމުގެ ހާލަތަށް 30 ޕޮއިންޓް ހިމަނާފައި އޮތް އިރު އެ ޕޮއިންޓް ދިން އުސޫލެއް ސާފެއް ނޫނެވެ. އެކަމަކު މިފަހަރު އެ ޕޮއިންޓް ދިނީ ގޭގެއަށް ގޮސް ދިރިއުޅުމުގެ ހާލަތު ބަލައިގެން ކަމަށް އެ ކޮމިޓީން ބުންޏެވެ.
ކޮމިޓީން ބުނެފައިވާ ގޮތުގައި ކުރީގެ ސަރުކާރުން އިއުލާންކުރި ޝަރުތުތައް ހަމަނުވާ މީހުންނަށާއި ފްލެޓާއި ގޯތި ލިބިފައިވާ މީހުންނަށް ވެސް ފްލެޓް ދީފައިވެ އެވެ. އެ ކޮމިޓީން ވަނީ ފްލެޓް ދީފައިވާ މީހުންގެ ތެރެއިން ޝަރުތު ހަމަނުވާ މީހުންގެ ލިސްޓެއް ވެސް އިއުލާންކޮށްފަ އެވެ.
ހުޅުމާލޭގައި އިމާރާތްކުރާ ފްލެޓްތަކުގެ ލިސްޓު އެކުލަވާލަމުން އަންނައިރު ކުރީގެ ސަރުކާރުން 7،000 ފްލެޓަށް ހުޅުވާލިއަސް ޓަވަރުތަކުގެ ގްރައުންޑް ފްލޯ ފިހާރަތައް ފަދަ ޒަރޫރީ ބޭނުންތަކަށް މި ސަރުކާރުން ހުސްކުރުމުން އެ މަޝްރޫއުގައި ފްލެޓުގެ އަދަދަކީ މިހާރު 6،720 އެވެ. މި ފްލެޓްތައް ނިމޭނީ އަންނަ އަހަރު އެޕްރީލަށް ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަޝީދާ
07 December 2020
ބަޔަކު މީހުން ގަނަތެޅިތެޅި މަރުވިފަހުން ލިބުނު ބޯހިޔާވަހިކަން ތިޔަ ފޭރިގަތީ ..މިގައުމުގައި ބޮޑު ފިތުނަގަނޑެއް ތިޔަކަމުގެ ސަބަބުން އުފެދިގެނދާނެ
އަހަންމާބެ
16 September 2020
ތި ޝަކުވާތަކުން ކުރާނެ އަސަރެއް ނޯންނާނެ، ޝަކުވާތަކަށް ހުޅުވާލުމަކީ ފޯމަލިޓީސް ފުރިހަމަކުރުން، ފައިނަލް ލިސްޓް އޮންނާނީ މިހާރު ނިމިފަ، އެލިސްޓަށް ފްލެޓްތައް ދެވިގެންދާނީ، ދީފި އެއްޗެއް އަނބުރާ ނުނެގޭނެ އުޞޫލުން، ދޭން ބޭނުންވާ ބަޔަކަށް ދީ ހުސްކޮށްލާނެ.
އިބިރިހިންބެއްޔާ
16 September 2020
މިވެރިކަމުގަވެސް ހެޔޮނިޔަތެއް ނެތް. ލިބޭފުލެޓް އަނެކުންނަށް ދީގެން އާމްދަނީހޯދުން އޯކޭކަމަށް ހައުސިންގ އިން އެއޮތީ ވިދާޅުވެފައި. ދިވެހި ރައްޔިތުންގެ ފައިސާއިން ޚަރަދުކޮއް އުފައްދާ މުދާ، އިތުރު އާމްދަނީ ހޯދުމަށް އަނެކުނަށް ދިނުމުން "ބޯހިޔާވަހިކަން" ފޯރުކޮއްދިނުމުގެ މަޤްސަދާ ފުށުއަރާ. ފުލެޓްދޭންވީ ފުރަތަމަ ކުއްޔަށް. ދިރި އުޅޭތާ 15 އަހަރުވުމުން އެމީހުނަށްނޫނީ ގަނެވޭ އެގްރީމެންޓް ހަދާނުދޭންވީ. ނޫނީ ކުލިކާލައިގެން ދިރި އުޅޭނީ ޤައުމުން ބޭރުގައި.
ފަހީމު
16 September 2020
ބަޔަކު މީހުން ގަނަތެޅިތެޅި މަރުވިފަހުން ލިބުނު ބޯހިޔާވަހިކަން ތިޔަ ފޭރިގަތީ ..މިގައުމުގައި ބޮޑު ފިތުނަގަނޑެއް ތިޔަކަމުގެ ސަބަބުން އުފެދިގެނދާނެ.
12134
16 September 2020
ތިހުރިހާކަމެއްގެވެސް ހައްލަކީ ފުލެޓް ބޭނުންވާ މީހުންނަށް ލިބޭވަރަށް ފުލެޓް އެޅުން .
ކިހާ ދެރަ
16 September 2020
މާލޭ ރައްވެހި ކަމުގެ ބައިން ފްލެޓަށް ފޯމްލީ މިއީ 3 ވަނަ ފަހަރު އެވެ. މަށާއެކު ކޮންމެ ފަހަރަކު މަގޭ ކޮށްކޮ މެން ބޭނެ މެން ޅިޔަން/ ފަހަރީން ވެސް ފޯމް ލައެވެ. ހުސް މާލޭ ކެޓަގަރީ އިން ނެވެ. އެކަމަކު 35 މާކުސް 40 މާކުސް 30 މާކުސް އިން މާކުސް ދީފައި އައުޓް އެވެ. އެއްމެ ފަހުން 2018 ގައި މަށަށް މަށް ލައްވާލި އެވެ ދެން ތިބި މީހުން ލައްވައެެެް ނުލައެެެެވެ. އެކަމަކު މިހާރު މަ އޮތީ ކަޓްވާލާފަވެ. ފުކެއް ވަރު އެތިކޮޅެއް މަދުކޮށް މަދުވީއެވެ. ކިހާ ދެރަ !
ހިޔަޅު ބޯ ތައް
16 September 2020
ގޭގެ އަށް ގޮސް ދިރިއުޅުމުގެ ހާލަތު ބެލި މީހުން ހެދި ގޮތް އެގޭތަ؟ގޭގެއަށް ދިޔައީ ވެސް ކަޓް ވާން ބޭނުންވާ މީހުންގެ ލިސްޓް ހަދާފައެވެ. ކަޓްވާން ބޭނުންވާ މީހުންގެ ލިސްޓްގާ އޮތް މީހަކު ދިރި އުޅެނީ "މީދާ ހޮރެއްގާ" ކަމަށް ވިޔަސް 10 ދަތިން ތިބިއަސް އޮތީ ކަޓްވާލާ ފައެވެ. ދިރި އުޅުމުގެ ހާލަތުގެބަޔަކީ ދެފުށަށް މިޔަލީ ކަނޑި އެކެވެ.
ނާނާާނާނާ
16 September 2020
ފުލެޓް،ފުލެޓފުލެޓް! ކާކު މިބޭނުން ނުވާނީ. އެންމެންވެސް ބޭނުން. ފުލެޓް ހުރިމީހުންވެސް ނެތްމިހުންވެސް ފުލެޓް ބޭނުން..... މިކަންދަނެގެން ކުރީސަރުކާރުން ފުލެޓް ދޭން ޤަސަތުކުރީ ފޯމް ހުށަހެޅި ކޮންމެ ރައްޔިތަކުވެސް އުނިނުކޮށް އެންމެނަށް ފުލެޓް ދިނުމަށް. ލިސްޓްވެސް އޮތީތަރުތީބުކޮށް ނިމިފަ. މިހާރު ކޮންވާހަކައެއް.. އެއީ މިކިޔާ ޤާބިލުކަން..
ރައީސް އ. މ. ސޯލިހަށް
16 September 2020
ސޯޝަލް ފުލެޓް ލިބެންވީ މެދުފަންތީގެ އާމްދަނީން ދަށަށް. އިންކަމް ޓެކްސް ދައްކަން ނުޖެހޭ ފަރާތްތަކަށް. ގެދޮރާއި ބޯހިޔާވަހިކަން ނެތް މީހުންގެ ދަފްތަރެއް އެކުލަވާލާ، އެމީހެއްގެ ހާލަތާގުޅޭ ހުރިހާ މައުލޫމާތެއް (ބޯހިޔަލުގެ މުދާވެރިކަން) ސިސްޓަމުން އެއްކުރެވި ކޮމްޕިއުޓަރައިޒްޑް ޕޮއިންޓް ސިސްޓަމެއް ގާއިމްކުރަންވީ. ބޯހިޔާވަހިކަމުގެ މައުލޫމާތާ ގުޅޭ ޚާއްސަ އެޕީލް ކޯޓެއް ގާއިމް ކުރަންވީ. 1 ފަހަރު ފްލެޓް ލިބުމުން 2 ވަނަ ފަހަރު ސިސްޓަމުން ރިޖެކްޓް ކުރަންވީ.
ހަނު ހުންނަ މީހާ
16 September 2020
ތިމާ ނޫން އެހެން މީހަކަށް ލިބެންޏާ ނާއިންސާފް. އެއީ އަދި ރަގަޅު ގޮތެއްނޫން. ނާއިންސާފުންނޭ ބުނާނަނަމަ އެކަށީގެންވާ ސަބަބެއް ދައްކަންވާނެ.