ކުޅިވަރު / އިންގްލިޝް ޕްރިމިއާ ލީގް

ޗެލްސީ އަތުން ލިބުނު މޮޅުން ކްލޮޕަށް ހާއްސަ އުފަލެއް

ލަނޑު ޖެހުމަށް ފަހު ލިވަޕޫލްގެ މާނޭ (ކ) އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

21 ސެޕްޓެމްބަރ 2020 - 09:19

1 comments

ލަންޑަން (ސެޕްޓެމްބަރު 21) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ރަށުން ބޭރުގައި ޗެލްސީ އަތުން 2-0 އިން އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް މޮޅުވިއިރު، މެޗުގައި ފެނިގެންދިޔަ ކަންތައްތަކުގެ ސަބަބުން އެ ޓީމުގެ ކޯޗު ޔާގެން ކްލޮޕަށް ހާއްސަ އުފަލެއް ލިބިއްޖެ އެވެ.

ޗެލްސީގެ ސްޓެމްފޯޑް ބްރިޖްގައި ކުޅުނު ރޭގެ މެޗުގައި އެ ޓީމުން މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ގެނައި ކުޅުންތެރިންގެ ތެރެއިން ހަކީމް ޒިޔެޗް، ތިއާގޯ ސިލްވާ އަދި ބެން ޗިލްވެލް އަނިޔާގެ ސަބަބުން ނުކުޅެ އެވެ. އަދި ޗެލްސީގެ ކްރިސްޓިއަން ޕުލިސިޗް ވެސް ރޭގެ މެޗަށް ފިޓެއް ނޫނެވެ. މި ފަހަރުގެ ޗެލްސީން ގެނައި ޖަރުމަނުގެ ޓީމޯ ވާނާ އާއި ކައި ހާވާޓްޒް ރޭގެ މެޗުގައި ވެސް އެ ޓީމުގެ ފުރަތަމަ އެގާރައިގައި ކުޅުނެވެ. ލިވަޕޫލްގެ މެދުތެރެއަށް އާންމުކޮށް ކުޅޭ ފަބީނިއޯ ރޭގެ މެޗުގައި ޑިފެންޑަރަކަށް ކުޅެން ޖެހުނުއިރު، އޭނާ ކައިރިން ވާނާ އަށް ބޯޅަ ހިފައިގެންދެވޭ ގޮތެއްނުވި އެވެ.

ރޭގެ މެޗުގައި ޗެލްސީ އަށް ދިމާވި އެންމެ ބޮޑު މައްސަލަ އަކީ ފުރަތަމަ ހާފުގެ ފަހު ކޮޅުގައި އެ ޓީމުގެ އަންދްރެއަސް ކްރިސްޓައެންސަން އަށް ރަތް ކާޑު ދެއްކުމެވެ. ލިވަޕޫލްގެ ސަޑިއޯ މާނޭ އަށް ކްރިސްޓައެންސަން ކުރި ފައުލަށް ފުރަތަމަ ރީނދޫ ކާޑެއް ދެއްކި ނަމަވެސް ފަހުން ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލުމަށް ފަހު ވަނީ ރަތް ކާޑަކަށް ބަދަލުކޮށްފަ އެވެ.

ޗެލްސީން އެއް ކުޅުންތެރިއަކު މަދުވުމާއި ލިވަޕޫލްގެ ކެޕްޓަން ޖޯޑަން ހެންޑަސަން އަށް ފުރަތަމަ ހާފުގައި ކޮންމެވެސް ވަރެއްގެ އަނިޔާއެއް ވުމުން ލިވަޕޫލުން ދެ ވަނަ ހާފު ފެށީ ހެންޑަސަންގެ ބަދަލުގައި ތިއާގޯ އަލްކަންޓާރާ ކުޅެން އަރުވައިގެންނެވެ. ޗެލްސީން ވެސް ވަނީ ދެ ވަނަ ހާފް ފެށީ ކައިގެ ބަދަލުގައި ޒުވާން ޑިފެންޑަރު ފިކާޔޯ ޓޮމޯރީ އަރުވައިގެންނެވެ.

ދެ ވަނަ ހާފް ކުޅުން ފެށިގެން ހަތަރު މިނިޓް ތެރޭ ރޮބާޓޯ ފިރްމީނޯ ނަގައިިދިން ހުރަހަކުން ލިވަޕޫލަށް ލީޑުނަގައިދިނީ މާނޭ އެވެ. މެޗުގެ 50 ވަނަ މިނިޓްގައި މާނޭ މި ގޯލު ޖެހީ ބޮލުންނެވެ. އޭގެ ހަތަރު މިނިޓް ފަހުން ޗެލްސީގެ ކީޕަރު ކެޕާ އަރިއްޒަބަލާގާ އަށް ހެދުނު ގޯހެއްގެ ފައިދާނަގައި މާނޭ ވަނީ ދެ ވަނަ ލަނޑެއް ޖަހައިފަ އެވެ.

މެޗުގައި ޗެލްސީ އަށް ލަނޑެއް ޖަހައިދޭން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު ޖޯޖީނިއޯ އަށެވެ. ވާނާ އަށް ތިއާގޯ ކުރި ފައުލަކަށް ލިބުނު ޕެނަލްޓީ އަކުން ޖޯޖީނިއޯ ޖެހި ބޯޅަ ލިވަޕޫލްގެ ކީޕަރު އެލިސަން ބެކާ ވަނީ މަތަކޮށްފަ އެވެ. މިއީ ޗެލްސީ އަށް ބަދަލުވި ފަހުން މެޗެއްގެ ތެރެއިން ލިބުނު ޕެނަލްޓީއެއް ޖޯޖީނިއޯ އަށް ނާކާމިޔާބުވި ފުރަތަމަ ފަހަރެވެ.

މެޗަށް ފަހު ތިއާގޯ (ކ) އާއި ކްލޮޕް ސަލާމްކުރަނީ.-- ފޮޓޯ: އޭއެފްޕީ

މިދިޔަ ހުކުރު ދުވަހު ބަޔާން މިއުނިކް ދޫކޮށް ލިވަޕޫލާ ގުޅުނު ތިއާގޯ ރޭގެ މެޗުގައި ދެއްކި ކުޅުން ގިނަ ބަޔަކަށް ފާހަގަވި އެވެ. ލިވަޕޫލްގެ ސިސްޓަމަށް ތިއާގޯ އަވަހަށް ހޭނުމަކީ ކްލޮޕަށް ވެސް ލިބުނު ހާއްސަ އުފަލެކެވެ.

"ދެ ވަނަ ހާފް ފެށިއިރު ހާލަތު އޮތީ 11 ކުޅުންތެރިންނާއި 10 ކުޅުންތެރިން ވާދަކުރާގޮތަށް އެ ވަގުތު އަހަރެން ތިއާގޯ އަރުވަން ވިސްނީ މެދުތެރެ ކޮންޓްރޯލް ހޯދަން. އެކަން ކުރިއިރު އޭނަ ފެނުނީ މުޅި ޓީމާ ވަރަށް ގުޅުން ބޮޑު ކުޅުންތެރިއެއް ގޮތުގައި. އެއީ އަހަންނަށް ކުރިއަށްދާން ލިބުނު އެންމެ ބޮޑު ހިތްހަމަޖެހުން،" ޖެހިޖެހިގެން ލީގުގައި ޗެލްސީ އަތުން ހޯދި ފަސް ވަނަ މޮޅަށް ފަހު ކްލޮޕް ބުންޏެވެ.

ޗެލްސީގެ ކޯޗު ފްރޭންކް ލަމްޕާޑް ބުނީ ރަތް ކާޑާ އެކު މެޗުގެ މޮޅު މަންޒަރު ބަދަލުވެއްޖެ ކަމަށާއި އެއް ގޯލު ފަހަތަށް ގޮސްފައި އޮއްވައި އެވަރުގެ ގޯހެއް ކީޕަރުގެ ފަރާތުން ފެނުމުން ދެން އަރައިގަންނަން އުނދަގޫވާނެ ކަމަށެވެ.

"ރަތް ކާޑު ފުރަތަމަ ނުދައްކާ ވީއޭއާރް އިން ބަލާފައި ރީނދޫ ކާޑު ރަތް ކާޑަށް ބަދަލުކުރުމުން ވެސް އެއީ އައި އުނދަގޫ ކަމެއް. ބޭނުންނަމަ ފުރަތަމަ ވެސް ރަތެއް ދެއްކޭނެ. ދެން ލިވަޕޫލުން ދެ ވަނަ ގޯލެއް ޖެހިޔަ ނުދީ ހިފެހެއްޓިނަމަ އެ ޕެނަލްޓީ ވައްދާލައިގެން ވެސް އަހަރެމެންނަށް 1-1 ކުރެވުމުގެ ފުރުސަތު އޮތް. އެކަމަކު ދެ ވަނަ ގޯލުގެ އެ ގޯސް އައި ހިސާބުން ވަރަށް ބޮޑު ގެއްލުމެއް ލިބިއްޖެ،" ލަމްޕާޑް ބުންޏެވެ.

ލީގުގައި ރޭ ސޮން ހެއުން މިންގެ ހަތަރު ގޯލާއި ހެރީކޭންގެ ގޯލުން 5-2 އިން ޓޮޓެންހަމް ވަނީ ސައުތެމްޓަން ބަލިކޮށްފަ އެވެ. ބްރައިޓަން އިން 3-0 އިން ރަށުންބޭރުގައި ނިއުކާސަލް ބަލިކުރިއިރު، ލެސްޓާ ސިޓީ ވަނީ އަމިއްލަ ދަނޑުގައި 4-2 އިން ބާންލީ ބަލިކޮށްފަ އެވެ.

1 ކޮމެންޓް, 15 ރިއެކްޝަންސް

icon happy icon happy 67%
icon sad icon sad 27%
icon angry icon angry 7%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މޯޑް.

21 September 2020

ލިވަރފޫލު ތަފާތު ހަމަ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454