ޚަބަރު / ފެނަކަ ކޯޕަރޭޝަން

ފެނަކަ އަށް ތުހުމަތުވާ ކޮރަޕްޝަން ރިޕޯޓުކުރީ މުވައްޒަފުންތަކެއް، 22 މައްސަލައެއް ތަހުގީގު ކުރަނީ

ނަޒާހާތްތެރި ތަނެއްގެ ގޮތުގައި ބޭއްވުމަށް ފެނަކައިގެ މުވައްޒަފަކު އިގްރާރުގައި ސޮއިކުރާއިރު އެމްޑީ އާއި ޑީއެމްޑީ އިބްރާހިމް ވަހީދު މުވައްޒަފުންނާ އެކު. --ފޮޓޯ/މިހާރު

ފެނަކަ ކޯޕަރޭޝަން މެދުވެރިކޮށް ހިންގާ ކޮރަޕްޝަންގެ އަމަލުތައް ނުހުއްޓުވައިފި ނަމަ ދައުލަތަށް ބޮޑު ގެއްލުމެއް ލިބިދާނެ ކަމަށް ތުހުމަތުކޮށް އެ ކުންފުނީގެ މުވައްޒަފުންތަކެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހެޅި 28 މައްސަލައިގެ ތެރެއިން 22 މައްސަލަ ތަހުގީގު ކުރަން ނިންމައިފި އެވެ.

އޭސީސީގެ މީޑިއާ އޮފިޝަލް ހަސަން މަނިކު މިއަދު ވިދާޅުވީ ފެނަކައާ ގުޅޭ ގޮތުން ހުށަހެޅި ޝަކުވާތައް ވަޒަންކުރުމަށް ފަހު 22 މައްސަލައެއް ތަހުގީގު ކުރަން ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ. އަދަދު 22 އަށް މަދުވީ ބައެއް މައްސަލަތައް އެއްކޮށްލައިގެން ބަލަން ނިންމުމުންނެވެ.

ފެނަކަ މުވައްޒަފުން ޖުލައި، 1، 2019، ގައި ވަނީ މި ސަރުކާރުގެ "ޒީރޯ ޓޮލެރެންސް ޓު ކޮރަޕްޝަން" ސިޔާސަތު ދެމެހެއްޓުމުގެ އިގުރާރުގައި ސޮއިކޮށްފަ އެވެ. ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު ވެސް އެ އިގުރާރުގައި ސޮއިކުރައްވާފައިވާ އިރު، ފެނަކައިގެ މުވައްޒަފުން ގިނަ މައްސަލަތައް އޭސީސީ އަށް ހުށަހެޅީ އޭނާއާ ދެކޮޅަށެވެ.

އެކަމަކު ކޮރަޕްޝަންގެ ތުހުމަތުތައް ސައީދު ވަނީ ރޭ ދޮގު ކުރައްވައިފަ އެވެ. އެއީ އޭނާއާ ދެކޮޅަށް ބަޔަކު ރާވައިގެން ހިންގާ އަމަލެއް ކަމަށް ވިދާޅުވި އެވެ.

ފެނަކައިގެ މުވައްޒަފުން އޭސީސީ އަށް ހުށަހަޅާފައި ވަނީ މިދިޔަ އަހަރާއި މި އަހަރުގެ ތެރޭގައި އެ ކުންފުނި މެދުވެރިކޮށް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހިންގާފައިވާ މައްސަލަތަކެވެ. ވަކިވަކިން މައްސަލަތަކާއި އޭގައި ކޮރަޕްޝަން ކަމަށް ތުހުމަތުކުރާ ސަބަބުގެ ހެކީގެ ގޮތުގައި ބިލްތަކާއި މަސައްކަތް ހަވާލުކުރި ކުންފުނިތަކުގެ ތަފުސީލް އެނގޭ ގޮތަށް އޭސީސީ އަށް ހުށަހެޅި 192 ސޮފްހާގެ ރިޕޯޓުގައި ހިމަނާފައިވެ އެވެ.

އޭސީސީއަށް ފޮނުވި ރިޕޯޓުގައި މުވައްޒަފުން ބުނެފައި ވަނީ، ސަރުކާރު ހިއްސާވާ ކުންފުނީގެ ތެރޭގައި ހިންގާ ބޮޑެތި ކޮރަޕްޝަންތައް ތަފާތު އެކި ފަހަރުމަތިން ކުރިން ވެސް އެ ކޮމިޝަނަށް ހުށަހެޅި ކަަމަށެވެ. ދެން ވެސް އެ މައްސަލަތަކުގައި ފިޔަވަޅު ނާޅައިފި ނަމަ ދައުލަތުގެ އެތައް ފައިސާއެއް ގެއްލިގެން ހިނގައިދާނެ ކަމުގެ ބިރު އޮތް ކަމަށް މައްސަލައިގައިވެ އެވެ.

"އަދި މިހާރު ވެސް މިކަންތައް ތަކުރާރުވަމުން ދިއުމާއެކު މިކަމުގެ ސަބަބުން ނުހައްގުން އެތައް ބަޔަކަށް ގެއްލުން ލިބި އަދި ވަކި ބަޔަކަށް ނާޖާއިޒު މަންފާތަކެއް ދަނީ ލިބެމުންނެވެ،" އޭސީސީއަށް ހުށަހެޅި މައްސަލަތަކާ ގުޅޭ ލިއުމުގައި ވެ އެވެ.

ކޮރަޕްޝަނާ ދެކޮޅަށް ފެނަކައިގެ މުވައްޒަފުން ސޮއިކުރި ރަސްމިއްޔާތު: އެ ކުންފުނިން މެދުވެރިކޮށް ކޮރަޕްޝަން ހިންގާ ކަމަށް ތުހުމަތުކޮށް މައްސަލަތަކެއް ވަނީ އޭސީސީއަށް ހުށަހަޅާފައި.

އަނެއް ކަންބޮޑުވުމެއްގެ ގޮތުގައި މުވައްޒަފުން ފާހަގަކޮށްފައި ވަނީ ފެނަކައިގެ މެނޭޖިން ޑިރެކްޓަރު ސައީދާ، އޭސީސީގެ މެމްބަރަކާ އޮންނަ ގާތް ގުޅުމެވެ. ކޮމިޝަނުން ތަހުގީގުކުރާ ފެނަކައިގެ ބައެއް މައްސަލަތަކާ ގުޅިގެން އެ މެމްބަރު ސައީދާ ފޯނުން ވާހަކަ ދައްކަވާ ކަމަށް ވެސް އޭސީސީއަށް ހުށަހެޅި މައްސަލައިގައި މުވައްޒަފުން ބުނެފައިވެ އެވެ.

ފެނަކައިގެ މައްސަލަތައް އެކަށީގެންވާ ގޮތެއްގައި ކުރިން ބަލާފައި ނުވިޔަސް ފަހުން ހުށަހެޅި މައްސަލަތަކުގައި ފާހަގަކޮށްފައިވާ ކަންކަމަށް ރިއާޔަތްކޮށް، މުވައްޒަފުން އޭސީސީގައި އެދިފައި ވަނީ އަވަސް ފިޔަވަޅުތަކެއް އަޅައިދިނުމަށެވެ.

އޭސީސީގައި ތަހުގީގު ކުރަން އެދުނު ބައެއް މައްސަލަތައް:

- ވޯޓަ ޕްރޫފް ޕެޑް ލޮކްތަކެއް ގަތުން: ކުންފުނީގެ ބަޖެޓުން 742،000ރ. ހޭދަކޮށްގެން މި ތަކެތި ގަތީ ފެނަކައިގެ ޕްރޮކިއުމެންޓް އުސޫލުތަކާ ޚިލާފަށް ވަކި ފަރާތަކަށް ނާޖާއިޒު ފައިދާވާ ގޮތަށް ކަމަށް ތުހުމަތު ކޮށްފައިވޭ. އިއުލާން ނުކޮށް ކުންފުންޏެއްގެ އަތުން ނެގި މި ތަކެތި ބޭނުން ނުކުރެވޭނެ ކަން ފައިސާ ދިނުމުގެ ކުރިން ވެސް ޓެކްނިކަލް މުވައްޒަފުން ފާހަގަކުރި ކަމަށް މައްސަލައިގައިވޭ.

- ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސައީދު ނިސްބަތްވާ ގދ. ވާދޫ މީހެއްގެ ކުންފުނިން ފަސް މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ތަކެތި ގަތް ކަމުގެ ތުހުމަތު. މި ތަކެތި ގަނެފައި ވަނީ އާއްމުކޮށް އިއުލާން ނުކޮށް އެ ކުންފުންޏާ ހަވާލުކޮށްގެން ކަމަށް މައްސަލައިގައިވޭ.

- ފެނުގެ ސާމްޕަލް ނަގާ 200 ފުޅި އަގު ބޮޑުކޮށް ގަތް މައްސަލަ: ފުޅިއެއް ގަތީ 835ރ. އަށް ކަމުގެ ތުހުމަތާ އެކު މައްސަލައިގައި ބުނެފައި ވަނީ މިކަން ވެސް ކުރީ ކުންފުނީގެ ޕްރޮކިއުމެންޓް އުސޫލާ ޚިލާފަށް ކަމަށް.

- ގދ. ވާދޫ އިންޖީނުގޭގެ އޮފީސް އިމާރާތާއި ފިއުލް ސްޓޯރޭޓް ޓޭންކް ބަނުމުގެ މަސައްކަތް ބަޔަކާ ހަވާލުކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަމަލުކުރި ކަމަށް ތުހުމަތުކުރާ މައްސަަލަ: ކުންފުނީގެ ޕޮލިސީއަކީ މެނޭޖިން ޑިރެކްޓަރު އަދި ބޯޑު މެމްބަރަކާ ގާތް ތިމާގެ އެއްވެސް މީހަކަށް މަސައްކަތް ހަވާލުނުކުރެވުން ނަމަވެސް ޕްރޮޖެކްޓް ހަވާލުކުރީ އެމްޑީއާ އާއިލީ ގުޅުން އޮންނަ ބަޔަކާ ކަމަށް ތުހުމަތު ކޮށްފައިވޭ. މިކަން މި ގޮތަށް ކުރުމަށް ފަހު ކުންފުނީގެ ޕޮލިސީ ވެސް ބަދަލުކޮށްފައިވާ ކަމުގެ ތުހުމަތު ވަނީ ކޮށްފައި.

- ވާދޫ ޕަވަ ހައުސް އިމާރާތް ކުރުން ތިން މިލިއަނަށް އެމްޑީގެ ގާތް ތިމާގެ ބަޔަކާ ހަވާލުކުރި ކަމަށް ބުނާ މައްސަލަ.

- ކުންފުނީގެ ކުރީގެ ސީނިއާ މުވައްޒަފަކާ ގުޅިގެން ކުންފުންޏަށް ގިނަ ތަކެތި ސަޕްލައިކޮށް ފައިސާ ނަގަމުންދާ ކަމުގެ ތުހުމަތު.

- އިންޑިއާގެ މޯހަން މުއްތާ ކުންފުނިން ގިނަ އަދަދެއްގެ ތަކެތި ގަތް މައްސަލަ. އެ ކުންފުނިން 600،000 އަށް ވުރެ ގިނަ ރުފިޔާގެ ތަކެތި ގަތީ އިއުލާން ނުކޮށް ކަމަށް ތުހުމަތު ކޮށްފައިވޭ.

- ކުންފުނީގެ ހިއުމަން ރިސޯސަސް ޕޮލިސީއާ ޚިލާފަށް މުވައްޒަފުންތަކަކަށް ޕްރޮމޯޝަން ދީފައިވާ ކަމަށް ބުނާ މައްސަލަ.

- އިހަވަންދޫ ފެން ޕްލާންޓް ހަލާކުވެގެން ފެނަކަ ހެޑް އޮފީހަށް ރިޕޯޓު ކުރުމުން އަޅާނުލައި ތިބުމަށް ފަހު، ފެން ހުސްވުމުން އިމަޖެންސީ ހާލަތު ކަމަށް ބަލައި ވަކި ބައެއްގެ އަތުން އެއް މިލިއަން ރުފިޔާ އަށް އާރުއޯ ޕްލާންޓެއް ގަތް ކަމަށް މައްސަލަ: އިހަވަންދޫގައި ދިމާވި މައްސަލަ ހައްލުކުރެވޭނެ ނުވަތަ ވާދަވެރި ބީލަމަކުން އެކަން ކުރެވެން އޮއްވައި ލަސްކުރީ ވަކި ކުންފުންޏެއްގެ އަތުން ނަގަން ކަމަށް މައްސަލައިގައި ތުހުމަތުކޮށްފައިވޭ.

- އިއުލާން ނުކޮށް ވަކި ބަޔަކަށް ފައިދާވާ ގޮތަށް ކޭބަލްތަކެއް ގަތް މައްސަލަ.

އޭސީސީ އަށް ހުށަހެޅި ގިނަ މައްސަލަތަކުގައި ތުހުމަތުކޮށްފައި ވަނީ ކުންފުނީގެ ޕްރޮކިއުމެންޓް އުސޫލާ ޚިލާފަށް ވަކި ކުންފުނިތަކެއް ހޮވައި ނާޖާއިޒު މަންފާތަކެއް ލިބޭނެ ގޮތް މަސައްކަތްތައް ނުވަތަ ތަކެތި ގަތުމަށް ހަވާލު ކުރުމެވެ. ފެނަކައާ ދެކޮޅަށް ގިނަ މައްސަލަތަކެއް ހުށަހަޅާފައިވާ އިރު އެ ކުންފުންޏަކީ ކުރީގެ ސަރުކާރުގައި ކޮރަޕްޝަންގެ "ހާއްޔެއް"ގެ ގޮތަށް ސިފަކުރި ތަނެކެވެ.

އޭސީސީން ވަނީ ކުރީގެ ސަރުކާރަށް ތުހުމަތުވާ ގިނަ މައްސަލަތަކެއް ބަލައިފަ އެވެ. އެކަމަކު އެއްވެސް މައްސަލައެއްގައި ދައުވާކުރަން ފޮނުވި ކަމެއް އާއްމެއް ނުކުރެ އެވެ.

13 ކޮމެންޓް, 21 ރިއެކްޝަންސް

icon happy icon happy 14%
icon sad icon sad 5%
icon angry icon angry 81%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މާގޮޑޮރަހާ

21 September 2020

ފެނަކައިގެ ކޮރަޕްޝަން އަށް މަގުފަހިވާ ގޮތަށް ހިންގާފައިވާ އަމަލުތަށް ތަހުގީގީ އިދާރާތްތަކަށް ލުމުގެ ކުރިން ރައީސް ސާލިހް އަށް މައްސަލަ ހުށެހެޅުއްވިއެވެ. ރައީސްގެ ފެހި ސިގުނަލް ލިބިގެ މިމައްސަލަ ބަލާކަމީ އުފާވެރި ޚަބަރެކެވެ. ދެން އޮތީ މިތުހުމަތު ތަހުޤީގުކޮށް ބެލުމެވެ. މިކަމެއް ބަލަން ހުށެހެޅީ ފެނަކައިގެ ފައިނޭންސް ޑިޕާރޓްމެންޓްގެ އިސްވެރިން ލިބެން ހުރި މައުލޫމާތު ތަކުގެ މައްޗަށް ބިނާކޮށެވެ. އެނގިދާނެތާ ވާގޮތެއް!

The name is already taken The name is available. Register?

ހުސައިން

21 September 2020

މިއަރޓިކަލް ކިޔާލީމާ ކުޑަކުއްޖަކަށްވެސް ދޭހަވަނީ އެންމެ އެއްޗެއް. އެއީ ތި އެމްޑީ ތިތާގެ ތިޖޫރި ރަށު ތިމާގެމީހުން އަތަށް އަދިނުދޭކަން. ކޮރަޕްޝަން އަކީ ކޯއްޗެއްކަން ތި އެމްޑީ އަށް ވަރަށް ރަގަޅަށް ދަސްކޮށްދީ.

The name is already taken The name is available. Register?

ރޮމޭ

21 September 2020

- އިންޑިއާގެ މޯހަން މުއްތާ ކުންފުނިން ގިނަ އަދަދެއްގެ ތަކެތި ގަތް މައްސަލަ. އެ ކުންފުނިން 600،000 އަށް ވުރެ ގިނަ ރުފިޔާގެ ތަކެތި ގަތީ އިއުލާން ނުކޮށް ކަމަށް ތުހުމަތު ކޮށްފައިވޭ. ތިޔަ މޯހަން މުއްތާގެ ރާއްޖޭގެ ޑީލަރަކީ ގދ. ވާދޫ އަސަރީގެ އަލީ އަބްދުﷲ. ދެން ތިޔަ އަހުމަދު ސައީދެއް ކައިވެނި ބައްލަވައިގެން އުޅުއްވަނީ ގދ. ވާދޫ އަސަރީގޭ ޝާހިދާ އަބްދުﷲ އާ.

The name is already taken The name is available. Register?

ބޮކިފުރާޅު އަލީ

21 September 2020

ތިޔަ ފެނަކައަކީ ކޮރަޕްޝަންގެ ބަގީޗާއެއް.

The name is already taken The name is available. Register?

ޝެމެކްޝް

21 September 2020

މަސްލަހަތު، ބާރު ދޫނުކުރުން ، ހަމަހަމަކަން ނެތުން، ދެފުއްފެންނަ ، މިފަދަ އެތަކަމެއްގެ އިލްޒާމުން ސާފުނަނަމަ، ކޮރަޕްޝަން މަގުފަހިވާނެ އެތައްކަމެއްގެ ތުހުމަތު ކުރެވޭ ކޮރަޕްޝަން އިލްޒާމް ނާޅުވާނެ އެވެ.

The name is already taken The name is available. Register?

ޔަހުޔާ ކާޅު.

21 September 2020

ޔާމީނު ވެރިކަމުގަ ތިއަކަހަލަ މައްސަލައެއް މުވައްޒަފަކު ހުށަހެޅީވިއްޔާ އެމީހަކު ޖެހޭނީ މަގާމުން އަތް ދޮވެލަން. އޮޑިޓަރ ޖެނެރަލް ޖެހޭނީ ރާއްޖޭގެ ސަރަހައްދުން ބޭރުވާން. އޭސީސީ ޖެހޭނީ ނިދާ އިންޖެކްޝަނެއް ޖަހައިގެން ނިދަން. މިހާރުވާ މައްސަލަ އެބަ ބަލައެއްނު. ޝުކުރިއްޔާ އިބޫ.

The name is already taken The name is available. Register?

ވާދޫ ދަންނަކަލޭފާނު

21 September 2020

އަދި މީގެ އިތުރުން ނ.މަނަދޫގައި އިމާރާތްކުރާ 3 ޓްރާންފޯމަރު ހަޓުގެ ބިޑު އެވޯޑު ކުރުމަށްފަހު މަސައްކަތް ހަވާލުކުރި ފަރާތުން މަސައްކަތް ނުފަށަނީސް އަގަށް ބަދަލު ނުގެނެސް 3 ހަޓުގެ ސައިޒަށް ބަަދަލު ގެނެސް ހަޓުތައް ކުޑަކޮށް އެފަރާތަށް ނާޖާއިޒު ފައިދާ ހޯދަދީފަވޭ.

The name is already taken The name is available. Register?

ސަމީރު އަލީ

21 September 2020

ސައިދު ގެ ވާހަކަތަކުން އެއްވެސް ކަމެއް ނުހިނގާ، ކޮބާ ޕޮރޮކިއުމަންޓް ލާފައި ތިބި އަމިއްލަ މަސްލަހަތު އިސްކުރާ ޓީމް އަދި ކުރީސަރުކާރުގެ ބަޔެއް ސިޔާސީ މީހުން ކާރިކޮށްގެން ޖަހާ ސަކަރާތްތައް. ސްމާޓް ކޮރަޕްޝަން ގެ ގޮތުގައި މިޒަމާނުގައި ހިނގާ މަންފާލިބޭ މެތަޑްތައް ހޯދައިގަތުމަކީ އުނދަގޫކަމެއް، ކޮބާ މިފްކޯގެ ސައިމޭޒުގައި ދާއިރާގެ ރައުފު، އިސްމާއިލްފައުޒީ އާއި އެކު ބާއްވާ ކޮފީ މަޝްވަރާތައް މިފަދަ އެތައްކަމެއް ވަނީ ތުންތުންމަތިން އަޑުއިވެންފަށާފައިއެވެ.

The name is already taken The name is available. Register?

ނެގުނުކަތީބު

21 September 2020

ފެނަކައާއި ސްޓެލްކޯ އަކީ އެއިރަކު އަންނަ ސަރުކާރެއް ޖަރީމާ ހިންގުމަށް އަތޮޅުތަކުގެ އިންޖީނުގެތަކާއި ފެނާއި ނަރުދަމާގެ ކަންކަމުގެ މައްޗަށް ވެރިވެގެން އުފައްދާ ހިންގާ ކަންތައްގަނޑެއް! ކީއްވެތަ އެރަށްރަށުގެ ކައުންސިލްތަކާއި އެކަންކަންކުރަން ހަވާލުނުކުރަންވީ! ދަޢުލަތުން އެހީ ދޭންވީ، އެމީހުން ހިންގަންވީ! ދެން ގަވާއިދުން އޮޑިޓް ކުރީމާ ނިމުނީ.

The name is already taken The name is available. Register?

ޞޒބސގ

21 September 2020

ނިޒާމުގެތެރެއިން ޔާމިންވައްކަންކޮއްފަ އޮތީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454