އިންސްޓަގްރާމް ނުހުޅުވާއިރު ފޯނުގެ ކެމެރާ ޖައްސާ މައްސަލާގައި ދައުވާކުރަނީ
22 ސެޕްޓެމްބަރ 2020 - 07:24
މިއީ ސޯޝަލް އެޕްލިކޭޝަންތައް ބޭނުންކުރާ މީހުން ކުރާ ޝަކުވާއެކެވެ. ފޭސްބުކް، އިންސްޓަގްރާމް، ސްނެޕްޗެޓް އަދި ވީޗެޓް ފަދަ އެޕްލިކޭޝަންތައް މެދުވެރިކޮށް ފަރުދީ މައުލޫމާތުން ވައްކަންކުރާ ވާހަކަ އެވެ. ފޭސްބުކަށް މިހާރު ލިބިގެން އުޅެނީ މިހަކަ ލަނޑެކެވެ.
އިންސްޓްގްރާމް ބޭނުންކުރާ އެމެރިކާ މީހަކު ފޭސްބުކާ ދެކޮޅަށް ދައުވާކުރަނީ އެވެ. އެއީ އިންސްޓަގްރާމް ބޭނުން ނުކޮށް އޮންނައިރު ވެސް ފޯނުގެ ކެމެރާ އޮޓަމެޓިކުން ޖައްސައި އޭނާ އުޅޭ ނޫޅޭ ގޮތް ބަލާ ކަމަށް ބުނެ އެވެ. އިންސްޓަގްރާމް ބޭނުންކުރާ މީހަކު ފޭސްބުކާ ދެކޮޅަށް ދައުވާކުރާ ސަބަބަކީ އިންސްޓަގްރާމަކީ ފޭސްބުކުން ހިންގާ ނެޓްވޯކަކަށް ވާތީ އެވެ.
އެމެރިކާގެ ނިއު ޖާޒީގައި ދިރިއުޅޭ ބްރިޓަނީ ބުނީ، އިންސްޓަގްރާމުން ކެމެރާ ޖައްސާކަން އޭނާ ގެންގުޅޭ އައިފޯން ބުނެދޭ ކަމަށެވެ. އޭނާ ފޯނު ބޭނުންނުކޮށް އޮންނައިރު އަދި އަމުދުން އިންސްޓަގްރާމް ނުހުޅުވާއިރު ވެސް އެ ނޮޓިފިކޭޝަން އައިސްފައި އޮންނަ ކަމަށް ބުންޏެވެ. ބްރީޓަނީ ބުނި ގޮތުގައި ނޮޓިފިކޭޝަންތަކުން ދޭހަވަނީ އިންސްޓްގްރާމުން ޖާސޫސްކުރާ ކަމެވެ.
ފޭސްބުކުން، މި މައްސަލާގައި ވާހަކަދައްކަމުން ބުނީ، އިންސްޓަގްރާމް އަޅާފައި އޮންނަ ފޯނެއްގެ ކެމެރާ އަމިއްލަ އަށް ޖެހެނީ އިންސްޓަގްރާމްގައި އުޅޭ "ބަގެއް" – ދޯހަޅި ކަމެއްގެ ސަބަބުން ކަމަށެވެ. އެއީ ޖާސޫސްކުރުން ނޫން ކަމަށް ބުނެ އިންކާރުކުރަމުން ބުނީ، އެކަން ރަނގަޅުކުރާނެ ކަމެވެ.
ބްރިޓަނީ ބުނީ އެއީ ބަގެއް ނޫން ކަމަށާއި ގަސްދުގައި ކުރާ ކަމެއް ކަމަށެވެ. ފޭސްބުކުން އެކަން އެ ގޮތަށް ކުރަނީ އިންސްޓަގްރާމް ބޭނުންކުރާ މީހުން އުޅޭ ތަންތަން ބަލަން ކަމަށެވެ. ގޭތެރޭގައި ގެންގުޅޭ ތަކެތި ބަލައި، ބޭނުންކުރަނީ ކޮން ބާވަތެއްގެ ފަރުނީޗަރެއް ނުވަތަ ކާންބޯން ބޭނުންކުރާ ތަކެތި ވެސް ދެނެގަންނަ ކަމަށް ބުންޏެވެ. އެއީ އެ ޕްރޮޑަކްޓްތައް ވިއްކާ ފިހާރަޔަކާ ޑީލްހަދައި މާލީ މަންފާ ހޯދުމަށް ކަމަށް ވެސް ތުހުމަތުކޮށްފައިވެ އެވެ.
އިންސްޓަގްރާމް ނުވަތަ ފޭސްބުކް ބޭނުންނުކޮށް އޮންނައިރު ފޯނުގެ ކެމެރާއިން ޖާސޫސްކުރުމަކީ، އަމިއްލަ ގެދޮރުގައި ހިނގައިދާ ލަދުވެތި މުއާމަލާތްތައް ވެސް އެހެން ބަޔަކަށް އެނގި ޒާތީ ސިފަ ގެއްލިގެން ހިނގައިދާނެ ކަމެއްގެ ގޮތުގައި ދައުވާގައި ބްރިޓަނީ ފާހަގަކޮށްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަމީރު
22 September 2020
މަގޭ އަންހެނުން މިހާރު އަބަދު ސޯސަލް މީޑިއާ ބޭނުންކުރާ ވަރުން އޭނާއާ ނޯވޭ ވާހަކައެއްވެސް ދައްކާލެވޭކަށް. ދަރިވެސް އޭނައަށް އެތަކެއް ފަހަރު ގޮވާ ވާހަކަ ދައްކާއިރުވެސް ހަމަ އަޑުވެސްނީވި ފޯނަށް ބަލަހައްޓައިގެން އިންނާނެ. ކާން އިށީނަސް ބިސްމި ކިއުމުގެ ބަދަލުގައި ސްނެޕެއް ކޮށްލާނީ. މިހާރު އެކަމާ ހެދި އަންހެނުންދެކެ ވަރަށް ފޫހިވާންވެސް ފަށައިފި.
އެލެކްސްބިންބި
22 September 2020
ނޫނޭ. އަންހެނުންދެކެ ފޫހިވާނެކަމެއްނެތް. އެކޮއިވެސް ސްނެޕްޗެޓާ، އިންސްޓަގްރާމް، ފޭސްބުކް ފަދަ އެޕްތައް ބޭނުންކުރަން ފަށާ. އަންހެނުންނަށް ދޫނުކޮށް ގެއަށްވަންނަގޮތަށް ފޯނަށް ގެއްލިފަހުރޭ. ދެން އެއްވެސް އެޓެންޝަނެއް ނުދިނީމަ އަންހެނުން ޝަކުވާކުރާނެ. އޭރުން ދެން މާ ކަންތައް ބޮޑުވަންޏާ، ފޭސްބުކްގަ ކުރާ ޕޯސްޓަކުން ވަރިކޮށްލާނީ.
ރަބަރު
22 September 2020
މިހާރު މިފަދަ ހުރިހާ ވަސީލަތްތަކަކީ ޖާސޫސްކުރާ ވަސީލތްތަކެއް. އަހަރުމެނަށް ޖާސޫސުކޮށްގެން ލިބޭނެ އެއްޗެއްނެތް. އެހެނަސް އަހަރެން އެފްބީވެސް ދޫކޮށްފިތާ އަހަރު ދުވަސްވެއްޖެ. އެއްކޮށް ދޫކޮށްލެވެންވެސް ނޯވޭ. ފައިދާތަށްވެސް ގިނަވީމަ.