23 ސެޕްޓެމްބަރ 2020 - 07:27
އެމެރިކާގައި ޓިކްޓޮކް އޮޕަރޭޓްކުރަން އެ ގައުމުގެ ދެ ކުންފުންޏެއް ކަމަށްވާ އޮރޭކަލް ކޯޕަރޭޝަނާއި ވޮލްމާޓްގެ މުއާމަލާތް ބަލައިގަންނަ ކަމަށް ވިދާޅުވެ، މިދިޔަ ހޮނިހިރު ވާހަކަ ދެއްކެވުމަށް ފަހު ރައީސް ޑޮނަލްޑް ޓްރަމްޕްގެ ރާގު ބަދަލުވެއްޖެ އެވެ.
ފޮކްސް ނިއުސް އަށް ހޯމަ ދުވަހު ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕް ވިދާޅުވީ ޓިކްޓޮކް ހިންގާ ޗައިނާގެ ބައިޓްޑާންސުން ޓިކްޓޮކްގެ އެމެރިކާގެ އޮޕަރޭޝަންސް އެއްކޮށް އޮރޭކަލް އާއި ވޮލްމާޓަށް ދޫކޮށްނުލާ ނަމަ އެއްބަސްވުން ބަލައިނުގަންނާނެ ކަމަށެވެ. ޓްރަމްޕް މިގޮތަށް ވިދާޅުވެފައި ވަނީ އެ މުއާމަލާތް ބަލައިނުގަންނަން އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރަކު ވެސް މިދިޔަ ހަފުތާގައި ގޮވާލައްވާފައި ވަނިކޮށެވެ.
އެމެރިކާގައި ޓިކްޓޮކް ހިންގަން އޮރޭކަލް އާއި ވޮލްމާޓާ ގުޅެން ބައިޓްޑާންސުން ނިންމީ މި މަހުގެ 14 ވަނަ ދުވަހު އެވެ. އެއާ އެކު އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރެއް ކަމަށްވާ ޖޯޝް ހޯލީ ވިދާޅުވީ ބައިޓްޑާންސާ ބައިވެރިވާ ގޮތަށް އެމެރިކާގެ އޮޕަރޭޝަންސް ކުރިއަށް ގެންދިއުމަކީ އެ ގައުމުގެ ކަންބޮޑުވުންތަކަށް ލިބޭނެ ހައްލެއް ނޫން ކަމަށެވެ. އެހެންޗެ އެމެރިކާ ބޭނުން ވަނީ ޓިކްޓޮކްގެ މުޅި އެމެރިކާގެ އޮޕަރޭޝަންސް ކަމަށް ވިދާޅުވި އެވެ. އެމެރިކާ އިން ބުނާގޮތުގައި ޓިކްޓޮކް ޗައިނާގެ ބައިވެރިވުން އޮންނަ ގޮތަށް ޓިކްޓޮކް ހިންގާ ނަމަ އެމެރިކާގެ ގައުމީ ސަލާމަތަށް އޮތް ނުރައްކަލަށް ހައްލެއް ނެތެވެ.
ޖޯޝްގެ ވާހަކަތަކަށް ބާރު ލިބޭ ގޮތަށް ޓްރަމްޕް ދެއްވި އިންޓަވިއުގައި ތަކުރާރުކޮށް ވިދާޅުވީ އެމެރިކާ އަށް ޓިކްޓޮކްގެ ކޮންޓްރޯލް ނުލިބޭ ނަމަ އެއްބަސްވުން ބަލައިނުގަންނާނެ ކަމަށެވެ.
"އޮރޭކަލް އާއިި ވޮލްމާޓަށް ކޮންޓްރޯލް ނުލިބޭ ކަމަށް ވަންޏާ އެ އެއްބަސްވުމަށް ރުހުމެއް ނުދޭނަން،" ޓްރަމްޕް ވިދާޅުވި އެވެ.
އޮރޭކަލް އާއި ވޮލްމާޓާ އެކު ހެދި އެއްބަސްވުމުގެ ދަށުން ބައިޓްޑާންސުން މިހާރު ވަނީ އެމެރިކާގެ އޮޕަރޭޝަނަށް ހާއްސަކޮށްގެން "ޓިކްޓޮކް ގްލޯބަލް" ގެ ނަމުގައި ސަބްސިޑަރީ ކުންފުންޏެއް ވެސް ހަދަން ނިންމައިފަ އެވެ. އެއީ ބައިޓްޑާންސަށް 80 ޕަސެންޓް ހިއްސާ އަދި އޮރޭކަލް އާއި ވޮލްމާޓަށް 20 ޕަސެންޓް ހިއްސާ އޮންނަ ގޮތަށެވެ. އެގޮތުން އޮރޭކަލްގެ ހިއްސާގެ ނިސްބަތަކީ 12.5 ޕަސެންޓެވެ. ވޮލްމާޓްގެ ނިސްބަތަކީ 7.5 ޕަސެންޓެވެ.
ރިޕޯޓްތައް ބުނާގޮތުން "ޓިކްޓޮކް ގްލޯބަލް" ގެ އޮފީސް ގާއިމުކުރަން ނިންމާފައި ވަނީ އެމެރިކާގެ ޓެކްސަސްގަ އެވެ. އަދި އެއްބަސްވުމާ ބެހޭ މައުލޫމާތު މި މަހުގެ 27 ގައި އާންމުކުރާނެ ކަމަށް ބެލެވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަރީފު
23 September 2020
އިންޑިޢާއިން ވެސް ޗައިނާ ގެ ބައެއްފޯނުތައް ވިއްކުން މަނާކޮއް ޗައިނާ ގެ ސޮފްޓްވެއަތައް ބޭނުންކުރުން މަނާކޮއްފައި ވަނީ. އެމެރިކާ އިންޑިއާ އަދި ޔޫރަޕް ކަންބޮޑުވޭ ޗައިނާ ކުރިއަރާ ދާތީ..ހަމަ ޒާތީ ވަނީ..