ޚަބަރު / އެންޓި ކޮރަޕްޝަން ކޮމިޝަން

ކޮރަޕްޝަނަށް ހުޅުވިފައި އޮތް މާއްދާ އުވާލަން އޭސީސީން އަނެއްކާވެސް އެދިއްޖެ

އޭސީސީގެ އާ މެމްބަރުން: މާލިއްޔަތު ގަވާއިދުގެ 10:27 ވަނަ މާއްދާ އުވާލަން އެ ކޮމިޝަނުން ވަނީ އަންގާފައި. --ފޮޓޯ: ނިޝާން އަލީ/މިހާރު

ބީލަމަށް ހުޅުވާ ނުލައި މަޝްރޫއުތައް ހިންގަން ހަވާލުކުރެވޭ ގޮތަށް މާލިއްޔަތު ގަވާއިދަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ގެނައި އިސްލާހާ އެކު، ކޮރަޕްޝަނަށް ހުޅުވިފައި އޮތް މާއްދާ އުވައިލުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން އަނެއްކާވެސް ސަރުކާރުގައި އެދިއްޖެ އެވެ.

ދައުލަތަށް ތަކެއްޗާއި ހިދުމަތް ހޯދުމަށް ހަވާލުވެ ހުރި ފަރާތްތަކަށް އެ މަސައްކަތްތަކުގެ ތެރެއިން ނާޖާއިޒު ފައިދާ ނުހޯދޭނެ ގޮތަށް މާލިއްޔަތު ގަވާއިދު އޮއްވައި، އިސްލާހެއް ގެނައީ ކުރީގެ ސަރުކާރުގައި، މެއި، 28، 2015 ގަ އެވެ. މި މާއްދާ އަށް އިސްލާހު ގެނައި އެއް ބޭނުމަކީ އޭރު މި ސަރުކާރުގެ އިސްވެރިން ވެސް ތުހުމަތު ކުރެއްވި ގޮތުގައި މަޝްރޫއުތަކުން "ބޮޑެތި ކަޓު" ނެގުމަށެވެ.

އެ އިސްލާހުގައި ވަނީ، ސަރުކާރުން ކަނޑައަޅާ ބިޔަ މަޝްރޫއުތައް ބިޑްކުރުމަކާ ނުލައި އަދި ޓެންޑަ އިވެލުއޭޝަން ބޯޑަށް ހުށަހެޅުމަކާ ނުލައި ވަޒީރުންގެ މަޖިލީހުގެ އިގްތިސާދީ ކަންކަމާ ބެހޭ ކައުންސިލުން ކަނޑައަޅާ ފަރާތްތަކަށް ހަވާލުކުރެވިދާނެ ކަމަށެވެ. ވާދަވެރި ބީލަމުގެ އުސޫލު ނައްތާލައި ބިޑުކުރުމެއް ނެތި ޔާމީންގެ ސަރުކާރުގައި ހަވާލުކޮށްފައިވާ މަޝްރޫއުތަކުގެ ތެރޭގައި ދަރުމަވަންތަ ހޮސްޕިޓަލްގެ 25 ބުރީގެ އިމާރާތް ދެ ބިލިއަން ރުފިޔާ އަށް ސިންގަޕޫރުގެ ޗެންހުއާ ހަވާލު ކުރުމާއި ނަސަންދުރާގެ ބިން 50 އަހަރަށް ކުއްޔަށް ދިނުން ހިމެނެ އެވެ.

މި މާއްދާ އުވައިލަދޭން ފުރަތަމަ އެދުނީ ކުރީގެ ކޮމިޝަނުންނެވެ. އެއީ، ސަރުކާރު ހިއްސާވާ ކުންފުނިތައް މެދުވެރިކޮށް، ކުރީގެ ސަރުކާރުގައި ހިންގި ކަމަށް ތުހުމަތުކުރެވޭ ޚިޔާނާތުގެ އެތައް މިލިއަން ރުފިޔާއެއްގެ މައްސަލަތަކުގެ ތަހުގީގުގައި އެ މާއްދާގެ ތެރެއިން ކޮރަޕްޝަން ހިންގާފައި އޮތް ކަމަށް ފާހަގަވެފައިވާތީ އެވެ. މި މާއްދާގެ ސަބަބުން ކޮރަޕްޝަނަށް މަގު ފަހިވެފައި ވާތީ، އެސެސްމެންޓެއް ހަދައި ސަބަބުތަކާ އެކު މިދިޔަ އަހަރު ހުށަހެޅީ ރައީސް އޮފީހާއި ފިނޭންސް މިނިސްޓްރީ އަށެވެ.

މާލިއްޔަތު ގަވާއިދަށް ގެނައި އިސްލާހުގެ ދަށުން އިމާރާތްކުރަން ހަވާލުކުރި ދަރުމަވަންތަ ހޮސްޕިޓަލް: ބީލަމަށް ނުލައި ބަޔަކާ ހަވާލުކޮށް މި އިމާރާތް އަޅާފައި ވަނީ ދައުލަތަށް އެތައް މިލިއަން ރުފިޔާއެއްގެ ގެއްލުންވާ ގޮތަށް ކަމުގެ ތުހުމަތު މި ސަރުކާރުގެ އިސް ބޭފުޅުން ވެސް ކުރައްވާ. --ފޮޓޯ/މިހާރު

އޭސީސީގެ މީޑިއާ އޮފިޝަލް ހަސަން މަނިކު މިއަދު ވިދާޅުވީ މާލިއްޔަތު ގަވާއިދުގެ 10.27 ވަނަ މާއްދާ އުވައިލަން އަނެއްކާވެސް އެ ކޮމިޝަނުން ފިނޭންސް މިނިސްޓްރީގައި އިއްޔެ އެދުނީ، މިހާރު ތަހުގީގު ކުރާ މައްސަލަތަކުން ފާހަގަވާ ކަންބޮޑުވުންތަކާ ހެދި ކަމަށެވެ. މާލިއްޔަތު ގަވާއިދުގެ އެ މާއްދާ އޮތް ގޮތުން ކޮރަޕްޝަނަށް އޮތް ރިސްކު ބޮޑުވެ، ބީލަމުގެ ވާދަވެރިކަން ގެއްލި، ހާމަކަން ކުޑަވެ ކޮރަޕްޝަން ހިންގުމުގެ ފުރުސަތު ހުޅުވޭ ކަމަށް ކޮމިޝަނުން ދެކޭ ކަމަށް ފިނޭންސް މިނިސްޓްރީ އަށް އަންގާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކޮމިޝަނުން އަންގާފައި ވާނީ ބަލަމުންދާ މައްސަލަތަކުގައި އެކަންކަން ފާހަގަވާތީ އެ މާއްދާ އުވާލައިދޭން،" ހަސަން ވިދާޅުވި އެވެ.

އުވާލަން އެދުނު 10:27 ވަނަ މާއްދާ

(ހ) ދައުލަތުގެ ފަރާތުން ރައްޔިތުންނަށް ދޭން ޖެހޭ ޚިދުމަތެއް ބިޑްކުރުމަކާ ނުލައި ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮންނަ ކުންފުންޏަކާ ނުވަތަ މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގައި ލިސްޓު ކޮށްފައިވާ ސަރުކާރުގެ ހިއްސާ ހިމެނޭ ކުންފުންޏަކާ ނުވަތަ ގައުމީ ޖަމިއްޔާއެއް ނުވަތަ ޖަމާއަތެއް ކަމަށް ސަރުކާރުން ގަބޫލުކުރާ މުއައްސަސާއަކާ ހަވާލުކޮށްގެން އެ މަސައްކަތެއް ކުރެވިދާނެ އެވެ. ނަމަވެސް މަސައްކަތް ހަވާލުކުރާނެ ފަރާތެއް ކަނޑައަޅަން ވާނީ މަސައްކަތުގެ ބާވަތާއި މަަސައްކަތުގެ އަގާއި މަސައްކަތް ހަވާލުކުރާ ފަރާތް ހިމެނޭ ގޮތަށް ނެޝަނަލް ޓެންޑަ ބޯޑަށް އެ މައުލޫމާތު ހުށަހަޅައި މިނިސްޓަރުގެ ލަފާގެ މަތިން އެ ބޯޑުގެ ހުއްދަ ލިއުމަކުން ހޯދުމަށް ފަހުގަ އެވެ.

(ށ) ބޭރު ގައުމެއްގެ އެހީގައި ނުވަތަ ކޮންސެޝަނަލް ލޯނެއްގެ ދަށުން ހިންގާ މަޝްރޫއުތަކާއި ސަރުކާރުން ކަނޑައަޅާ ބިޔަ މަޝްރޫއެއް ހިންގުމުގައި ބިޑްކުރުމަކާ ނުލައި ވަޒީރުންގެ މަޖިލީހުން ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއެއްގެ މަޝްވަރާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ފަރާތަކާ ހަވާލުކޮށްގެން އެ މަޝްރޫއެއް ހިންގިދާނެ އެވެ. މިގޮތުން މަޝްރޫއު ހަވާލުކުރެވޭ ފަރާތަކީ މާލީ ގޮތުންނާއި ފަންނަނީ ގޮތުން އެ މަޝްރޫއެއް ހިންގުމަށް އެކަށީގެންވާ ފަރާތެއް ކަން ކަށަވަރުކުރަންވާނެ އެވެ.

އިސްލާހު ކުރުމުގެ ކުރިން އެ މާއްދާ އޮތް ގޮތް

މާލިއްޔަތު ގަވާއިދު ކުރިން އޮތީ ދައުލަތަށް ތަކެއްޗާއި ހިދުމަތް ހޯދުމަށް ހަވާލުވެ ހުރި ފަރާތްތަކަށް އެ މަސައްކަތްތަކުގެ ތެރެއިން ނާޖާއިޒު ފައިދާ ނުހޯދޭނެ ގޮތަށެވެ. އެގޮތުން، 35،000ރ. އަށް ވުރެ ބޮޑު މަސައްކަތެއް ކުރާ ނަމަ ބަޔަކު ހޯދަން ޖެހެނީ އާއްމުކޮށް އިއުލާންކޮށްގެން ވާދަވެރި މާހައުލެއްގެ ތެރެއިންނެވެ. ކިތަންމެ ބޮޑު މަޝްރޫއަކަށް އަމަލުކުރަމުން އައީ މި އުސޫލަށެވެ.

އެހެންކަމުން ހުށަހަޅާ ޕްރޮޕޯސަލްތައް އިވެލުއޭޓްކޮށް، މަޝްރުއޫތައް ހަވާލުކުރަން ޖެހެނީ ދައުލަތަށް އެންމެ ފައިދާ ބޮޑު އަގެއް ހުށަހަޅާ ބަޔަކާ އެވެ.

މިގޮތަށް މި މާއްދާ އޮތުމުން، ދައުލަތުގެ ނުފޫޒު ފަދަ މަގާމްތަކުގައި ތިބޭ ފަރާތްތަކުން ބޭނުން ގޮތަކަށް އަމަލުކުރަން ހުރަހަކަށް ވެ އެވެ.

އެ މާއްދާ އުވާލަން އޭސީސީން މިދިޔަ އަހަރު ހުށަހެޅި ސަބަބުތައް:

ބިޑްކުރުމަކާ ނުލައި ސަރުކާރުގެ މަސައްކަތްތައް ހަވާލުކުރުމުގެ އުސޫލުން ކޮރަޕްޝަނަށް ފުރުސަތު އޮތް މިންވަރު ބަލަން ހެދި އެސެސްމެންޓަށް ފަހު އޭސީސީން މިދިޔަ އަހަރު ރައީސް އޮފީހަށް ހުށަހެޅި ރިޕޯޓުގައި ވެސް ބޮޑެތި ކަންބޮޑުވުންތަކެއް ވަނީ ފާހަގަކޮށްފަ އެވެ. ކޮމިޝަނުން ބުނީ މާލިއްޔަތު ގަވާއިދަށް ގެނައި އެ އިސްލާހު އޮތީ ކޮރަޕްޝަން ހުއްޓުވުމުގެ ބައިނަލްއަގުވާމީ މައިގަނޑު އުސޫލުތަކާއި ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ މައިގަނޑު އަސާސްތަކާ ފުށުއަރާ، އަދި ދައުލަތުން ތަކެއްޗާއި ހިދުމަތް ހޯދުމުގައި އަގުތައް އިންތިހާ އަށް ބޮޑުވެ ހާމަކަން ގެއްލި އަދި ވާދަވެރިކަން ނެތި، ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށެވެ.

އެ ރިޕޯޓުގައި ކޮމިޝަނުން ބުނެފައި ވަނީ 10:27 ވަނަ މާއްދާގެ ދަށުން ސަރުކާރުގެ ބައެއް މަސައްކަތްތައް ހަވާލުކުރަނީ އެ ހަވާލުކުރެވޭ މަސައްކަތަކީ އެ ކުންފުނީގެ އަސްލީ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ބާވަތުގެ މަސައްކަތެއްތޯ ވެސް ބެލުމަކާ ނުލަ އެވެ. މިގޮތަށް ހަވާލުކޮށް، އެ ކުންފުންޏަކަށް އެ މަސައްކަތް ނުކުރެވުމުން ތިން ވަނަ ފަރާތަކަށް ހަވާލުކުރަނީ ގިނަ ފަހަރަށް އާންމުކޮށް ބީލަމަށް ހުޅުވާނުލައި ދައުލަތަށް ގެއްލުންވާ ގޮތަށް ކަމަށް އޭސީސީން ބުނެފައިވެ އެވެ.

ކޮމިޝަނުން ބުނެފައިވާ ގޮތުގައި މިގޮތަށް މިކަން ގިނަފަހަރަށް ކޮށްފައިވަނީ، ދައުލަތުގެ ޕްރޮކިއުމަންޓް އުސޫލުތަކަށް އަމަލުނުކޮށް ވަކި ފަރާތަކަށް ފައިދާ ހޯދައިދިނުމަށެވެ.

އެ ކޮމިޝަނުން އެދިފައި ވަނީ، ދައުލަތުން ކުރިއާލައި ރާވައިގެން ދައުލަތުގެ ބަޖެޓުން ހަރަދުކުރާ ބޮޑެތި މަޝްރޫއުތައް އާންމުކޮށް ބީލަމަށް ހުޅުވާ ނުލައި ދޫކުރަން ޖެހިއްޖެ ހާލަތެއްގައި ދޫކުރަން ވާނީ، ސަރުކާރުގެ ސަތޭކަ ޕަސެންޓު ހިއްސާ އޮންނަ ކުންފުނިތަކަށް ކަމަށް ބަޔާންކުރާ މާއްދާއެއް ގަވާއިދުގައި ހިމެނުމަށެވެ. މި ހާލަތުގައި ވެސް އެފަދަ ކުންފުންޏަކާ މަސައްކަތް ހަވާލުކުރަން ވާނީ ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން ހަމަ އަގުގައި ކަމަށް އޭސީސީން ބުނެފައިވެ އެވެ. ސަރުކާރުގެ ސަތޭކަ ޕަސެންޓް ހިއްސާ އޮންނަ ކުންފުނިތަކާ ހަވާލުކުރެވޭ ގޮތަށް ބާއްވާ ނަމަ، އެކަން އޮންނަންވާނީ އެފަދަ ކުންފުންޏަކާ ހަވާލު ކުރެވޭ މަސައްކަތް، އެހެން ތިންވަނަ ފަރާތަކާ ހަވާލު ނުކުރެވޭ ގޮތަށް ކަމަށް ވެސް ގަވާއިދުގައި ހިމެނުމަށް އޭސީސީން އޮތީ ލަފާ ދީފަ އެވެ.

މީގެ އިތުރުން ވެސް ގަވާއިދަށް ގެންނަން ޖެހޭ އިސްލާހުތަކެއްގެ ލަފާ އެ ރިޕޯޓުގައި އޭސީސީން އޮތީ ދީފަ އެވެ.

މި ސަރުކާރުން އޮތީ ކޮރަޕްޝަނަށް ޒީރޯ ޓޮލަރެންސްގެ ސިޔާސަތެއް ކަން އިއުލާންކޮށްފަ އެވެ. ކޮރަޕްޝަންގެ މައްސަލަތައް ސީރިއަސްކޮށް ބަލައި، އެކަން ހުއްޓުވަން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމުގެ ޔަގީންކަން ވެސް ރައްޔިތުންނަށް އޮތީ ދީފަ އެވެ.

17 ކޮމެންޓް, 26 ރިއެކްޝަންސް

icon happy icon happy 85%
icon sad icon sad 4%
icon angry icon angry 12%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޟަދަޤާތު ފަންޑު

24 September 2020

ޔާމީނަކީ ވައްކަމަށް ހުރިހާ ދޮރެއް ހުޅުވި މީހެކެވެ. ނިކަން ބަލާ ބޭރުގެ ޤައުމު ތަކުން ނުވަތަ މާލީ އިދާރާ ތަކުން ރާއްޖެ އަށް ނަގާ ލޯނު މަޖްލީހުން ރުހުން ދޭ ގޮތަށް ޤާނޫނުގައި އޮތް މާއްދާ ވެސް ޔާމީނު ސަރުކާރުގައި އޮތީ އުވާލާފައެވެ.އަދި ކޮބާ 50 އަހަރަށް ދީފައިވާ ރިޒޯޓް ތަކުގެ ކުލި 99 އަހަރަށް ދިގުކޮށް 49 އަހަރުގެ ކުލި ވެސް ވަނީ ނަގާފައެވެ. ފ.އަތޮޅުވެސް ވިއްކާ ނުލެވުނީ އިންފްލެންޒާ ރޯގާ ގެ ސަބަބުން ނެވެ. އެވަރު މީހެއް ޔާމީނަކީ.

The name is already taken The name is available. Register?

ހތރހ

23 September 2020

ތިޔަ ދެ މާއްދާ އުވާލާކަށް ނުފެނޭ. ތަރައްގީ ގެނައުމަށް ލިބޭ ބާރެއް ތިޔަ ދެ މާއްދާ އަކީ. އިހްލާސްތެރިކަމާއެކު ކުރީމަ މައްސަލަ އެއް ނުޖެހޭނެ.

The name is already taken The name is available. Register?

ަަްއަދުބެ

23 September 2020

އެމް.ޑަބްލިއު.އެސްސީ އެމްޑީ ސާހު ވަނީ ވަރަށް ފަހުން ތިގޮތަށް ސަތޭކަ މިލިޔަން ގެ ތެޔޮ ވަކި ބަޔަކަށް ދީފަ. މެމޯ އެކަނި ފުދޭނަޔޯ.

The name is already taken The name is available. Register?

އަބްދުﷲބެ

23 September 2020

އެއްވެސް ރަނގަޅު މަސައްކަތެއް އަދި ނުކުރޭ.. ފެންނަނީ އެހެން ބަޔަކާ ތިކަން ހަވާލުކުރަން.

The name is already taken The name is available. Register?

ވޭޓަރުސޮރު

23 September 2020

ކޮބައިހޭ ޓްރާންސްޕޭރަންސީ އޮފް މޯލްޑިވްސް ގެ އައިމަން މިއޮށް ހިންގާހާ ކޮރޮޕްޝަން ނުފެންނަނީހޭ؟؟ އަދިވެސް ހުދުގަމީސް ލައިފަ މަވެފަ ޑިމޮކްރަސީއޭކިޔަން ތޮލާލާ ދެމިހުން ނިކުންނާތި!

The name is already taken The name is available. Register?

ހޯރަ

23 September 2020

ހުސްވަގުން.މުޅި ގައުމު ކާލައިފި.

The name is already taken The name is available. Register?

ހަސާންބޭބެ

23 September 2020

ފުރަތަމަ ތިޔަ 5 ބޭފުޅުން އިސްތިއުފާ ދެއްވާ.. އޭސީސީގެ މެމްބަރުންގެ މަސްއޫލިއްޔަތު އަދާކުރެއްވޭނެފަދަ ގާބިލުކަމެއްނެތް ތިބޭފުޅުންގެ

The name is already taken The name is available. Register?

ދިއްދޫމީހާ

23 September 2020

ޔާމީން ގާނޫނަ ގެނާ އިސްލާހްތައް ހުރީ ހުރިގޮތައް، އުވާލީ އަބުރުގެ ގާނޫނު، އެގާނޫނު އުވާލީ ބޮޑުންނަ ފައިދާ ނުކުރާ ގާނޫނަކަ ވާތީ، އެގާނޫނު އޮތީމާ ރޯބުހުތާނު ދޮގުހަދާ މީހުންގެ އަބުރުކަތިލަން އުދަގޫވާނެތީ، އެއްވެ އުޅުމުގެ ގާނޫނުވެސް އޮތީ އޮތްގޮތައް، ނަންބަދަލުވީ ކީރިތިއަ ކަންހަމަ ހިންގަނީ އެއްގޮތަކަ،،

The name is already taken The name is available. Register?

ހޮޅިވަޢުދު

23 September 2020

ވައްކަމާ ދެކޮޅަށް އައިސް 2 އަހަރުވާއިރުވެސް ވައްކަންކުރެވޭ މާއްދާތައް އުވާނުލެވެ.

The name is already taken The name is available. Register?

ގަބނަން

23 September 2020

ދުނިޔޭގެ ގިނަ ގައުމު ތަކުގައި ޕާޓީތަކުން ސަރުކާރާ ހަވާލުވެ ގައުމު ތަރައްގީ ކުރަނީ މިގައުމުގަ ޕާޓީތަކުން ސަރުކާރާ ހަވާލުބެ ބަލަނީ ވައްކަންކުރެވޭތޯ ގާނޫނާ ގަވާއިދުތައްވެސް ވައްކަމަށް ފަހިވާގޮތަށް ބަދަލުކުރަނީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454