ސިޔާސީ / މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން

އަނެއްކާ ވެސް އިއްތިހާދެއް؟ ބޮޑު ސުވާލެއް!

ޑރ. ޖަމީލާއި ކުރީގެ ރައީސް ނަޝީދާއި ބައެއް ސިޔާސީ ބޭފުޅުން ލަންޑަނުގައި: ރައީސް ޔާމީންގެ ސަރުކާރާ ދެކޮޅު އިއްތިހާދެއް އިއްޔެ ވަނީ އުފައްދާފައި.

އިއްޔެ އަކީ ރާއްޖޭގެ ސިޔާސީ ތާރީހުގައި އަނެއްކާވެސް ފާހަގަކުރެވޭ ދުވަހަކަށް ވެއްޖެ އެވެ. ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާ ދެކޮޅަށް ފުރަތަމަ ފަހަރަށް އިއްތިހާދެއް ގާއިމުކޮށް، ރަސްމީކޮށް މަސައްކަތްތައް ފެށި ދުވަހެވެ. ވެރިކަން ހޯދަން އިއްތިހާދު އުފެއްދުމުގެ ސިލްސިލާ އަށް ބޮޅެއް އިތުރުވި ދުވަހެވެ. ޔުނައިޓެޑް އޮޕޮޒިޝަންގެ ނަމުގައި ލަންޑަންގައި އުފެއްދި މި އިއްތިހާދާ އެކު ހަނދާނަށް އަންނަނީ މިދިޔަ އަހަރުތަކުގައި ނާކާމިޔާބުވި މިފަދަ ހަރަކާތްތަކުގެ މަތިންނެވެ. މި އިއްތިހާދުތަކުގެ ހިތި ތަޖުރިބާ ކުރެއްވި ބޭބޭފުޅުން، އާ އިއްތިހާދުގައި ވެސް އެބަ ތިއްބެވި އެވެ.

ރައީސް ޔާމީންގެ ސަރުކާރުގެ ފުރަތަމަ ނައިބު ރައީސް މުހައްމަދު ޖަމީލް އިސްވެ ހަރަކާތްތެރިވެވަޑައިގަންނަވާ ޔުނައިޓެޑް އޮޕޮޒިޝަން މިފަހަރު މި ނުކުތީ މިދިޔަ ދުވަސްތަކުގެ ތަޖުރިބާތަކަށް ފަހު އެވެ. އިއްތިހާދު ހެދުމުގެ ގެއްލުމާއި ފައިދާ އޭގައި ހިމެނިވަޑައިގަންނަވާ ހުރިހާ ބޭފުޅުންނަށް ވެސް އެނގިވަޑައިގަންނަވަ އެވެ. ސިޔާސީ ގޮތުން ހިޔާލު ތަފާތު އެތައް ބޭފުޅުންނެއް ގޮވައިގެން ވެރިކަމާ ހަމައަށް އައުމަކީ ފަސޭހަ ކަމެއް ނޫނެވެ. ޔުނައިޓެޑް އޮޕޮޒިޝަން އުފެއްދިކަން އިއުލާން ކުރެއްވުމުގެ ގޮތުން، ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅުގައި އެކަން ހާއްސަ ގޮތަކަށް ފާހަގަކުރެއްވީ ވެސް އެހެންވެ އެވެ.

މީގެ ކުރިން ބޮޑު އިއްތިހާދެއް 2008 ގައި އެކުލަވާލާފައިވާ ކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ އެ ފަހަރުގެ އިއްތިހާދުން އުފެދުނު ހިޔާލުތަފާތުވުުންތަކަކީ އިސްލާހަށް މަސައްކަތް ނުކުރަންވީ ކަމެއް ނޫން ކަމަށެވެ. އަދި މިހާރުގެ ހިޔާލު ތަފާތުވުންތައް ނައްތާލައި، ހުރިހާ އެންމެން ގުޅިގެން މަސައްކަތް ކުރުމަށް އެމަނިކުފާނު ހާއްސަ ކަމެއްގެ ގޮތުގައި ގޮވައިލެއްވީ ވެސް އިއްތިހާދުގެ ތަޖުރިބާ މާޒީގައި ހިތިވީމަ އެވެ.

ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް: އެއް އިރެއްގައި ނަޝީދަށް އެންމެ ބޮޑަށް ފާޑުވިދާޅުވި އެއް ބޭފުޅަކީ ޖަމީލް ކަމަށް ވިޔަސް، އެއީ މިހާރު ސިޔާސީ ގޮތުން އެއް ފިކުރެއްގެ ދެ ބޭފުޅުން.

ރައީސް ޔާމީންގެ ސަރުކާރާ ދެކޮޅު އިއްތިހާދު ލީޑް ކުރައްވަނީ ޖަމީލް ކަމަށްވާއިރު، އެއީ މިހާތަނަށް ނަޝީދަށް އެންމެ ބޮޑަށް ފާޑުވިދާޅުވި އެއް ބޭފުޅެވެ. ރައީސް ޔާމީނާ އެކު މިދިޔަ ރިޔާސީ ކެމްޕެއިންގައި މަސައްކަތްޕުޅު ކުރެއްވިއިރު، ނަޝީދާ ދެކޮޅު ވާހަކަތައް ޖަމީލްގެ ފަރާތުން އައި މިންވަރު އެހެން ހުރިހާ ސިޔާސީ ލީޑަރުންނަށް ވުރެ ގިނަ އެވެ. އެ ހަރުކަށި ބަސްތައް އެތައް ބައެއްގެ ސިކުނޑީގައި އަދިވެސް ހަރުލާފައި އެބަ ހުއްޓެވެ. ނަމަވެސް ކޯލިޝަން ލީޑް ކުރުން ޖަމީލާ ހަވާލުކުރެއްވުމަށް ފަހު، ނަޝީދު ވަނީ ފަހަތަށް ޖެހިވަޑައިގެންފަ އެވެ. ނަޝީދު ހިމެނިވަޑައިގަންނަވަނީ ކޯލިޝަނަށް ލަފާ ދެއްވަން ހަމަޖެއްސި ތިން އެޑްވައިޒަރުންގެ ތެރޭގަ އެވެ.

ޖަމީލް ކޯލިޝަން ލީޑް ކުރައްވަނީ ކީއްވެ؟

މިއީ އަދި ސީދާ ޖަވާބު ނުލިބޭ ސުވާލެކެވެ. ރައީސް ޔާމީނާ ދެކޮޅު އިއްތިހާދުގައި، އާންމުންގެ ތާއީދު އެންމެ ބޮޑު ބޭފުޅެއްގެ ގޮތުގައި ހުންނެވީ ނަޝީދު ކަމަށް ވިޔަސް އެމަނިކުފާނު ލީޑް ނުކުރައްވަނީ ކީއްވެ ހެއްޔެވެ؟ އެއް އިރެއްގައި ނަޝީދާ އެންމެ ބޮޑު ހަތުރުވެރިއެއްގެ ގޮތުގައި ހުންނެވި ޖަމީލްއާ ކޯލިޝަން ހަވާލުކުރެއްވީ ކީއްވެ ހެއްޔެވެ؟

ނަޝީދަކީ ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލާގައި 13 އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި ބޭފުޅެކެވެ. ބޭސްފަރުވާ އަށް އިނގިރޭސި ވިލާތަށް ވަޑައިގަތުމަށް ފަހު، އެ ގައުމުން ހިމާޔަތް ހޯއްދަވައިގެން ހުންނެވި ބޭފުޅެކެވެ. ކޯލިޝަން ލީޑް ކުރެއްވުމަށް ޖަމީލާ ހަވާލުކުރެއްވި އެއް ސަބަބަކީ އެއީ ކަމަށް ވެދާނެ އެވެ. އަނެއްކޮޅުން ޖަމީލަކީ ރައީސް ޔާމީންގެ ސަރުކާރުގެ ފުރަތަމަ ނައިބު ރައީސް އަށް ވެފައި، އެމަނިކުފާނު މަގާމު ދުރުކުރި އުސޫލުތަކަށް ބަލާއިރު، މިއީ މި ދަނޑިވަޅުގައި ބައިނަލްއަގްވާމީ ގޮތުން ވިއްކަން ފަސޭހަ ބޭފުޅަކަށް ވުން ވަރަށް ގާތެވެ. ރައީސް ޔާމީންގެ ސަރުކާރުގައި ދެވަނަ އަށް އެންމެ އިސްކޮށް މަސައްކަތް ކުރެއްވި ބޭފުޅެއް ދެއްކުމަކީ، ބައެއް ސިޔާސީ ތަޖުރިބާކާރުން ދެކޭ ގޮތުގައި، ބައިނަލްއަގްވާމީ ފަރާތްތަކަށް އަމާޒުކޮށް ކޯލިޝަނުން ކުރި ކަމެކެވެ.

އިއްތިހާދުން ލަންޑަންގައި އިއްޔެ ބޭއްވި ޕްރެސް ކޮންފަރެންސް: އަމާޒު ހިފާފައި ވަނީ ރައީސް ޔާމީންގެ ވެރިކަން ބަދަލުކުރަން.

ރައީސް ޔާމީން މަގާމުން ދުރުކޮށް، 2018ގެ ކުރިން އިންތިހާބެއް ބޭއްވޭތޯ މަސައްކަތްކުރަން ކޯލިޝަނުން ވަނީ އެއްބަސްވެފަ އެވެ. އެހެން ކަމަށް ވާ ނަމަ، ބައެއް ސިޔާސީ ތަޖުރިބާކާރުންގެ ނަޒަރުގައި ޖަމީލް ބޭނުންކުރާނީ އެ ހިސާބަށް ވާސިލްވުމާ ހަމައަށެވެ. ރައީސް ޔާމީން މަގާމުން ދުރުކުރެވިއްޖެ ނަމަ، ރިޔާސީ އިންތިހާބެއް ބޭއްވުމާ ހަމައަށް ވަގުތީ ގޮތުން އުފެދޭ ސަރުކާރެއްގައި އިސްކޮށް ޖަމީލް ހުންނެވުން ވަރަށް ގާތެވެ. އިންތިހާބަށް ނުކުންނަވާނެ ބޭފުޅެއް އަދި ނޭނގެ އެވެ. އެ ހިސާބަށް މަންޒަރު ބަދަލުވާނެ ގޮތެއް ވެސް ނޭނގެ އެވެ.

އިއްތިހާދުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު، ޖަމީލް ނޫސްވެރިންގެ ސުވާލްތަކަށް އިއްޔެ ޖަވާބު ދެއްވަނީ. -

ރައީސް ޔާމީނާ ދެކޮޅު ކޯލިޝަނެއް އުފެއްދުމުން، ސަރުކާރުގެ ފަރާތުން އެންމެ ފާޅުކަން ބޮޑު ގޮތެއްގައި ފާޑުވިދާޅުވަނީ ހޯމް މިނިސްޓަރު އުމަރު ނަސީރެވެ. އޭނާ ވިދާޅުވާ ގޮތުގައި ވަގުތު ޖެހުމުން ނަޝީދު "ޖަމީލް ކޮއްޕައި ވައްޓާލާނެ" އެވެ.

"ޖަމީލް އެ ބޭނުން ކުރައްވަނީ ކޯރު ހުރަސްކުރައްވަން. ކޯރު ހުރަސްކުރެވުނީމާ ކޮއްޕައި ވައްޓާލާނެ. އޭގެ ފަހުން ފެންނާނީ ނަޝީދު. ޖަމީލަކީ ކޯރު ހުރަސް ކުރައްވަން ނަޝީދު ގެންގުޅުއްވާ ހިމާރެއް. އެކަން ހާސިލްވީމާ ކަތިލާފައި ދޫކޮށްލާނެ،" އިއްތިހާދުތަކުގެ ނާކާމިޔާބީ ދަތުރުތައް ފާހަގަކުރައްވަމުން އުމަރު ވިދާޅުވި އެވެ.

"އެކަމަކު ޖަމީލަކީ ވެސް ވަރަށް ސްމާޓް ބޭފުޅެއް. ޖަމީލު ވެސް ސިޔާސީ ގޮތުން ކުޅުއްވާނެ. އެކަން ހަނދާން ކުރަން ޖެހޭނެ."

މީގެ ކުރިން ބޮޑު އިއްތިހާދެއް 2008 ގައި އެކުލަވާލާފައިވާ ކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ އެ ފަހަރުގެ އިއްތިހާދުން އުފެދުނު ހިޔާލުތަފާތުވުުންތަކަކީ އިސްލާހަށް މަސައްކަތް ނުކުރަންވީ ކަމެއް ނޫން ކަމަށެވެ.

ރައީސް ޔާމީނާ ދެކޮޅު އިއްތިހާދުގައި ސިޔާސީ ގޮތުން، އެމަނިކުފާނާ ދެކޮޅު ހުރިހާ ފިކުރެއްގެ ބޭފުޅުން އިސްކޮށް އެބަ ތިއްބެވި އެވެ. ރައީސް ޔާމީން އަވަހާރަކޮށްލުމަށް ރިޔާސީ ލޯންޗްކޮޅުގައި އައިއީޑީއެއް ގޮއްވި ކަމާއި ކޮރަޕްޝަންގެ ތުހުމަތު ކުރެވޭ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާ ހިސާބުން ފެށިގެން، އިދިކޮޅު ހުރިހާ ފިކުރެއް ތަމްސީލް އެބަ ކުރެ އެވެ. އިއްތިހާދުގެ ހިޔަނި ކެބިނެޓުގައި 19 ބޭފުޅަކު ތިއްބެވިއިރު، ސިޔާސީ ގޮތުން ހިޔާލު އެއްގޮތް ހުރިހާ ބޭފުޅުންނަށް ވަނީ އެ ކެބިނެޓުން ޖާގަ ދީފައިވެ އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު ފުލުހުންގެ ބެލުމުގެ ދަށުގައި: ނަޝީދު ހިމެނިވަޑައިގަންނަވަނީ މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަންގެ ތިން އެޑްވައިޒަރުންގެ ތެރޭގައި. --ފޮޓޯ: ސޯޝަލް މީޑިއާ

ނަޝީދު ވެރިކަމަށް ވަޑައިގަތުމަށް 2008 ގައި އުފެއްދި އިއްތިހާދު އަދި ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތުމަށް 2013 ގައި އުފެއްދި އިއްތިހާދާ ބަލާއިރު، މިފަހަރުގެ އިއްތިހާދު ފެންނަނީ ވަރަށް ރޭވުންތެރި ގޮތެއްގަ އެވެ. ފަށާފައި ވަނީ ވެސް ވަރަށް ބޮޑަށް ތައްޔާރުވެ އަދި އެ ބައެއްގެ މަސްއޫލިއްޔަތުތައް ވަކި ތަރަހައެއްގެ ތެރޭގައި ބަހައްޓައިގެންނެވެ. ކުރިއާ ލައި ހުރިހާ މަގާމުތައް އިއުލާންކޮށް، އެ މަގާމުތަކުގެ އިންތައް ވަކިކޮށްގެންނެވެ. ނަމަވެސް ސަރުކާރަށް އަދި އެ އިއްތިހާދު ފެންނަނީ "ސައިބޯނި ބޮތްކެއް" ފަދަ ގޮތަކަށެވެ.

"ޖަމީލް އެ ބޭނުން ކުރައްވަނީ ކޯރު ހުރަސްކުރައްވަން. ކޯރު ހުރަސްކުރެވުނީމާ ކޮއްޕައި ވައްޓާލާނެ. އޭގެ ފަހުން ފެންނާނީ ނަޝީދު. ޖަމީލަކީ ކޯރު ހުރަސް ކުރައްވަން ނަޝީދު ގެންގުޅުއްވާ ހިމާރެއް. އެކަން ހާސިލްވީމާ ކަތިލާފައި ދޫކޮށްލާނެ،"

މިނިސްޓަރު އުމަރު ވިދާޅުވާ ގޮތުގައި 2008 އާ ހިލާފަށް ނަޝީދަކީ ރައްޔިތުން ޓެސްޓް ކުރައްވާފައިވާ ބޭފުޅަކަށް ވާތީ، ކާމިޔާބު ނުވާނެކަން ވަރަށް ބޮޑަށް ޔަގީނެވެވެ.

"ހަމަ ތި ލަވަ ކިޔަމުން 2008 ގައި ވެރިކަމަށް އައީ. އެކަމަކު ވެރިކަަމަށް އައިސް ނަޝީދު ވީ ޑިކްޓޭޓަރަކަށް. މީޑިއާގެ މިނިވަންކަމަށް ހުރަސްއެޅި. ވަކި ކުންފުންޏެއް ހަދައިގެން ޓީވީ މޯލްޑިވްސް ހިސޯރުކުރި. ގާނޫނާ ހިލާފަށް ކުރެވެން ހުރި ހުރިހާ ކަމެއް ނަޝީދު ކުރެއްވި. އެހެންވީމާ މިފަހަރު ރައްޔިތުންނަށް އެނގޭނެ ނަޝީދަކީ ކާކުކަން. ކުރިއާ މިހާރާ އެންމެ ބޮޑު ތަފާތަކީ އެއީ،" އުމަރު ވިދާޅުވި އެވެ.

އިއްތިހާދާ އެކު ޕްރެޝަރު ބޮޑުވާނެތަ؟

ސަރުކާރާ ދެކޮޅަށް ބޮޑު އިއްތިހާދެއް ނުކުމެ، އަދި ވަކި ކަހަލަ އަމާޒުތަކަކަށް މަސައްކަތް ކުރަން ފެށުމަކީ ކުޑަ ކަމެއް ނޫނެވެ. ހާއްސަކޮށް ނަޝީދުގެ ފަހަތުގައި ބައިނަލްއަގްވާމީ އެކި ގައުމުތަކާއި ޖަމާއަތްތައް އިސްވެ ހަރަކާތްތެރިވާއިރު، މިފަދަ ހަރަކާތްތަކަށް އެމީހުންގެ މަދަދު ނުލިބިއެއް ނުދާނެ އެވެ. މި އިއްތިހާދު ރޭވިފައި އޮތް ގޮތުން ނަމަ، ރާއްޖޭގައި ކުރާ މަސައްކަތްތަކުގެ އިތުރުން ބައިނަލްއަގްވާމީ މަސައްކަތްތަކަށް ހާއްސަ އިސްކަމެއް ދީފައި އޮތްކަން ފާހަގަކުރެވެ އެވެ. އެހެންވެ މިއީ އެންމެ ބޮޑު އެއް ޕްރެޝަރު ސަރުކާރަށް އަންނާނެ ދިމާލަކަށް ވެދާނެ އެވެ.

ނަމަވެސް ސަރުކާރުން ދެކެނީ އެއްވެސް ޕްރެޝަރެއް ނެތް ކަމަށެވެ. ފޮރިން މިނިސްޓަރު ދުންޔާ މައުމޫނާއި ހޯމް މިނިސްޓަރު އުމަރު ވެސް ވިދާޅުވީ އިދިކޮޅު ކޯލިޝަނަކީ ސަރުކާރަށް އޮތް ގޮންޖެހުމެއް ނޫން ކަމަށެވެ.

"އިންޓަނޭޝަނަލް ޕްރެޝަރު ދޭން ތިބި ގައުމުތަކަށް ވެސް އެނގޭނެ ކޯލިޝަނަކީ ކިހާ ލޫޒް އެއްްޗެއްކަން. ކޯލިޝަނަކީ ރިޔާސީ ނިޒާމެއްގައި މަސައްކަތް ކުރާނެ އެއްޗެއް ނޫން،" އުމަރު ވިދާޅުވި އެވެ.

ފުލުހުންގެ ބައެއް އިސް ވެރިންނާ އެކު ހޯމް މިނިސްޓަރު އުމަރު ހޯރަފުށީގައި: ކޯލިޝަން ހެދުމަކީ ކާމިޔާބެއް ނޫން ކަމަށް ވިދާޅުވޭ.---ފޮޓޯ: ޕޮލިސް

"ރިިޔާސީ ނިޒާމެއްގައި ކޯލިޝަނަކީ ކޮސްމެޓިކް ހަރަކާތެއް."

ކޯލިޝަނަކީ ރައީސް ޔާމީނަށް ބައިނަލްއަގްވާމީ ގޮތުން އޮތް ޕްރެޝަރެއްތޯ ތަކުރާރުކޮށް ދެންނެވުމުން ވެސް އުމަރުގެ ޖަވާބަކީ "ކައިރި ވެސް ނުކުރާނެ" ކަމަށެވެ.

އިދިކޮޅު އިއްތިހާދުގެ ސަބަބުން ސަރުކާރަށް ލޮޅުން އަންނަ ނަމަ އެކަން ކުރިއަށް އޮތް ތަނުގައި ސާފުވަމުންދާނެ އެވެ. ރައީސް ޔާމީންގެ ސަރުކާރުގެ އެކި ސިޔާސަތުތަކަށް ފާރަވެރިވެ، ހަމަ މަގަށް އެޅުވުން އިތުރުވާނެ ކަމަށް ބެލެވެ އެވެ. އިއްތިހާދުގެ ލީޑަރު ޖަމީލް ވިދާޅުވާ ގޮތުން ވެސް ދައުލަތުގެ ހުރިހާ ބާރުތައް މުށުތެރެއަށް ޖަމާކުރައްވައި ގާނޫނުތައް މުގުރައި ހުދުމުހުތާރު ވެރިކަމެއް ކުރެއްވުމުގެ ފުރުސަތެއް އިދިކޮޅު އިއްތިހާދުން ރައީސް ޔާމީނަށް ދެނެއް ނުދޭނެ އެވެ.

22 ކޮމެންޓް, 83 ރިއެކްޝަންސް

icon happy icon happy 75%
icon sad icon sad 0%
icon angry icon angry 25%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ފުވައްމުލަކު މީހާ

02 June 2016

ޖަމީލަކީ އިދިކޮޅު އިއްތިހާދެއް ނަގާ ދެމެހެއްޓޭ ފެންވަރުގެ ބޭފުޅެއްނޫން. އަދި ތިއިއްތިހާދު އެހެންބައެއްގެ ކަމަކާނުލާ އަމިއްލަ ޒާތުގައި ނެތިގެން ދިއުމަކީ އިއްތިހާދު ދެމިއޮތުމަށްވުރެ އަވަސްކަމެއް.

The name is already taken The name is available. Register?

ހާޖީ

02 June 2016

އަސްލު މި އިއްތިހާދު އުފެއްދުމުގެ އެއްމެބޮޑު އެއް މަގުސަދަކީ މިހާރު ޔޫކޭގަ ދިރިއުޅެމުންދާ ހުރިހާއެންމެންގެ ކޮޓަރި ކުލިދެްކުމާ އަދި ދިރިއުޅުމުގެ އެހެނިހެހެން ހަރަދުތަށް ހަމަޖެއްސުމައް ފައިސާހޯދުމަށްކަން ޔަގީން މިކަންދެން ކުރަމުންދާނީ އެމްޑީޕީއައް ސަރުކާރުންދޭ ފައިސާއިންކަން އެއީ ޔަގީންކަމެއް ، މީހުންގެ ލޮލުގަ އަނދުން އެޅުވުމުގެ ބޭނުމުގަ އިއްތިހާދޭ ކިޔައިގެން މިވެރިން މިކުޅިގަނޑު ކުޅެންމިފެށީ

The name is already taken The name is available. Register?

ޖުމޭ

02 June 2016

މިޤައުމަކީ މިއަދު ވަކިބައެއްގެ މުދާ ގަނޑަކަށްވެ، ޔާމީނުގެ ކޮރަޕްޝަނާއި ފަސާދަޔާއި ބިރުދެއްކުމުގެ ޒަމާނީ ގޮތްތަކުން މިޤައުމު ސަލާމަތްކުރުމަށް ކުރާ މަސައްކަތުގައި ބަރަކާތް ލައްވާށި!

The name is already taken The name is available. Register?

ގޮހޮޑާ

02 June 2016

ދެން ޥާނީ ކިހިނެއް؟

The name is already taken The name is available. Register?

އަލިދީދީއައްޑޫސިޓީ

02 June 2016

ދިވެހިރާއްޖޭގައި ދިގުމުއްދަކަށް ވެރިކަންކޮށް އޭގެ އަރާމާއި ލައްޒަތު ލިބި ކޮއިލުތެރޭގައި ވިހައި ބޮޑުވީމަކާ އެ އުފަލާއި އެ އަރާމު ދިރިއުޅުން އަތުންބީވެ ދިޔައިމާ އަނބުރާ އެހޯދުމަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރާނެ. އެހެންކަމުން، ކޯލިޝަން ހެދިޔަސް ނުހެދިޔަސް، ރާއްޖޭގައި އެހެން ބަޔަކަށް ވެރިކަން ކުރެވޭނީ މިދެންނެވި ޖަރާސީމަށް ފަރުވާއެއް ހޯދުނު ދުވަހަކުން.

The name is already taken The name is available. Register?

ބީތާ

16 September 2016

މައުމޫނާއި ޔާމީނު ވާހަކަ ދޯ؟

The name is already taken The name is available. Register?

ފޫހި

02 June 2016

ދުނިޔޭގެ އެންމެ ބޮޑު ޖަމުއްޔާ އދ.ގައި ރަސްކްނކުރަނީ، ބާރުގަދަ ގައުމުތައް. ދެންހުރި ހުރިހާ ގައުމުތަކަށް ހަދަނީ ހަދާނެގޮތް. ނަޝީދު ސަރުކާ ފޭލިވީ ޖުޑީޝަރީއަށް އަތްބާނައި އޭނަ ބޭނުންވި ގޮތެއް ހަދަންއުޅެން ހަދައިގެން. ކާކުބާ މިއުޅެނީ ޝަރިއަތުން ބޭނުންގޮތަކަށް ނިޔާ ކަނޑަނޭޅިގެން. ކާކުބާ ކޮން ކަމެއް ނުކުރެވިގެން މިނިވަން މުއައްސަސާތަކުގެ މީހުންނަށް ބިރުދައްކަމުން ދުވީ. ކާކުބާ މިކަންކަން ރާއްޖެއަށް ތަޢާރުފުކޮށްދިނީ. ކާކުބާ ޢާއިލާގެ މީހުންނަށާ ރައްޓެހި ރަހުމަތްތެރިންނަށާ ޕާޓީގެ އެކްޓިވިސްޓުންނަށާ ތަންގަނޑު މީހުންނަށް ވަޒީފާތައް ހަމަޖައްސައިދިނީ. ކަންކަން ޚުދުމުޚުތާރު މަގުން ދިޔަތަން ފެނުނު ތިންއަހަރެއް ދިޔަ. އޯޑިޓް ކުރަން ބެލިއިރު ތަނުގެ ލިޔެކިޔުމެއް ނެތް ކިތައް އޮފީސް ހަދައިގެން އުޅުނުތަން ފެނުނު. އަދިއަދަށްވެސް އެއުޅެނީ ފައިސާ ޚަރަދުކުރި ގޮތް ނޭނގިގެން. ކޮންކަމެއް އިސްލާހުކުރަން ނަމުގަ ހަދައިގެން އުޅޭ އިއްތިހާދެއްކަމެއް ނޭނގުނު. ކަމެއް ރަނގަޅުކުރާނެނަމަ މައްސަލައެއްނެތް. ކޮންމެ ބަޔަކު ކުރިނަމަވެސް.

The name is already taken The name is available. Register?

ސަކީނާ

02 June 2016

މާ މަގްބޫލު މީހުން މިސަރުކާރުގައި ތިބެނީ ޖަލުގައި. ނިކަން ވިސްނާލަބަލަ. އެބަހުރިތަ ހުކުމްނުކުރާ އަރުވާނުލެވި ހުރި އިދިކޮޅު އެކަކުވެސް. ނެތް. ދެން ހުރީ ގާސިމް. އެފަކީރު އަނގަ ހުޅުވިޔަސް މުދާކޮޅު ދައުލަތައް. މުޅި ގައުމު ޔާމީނުގެ ފުލުހުން ކޮންޓްރޯލްކުރަނީ. އެމީހުންނަށް 2 މިލިއަން ރޯދަ އިނާޔަތައް އެކަނިވެސް.

The name is already taken The name is available. Register?

ގައުމު

02 June 2016

ތިޔަ އިއްތިހާދުން އިނގިރޭސި ވިލާތުގެ ކޮންމެވެސް އަވަށްގަނޑެއްގައި ވެރިކަން ކުރޭ. މިޤައުމަށް ތިޔަ ބައިމީހުން އަންނާނެ ކަމެއް ނެތް. ތިޔަ ބައި މީހުންނަކީ މިޤައުގެ ޚާއިނުން އަދި ދުޝްމަނުން. މި ޤައުމު މިހާރު ތިޔައިން އެއްވެސް ބަޔަކު ބޭނުމެއް ނުވޭ. މިހާރު މިދުވަސްކޮޅު އަހަރެމެންނަށް ހަމަ ނޭވާލައިގެން މަގުތަކުގައި ހިނގާލެވި ހަމަނިދި ނިދާލެވޭ.

The name is already taken The name is available. Register?

އެނަމީއޮފްމައިއެނަމީ

02 June 2016

އަޅުގަނޑު ޢަދާވާތްތެރިޔާގެ ޢަދާވާތްތެރިޔާއަކީ އަޅުގަނޑުގެ ރަޙްމަތްތެރިއެކެވެ. ތިޔައީ މި އުސޫލުން އުފެދުނު އިއްތިޙާދެކެވެ. ޢަދާވާތްތެރިޔާ ނެތިކޮށްލުމުން އިއްތިހާދު ރޫޅި ވަޅު ޖެހޭނެެއެވެ. ޖަމީލަކީ ކޮންމެވެސް ވަރަކަށް ދީނީ ފިކުރުގެ މީހެކެވެ. ނަޝީދަކީ ގުރުއާނާ ސުންނަތް ނޫން އޯލްޓަރނޭޓިވަކަށް ގޮވާ މީހެކެވެ. އަދީބަކީ އަދި މުޅިން އެހެން ފިކުރެއްގެ މީހެކެވެ. ތިޔައިން ދެމީހަކަށް އެކީގައި ނޫޅެވޭނެއެވެ. އެއް އުރައިގެ ދެކަނޑިއެއް ނޯންނަ ބދައިންނެވެ.

The name is already taken The name is available. Register?

ހިޔަނި އިއްތިހާދު

02 June 2016

ތިޔަ އިއްތިހާދުގެ މަގްސަދު ހާސިލުކުރެވިދާނެއެވެ. އެއީ އެމީހުންގެ މަގުސަދަކީ ޔާމީންގެ ވެރިކަން ނިންމުން ކަމަށްވާނަމައެވެ. އެކަމަކު އެންމެން ގުޅިގެން އައު ވެރިކަމެއް ނުކުރެވޭނެއެވެ. އެއިރެއްގައި އޮންނަ ސަރުކާރެއް ވައްޓާލުމުގައި އިއްތިހާދުތަކުން ވަނީ ވަރަށް މަތީ ކާމިޔާބެއް ހޯދާފައެވެ. ނަމަވެސް ވެރިކަން ލިބުމުން އެންމެނަށް އެއްލަވަ ނުކިޔި ޚިޔާލުތަފާތުވެ އިއްތިހާދު ރޫޅެނީއެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454