ނަޝީދު އަދިވެސް ލަންކާގައި، ޖަމީލް އަދި ވަޑައެއްނުގަންނަވާ!

ރާއްޖޭގެ ސިޔާސީ މަސްރަހާ ގުޅޭ މުހިއްމު ބައްދަލުވުންތަކަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ސްރީ ލަންކާގައި އަދިވެސް ހުންނެވިއިރު ކުރީގެ ނައިބު ރައީސް އަދި އިދިކޮޅު އިއްތިހާދުގެ ލީޑަރު ޑރ. މުހައްމަދު ޖަމީލް އަހްމަދު އަދި ލަންކާ އަށް ވަޑައެއް ނުގަންނަވަ އެވެ.


ނަޝީދާ އެކު ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގަތުމަށް ޖަމީލް މިދިޔަ ހަފުތާގައި ލަންކާ އަށް ވަޑައިގަންނަވާނެ ކަމަށް އޮތީ އަޑުފެތުރިފަ އެވެ. އެކަމަކު ޖަމީލް އަދި ހުންނެވީ އިނގިރޭސިވިލާތުގަ އެވެ.

ޖަމީލްގެ ދަތުރުފުޅު ލަސްކުރައްވާ ސަބަބެއް އަދި ސާފެއް ނުވެ އެވެ. އިނގިރޭސިވިލާތުގެ ސިޔާސީ ހިމާޔަތް ހޯއްދަވައިގެން ތިއްބެވި ސިޔާސީ ލީޑަރުންގެ ތެރެއިން ނަޝީދާ އެކު މިވަގުތު ލަންކާގައި ހުންނެވީ އެމްޑީޕީގެ ޗެއާޕާސަން އަދި އިދިކޮޅު އިއްތިހާދުގެ ނައިބު ލީޑަރު އަލީ ވަހީދެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ބަދަލުކޮށް އިންތިގާލީ ސަރުކާރަކަށް މަގުފަހިކުރަން އުފައްދާފައިވާ އިއްތިހާދުގެ އިސް ބޭފުޅުން ލަންކާ އަށް ކުރައްވާ ދަތުރާ ބެހޭ ގޮތުން އެ އިއްތިހާދުގެ އިސް ބޭފުޅުން ރަސްމީކޮށް ވާހަކައެއް ނުދައްކަވަ އެވެ.

އެކަމަކު މައުލޫމާތު އެނގިވަޑައިގަންނަވާ ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި އެ ބައްދަލުވުންތަކަށް ފަހު ރާއްޖޭގެ ސިޔާސީ މަސްރަހުން ބޮޑު ބަދަލުތަކެއް ފެންނާނެ އެވެ. އެ ބަދަލުތައް ގެންނަން ލަންކާގެ އެހީތެރިކަން ބޮޑުވާނެ ކަމަށް ވެސް އެ ބޭފުޅުން ވިދާޅުވެ އެވެ.

އިދިކޮޅު އެމްޑީޕީގެ އިންޓަނޭޝަނަލް ސްޕޯކްސްޕާސަން ހާމިދު އަބްދުލްޣަފޫރު އާދީއްތަ ދުވަހު ވިދާޅުވެފައި ވަނީ އިންގިތާލީ ސަރުކާރާ ގުޅޭ މަޝްވަރާތައް ލަންކާގައި ވެސް ކުރިއަށްދާ ކަމަށެވެ. މާ ބޮޑު ތަފްސީލެއް ނުދެއްވައި ވިދާޅުވީ އެކި ދުވަސްވަރު އެކި ބޭފުޅުން ވަޑައިގެން މަޝްވަރާތައް ކުރިއަށް ގެންދަވާ ކަމަށެވެ.

ރައީސް އަބްދުﷲ ޔާމީން، ކުރީގެ ނައިބު ރައީސް ޖަމީލާ ސަލާމް ކުރައްވަނީ. ލަންކާގައި ކުރިއަށްދާ ބައްދަލުވުންތަކަށް ފަހު ރާއްޖޭގެ ސިޔާސީ މަސްރަހުން ބަދަލުތަކެއް ފެންނާނެ ކަމަށް ބުނޭ. - ފޮޓޯ: ރައީސް އޮފީސް

އިދިކޮޅު ލީޑަރުން ރާއްޖޭގެ ސިޔާސީ މަސްރަހު ބަދަލުކުރަން މަސައްކަތް ކުރައްވާއިރު މަދު ހަފުތާތަކެއްގެ ތެރޭގައި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ވައްޓާލަން ރާވާފައިވާ ކަމަށް ބީބީސީން ވަނީ ރިޕޯޓްކޮށްފަ އެވެ.

ބީބީސީގައި ޝާއިއުކުރި ރިޕޯޓެއްގައި، އިތުބާރު ހުރި ފަރާތްތަކާ ހަވާލާ ދީ ބުނެފައިވާ ގޮތުގައި، ރައީސް ޔާމީން ވެރިކަމުން ދުރުކުރުމުގެ "ފިޔަވަޅުތައް" ވަރަށް އަވަހަށް އަޅަން ވަނީ ރާވާފަ އެވެ. އެކަމަކު އޭގެ ތަފްސީލު ހިމަނާފައެއް ނުވެ އެވެ.

މި ރިޕޯޓާ އެކު "ބަޣާވާތަކުން" ސަރުކާރު ވައްޓާލަން މަސައްކަތްކުރާ ކަމަށް ބުނެ ސަރުކާރުގެ ފާޑުކިޔުން އިއްތިހާދަށް އަމާޒުކޮށް، އެ ފުރުސަތު ނުދޭނެ ކަމަށް ސަރުކާރުގެ އިސް ވެރިން ގެންދަވަނީ ވިދާޅުވަމުންނެވެ.

އިއްތިހާދުން ބުނެފައި ވަނީ ގާނޫނުއަސާސީއާ ހިލާފުވެ ރައްޔިތުންނަށް ގެއްލުންދީ ހިންގާ ވިޔާނުދާ އަމަލުތައް ހުއްޓުވަން ކުރާ މަސައްކަތްތަކަކީ ބަޣާވާތެއް ކަމަށް ފްރޭމްކުރަނީ ސަރުކާރުން ކަމަށެވެ. ރައްޔިތުންނަށް ފެންނަމުން މިދަނީ ސަރުކާރުގެ ވިޔާނުދާ އަމަލުތަކާ ހެދި އަމިއްލަ އަށް ވެއްޓޭ މަންޒަރު ކަމަށް ވެސް އިއްތިހާދުން ވަނީ ބުނެފަ އެވެ.