ފަރުވާ ދީގެން އެޗްއައިވީން ރަނގަޅުވި "ބާލިން ޕޭޝަންޓް" ބްރައުން. --ފޮޓޯ:ގެޓީ އިމޭޖަސް
01 އޮކްޓޯބަރ 2020 - 09:53
ކެލިފޯނިއާ (އޮކްޓޯބަރު 1) - ފަރުވާ ދީގެން، އެޗްއައިވީން ރަނގަޅުވި ފުރަތަމަ މީހާ ޓިމޮތީ ރޭ ބްރައުން ކެންސަރު ބަލީގައި މަރުވެއްޖެ އެވެ.
"ބާލިން ޕޭޝަންޓް"ގެ ނަމުން މަޝްހޫރުވި ބްރައުން އަކީ، ފަރުވާ ދީގެން މީގެ އަހަރުތަކެއް ކުރިން ރަނގަޅުވުމުން، އޭޑްސް ބަލި ޖެހިފައި ތިބި ގާތްގަނޑަކަށް 38 މިލިއަން މީހުންނަށް ލިބުނު އުއްމީދެކެވެ. ބޯން މެރޯ ޓްރާންސްޕްލާންޓް ހަދައިގެން އޭނާ އެޗްއައިވީން ރަނގަޅުވީ 2007 ވަނަ އަހަރު އެވެ.
އެމެރިކާގެ ކެލިފޯނިއާ އަށް އުފަން ބްރައުން، 54، އަށް އެޗްއައިވީ ޖެހިފައިވާކަން 1995 ވަނަ އަހަރު އެނގުނީ އޭނާ ކިޔަން ބާލިންގައި ހުރި އިރެވެ. އޭގެ ފަހުން 2007 ވަނަ އަހަރު އޭނާ އަށް ވަނީ ލޭގެ ކެންސަރު ޖެހިފަ އެވެ. އެ ބަލީގެ ފަރުވާ އަށް ބާލިންގެ ފްރީ ޔުނިވާސިޓީގެ ޑޮކްޓަރުން ވަނީ ބްރައުންގެ ސްޓެމް ސެލް ޓްރާންސްޕްލާންޓް ހަދައިފަ އެވެ. އަދި އެ ދެ ބަލިން ވެސް ބްރައުން ވަނީ 2008 ވަނަ އަހަރު މުޅިން ރަނގަޅުވެފަ އެވެ. ނަމަވެސް މި އަހަރު ކުރީކޮޅު އޭނާ އަށް އަނެއްކާވެސް ވަނީ ލޭގެ ކެންސަރު ޖެހި، ސިކުންޑި އާއި މައިބަދަ އަށް އޭގެ އަސަރުކޮށްފަ އެވެ.
އެޗްއައިވީން ބްރައުން ރަނގަޅުވިތާ 10 އަހަރު ފަހުން އިނގިރޭސި ވިލާތުގެ ޕޭޝަންޓަކު ވެސް ވަނީ އެ ފަރުވަ ދީގެން އެޗްއައިވީން ރަނގަޅުވެފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy