މުނިފޫހިފިލުވުން / ބޮލީވުޑް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ކަންގަނާ.

02 އޮކްޓޯބަރ 2020 - 08:38

އަކްޝޭ ކުމާރުގެ ސްޕައި ތުރިލާ "ބެލް ބޮޓަމް" ގެ ޝޫޓިން އެއްކޮށް ނިންމާލައި، ފިލްމުގެ ފުރަތަމަ ޕޯސްޓަރު ދައްކާލައިފި އެވެ.

އޯގަސްޓް މަހުގެ ފަހުކޮޅުން ފެށިގެން ސްކޮޓްލެންޑްގައި އެއްކޮށްހެން ޝޫޓްކުރި ފިލްމުގެ މަސައްކަތް ނިންމާލައި، ކާސްޓާއި ކްރޫ ލަންޑަނަށް ދިޔައީ ނިމުނު ހަފުތާގެ ފަހުކޮޅު އެވެ. ޝޫޓިން އެއްކޮށް ނިންމާލެވިފައިވާތީ ފިލްމުގެ ޓީމް ފެށޭ ހަފުތާގެ ތެރޭގައި އެނބުރި އިންޑިއާ އަށް ދާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

މި ފިލްމަކީ ކޮވިޑް-19އާ ދިމާކޮށް ހުއްޓުމަކަށް އައި ފިލްމީ މަސައްކަތްތައް އަލުން ފަށަން ޖޫން މަހުގެ ތެރޭގައި ހުއްދަ ލިބުމާ އެކު އަކްޝޭ މަސައްކަތް ފެށި ފުރަތަމަ ފިލްމެވެ. "ބެލް ބޮޓަމް" ގެ މަސައްކަތަށް ފަހު ދެން އޭނާ އެންމެ އަވަހަށް ފަށާނީ "ޕްރިތުވީރާޖް" ގެ މަސައްކަތެވެ. އޭގެ ފަހުން "އަތުރަންގީ ރޭ" އެވެ. އަކްޝޭ ޝޫޓްކުރަން ހުރި އިތުރު ފިލްމުތަކުގެ ތެރޭގައި "ބައްޗަން ޕާންޑޭ" އާއި "ރަކްޝާބަންދަން" ވެސް ހިމެނެ އެވެ.

އަންނަ އަހަރުގެ އެޕްރީލް 2 ގައި ރިލީޒްކުރާ "ބެލް ބޮޓަމް" އަކީ ރަންޖީތު ތިވާރީ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. މީގެ ކާސްޓުންގެ ތެރޭގައި ވާނީ ކަޕޫރާއި ލާރާ ދައްތާ އާއި ހުމާ ގްރޭޝީގެ އިތުރުން އާދިލް ހުސައިން ހިމެނެ އެވެ.

ދޯނީ ވެބް ސީރީޒެއް ޕްރޮޑިއުސްކުރަނީ

އިންޑިއާގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ އެމްއެސް ދޯނީގެ އަމިއްލަ ކުންފުނި ދޯނީ އެންޓަޓައިންމަންޓުން ވެބް ސީރީޒެއް ގެނެސްދޭން ނިންމައިފި އެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އޭނާ ހަދާ ފުރަތަމަ ވެބް ސީރީޒަކީ މިތޮލޮޖިކަލް ސައިންސް-ފިކްޝަން އެއްޗެކެވެ. އަދި މީގެ ވާހަކަ ބިނާކުރާނީ އަލަށް ލިޔުންތެރިކަމުގެ ތެރެއަށް ނުކުމެގެން އުޅޭ އުންމީދީ ލިޔުންތެރިޔަކު ނެރެން ތައްޔާރުވަމުން އަންނަ ފޮތަކަށެވެ. އެކަމަކު އޭގެ ތަފުސީލެއް އަދި ނުލިބެ އެވެ.

ދޯނީ މިދިޔަ އަހަރު ވަނީ "ރޯރް އޮފް ދަ ލަޔަން" ގެ ނަމުގައި ޑޮކިއު-ސީރީޒެއް ވެސް ގެނެސްދީފަ އެވެ.

"ލަކްޝްމީ ބޮމް" ގެ އާ ޕޯސްޓަރެއް

އަންނަ މަހުގެ 9 ގައި ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރިމިއާކުރާ އަކްޝޭ ކުމާރުގެ ފިލްމު "ލަކްޝްމީ ބޮމް" ގެ އާ ޕޯސްޓަރަކާ އެކު، ފިލްމު ސިނަމާތަކުގައި ދައްކާނެ ބައެއް ގައުމުތައް އިއުލާންކޮށްފި އެވެ.

އިންޑިއާގެ ސިނަމާތައް ކޮވިޑް-19 ގެ ބަލިމަޑުކަމާ ހެދި ބަންދުކުރަން ޖެހުމުން ޑިޖިޓަލްކޮށް އިންޑިއާގައި ޕްރިމިއާކުރަން ނިންމި ފިލްމު އަޅުވާނެ ގައުމުތަކުގެ ތެރޭގައި އޮސްޓްރޭލިއާ އާއި ނިއު ޒީލެންޑާއި ޔޫއޭއީ ހިމެނެ އެވެ. "ލަކްޝްމީ ބޮމް" ޑިޖިޓަލްކޮށް ޕްރިމިއާކުރަން ނިންމި އިރު، އިންޑިއާގެ ސިނަމާތައް މި މަހުގެ 15 ގައި ހުޅުވަން މިހާރު ވަނީ ހުއްދަ ދީފަ އެވެ.

މި ފިލްމަކީ ތަމަޅަ ޑައިރެކްޓަރު ރަގަވާ ލޯރެންސް ޑައިރެކްޓްކޮށްފައިވާ ހޮރޯ-ކޮމެޑީއެކެވެ. އަކްޝޭއާ އެކު "ލަކްޝްމީ ބޮމް" ގެ ބަތަލާގެ ރޯލުން ފެނިގެން ދާނީ ކިއާރާ އަދުވާނީ އެވެ.

"ތަލައިވީ" ނިންމަން އަމާޒު ހިފައިފި

އިންޑިއާގެ ޓަމިލް ނާޑޫ ސްޓޭޓްގެ ކުރީގެ ޗީފް މިނިސްޓަރު ޖަޔަލަލީތާގެ ރޯލް ކަންގަނާ ރަނާވަތު ކުޅޭ ފިލްމު "ތަލައިވީ" ގެ ނުނިމި ހުރި މަސައްކަތްތައް އަލުން ފަށައިފި އެވެ.

އެ ވާހަކަ ޓްވިޓާގައި ހިއްސާކުރަމުން ހުނަރުވެރި ބަތަލާ ބުނީ ހަތް މަސް ފަހުން ފިލްމުގެ މަސައްކަތް ފެށުމަކީ ވަރަށް ހާއްސަ ކަމެއް ކަމަށެވެ. އިންޑިއާގައި ވާހަކަ ދައްކާ ގިނަ ބަހުރުވަތަކުން ގެނެސްދޭ މި ފިލްމަކީ ތަމަޅަ ޑައިރެކްޓަރު އޭއެލް ވިޖޭ ޑައިރެކްޓްކުރާ ފިލްމެކެވެ.

"ތަލައިވީ" ގެ ކާސްޓުންގެ ތެރޭގައި ބަގިޔާޝްރީ އާއި މަދޫ އާއި އަރްވިންދު ސުވާމީ އާއި ޕްރަކާޝް ރާޖާއި ޖިއްޝޫ ސެންގުޕްތާގެ އިތުރުން ޕޫރްނާ ހިމެނެ އެވެ.

މި ފިލްމަކީ ކުރިން ޖޫން މަހުގެ 26 ގައި އަޅުވަން ޕްލޭންކުރި ފިލްމެކެވެ. އެކަމަކު ކޮވިޑް-19 ގެ ހިޔަނީގައި ފިލްމުގެ މަސައްކަތް ހުއްޓި އެ ފުރުސަތު ގެއްލުނީ އެވެ. "ތަލައިވީ" ގެ މަސައްކަތް އަލުން ފެށި ނަމަވެސް ރިލީޒްކުރާނެ ތާރީހެއް އަދި އިއުލާނެއްނުކުރެ އެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 100%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454