ކުޅިވަރު / އިންގްލިޝް ޕްރިމިއާ ލީގް

އެވަޓަން ކުރީގައި، ބިއެލްސާގެ ލީޑްސް އިން ސިޓީ ހިފަހައްޓައިފި

ސިޓީގެ ޑިބްރޭނާ (ކ) ހުއްޓުވަން ލީޑްސްގެ ފިލިޕްސް މަސައްކަތްކުރަނީ.-- ފޮޓޯ: އޭއެފްޕީ

04 އޮކްޓޯބަރ 2020 - 10:35

3 comments

ލަންޑަން (އޮކްޓޫބަރު 4) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ބްރައިޓަން އަތުން 4-2 އިން މޮޅުވެ އެވަޓަން އިން ސައްތަ އިން ސައްތަ ރެކޯޑް ދަމަހައްޓައި ލީގުގެ އެއް ވަނަ އަށް ޖެހިލިއިރު، ތަޖުރިބާކާރު ކޯޗު މާސެލޯ ބިއެލްސާގެ ލީޑްސް ޔުނައިޓެޑުން 1-1 އިން މެންޗެސްޓާ ސިޓީއާ އެއްވަރުކޮށްފި އެވެ.

މި ފަހަރު ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ކާލޯ އަންޗެލޮޓީގެ ކޯޗުކަމުގައި ކުޅޭ އެވަޓަން މޮޅުވިއިރު، މިއީ އެ ކްލަބުން މިދިޔަ 50 އަހަރު ތެރޭ ހަތަރު މޮޅާ އެކު ލީގު ފެށި ފުރަތަމަ ފަހަރެވެ. އެވަޓަން އެއް ވަނައިގައި އޮތީ 12 ޕޮއިންޓާ އެކު އެވެ. ދެ ވަަނައިގައި އޮތް ލެސްޓާ ސިޓީ އާއި ތިން ވަނައިގައި އޮތް ލިވަޕޫލަށް ތިން މެޗުން ލިބުނީ ނުވަ ޕޮއިންޓެވެ. މިއަދު ލިވަޕޫލާއި ލެސްޓާ ކުޅޭ މެޗުތަކަށް ފަހު ލީގުގެ ފުރަތަމަ ތިން މަގާމަށް ބަދަލުތަކެއް އައުމުގެ ފުރުސަތު އެބައޮތެވެ.

އެވަޓަންގެ ގުޑިސަން ޕާކުގައި ކުޅުނު މި މެޗު ފަށައިގެން 16 ވަނަ މިނިޓްގައި އެވަޓަން އަށް ލީޑުނަގައިދިނީ މި ވަގުތު ތަފާތު ފޯމެއްގައި ހުރި ޒުވާން އިނގިރޭސި ފޯވާޑް ޑޮމިނިކް ކަލްވެޓް-ލެވިން އެވެ. އޭނާ މި ގޯލު ޖެހީ ބޮލުންނެވެ. ބްރައިޓަން އިން 41 ވަނަ މިނިޓްގައި އެއްވަރުކުރީ ނީލް މޯޕޭ ޖެހި ގޯލުންނެވެ. މިއީ އެވަޓަންގެ ކީޕަރު ޖޯޑަން ޕިކްފޯޑް ހެދި ގޯހަކުން މޯޕޭ ޖެހި ގޯލެކެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން އެވަޓަން އަށް ލީޑުނަގައިދިނީ ހަމޭސް ރޮޑްރިގޭޒް ނަގައިދިން ހިލޭ ޖެހުމަކުން ޔެރީ މީނާ އެވެ. ދެ ވަނަ ހާފްގައި ހަމޭސް ވަނީ އިތުރު ދެ ގޯލު ޖަހައި އެވަޓަންގެ ލީޑުފުޅާކޮށްދީފަ އެވެ. އިތުރު ވަގުތުގައި ބްރައިޓަންގެ ދެ ވަނަ ގޯލު ޖެހީ ޔްވެސް ބިސޫމާ އެވެ.

އެވަަޓަންގެ ހަމޭސް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

އަންޗެލޮޓީ ބުނީ މިއީ އޭނާ އުއްމީދުކުރި ވަރަށް ވުރެ ވެސް ރަނގަޅު ފެށުމެއް ކަމަށާއި މި ފޯމު ދަމަހައްޓަން އޮތް ޗެލެންޖް އޭނާ އަށް ވަރަށް ޝައުގުވެރިކަމަށެވެ. އެވަޓަން ދެން ކުޅޭ މެޗުގައި ބައްދަލުކުރާނީ އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލާ އެވެ.

ލީޑްސްގެ އެލަން ރޯޑްގައި ކުޅުނު މެޗުގައި ސިޓީ އަށް ލީޑުނަގައިދިނީ މެޗުގެ 17 ވަނަ މިނިޓްގައި ރަހީމް ސްޓާލިންނެވެ. ފުރަތަމަ ހާފުގައި ލީޑްސް އަށް އެއްވަރުކޮށްދޭން ސްޓުއާޓް ޑަލަސް އާއި ލޫކް އޭލިން އަށް ލިބުނު ފުރުސަތުތަކުން ފޮނުވާލި ބޯޅަ ސިޓީގެ ބްރެޒިލް ކީޕަރު އެޑަސަން މޮރާއެސް ވަނީ މަތަކޮށްފަ އެވެ.

ދެ ވަނަ ހާފްގެ ކުރީކޮޅުގައި ލީޑްސް އިން ދެ ބަދަލު ގެނެސް ކުޅުން ރަނގަޅުކުރި އެވެ. އެގޮތުން އެ ޓީމުން ވަނީ އިއާން ޕޮވޭޑާ އާއި ރޮޑްރީގޯ މޮރޭނޯ ކުޅެން އަރުވައިފަ އެވެ. ލީޑްސް އަށް އެއްވަރުކޮށްދިން ގޯލު ޖެހީ 59 ވަނަ މިނިޓްގައި ރޮޑްރީގޯ އެވެ. މިއީ ސިޓީގެ ކީޕަރު އެޑަސަން އަތުން ދޫވި ބޯޅައެއް ހޯދައިގެން ރޮޑްރީގޯ ޖެހި ގޯލެކެވެ. ލީޑްސް އަށް ލީޑުނަގައިދޭން ރޮޑްރީގޯ ބޮލުން ޖެހި ބޯޅަ އެޑަސަން ވަނީ ހުއްޓުވައިފަ އެވެ.

ބަދަލުތައް ގެނެސްގެން ސިޓީން ވެސް މޮޅުވާން ގިނަ މަސައްކަތްތަކެއް ކުރި އެވެ. އެ ގޮތުން ސްޓާލިން އާއި ބެނާޑޯ ސިލްވާ އަދި ރިޔާދު މާރޭޒް ޖެހި ބޯޅަތައް ދިޔައީ ގޯލާ ސީދާނުވެ އެވެ.

މެޗުގެ ތެރެއިން ލީޑްސްގެ ކޯޗު ބިއެލްސާ (ކ) އާއި ސިޓީގެ ކޯޗު ގާޑިއޯލާ ކުޅުންތެރިންނަށް ބުނެދެނީ.-- ފޮޓޯ: އޭއެފްޕީ

ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ ބިއެލްސާ އަކީ ވިސްނުންތެރި މޮޅު ކޯޗެއް ކަަމަށާއި އޭނާގެ ކޯޗުކަމުގައި ލީޑްސް ކުޅޭ ސްޓައިލުންނާއި އެ ޓީމާ ދެކޮޅަށް މި ފަހަރު މިހާތަނަށް ކުޅުނު ޓީމުތަކަށް ވެސް ކުރިމަތިވި ޗެލެންޖުން އެނގެނީ ބިއެލްސާގެ ތަފާތުކަން ކަމަށެވެ.

"ފުރަތަމަ މިނިޓުން ފެށިގެން އަހަންނަށް މި ޗެލެންޖް އިހުސާސްވެއްޖެ. މިއީ ވަރަށް އުނދަގޫ މެޗެއް. ބިއެލްސާ އޭނާގެ ތަފާތު ދައްކައިފި،" އޭނާ އަށް ކޯޗަކަށް ވުމަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދިން ބިއެލްސާއާ ބެހޭގޮތުން ގާޑިއޯލާ ބުންޏެވެ.

ލީގުގައި ޗެލްސީ ކުޅުނު މެޗުން ވަނީ ދެ ވަނަ ހާފްގެ ގޯލުތަކާ އެކު 4-0 އިން ކްރިސްޓަލް ޕެލަސް ބަލިކޮށްފަ އެވެ. ޗެލްސީ އަށް ލީޑުނަގައިދިނީ މި ސީޒަނުގައި އެ ޓީމާ ގުޅުނު އިނގިރޭސި ވާތުބެކް ބެން ޗިލްވެލް އެވެ. ލީޑުފުޅާކޮށްދިން ގޯލު ޖެހީ ފްރާންސްގެ ޑިފެންޑަރު ކާޓް ޒޫމާ އެވެ. މިއީ ޗިލްވެލް ނަގައިދިން ހުރަހަކުން ޒޫމާ ބޮލުން ޖެހި ގޯލެކެވެ. ޗެލްސީގެ ފަހު ދެ ގޯލު ދެ ޕެނަލްޓީން ކާމިޔާބުކުރީ އިޓަލީގެ މިޑްފީލްޑަރު ޖޯޖީނިއޯ އެވެ.

3 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މޯށް

04 October 2020

އަލަށް ފްރޮމޯޓްވި ބައެއްގެ އަތުން ބަލި ނުވެ ސަލާމަތްވީ ކިރިޔާ. ގާޑިޔޯލާ ދެން އިސްތިއުފާ ދީ

The name is already taken The name is available. Register?

އާރީ

04 October 2020

ތެޔޮކުންފުނި ހުސްވެއްޖެ ޑިފެންޑަރުން ގަނެ ގަނެ އަދިވެސް ގާޑިޔޯލާ ގެ ޑިފެންސް އޮތީ ފޫގޮސް.

The name is already taken The name is available. Register?

ލެއްގި ކޮމިޝަނަރ

04 October 2020

ތެޔޮކުންފުނި ހުސްވާން ގާތްވެސްނުވޭ. އެއީ އާސެނަލް ސަޕޯޓަރުންނަށް ހަމަ ހީވާގޮތް. އެހެނެއްކަމަކު ކޮރެންކޭ އާސެނަލްއަށް ޚަރަދު ކުރާނެ ފައިސާއެއް މިހާރަކުނެތް. ހުރިހާ ފައިދާއެއް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޓްރަންޕްއަށް ހޭދަކޮށް ނިއްމާލާފި

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454