ކޮވިޑް-19ގައި ޓޫރިޒަމް ހުއްޓުމުން ޓީއެމްއޭގެ ގިނަ އަދަދެއްގެ ސީޕްލޭންތައް ޕަކުކޮށްފައި: އެއާލައިން މިހާރު އޮތީ، ލޯނު ދިން ފަރާތްތަކުގެ ބާރުގެ ދަށުގައި -- ފޮޓޯ: ސޯޝަލް މީޑިއާ
04 އޮކްޓޯބަރ 2020 - 14:34
ޓީއެމްއޭއަށް މިހާރު ކުރިމަތިވެފައިވާ މާލީ މައްސަލަތަކާ އެކު އޮޕަރޭޝަނަށް ބުރޫއަރައިފި ނަމަ އެއީ ރާއްޖޭގެ ޓޫރިޒަމަށް ވެސް އަންނާނެ ބޮޑު ލޮޅުމެއް ކަމަށް، ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މިއަދު ވިދާޅުވެއްޖެ އެވެ.
އެކަމަކު ޑރ. މައުސޫމް ވިދާޅުވީ ޓީއެމްއޭއަށް ލޯނު ދެއްކޭ ގޮތް ނުވުމުން އެހެން ބައެއްގެ އަތްމައްޗަށް އެއާލައިން ގެންދިއަ މައްސަލަ އޭނާއަށް އަދި އެނގިވަޑައިނުގަންނަވާ ކަމަށެވެ.
އެމެރިކާގެ ބޮޑު އިންވެސްޓްމެންޓް ކުންފުނި ބްލެކްސްޓޯން އަތުން 2017 ގައި، އެމެރިކާގެ ބައިން ކެޕިޓަލް އާއި ޗައިނާގެ ޓެންޕަސް ގްރޫޕް ކޯ ގުޅިގެން ގާތްގަނޑަކަށް 500 މިލިއަން ޑޮލަރަށް ޓީއެމްއޭ ގަތީ، އަމިއްލަ އެތައް ބަޔަކު ދިން 305 މިލިއަން ޑޮލަރުގެ އެހީގަ އެވެ. އެކަމަކު އޭގެ ތެރެއިން ގާތްގަނޑަކަށް 285 މިލިއަން ޑޮލަރު ޓީއެމްއޭ އިން ނުދައްކާ އޮތް ކަމަށް، މާލީ ދާއިރާއަށް ހާއްސަ މީޑިއާތަކުން ރިޕޯޓްކުރެ އެވެ.
މިދިއަ މަހު 23ގައި ޓީއެމްއޭ ވަނީ، އެ ބޮޑު ލޯނު ދިން ފަރާތްތަކުގެ ބާރުގެ ދަށަށް ގެންގޮސްފަ އެވެ. އަދި ޓީއެމްއޭގެ ޑިރެކްޓަރުންގެ ބޯޑަށް، އޭގެ ތެރެއިން ހަ މީހުން ލާފައިވާކަން، އިކޮނޮމިކް މިނިސްޓްރީގެ ރަސްމީ ލިއުންތަކުން އެނގެ އެވެ.
ބޭރުގެ ބައެއް މީޑިއާތަކުން ބުނާ ގޮތުގައި ލޯނު ދެއްކުމުގައި ބައިން އާއި ލެންޑާސްއާ ދެމެދު ކުރިއަށް ދިޔަ މަޝްވަރާތަކުން އަލި މަގެއް ނުފެނުނެވެ. އެހެންކަމުން އެ ފަރާތްތަކުގެ ބާރުގެ ދަށަށް އެއާލައިން ގެންގޮސް، ދެން އޮތީ، އަލުން އެއާލައިން ގަންނާނެ ބަޔަކު ހޯދުން ކަމަށް ވެސް، ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވެ އެވެ.
ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ ބައެއް ތަޖުރިބާކާރުން ބުނާ ގޮތުގައި މިއީ ކޮވީޑް-19އާ ގުޅިގެން ހުއްޓިފައި އޮތް ރާއްޖޭގެ ޓޫރިޒަމް އަލުން ފެށިގެން އަންނަ އިރު ކުރިމަތިވެދާނެ ވަރަށް ބޮޑު ނުރައްކަލެކެވެ. ޓީއެމްއޭގެ އޮޕަރޭޝަންތަކަށް ބުރޫއަރާ ގޮތް ވެއްޖެ ނަމަ، ދުރު ރިސޯޓްތަކަށް ޓޫރިސްޓުން އުފުލަން ވަރަށް ބޮޑު ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށް ވެސް، އެ ތަޖުރިބާކާރުން ބުނެ އެވެ.
އެކަމަކު މި މައްސަލައިގެ ތެރެއަށް ސަރުކާރުން ވަދެފައިވަނީ ކިހާ ވަރަކަށްކަން، ރަސްމީ އެއްވެސް ފަރާތަކުން އަދި ނުބުނެ އެވެ. އެ ސުވާލު ދެންނެވުމުން ޑރ. މައުސޫމް ވިދާޅުވީ "އެ ކޭސްގެ ކަންތައް މުޅިއަކުން އަދި ނޭނގޭ" ކަމަށެވެ.
އޭގެ ފަހުން އޭނާ ވިދާޅުވި ގޮތުގައި އެކަހަލަ ބައެއް ކަންކަން ނިމިފައި ހުރީ "ކުރިން އަޑުއަރާ ގޮތަކަށް ނޫނެ"ވެ. އޭގެ މާނައަކީ ޓީއެމްއޭއަށް މިހާރު ދިމާވެގެން އުޅޭ މައްސަލާގައި މީޑިއާތަކުން ފަތުރާ ހަބަރުތައް މުޅިން ރަނގަޅު ނުވެދާނެ ކަމެވެ.
ނަމަވެސް ޑރ. މައުސޫމް ވިދާޅުވީ އޭނާގެ އުއްމީދަކީ ޓީއެމްއޭގެ އޮޕަރޭޝަންތަކަށް ބުރުލެއް ނައިސް، އޮމާންކޮށް ކުރިއަށް ދިއުމެވެ.
"އަޅުގަނޑުމެންގެ ފަތުރުވެރިކަމަށް އެހާ ބޮޑު ހިދުމަތްތަކެއް ކުރި ކުންފުންޏެއް އެ ހިދުމަތުގައި ދެމިގެން ދާނެ" ކަމަށް އުއްމީދުކުރައްވާ ކަމަށް، މިނިސްޓަރު ވިދާޅުވި އެވެ.
ޓޫރިޒަމް ދާއިރާގެ ބައެއް ތަޖުރިބާކާރުން ބުނާ ގޮތުގައި ޓީއެމްއޭގެ މައްސަލަ ވަރަށް ކައިރިން ސަރުކާރުން ބަލަން ޖެހޭނެ އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި މިހާރު ރާއްޖޭގައި ޑޮމެސްޓިކް އެއާޕޯޓްތައް ގިނަވުމަކީ، ޓޫރިސްޓުން އުފުލަން ލިބޭ އިތުރު ފުރުސަތެކެވެ. އެހެންކަމުން ސީޕްލޭން ދަތުރުތަކަށް ބުރޫއެރިޔަސް، ކުރިއަށް ވުރެ ބޮޑަށް އެކަން ހައްލުކުރުމުގެ ފުރުސަތު މިހާރު ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ހިތްހަމަޖެހޭ މިހާރު ވަރަށް ގިނަ ޑޮމެސްޓިކް އެއާޕޯޓްތައް ހެދިއްޖެ. އެހެންވީމާ ޑޮމެސްޓިކް އެއާޕޯޓްތަކުން ވަރަށް ބޮޑު ހައްލެއް ލބިގެންދާނެ އަންނަ ލޮޅުންތަކަށް [ސީޕްލޭން ދަތުރުތަކަށް]،" ޑރ. މައުސޫމް ވިދާޅުވި އެވެ.
ރާއްޖެ ތިން އެއާލައިން ކަމަށްވާ މޯލްޑިވިއަން އާއި ފްލައިމީ އަދި މަންތާ އެއާއިން ޑޮމެސްޓިކް އެއާޕޯޓްތަކަށް ދަތުރުކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަހުދު
05 October 2020
ޓީއެމްއޭ އިން ސީޕްލޭން ޓަރމިނަލް ހޯދަން ހާދަ ޑަމީއެއް އެބަ ޖައްސައޭ
ރާޖަރާނ
05 October 2020
އެހެންވީމަ އަނެއްކާ ޓީއެމްއޭއައް ބަދަލްދޭންވީނޫންތޯ މިހާރުވެސް މުޅިއެއަރޕޯޓްކަހަލަ ގޮތަކައް ޓީއެމްއޭއައްދީގެންރައްޔަތުންގެ މުދާ ހިތުހުރިގޮތަކައް ބައި އަޅަމުން މުން ތިޔޮއްދަނީ އާޙިރަތެއް މަރުވާނެކަމެއް ނުބަލާ ހީވަނީ ދުނިޔެ އުމުރައް މިބިންމަތީގައި އުޅެވިދާނެހެން
ވައިނޮޅިން
04 October 2020
ޑޮމެސްޓިކް އެއަރޕޯޜޓްތތައް ގިނަވީމަ ބަސް ހުއްޓާހެން ހުއްޓަމުން ހުއްޓަމުން ދިޔާމަ ކަމަކު ނުދޭ
ރައްޔެތު.
04 October 2020
ދެންތި ބޭކާރު ވާހަކަތައް ނުދައްކަ ޓިއެ މްއޭއަށް ޓާ މިނަލް ދިނީމަ ނި މުނީނުން. އެއީ އެންނު ނުވެގެން ތިއުޅޭ ކަ މަކީ. ކޮންހާ މޮޅުވަހަކައެއް.
އަރުވާލި އާދަނުގެ ސިޔާސީ ހާސަރު
04 October 2020
ޒުވާން ވިޔަފާރި ވެރިންނަށް އާ ވިޔަފާރީގެ ހައި ރިސްކް މެނޭޖް ކުރަން ފުރުސަތު ހޯދާނެ މިގައުމުގައި ދާއިމީ ހައްލު ހޯދާނެ.ނާސިރު ދައުރުގައި މައުމޫން ވެރިކަމުގެ ކުރީކޮޅުގައި:ކޮލި މޮހޮދޭ ޗަމްޕާއަފީފް ވަހީދުއްދީން ގާސިމް އިބްރާހިމް ހޯއްދެއްވި ފަދައިން. ވިޔަފާރިވިއަސް ހެދި ބޮޑުވެ އުފެމުގައި އަތެއް ނޭޅޭނެ. މޮނޮޕޮލީ ނުކުރެވޭނެ. ޓީ އެމް އޭ އޮޕޮރޭޝަންއަށް ބުރުއެރުމަކީ ދެރަވަރު ގެއްލުމެއް. އެހެންވެއްޖެނަމަ(ހަމިންގްބާޑް)ހެލިކޮމްޓަރ އަށް ހައްލު ހީދިިހެން ހައްލު ހޯދާނެ
ޙަބީބު
04 October 2020
ރިސޯޓު މުވައްޒަފުން މިރާއްޖެ ކުރިއަރުވަން މިވަރައް މަސަތްކަތް ކުރާއިރު ސަރުކާރު ތަކުގަނެތް ރަނގަޅު ފުލައިޓު ތަކެއް ގަނެގެން ދުއްވުމުގެ ގާބިލުކަން ސިފައިންނައް ޑޯނިޔާ ދެފުލައިޓު ގަނެ އުތުރާ ދެކުނުގަ ފޯރި މަރާލު މުގެ ގާބިލުކަން ލިބޭހާ ޑޮލަރައް ވާގޮތެއް ނޭނގެ
ސަސި
04 October 2020
އުއްމީދު ކުރަން ޑރ މައުސޫމް، އަދީބު، އަލީ ވަހީދުއާ ތަފާތެއް ހުންނާނެ ކަމަށް
ތިމާވެށި
04 October 2020
އަންނި ބޭނުންވަނީ އެއަރޕޯޓް މަދު ކޮށް ފެރީ ގިނަ ކުރާށެވެ. މޯލްޑިވިއަން އިން ސީޕްލޭން ތައް ގިނަ ކުރަން ވީ އެވެ. ޗާޓަރަށް ވެސް ނަގަން ވީ އެވެ.
އސސޓެންޕަސް ގްރޫޕް
04 October 2020
ސަރުކާރުގެ ދަތުރުފަތުރުގެ ސިޔާސަތު އާބާތުރަ ފިލުވައި، ސަރުކާރުގެ އެއަރލައިންގެ ސީޕްލޭން އޮޕަރެޝަން ހަރުދަނާކޮށްގެން ތިޔަ ލޮޅުން ގައުމަށް ފައިދާކުރުވަނިވި ހެޔޮ ލޮޅުމަކަށް ހެދިދާނެ...
ގާގާ
04 October 2020
ތި އެންމެ މަސްލަހަތު ރަންގަޅުވާނީ ރާއްޖޭގެ ވައިގެސަރަހައްދު 3 ބަޔައް ބަހާލާފަ މޮނޮޕޮލީ އުސޫލުން ސީޕުލޭން އޮފަރޭޓް ކުރަން. އެއްބައި ޗަންޕާ އައް، އަނެއްބައި ވިލާ އައް ދެން ބާކީބައި ޔުނިވާސަލްއައް ދިނީމަ.