ހިޔާލުފާޅުކުރުން ހުއްޓުވުމުގެ ބިލް ފާސް ނުކުރަން އެދި ނޫސްވެރިންތަކެއް 2016 ވަނަ އަހަރު މަޖިލިސް އިދާރާ ދޮށުގައި އެއްވެފައި. --ފޮޓޯ: މުހައްމަދު ޝަރުހާން
07 އޮކްޓޯބަރ 2020 - 13:19
ސަރުކާރުގެ ފަރާތުން ހުށަހަޅަން ނިންމާފައިވާ "އަބުރާބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ބިލް" ގައި ނޫސްވެރިކަމަށް ހުރަސް އެޅޭ ފަދަ އެއްވެސް ކަމެއް ނުހިމެނޭނެ ކަމުގެ ޔަގީންކަން ސަރުކާރުގެ ކަމާގުޅޭ އިދާރާތަކުން ދީފައިވާ ކަމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން މިއަދު ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ތިން ވަނަ ދައުރަށް ސަރުކާރުން ހުށަހަޅަން ގަސްތުކުރާ 28 ބިލުގެ ތެރޭގައި އަބުރުގެ ބިލް ހިމަނާފައި ވެ އެވެ. އެއާއެކު އެ ބިލްގެ މަގްސަދާ މެދު މީޑިއާތަކުން އަންނަނީ ސުވާލު އުފައްދަމުންނެވެ.
އެ ޖަމިއްޔާ އިން ނެރުނު ބަޔާނެއްގައި ބުނީ، އަބުރުގެ ބިލާ ގުޅޭ ގޮތުން ނޫސްވެރިންނާއި މީޑިއާތަކުގެ ވަރަށް ގިނަ ކަންބޮޑުވުންތަކެއް ލިބިފައިވާ ކަމަށެވެ. އެއާ އެކު ސަރުކާރުގެ އިދާރާތަކާއެކު އެ މައްސަލައިގައި މަޝްވަރާކުރެވުނު ކަމަށް ބުންޏެވެ.
"އަބުރާބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ބިލް" ގައި ނޫސްވެރިކަމަށް ހުރަސް އެޅޭ ފަދަ އެއްވެސް ކަމެއް ނުހިމެނޭނެ ކަމުގެ ޔަގީންކަން އެ އިދާރާތަކުން ވަނީ ދީފަ އެވެ. އަދި މި ބިލުގެ ޑްރާފްޓިން މަރުހަލާގައި ނޫސްވެރިންގެ ހިޔާލު ހޯދާނެ ކަމުގެ ޔަގީންކަން ވެސް މި ޖަމިއްޔާ އަށް ވަނީ ލިބިފަ އެވެ،" ބަޔާނުގައިވެ އެވެ.
އެމްޖޭއޭ އިން ބުނީ ނޫސްވެރިކަމުގެ މިނިވަންކަމާއި ނޫސްވެރިންގެ ހައްގުތައް ހިމާޔަތްކުރުމަށް ކުރީ ސަފުގައި މަސައްކަތްކުރާ މަދަނީ ޖަމިއްޔާގެ ހައިސިއްޔަތުން އެ ޖަމިއްޔާ އިން ގަބޫލުކުރަނީ އަބުރާ ބެހުމުގެ ކުށަކީ މިހާރު ވެސް އޮންނަ ގޮތަށް މަދަނީ ކުށެއްގެ ގޮތުގައި ކަނޑައަޅާފައި ބާއްވަންޖެހޭ ކަމެއް ކަމަށެވެ.
"އަބުރާ ބެހުން ޖިނާއީ ކުށަކަށް ހެދުމަކީ އޭގެ ސަބަބުން ނޫސްވެރިކަމުގެ މިނިވަންކަމާއި، ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ އިންތައް ހަނިކުރެވި، އޭގެ އެންމެ ރަނގަޅު ގޮތުގައި، މުޖުތަމައުގެ ލާބަޔަށް އެ ހައްގުތައް ބޭނުންކުރަން ނޫސްވެރިންނާއި އާއްމުން ފަސްޖެހި އަދި އެ ހައްގުތައް ހެޔޮގޮތުގައި ބޭނުންކުރާ ފަރާތްތަކުގެ އަނގަ ބަންދުކުރުމަށް ބާރުވެރި ފަރާތްތަކަށް ހުޅުވައިދެވޭ ދޮރެއްކަމަށް މި ޖަމިއްޔާ އިން ދެކޭ ވާހަކަ މި ދަނޑިވަޅުގައި ފާހަގަކުރެމެވެ،" ބަޔާނުގައިވެ އެވެ.
އަބުރާ ބެހުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި އޮވެއްޖެ ނަމަ ނޫސްވެރިކަމާ ގުޅުންހުރި ކަންކަން ރެގިއުލޭޓްކުރުމުގައި ސަރުކާރަށް ނުފޫޒު ފޯރުވޭ ދައުރެއް ނުވަތަ ޖިނާއީ ދައުރެއް އޮތުމަކީ ފާޑުކިޔުން ގިނަ، މިނިވަން އަދި ތަހުގީގީ ނޫސްވެރިކަމެއް ކުރުމަށް އޮތް ޖާގަ ހަނިވެގެންދާނެ ކަމަށް ބުނެފައިވެ އެވެ.
"އެހެންކަމުން، އަބުރާ ބެހުން ޖިނާއީ ކުށަކަށް ހެދުމަކީ މި ޖަމިއްޔާއިން އަބަދުވެސް ދެކޮޅު ހަދާނެ، އަދި އެކަމާ ދެކޮޅަށް ވަކާލާތު ކުރާނެ ކަމެއް ކަމުގެ ޔަގީންކަން އެންމެހާ ނޫސްވެރިންނަށް ދެމެވެ. އަދި ސަރުކާރުގެ ފަރާތުން އަލަށް ހުށަހަޅާ "އަބުރާބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދުނުމުގެ ބިލް"ގައި ވެސް މިހާރު އޮތް ގޮތަށް، އަބުރާ ބެހުމަކީ މަދަނީ ކުށެއްގެ ގޮތުގައި ކަނޑައަޅާފައި ބޭއްވުމަށާއި ނޫސްވެރިކަމުގެ މިނިވަންކަން ހަނިވާނެ ފަދަ އެއްވެސް ކަމެއް މި ބިލުގައި ނުހިމެނުމަށް، ދިވެހި ސަރުކާރަށާއި ރައްޔިތުންގެ މަޖިލީހަށް މި ޖަމިއްޔާއިން ގޮވާލަމެވެ." ބަޔާނުގައި އެވެ.
މީގެ އިތުރުން، އެމްޖޭއޭ އިން ވަނީ އަބުރާ ބެހުމުން ލިބޭ ގެއްލުމުގެ ބަދަލުގެ ގޮތުގައި ނަގައިދެވޭ އަދަދެއް ގާނޫނުގައި ހިމެނިގެންދާއިރު، އެ އަދަދު ކަނޑައެޅުމުގައި އާންމު މުޖުތަމައުގެ މާލީ ފުދުންތެރިކަން ހުރި ނިސްބަތަށް ރިއާޔަތްކުރުމަށާއި ވަކިވަކި ނޫސްވެރިން ވީހާވެސް ބޮޑަކަށް ހިމާޔަތްވާނެ ގޮތަކަށް ބިލު އެކުލަވާލަން ވެސް ގޮވާލައިފަ އެވެ.
އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން ވެސް ބުނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ނިންމާފައިވާ، އަބުރާ ބެހުމުން ގެއްލުމުގެ ބަދަލު ނަގައިދޭ ބިލުން ނޫސްވެރިންނާއި މީޑިއާތަކަށް ބިރެއް ނޯންނާނެ ކަމަށެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި، އަބުރު ރައްކާތެރިކުރުމުގެ ނަމުގައި ފާސްކުރި ގާނޫނުގެ ސަބަބުން ނޫސްވެރިންނަށް ބިރުވެރިކަމާ ކުރިމަތިލާން ޖެހުނެވެ. އެގޮތުން ބައެއް މީޑިއާތައް ބޮޑު އަދަދުތަކުން ޖޫރިމަނާކުރި އެވެ. ނަމަވެް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގެން އެންމެ ފުރަތަމަ އުވާލެއްވީ އަބުރުގެ ގާނޫނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑރ. ރާމީ ހަސަން ވައިނުޖެހޭގެއާގެ
07 October 2020
ނޫސްވެރިގެންގެ ވެސް ފިރިން ނުވަތަ އަނބިންނާއި ދަރިން ތިބޭ. ނޫސްވެރިން ވެސް ކައިގެން ބޮއިގެން އުޅެންޖެހޭ. ތިޔަ އަބުރުފުޅު ޤާނޫނު ހަދައިގެން ނޫސްވެރިކަމުގެ މިނިވަންކަން ގެއްލިގެންދާނެ. ޔާމިނު ވެސް %500 ޔަޤީންކަންދިން "އެއްވެސް ތަފާތެއް" ނާންނާނެ ކަމަށް. އިބޫ ޢަދާ ކުރި އެއްވެސް ވަޢުދެއް ނެތޭ ބުންޏަސް ދޮގަކަށް ނުވާނެ. ޢަދާ ކުރެވުނު އެންމެ ވަޢުދު ވެސް އިބޫ އަނބުރާ ގެންދިޔައިމާ މިވަނީ ތޮށިގަނޑު ތަޅާލާފައި އޮތް ބަރަވެއްޔަކަށް (ބަރަވެލި) އަކަށްތާ! ސާބަސްދެވޭވަރުވޭ!!!
އެދުރުގޭ އަހުމަދު ދީދީ
07 October 2020
ހެހެހެ.ދެން މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން ބުނާ އެއްޗެއް އަހައިގެން ތިބީމާ ނިމުނީތާ.ކުރީ ސަރުކާރުން މިކަން ކުރަންއުޅުމުން ހީވީ ތަނެއްގައި އަލިފާން ރޯކޮށްލައިގެން އުޅޭހެން.މިހާރު މިފެންނަނީ މުޅިންވެސް ވަރަށް ސްލޯކޮށް ނޫސްވެރިކަމުގެ ބިލުގެ ވާހަކަ ލިޔާތަން.
އެދުރުގޭ އަހުމަދު ދީދީގެ ބައްޕ
07 October 2020
ކުރީ ބިލް އޮތީ ސީދާ ނޫސްވެރިންނަށް އަމާޒުކޮށްފައި. އަނެއްކާ އެ ބިލުގައި އޮތީ އަބުރާ ބެހުމަކީ ޖިނާއީ ކުށަކަށް ހަދާފައި. އަދި ބޮޑެތި ޖޫރިމަނާތަކެއް ހުރި. އަލަށް ހުށަހަޅާ ބިލުގައި އަބުރާ ބެހުން އޮންނާނީ މަދަނީ މައްސަލައެއްގެ ގޮތުގައި ކަމާއި އަދި ޖޫރިމަނާތައް ވެސް ކުޑަވާނެ ކަމަށް ސަރުކާރުން އެ ވަނީ ޔަގީންކަންދީފައި. އެހެންވެ ތެޅިގަންނަން ޖެހޭ ސަބަބެއް ނެތެއްނުން ދޯ؟