މީޑިއާތަކާއި ވަކިވަކި ނޫސްވެރިން ޖޫރިމަނާކޮށް، ލައިސަންސް ބާތިލް ކުރުމުގެ ބާރު ލިބޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ ބިލާ ގުޅިގެން ނޫސްވެރިންގެ ހުރި ކަންބޮޑުވުންތަކަށް ހައްލު ހޯދައި ދެއްވާނެ ކަމުގެ ޔަގީންކަން އެޓާނީ ޖެނެރަލް އަހުމަދު އުޝާމް މިއަދު ދެއްވައިފި އެވެ.
ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާން އަބޫބަކުރު ހުށަހަޅާފައިވާ މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ ބިލް އޮތް ގޮތާ މެދު ކަންބޮޑުވުން ފާޅުކޮށް އެމްޖޭއޭ އާއި އެމްއެމްސީން ވަނީ "ހަތަރެއްގެ ހައްގުގައި" ނަމުގައި ކެމްޕެއިނެއް ފަށައިފަ އެވެ.
މި ކެމްޕެއިނުގައި އިސްކޮށް ހަރަކާތްތެރިވާ ނޫސްވެރިން މިއަދު ވަނީ އޭޖީ އުޝާމާއި ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދާއި ރައީސް އޮފީހުގެ މިނިސްޓަރު އިބްރާހިމް ހަލީލާ ބައްދަލުކޮށްފަ އެވެ.
މި ބައްދަލުވުމާ ގުޅިގެން އެޓާނީ ޖެނެރަލް އޮފީހުން ބުނީ، މި ބިލާ ގުޅޭ ގޮތުން ހުރި ޝަކުވާތައް އަޑުއަހައި، ނޫސްވެރިންގެ ކަންބޮޕޑުވުންތަކަށް ހައްލު ހޯދައިދޭނެ ކަމުގެ ޔަގީން ކަން ދީފައިވާ ކަމަށެވެ.
މި ބައްދަލުވުމަށް ފަހު "ހަތަރެއްގެ ހައްގުގައި" ކެމްޕެއިނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޖޭއޭގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ނާއިފް ވިދާޅުވީ، މިހާރު މީޑިއާތައް ރެގިއުލޭޓު ކުރުމުގެ ބާރު ގާނޫނީ ގޮތުން އޮތް އެމްއެމްސީ އާއި ބްރޯޑްކޮމް އުވާލުމަކީ އޭޖީގެ ވަރަށް ބޮޑު ވިސްނުމެއް ކަމަށް ވިދާޅުވި ކަމަށެވެ.
"ދެ ކޮމިޝަން ވެސް އެއްކޮށް އުވާލާފައި މީޑިއާތައް ރެގިއުލޭޓު ނުކުރާ ގޮތަށް ހެދުން އެއީ އޭޖީގެ ވިސްނުންފުޅު އޮތް ގޮތެކޭ [ވިދާޅުވި]، އެކަމަކު އެކަމަށް އެއްވެސް ކޮންފަމޭޝަނެއް ވެސް ނެތް،" ނާއިފް ވިދާޅުވި އެވެ.
މިހާރު ހުށަހަޅާފައި އޮތް ބިލަށް ސަރުކާރުން ތާއީދު ނުކުރާކަން ހާމަކޮށްފައިވާތީ އެކަމަށް ވެސް އެމްޖޭއޭއިން ވަނީ މަރުހަބާ ކިޔައިފަ އެވެ.
ތާއީދު ނުކުރި ނަމަވެސް ބިލާ މެދު އަމަލު ކުރާނެ ވަކި ގޮތެއް ސަރުކާރުން އަދި ނުނިންމަ އެވެ.
އެމްޖޭ އާއި އެމްއެމްސީން ވަނީ މި ބިލް އިސްލާހު ކުރެވޭނެ ކަމަށް ގަބޫލު ނުކުރެވޭތީ، މި ބިލު މަޖިލީހުން ބޭރުކޮށްލުމަށް ގޮވާލައިފަ އެވެ.