ރިޕޯޓް / އަންހެނުން ބާރުވެރިކުރުން

ތިޔައީ އަންހެން ކުއްޖެއްނު، ތިކަމެއް ނުވާނެ!

ހުރަވީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތެއްގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ސަރުކާރުގެ އިސްވެރިން ހިމެނިވަޑައިގަންނަވާ ރަސްމިއްޔާތެއްގައި ދަރިވަރުންތަކެއް އައިޓަމެއް ހުށަހަޅައިދެނީ: އަންހެންކުދިންނަށް ހުރި ހުރަސްތައް ގިނަ

ލޯންޗަށް އަރައި ހުންގާނުގައި ހިފި އިރު ވެސް އައިޝަތު މުޒްނާއާ ދިމާއަށް މީހުން ބުނީ ހަމަ އެހެންނެވެ؛ ތިއީ އަންހެން ކުއްޖެކެވެ. ތިކަމެއް ނުވާނެ އެވެ. ތިއީ ފިރިހެނުންގެ މަސައްކަތެކެވެ.

އެކަމަކު އޭގެ ފަހުން ހަތަރު އަހަރު ފާއިތުވީއިރު ވެސް އޭނާ ހުރީ ހަމަ އެ މަސައްކަތުގަ އެވެ. ލޯންޗުގެ ހުންގާނުގައި ހިފައިގެން، މީހުން އެއް ތަނަށް އަނެއް ތަނަށް އުފުލުމުގަ އެވެ. އެއީ ހަމައެކަނި ފިރިހެނުންނަށް ހާއްސަ މަސައްކަތެއް ކަމާއި އަންހެނުންނަށް ނުވާނެ ކަމަށް ބުނި މީހުންގެ ވާހަކަތައް އޭނާ ދޮގުކޮށްފި އެވެ. އެކަމަކު މުޒްނާ ބުނިގޮތުގައި، ކުޑައިރުއްސުރެ އަންހެނުންނަށް "ވަކި ދާއިރާތަކެއް" ކަނޑަޅާފައި އޮއްވާ، އެހެން ދާއިރާއަކުން ކުރިއަށް ދާން އުޅުމުން އޭނާއަށް ކުރިމަތިވި ގޮންޖެހުންތަކާއި ފުރައްސާރަތައް ގިނަ އެވެ.

"ލޯންޗަށް އަރާފައި ބައެއް މީހުން އަޅުގަނޑަށް ބަލާފައި އެބަ ހޭން ފަށާ. މިއީ ދުއްވާ ކުއްޖާތޯ ނުވަތަ އެތާ ބައިންދާފައި އިނީތީ އަހައި ސުވާލު ކުރޭ،" އެންމެ 20 އަހަރުގައި ވަޒީފާ އަދާކުރަން ފެށި އެ ޒުވާނާ ބުންޏެވެ.

އިއްޔެއަކީ ބައިނަލްއަގްވާމީ އަންހެން ކުދިންގެ ދުވަހެވެ. އެ ދުވަހުގެ މުނާސަބަތުގައި އެންމެ ފޯރިލާފައި ދައްކާނީ ވެސް އަންހެންކުދިން ބާރުވެރިކުރުމުގެ ވާހަކަ އެވެ. އެކަމަކު އެ ވާހަކަ ދައްކާތާ ކިތަންމެ ގިނަ ދުވަސް ވީ ނަމަވެސް، އަންހެން ކުދިން އަދާކުރަން ޖެހޭނީ ވަކި ކަހަލަ ވަޒީފާތަކެއް ކަމަށް ގަބޫލުކުރާ ގަބޫލުކުރުމަށް މާ ބޮޑު ބަދަލެއް ނާދެ އެވެ.

މުޒްނާގެ މައިންބަފައިން ބޭނުންވީ އޭނާ ޓީޗަރަކަށް ވާށެވެ. ނޫނީ ނަރުސްކަން ކިޔަވާށެވެ. ހުރިހާ އާދަކާދަތަކާ ދެކޮޅަށް ލޯންޗަކަށް އެރުން ވީ، އާއިލާ ތެރޭގައި ވެސް ވަރަށް ބަހުސް ހިނގި ކަމަކަށެވެ. ހުރިހާ ވެސް މައްސަލައަކީ އެއީ "އަންހެނުންގެ މަސައްކަތަކަށް" ނުވުމެވެ.

އިސްކަންދަރު ސްކޫލުގެ އަންހެން ދަރިވަރުންތަކެއް: އެކި ރޮނގުތަކުން އަންހެން ކުދިންނަށް ވެސް ކިޔެވުމުގެ ފުރުސަތު މިހާރު އެބަހުރި

ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ފަޒްނާ ޝާކިރު ވެސް އެއްބަސްވެވަޑައިގަންނަވާ ގޮތުގައި އަންހެން ކުދިންނާއި ފިރިހެން ކުދިންނަށް ކުރިއަށް ދާނެ ދާއިރާތައް މާ ކުރިއްސުރެ އޮންނަނީ ކަނޑައެޅި ނިމިފަ އެވެ. އެކަން ފެށެނީ ގޭތެރެއިންނެވެ. އަންހެން ކުއްޖާ ބޮޑުވަމުން އަންނައިރު އޭނާ އަދާކުރަން ޖެހޭނީ "ޓީޗަރުކަން"، "ނަރުސްކަން" ނޫނީ އެފަދަ ވަޒީފާއެއް ކަމަށް ބުނެދެވިފައި އޮތުމުން، މުޖުތަމައުއަށް ނުކުންނައިރު އެހެން ރޮނގަކުން ކުރިއަށް ދިޔުމުގެ ވިސްނުން ނުވަތަ ހިތްވަރު ނުހުންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިކަން މި އޮންނަނީ އާދައެއްގެ ގޮތުގައި ހަރުލާފައި. އަންހެން ކުދިންނަށް ހާއްސަވެފައި މި އޮންނަނީ އާއިލާ ބެލެހެއްޓުމާއި ގޭތެރޭގެ ޒިންމާތައް. އެކަމަކު މި ޒިންމާގެ ތެރެއިން ވެސް، އިސްވެ ކަންކަން ބެލެހެއްޓުމާއި އެއްޗެއް ބުނުމުގެ އިހްތިޔާރު އަންހެނުންނަށް ވަރަށް ކުޑަ،" އޭނާ ވިދާޅުވި އެވެ.

ޒަމާނުއްސުރެ މިފަދަ ގޮތަކަށް، މަސައްކަތް ކުރުމުގައި ދެ ޖިންސް ވަރަށް ބޮޑަށް ބެހިފައި އޮތުމުން އިގްތިސޯދީ، ސިޔާސީ އަދި އިޖްތިމާއީ މައިދާނުގައި އަންހެނުންގެ އަޑު މަޑެވެ. މި ހުރިހާ ދާއިރާއެއްގައި ވެސް އިސްކޮށް ތިބެނީ ފިރިހެނުންނެވެ. އަންހެނުންނާ ގުޅޭ މައްސަލަތަކާއި އެކަން ކަމާ މެދު ގޮތް ނިންމުމުގައި ވެސް މި ތިބެނީ ފިރިހެނުންނެވެ.

"އެކަމަކު އަންހެން ކުދިން އެ ވަޒީފާތަކުގައި ތިބޭ ނަމަ އެ މައްސަލަތަކަށް މާ ރަނގަޅަށް އެޑްރެސްކުރެވޭނެ ދެއްތޯ،" ފަޒްނާ ސުވާލު ކުރެއްވި އެވެ.

އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ވަކި ދާއިރާއަކުން ތައުލީމް ހާސިލް ކުރުމުގައި އަންހެން ކުދިންނަކަށް ހުރަހެއް ނެތެވެ. މޮޅަށް ކިޔަވަން ޖެހޭނީ ފިރިހެން ކުދިން ކަމާއި އަންހެން ކުދިން ތިބޭނީ ގޭގައި ކަމަށް ގިނަ މީހުން ވިސްނާ ވިސްނުން މިހާރު މާޒީވެއްޖެ އެވެ. އިންޖިނިއަރިން ފަދަ ދާއިރާތަކުން ކިޔެވުމަށް ވޮކޭޝަނަލް ޓްރެއިނިން ދޭ ތަންތަނުން ފުރުސަތުތައް ހުރި އިރު، ކިޔަވަން ހޯދުމުގައި ވެސް، އަންހެން ކުއްޖަކަށް ވީތީ ފުރުސަތު ނުގެއްލޭ ކަމަށް ފަޒްނާ ވިދާޅުވި އެވެ.

މައި ކޮލެޖުގެ ދަރިވަރުންތަކެއް ދަސްވެނިވުން ރަސްމިއްޔާތެއްގެ ތެރެއިން: ކުރިއަށް ދާނެ ދާއިރާތައް ގިނަ ނަމަވެސް ގިނަ އަންހެން ކުދިން އިހްތިޔާރު ކުރަނީ އެއް ދާއިރާތަކެއް -- ފޮޓޯ: މައި ކޮލެޖު

ބޭނުން ދާއިރާއަކުން ކިޔަވައި، އެ ދާއިރާތަކުން ވަޒީފާ ލިބުނު ނަމަވެސް، އެކަމަށް ކުރިމަތިލާ އަންހެން ކުދިން މަދީ، އޭނާ ވިދާޅުވި ގޮތުގައި، މުޖުތަމައުގެ ތެރޭގައި އޮތް އެ ވިސްނުމުގެ ސަބަބުންނެވެ. އަންހެން ކުދިން ކުރިއަށް ދާން ޖެހޭނީ ވަކި ކަހަލަ ދާއިރާތަކަކުން ކަން ކިޔައިދީފައި އޮތުމުން، ފުރުސަތު ލިބުނު ނަމަވެސް އެކަމަށް ކުރިމަތިލާން ނޫނީ އިސްނަގާކަށް ގިނަ ކުދިންނަކަށް ނުކުރެ އެވެ. އޭގެ ސަބަބުން، އަންހެނުންނާ ގުޅޭ ބޮޑެތި މައްސަލަތަކުގައި ވެސް އިސް ސަފުގައި ވަކާލާތު ކުރާނެ މީހުން މަދެވެ.

އެންމެ ބޮޑު ދާއިރާގައި ތިން ޕަސެންޓް ދިވެހި އަންހެނުން!

ގައުމުގެ ލޭނާރަކީ މިހާރު ޓޫރިޒަމެވެ. ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ އަދަދާ ގާތްކުރާ އަދަދަކަށް ޓޫރިސްޓު ރިސޯޓުތައް ހިންގާއިރު، ކޮންމެ ރަށެއްގައިހެން ގެސްޓްހައުސްތައް ހުރެ އެވެ. ނުވަތަ އެކަމާ ގުޅުން ހުރި މަސައްކަތެއް ކުރެ އެވެ. އެކަމަކު ބޮޑު މި އިގްތިސޯދީ މަސައްކަތުގައި އަންހެނުންގެ ދައުރު ވަރަށް ކުޑަ އެވެ.

ޓޫރިޒަމް ދާއިރާގައި ވަޒީފާ އަދާކުރާ އަންހެނުންގެ ނިސްބަތަކީ ދިހަ ޕަސެންޓެވެ. އޭގެ ތެރެއިން ދިވެހި އަންހެނުންގެ އަދަދު އުޅެނީ އެންމެ ތިން ޕަސެންޓްގަ އެވެ. މިއީ ވަކި ކަހަލަ ވަޒީފާތަކެއް، އަންހެނުންނަށް ނުކުރެވޭނެ ކަމަށް އޮންނަ ގަބޫލުކުރުން ދައްކައިދޭ ރަނގަޅު މިސާލެކެވެ.

"ހަގީގަތުގައި އަންހެން ކުދިން ބޮޑެތި ކުރާއިރު ކުދިންނަށް ވިސްނައި ދެވިފައި އޮންނަނީ އެފަދަ ގޮތަކަށް. އެ މީހުންނަށް ކިޔައިދެވެނީ ވަކި ކަހަލަ ދާއިރާތަކަކުންނޭ ކުރިއަށް ދާން ޖެހޭނީ،" ފަޒްނާ ވިދާޅުވި އެވެ.

ކުޑަކުދިންގެ ހައްގުތަކަށް މަސައްކަތް ކުރާ ޖަމިއްްޔާ، އާކްގެ މެނޭޖިން ޑިރެކްޓަރު މުރުތަލާ މޫސާ ވެސް އެ ވާހަކަ ތަކުރާރުކުރެއްވި އެވެ.

ދަރިވަރުންތަކެއް ސްކޫލުގައި ނާސްތާ ނަގަނީ: "ނޮން ޓްރެޑިޝަނަލް" ދާއިރާތަކުން ވެސް ކުރިއަށް ދާން އަންހެން ކުދިންނަށް ހިތްވަރު ދޭން ޖެހޭ

އޭނާ ވިދާޅުވީ ސްކޫލު ކުދިންނާއި ބެލެނިވެރިންނަށް އާކުން ވަރަށް ފަހުން ކުރިއަށް ގެންދިޔަ ކެމްޕޭނެއްގައި ބޭއްވި ސެޝަނަކުން ވެސް އެކަން ވަރަށް ރަނގަޅަށް އެނގިވަޑައިގެންނެވި ކަމަށެވެ. ގްރޭޑް އަށަކުން 12ގެ ދަރިވަރުންނާއި ބެލެނިވެރިންނަށް ކުރިއަށް ގެންދިޔަ އެ ސެޝަންތަކުން ފާހަގަވި ގޮތުގައި، ދަރިވަރުން ތިބެނީ ވަޒީފާ އަދާކުރާނެ ރޮނގުތައް މާ ކުރިއްސުރެ ސެޓްކޮށްފަ އެވެ. ޓޫރިޒަމާއި އޭވިއޭޝަން ދާއިރާތައް ފަދަ "ނޮން ޓްރެޑިޝަނަލް" ދާއިރާތައް ކުދިންގެ މެދުގައި މަގުބޫލެއް ނޫނެވެ. ގިނަ ކުދިންގެ ނަޒަރުގައި، ވަޒީފާގެ މައިދާނަށް ނުކުންނަން ޖެހޭނީ ޓީޗަރެއް ނުވަތަ ނަރުހެއްގެ ގޮތުގަ އެވެ.

"މިއީ ހަމަ މައިންބަފައިންނާއި ސޮސައިޓީގެ ތެރެއިން އަންނަ ވިސްނުންތަކެއް. އެންމެ ކުރިއްސުރެ މުޖުތަމައުގައި އެ ވިސްނުން އަށަގަނެފައި އޮންނަވަރުން ކުދިންނަށް އަންނަ ބަދަލުތަކެއް،" މިއީ ހަމައެކަނި ރާއްޖޭގައި އެކަނި ވަމުން އަންނަ ކަމެއް ނޫންކަން ފާހަގަކުރައްވައި މުރުތަލާ ވިދާޅުވި އެވެ.

ތަޖުރިބާކާރުންގެ ނަޒަރުގައި، ކުރިއަށް ދާނެ ދާއިރާތައް ކަނޑައެޅުމުގައި އަންހެން ކުދިންނަށް ލިމިޓްތަކެއް ހުރުމަކީ، އާއްމު ދިރިއުޅުމުގައި ވެސް އޭގެ ނުރަނގަޅު އަސަރުތައް ކުރާނެ ކަމެކެވެ. މިސާލަކަށް، އަމިއްލަ ވިސްނުން ހާމަކުރުމުގައި ފަސް ޖެހުމުގައި ސްކޫލު އަދި ވަޒީފާގެ މާހައުލުގައި އިސްނެގުން ކުޑަވުން ހިމެނެ އެވެ. މިކަން ގޭތެރެއިން ލިބޭ އަނިޔާތަކާއި އޮފީސް މާހައުލުގައި ކުރިމަތިވާ ފުރައްސާރަތަކާ ދެކޮޅަށް އަޑުއުފުލުން ކުޑަވުމާ ގުޅެ އެވެ.

ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ގެވެށި އަނިޔާގެ ޝިކާރައަކަށްވެ، އޮފީސް މާހައުލުގައި ބަސްބުނުން ކުޑަވަނީ ވެސް، މުޖުތަމައުގެ ތެރެއިން އެ މާހައުލު އުފައްދައި ނުދޭތީ އެވެ. އެ މީހުން ކުރިއަށް ދާނެ މަގު، މާ ކުރިއްސުރެ، މުޖުތަމައުގެ ވިސްނުމުން ބަންދުކޮށްފައިވުމުންނެވެ.

"ފިރިހެނުންނާއި ކުދިންނަށް ވިސްނައިދީ، ކިޔައިދީ"

ފަޒްނާ އާއި މުރުތަލާއަށް ވެސް ވިސްނިވަޑައިގަންނަވާ ގޮތުގައި މިއީ ހައްލު ކުރެވިދާނެ މައްސަލައެކެވެ. އެކަމަކު ވަރަށް ދުރާލައި، "ސިސްޓަމެޓިކްކޮށް" މަސައްކަތްތަކެއް ކުރަން ޖެހެ އެވެ. އެންމެ ބޮޑު ކަމެއްގެ ގޮތުގައި ފާހަގަކުރެއްވީ، މިއީ ހަމައެކަނި އަންހެން ކުދިންނަށް އެނގެން ޖެހޭ ކަމެއްގެ ގޮތުގައި ނުހެދުމެވެ.

ކޮންމެ ދާއިރާއަކުން ވެސް ކުރިއަށް ދެވިދާނެ ކަމާއި އެއީ ހަމަ ރަނގަޅު ކަމެއްކަން، އަންހެން ކުދިންނެކޭ އެއްގޮތަށް، ފިރިހެނުންނާއި ފިރިހެން ކުދިންނަށް ވެސް ވިސްނައިދިނުމެވެ. މިކަމުގައި ފިރިހެނުންގެ ހޭލުންތެރިކަން ބޮޑުކުރުން މުހިއްމުކަން އެ ބޭފުޅުން ފާހަގަކުރެއްވި އެވެ.

ވިލާ ކޮލެޖުގެ ބެންޗުގައި ދަރިވަރުންތަކެއް މަޑުކޮށްލައިގެން: ވަޒީފާ ހިޔާރުކުރުމުގައި އަންހެންކުދިންނެކޭ އެއްގޮތަށް، ފިރިހެން ކުދިން ވެސް ހޭލުންތެރިކުރުވަން ޖެހޭ .-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ފަޒްނާ ވިދާޅުވީ އަންހެން ކުދިން މަސައްކަތް ކުރުމުގައި އިސްލާމް ދީނުގައި ގޮތްތަކެއް ކަނޑައަޅާފައިވާއިރު އެއާ ތައާރަޒު ނުވާ ގޮތަށް ކޮންމެ ކަމެއް ވެސް ކުރެވިދާނެ ކަމަށެވެ. ގޭތެރޭގެ ހުރިހާ ޒިންމާއެއް އަންހެނުން ނެގުން ލާޒިމެއް ނޫނެވެ. އަނބިމީހާ ނުވަތަ މަންމަގެ ބަދަލުގައި ގޭގެ ފިރިހެނުންނަށް ވެސް ކެއްކި ދާނެ އެވެ. އެއްޗެހި ދޮވެ، ފޮޅާ ސާފުކުރެވިދާނެ އެވެ. މީގެ ސަބަބުން ފިރިހެން މީހާގެ ގަދަރަަށް އުނިކަމެއް ނާންނާނެ އެވެ. އެކަމަކު މިކަމުގައި ވެސް ވަރަށް ބޮޑަށް ހޭލުންތެރިކުރުވަން ޖެހިފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.

"ފިރިހެން ކުދިންނަށް ވެސް މި ވާހަކަތައް ކިޔައިދޭން ޖެހޭ. މިކަމުގައި އެ މީހުންގެ ދައުރު ވެސް ބޮޑު،" ފަޒްނާ ވިދާޅުވި އެވެ.

އަންހެނުން ވަޒީފާ އަދާކުރާނެ ދާއިރާ ކަނޑައެޅުމުގައި ބަދަލުތަކެއް މިހާރު ވެސް ވަނީ އަންނަން ފަށައިފަ އެވެ. އޭވިއޭޝަނާއި އިންޖިނިއަރިން ފަދަ "ފިރިހެނުންނަށް ހާއްސަ" ދާއިރާތަކުގައި މަސައްކަތް ކުރާ އަންހެނުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. އެކަމަކު އަންހެން ކުދިން ބާރުވެރިކުރުވުމުގެ މި ވާހަކަ ދައްކަން ޖެހެނީ ހަމައެކަނި "އަންހެންކުދިންގެ ދުވަހު"ގައެއް ނޫނެވެ.

މިއީ ހަމަ ކޮންމެ ދުވަހަކު ވެސް ދައްކަން ޖެހޭ ވާހަކައެކެވެ. ޒަމާނުއްސުރެ މުޖުތަމައުގައި އޮތް މި ވިސްނުން ބަދަލު ކުރެވޭނީ އޭރުންނެވެ. ލޯންޗާއި ބޯޓުގެ ކައްޕީންގެ ގޮތުގަ އާއި އިންޖިނިއަރިން އާއި މަރާމާތުކުރުން ފަދަ ދާއިރާތަކާއި ސިޔާސީ އަދި ޕޮލިސީ ލެވެލްގައި ވެސް އަންހެނުން އިތުރުކުރެވޭނީ އެ ވިސްނުން ބަދަލުކޮށްގެންނެވެ.

21 ކޮމެންޓް, 37 ރިއެކްޝަންސް

icon happy icon happy 27%
icon sad icon sad 3%
icon angry icon angry 70%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ވަހީދުބެ

12 October 2020

ކަނޑުވެގެން ނޫނީ އަލިފާން ރޯވެގެން ނޫނީ ރާޅެއް އަރައިގެން ފަދަ ކަމެއް ދިމާވީމަ ފިރިހެނުން ފެންނާނެ. މިރާއްޖޭގައި 15 ހާސް ފިރިހެން ޒުވާނުން އެބަތިބި ތައުލީމީ ސަނަދެއް ެެެެެ ނެތި. އެތައްހާސް ފިރިހެނުން ޖަލު ބަންދުގައި. ޒިނޭ ކުރިއަސް ފިރިހެން މީހާ ޖަލަށް. ޢަންހެންމީހާ ގޭގައި.

The name is already taken The name is available. Register?

ކާމާލުދީދީ

12 October 2020

ނޫނޭ. ޒިނޭކޮށްފިއްޔާ ފިިހެންމީހާ ހޯދާނުފެންނާނެ. އެންމެންނަށްވެސް ފެންނާނީ އަންހެންމީހާ.

The name is already taken The name is available. Register?

ވަހީދުއްދީން

12 October 2020

14،000 ދިވެހި ފިރިހެން އެއްވެސް މިންވަރެއްގެ ތައުލިމީ ސަނަދެއް ނެތި މަގުމަތި ވެފައި އެބަތިބި. ޕޮލިޓިކކ ކަލް ބޭނުންތަ ކަށް އާޓި ކަލް ލިޔުނަސް ސޮސައިޓީ ބެލެންސް ވާނީ ހަމަހަމަ ފުރުސަތުދީ އަޅާލުން ދީގެން. ފިރިހެން ކުދިންނަ ކީ ވެސް އިންސާނުން. ތައުލީމާއި ތަރުބިއްޔަތު ދޭން ޖެހޭ.

The name is already taken The name is available. Register?

ޒަމީރު

12 October 2020

ކުފްރުނުވެ ކުފްރަށް ދައުވަތު ނުދީ ތިބެމާ

The name is already taken The name is available. Register?

ރަދީފު ބިން ރަފައިދާ

12 October 2020

އެމެރިކާގާ އަންހެންނަށްދޭ މުސާރަ ކުޑަ ފިރިހެނުންނަށްވުރެ. އެކަމަކު ާއްޖޭގާ އެކަމެއްނެތް. އެއްވަޒީފާއަކަށް ލިބެނީ ހަމަ އެއްމުސާރައެއް. މިކަމާ ވާހަކަދައްކާމީހަކު ނޫޅޭ.

The name is already taken The name is available. Register?

ރަބަރު

12 October 2020

އަންހެނުންނާއި ފިރިހެނުން ހަހަމަ ކުރުމުގެ މާނަ އޮޅުވާލާ ބަޔަކު އުޅޭ. ހަމަހަމަ ވުމަކީ ދެ ޖިންސުގެ މީހުނަށްވެސް ވަޒީފާ އަދާކުރެވުން. އެފުރުސަތު އޮތުން. ފިރިހެނުން އަދާކުރާ ހުރިހާ ކަމެއް ކުރުމެއްނޫން. އަދި އަންހެނުން ކުރާ ހުރިހާކަމެއް ފިރިހެނުން ކުރުމެއްނޫން. ޠަބީޢީ ގޮތުން ދެޖިންސުގެ ހުރި ތަފާތަށް ރިއާޔަތް ކޮށް ފުރުސަތު އޮތުން.

The name is already taken The name is available. Register?

އަހުމަދު ސަރީފު

12 October 2020

ބަލިވެއިން އަންހެނަކު ކަނޑުގަދަ ދުވަހަކު ލޯނޗުދުއްވީމަ ކިހިނެއްވާނެބާ؟

The name is already taken The name is available. Register?

އަންހެނެއްގެ ޝުއޫރު

12 October 2020

ބަލިވެއިން އަންހެނަކު ކަނޑުމަގުން ދަތުރު ކުރުން މަނާތަ؟ ދަތުރުކުރެވޭނަމަ ލޯންޗްވެސް ދުއްވޭނެ ބަލިވެއިންސް

The name is already taken The name is available. Register?

ޖަމަލު

12 October 2020

ފިރިހެން ކުއްޖެއްނުން، އަމިއްލަ ދާއިރާ އަކަށް ކުރިމަތި ނުލެވޭނެ. ފިރިހެން ކުއްޖެއްނުން، ފިހާރައިގެ ސޭޓަކަށް ނީނދެވޭނެ. އަދި ކޮބާ ސްކޮލާޝިޕް ތަކުގަ ވެސް ވަރަށް ގިނަ އަންހެން ކުއްޖެއް ވީމަ އިތުރަށް ޕޮއިންޓު ދިނުން އަދި ހަމަ އަންހެން ކުދިންނަށް ހާއްސަކޮށްފަ ހުރި ސްކޮލާޝިޕް ވެސް މަދެއް ނޫން

The name is already taken The name is available. Register?

ބައިރޯ

12 October 2020

ފިރިހެނުންނަށް ނުވާނެ ވަރައްގިނަކަން އަންހެނުން ކުރެވޭ، ކުދިންވިހެއުން، ގާތުން ކިރުދިނުން، ކަންކަމުގައި ކެއްކުރުން، ހަގީގަތަކީ ދުނިއޭގައި އުޅެވޭނީ ދެޖިންސުންވެސް މަސައްކަތް ކޮށްގެން، އަންހެންމީހާ ގޭގަބަހައްޓާ ވާހަކަ ފިރިހެނުން ވަރަށް ދައްކާ، މިކަމަށް ބަގޭ ބަހަކީ ގޭގަބަހައްޓާނަމަ ފުރަތަމަ ތިމާކީ އަބި މީހާޔަށް ބޭނުންވާ ކަންކަން ކޮށް ދެވޭވަރުގެ ގާބިލު މީހަކަށް ވާށޭ، ތާސް ކުޅޭށާ، ސިގިރެޓި އަދި ހކރ ބޯން ތިބެގެން އަންހެނުން ގޭގަ ބަހައްޓާވާހަކަނުދައްކަވާ

The name is already taken The name is available. Register?

ކިޔާފަ ކޮމެންޓް މި ކުރަނީ...

12 October 2020

މަށަ ކީ ވެސް ޢަބުރުވެރި، ފަޚުރުވެރި އަންހެނަ ކީމެވެ. އަތްބެ ކެވެ. ދެ ޖިންސު ހިމެނޭ ގޮތަށް 3 ދަރިންގެ މައެ ކެވެ. އެއާއިއެ ކު ބުނަން މިޖެހެނީ، ޙަޤީޤަތް ޤަބޫލު ކުރާށެވެ! އަންހެނަ ކަށް ވީތީ ނު ކުރެވޭނެ ކަން ކަން ހުންނާނެ ކަމެވެ. ވަޒީފާގެ ގޮތުގައި އަންހެނުން އަދާ ކުރުން ބުއްދިވެރީ، ކޮންމެ ދުވަހަ ކު ވެސް ފިރިމީހާ އާއި، ދަރިންނާއެ ކު ވަޤުތު ހޭދަކުރެވޭނެ ފަދަ ފަޒީފާ ތަ ކެވެ. ނޫންނަމަ އިޔާދަ ނު ކުރެވޭނެ ގެއްލުމެއް ކުރިމަތިވުން ގާތެވެ.

The name is already taken The name is available. Register?

އިންސާނާ

12 October 2020

މިކަހަލަ ބައެއް ވިސްނުމަކީ އިންސާނުން އުފެއްދެވި ފަރާތުން އިންސާނުންނާ ކުރުމަށް ހަވާލުކުރައްވާފައިވާ މަތިވެރި މަސައްކަތާއި މަޤްޞަދު އޮޅުވާލައި ދައްކާ ވާހަކަ. ކޮންމެ ޖިންސަކަށްވެސް ނުކުރެވޭނެ ކަންކަން ހުންނާނެ. އަންހެނަކަށްވާތީ ނުކޮށް ދޫކޮށްލަންޖެހޭ ކަންކަމާއި، ފިރިހެނަކަށްވާތީ ނުކޮށް ދޫކޮށްލަންޖެހޭ ކަންކަން ހުންނާނެ. ގަބޫލުކުރުމާއި ނުކުރުން އެއީ އެމީހާގެ ކަމެއް. ހަގީގީ ނަތީޖާ ޝީޓް ނުފެންނާތީ އެމީހަކަށް ފެންނަގޮތެއް އެއީ ރަނގަޅުގޮތޭ ގޮވަނީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454