ސުޕްރީމް ކޯޓު: ދީބާޖާ މައްސަލައިގެ ފުރަތަމަ އަޑުއެހުން މާދަމާއަށް ވަނީ ތާވަލްކޮށްފައި -- ފޮޓޯ/މިހާރު
13 އޮކްޓޯބަރ 2020 - 20:08
ދީބާޖާ އިންވެސްޓްމަންޓަށް ބަދަލުގެ ގޮތުގައި 348 މިލިއަން ރުފިޔާ ދައްކަން ދައުލަތުގެ މައްޗަށް ކޮށްފައިވާ ހުކުމް ރިވިއުކުރަން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ފުރަތަމަ އަޑުއެހުން މާދަމާއަށް ތާވަލުކޮށްފި އެވެ.
މައްސަލަ ރިވިއުކުރަން ދައުލަތުން ކޯޓަށް ހުށަހެޅި މައްސަލަ ބަލައިގަތުމަށް ނިންމައި، އެ މައްސަލަ ހުށަހެޅުމުގެ ހުއްދަ ސުޕްރީމް ކޯޓުން ދީފައިވަނީ މިދިޔަ މާޗުމަހުގެ ތެރޭގަ އެވެ. އެ ކޯޓުން ބުނިގޮތުގައި ސުޕްރީމް ކޯޓުުގެ ނިންމުން މުރާޖައާ ކުރުމަށް ދައުލަތުން ހުށަހަޅާފައިވާ މައްސަލައިގެ ފުރަތަމަ އަޑުއެހުން މާދަމާ ހެނދުނު ދިހައެއް ޖަހާއިރު އޮންނާނެ އެވެ.
އުތުރު ޕްރޮވިންސްގައި ފެރީގެ ޚިދުމަތް ދިނުމަށް 2010 ވަނަ އަހަރު ދީބާޖާއާ އެކު ހެދި އެއްބަސްވުން 2013 ވަނަ އަހަރު ސަރުކާރުން ބާތިލްކުރި މައްސަލާގައި ގެއްލުމުގެ ބަދަލުގެ ގޮތުގައި 348 މިލިއަން ރުފިޔާ ދައްކަން ދައުލަތުގެ މައްޗަށް ސިވިލް ކޯޓުން ކުރި ހުކުމް މިދިޔަ އަހަރު ސުޕްރީމް ކޯޓުން ވަނީ ދަމަހައްޓައިފަ އެވެ.
ދީބާޖާއަށް ބަދަލު ދޭން ކުރި ހުކުމް ރިވިއުކުރަން ދައުލަތުން ހުށަހެޅިއިރު، ކުރިން ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ވިދާޅުވެފައިވަނީ އެ ހުކުމް ރިވިއުކުރަން ހުށަހެޅޭނެ ސަބަބެއް ނެތް ކަމަށެވެ. އެކަމަކު ފަހުން އެ މައްސަލަ ހުށަހެޅީ އެއީ އާންމުންގެ ކަންބޮޑުވުން އޮތް މައްސަލައަކަށް ވާތީ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެފައިވާ ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ބުނެފައިވެ އެވެ.
މި ސަރުކާރު ވެރިކަމަށް ގެނައުމުގައި އެކި ގޮތްގޮތުން އެހީތެރިވި ބައެއްގެ މަސްލަހަތު އޮންނަ ދީބާޖާއަށް ބަދަލު ދޭން ކުރި ހުކުމް ރިވިއުކުރަން ހުށަހެޅިއިރު، ކޯޓުން ބޭރުގައި މައްސަލަ ހައްލުކޮށް ބަދަލުގެ ގޮތުގައި ދީބާޖާއަށް 174 މިލިއަން ރުފިޔާ ދޭން ވެސް ސަރުކާރުން ކުރިން ނިންމި އެވެ. އެކަމަކު އެ ފައިސާ ވެސް ދައުލަތުން ނުދައްކާތީ ދީބާޖާ އިން އޮތީ ހުކުމް ތަންފީޒު ކުރަން ސިވިލް ކޯޓަށް މައްސަލަ ވެސް ހުށަހަޅައިފަ އެވެ. ބަދަލުގެ ގޮތުގައި 174 މިލިއަން ރުފިޔާ ދޭން މި ސަރުކާރުން ނިންމާފައި ވިޔަސް، އެ ކުންފުންޏަށް އެ އުސޫލުން އެއްވެސް ފައިސާއެއް ނުދޭން އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ވަނީ މިދިޔަ ޖުލައި މަހުގެ ތެރޭގައި އަންގަވާފަ އެވެ. އެއާއެކު، އެއީ އެ މައްސަލައިގައި ތަފާތު ކުރުން ގެންގުޅުން ކަމަށް ދީބާޖާއިން ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލުތުފީ
14 October 2020
ދައުލަތާއެކު ވެފައިވާ އެގްރިމެންޓެއް އުވާލައިގެން ބަދަލުދޭން ޖެހިއްޖެނަމަ، އެކަން ކުރިބަޔަކުގެ އަތުން އެފައިސާ ވުސޫލުކުރާގޮތަށް ހަދަންވީ. އޭރުން ތިކަން ހަމަޔަކަށް އެޅިދާނެ. ދީބާޖާއަށް ފައިސާދޭން މިންމައިފިއްޔާ، އެގްރިމެންޓް ބާޠިލްކުރަން ނިންމި އެންމެންގެ މައްޗަށް ދައުވާކުރަންޖެހޭނެ. އަދި ދައުލަތަށް ލިބުނު ގެއްލުން އެމީހުންގެ އަތުން ހޯދަންވާނެ.
މަރޭމިރުތާ
14 October 2020
ރަސްމީ ކޮށްލާފަ ގޭދޮށު ކުދިންކޮޅަށް ފައިސާ ދިނުމަށް ރާވާލާފަ މިއޮތީ. އޭޖީ ހުރީ މިފައިސާ ދޭގޮތަށް. ދައުލަތަށް މި ފައިސާ ސަލާމަތް ކޮށްދޭ ގޮތަކަށް ނޫން. ނުކުރާ މަސައްކަތަކަށް ދައުލަތުގެ ބއިތުލްމާލު ކަހާލަނީ. ހައްޤުމިންވަރު، އަދުލް އިންސާފް، އެޖެންޑާ19، ކިހާ ރީތި!
އޮނަރަބްލް އަފީފު ދީދީ
13 October 2020
ކޮންމެފަދަ ޙުކުމެއް އައިކަމުގައިވިޔަސް އިޙްތިރާމާއިއެކު ސްޕްރީމް ކޯޓްގެ ނިންމުން އަހަރުމެން ބަލައިގަންނާނަން. # އެހެން ނަމަވެސް އަހަރުމެން އުއްމީދު ކުރަނީ ހުކުމުގެ ތެރެއިން ދައުލަތާއި ރައްޔަތުންގެ މުދަލާއި ފައިސާގެ ހިމާޔަތާއި ރައްކާތެރިކަމަށް ބާރުލިބިދޭފަދަ ވާހަކަ ތަކެއް އައުން. # އަދި މިފަދަ އެއްބަސްވުން އެކުލަވާލުމާއި އެއްބަސްވުން އުވާލުމުގައި ޤާނޫނާއި ޙިލާފުވެފައިވާ ފަރާތް ތަކުގެ މުދާ ހިފައިގެންވިޔަސް ގެއްލުމުގެ ބަދަލު ލިބޭނެ ގޮތެއް ކަޑައެޅުން.
ފޮނިހަކަ
13 October 2020
ބަލައެއް ނުގަންނާނަން. އެންމެ ލާރިއެއްވެސް ދީބާޖާއަކަށް ދޭކަށް ނުޖެހޭނެ. އެމީހުންނާ ހަވާލުވި މަސައްކަތެއް އެމީހުން ނުކުރޭ. އެހެންވީމާ އެގްރިމެންޓު ބާތިލުކުރުމަކީ ދައުލަތަށް ލިބިގެންވާ ހައްގެއް.