14 އޮކްޓޯބަރ 2020 - 09:14
ރިއޯ ޑި ޖެނީރޯ (އޮކްޓޫބަރު 14) – ވޯލްޑް ކަޕް ކޮލިފައިން ދެކުނު އެމެރިކާ ބުރުގައި ރޭ ނޭމާގެ ހެޓްރިކާ އެކު ޕެރޫ އަތުން 4-2 އިން ބްރެޒިލް މޮޅުވިއިރު، ބޮލީވިއާ އަތުން އާޖެންޓީނާ 2-1 އިން މޮޅުވެއްޖެ އެވެ.
މި ހެޓްރިކާ އެކު ނޭމާ ވަނީ ގައުމީ ޓީމަށް ޖެހި ލަނޑުގެ އަދަދު 64 އަށް އަރުވައި ބްރެޒިލަށް ދެ ވަނަ އަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އަށް ވެފަ އެވެ. އޭނާ ފަހަތަށް ޖައްސާލީ 62 ލަނޑު ޖަހާފައިވާ ރޮނާލްޑޯ އެވެ. މި ލިސްޓުގެ އެއް ވަނައިގައި އޮތީ 77 ލަނޑު ޖަހައިގެން ޕެލޭ އެވެ.
އަމިއްލަ ދަނޑުގައި ޕެރޫ ކުޅުނު މެޗުގެ ހަ ވަނަ މިނެޓުގައި އެ ޓީމުގެ އަންދްރޭ ކަރީއްޔޯ ވަނީ ލީޑު ނަގައިފަ އެވެ. ބްރެޒިލަށް އެއްވަރުކޮށްދިނީ 28 ވަނަ މިނެޓުގައި ނޭމާ އެވެ. އޭގެ ފަހުން 59 ވަނަ މިނެޓުގައި ޕެރޫގެ ރެެެނާޓޯ ޓަޕިއާ އެ ޓީމަށް އަލުން ކުރި ހޯދައިދިނެވެ. ބްރެޒިލް މޮޅުވީ ރިޗާލިސަން ޖެހި ގޯލާއި ނޭމާ ޖެހި ގޯލުންނެވެ. މި މެޗުގެ ފަހު ހަތަރު މިނެޓުގެ ތެރޭގައި ޕެރޫގެ ދެ ކުޅުންތެރިއަކަށް ވަނީ ރަތްކާޑު ދައްކައިފަ އެވެ.
ބޮލީވިއާގެ ދަނޑުގައި އާޖެންޓީނާއާ ދެކޮޅަށް ކުޅުނު މެޗުގެ 24 ވަނަ މިނެޓުގައި ބޮލީވިއާގެ މޮރޭނޯ މާޓިންސް ކުރި ހޯދި އެވެ. އާޖެންޓީނާ މޮޅުވީ ލޮޓާރޯ މާޓިނޭޒާއި ޔޯކުއީން ކޮރޭއާ ޖެހި ގޯލްތަކުންނެވެ. މިއީ 2016 ގެ ފަހުން ވޯލްޑް ކަޕް ކޮލިފައިންގައި އާޖެންޓީނާ އަށް ކެޕްޓަން ލިއޮނަލް މެސީ ނޫން ކުޅުންތެރިއަކު ލަނޑު ޖެހި ފުރަތަމަ ފަހަރެވެ.
ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު އިކުއެޑޯ އިން ވަނީ އުރުގުއޭ 4-2 އިން ބަލިކޮށްފަ އެވެ. ޕެރެގުއޭ އަތުން 1-0 އިން ވެނެޒުއޭލާ މޮޅުވިއިރު ކޮލަމްބިއާ އާއި ޗިލީ 2-2 އިން އެއްވަރުވީ އެވެ.
ކޮންމެ ޓީމެއް ދެ މެޗު ކުޅެފައިވާއިރު ކުރީގައި އޮތީ ހަ ޕޮއިންޓް ހޯދައިގެން ބްރެޒިލާއި އާޖެންޓީނާ އެވެ. ލަނޑުގެ ތަފާތުން އެއް ވަނަ ލިބެނީ ބްރެޒިލަށެވެ. ވާދަކުރާ 10 ޓީމުގެ ތެރެއިން ހަތަރު ޓީމަށް ގަތަރު ވޯލްޑް ކަޕުން ސީދާ ޖާގަ ލިބޭނެ އެވެ. އަދި ފަސް ވަނަ ޓީމަށް ޖެހޭނީ އިންޓަ ފެޑެރޭޝަން ޕްލޭއޮފުގައި ވާދަކުރާށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އާސިފު
14 October 2020
މިއީ 2016 ގެ ފަހުން ވޯލްޑް ކަޕް ކޮލިފައިންގައި އާޖެންޓީނާ އަށް ކެޕްޓަން ލިއޮނަލް މެސީ ނޫން ކުޅުންތެރިއަކު ލަނޑު ޖެހި ފުރަތަމަ ފަހަރެވެ. ވިސްނާލަބަލަ 2016 ގެ ފަހުން.