ޕެންސިލްވޭނިއާގެ ފިލެޑެލްފިއާގައި ބޭއްވި ރެލީއެއްގައި އޮބާމާ ތަގްރީރު ކުރައްވަނީ. --ފޮޓޯ:އޭއެފްޕީ
22 އޮކްޓޯބަރ 2020 - 11:36
ވޮޝިންޓަން (އޮކްޓޯބަރު 23) - ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޖޯ ބައިޑަން އަށް ކެމްޕޭން ކުރެއްވުމަށް ކުރީގެ ރައީސް ބަރަކް އޮބާމާ ނުކުންނަވައިފި އެވެ.
އޮބާމާގެ ވެރިކަމުގައި އެމަނިކުފާނުގެ ނައިބަކަށް ހުންނެވި ބައިޑަންގެ ކެމްޕޭނަށް ޕެންސިލްވޭނިއާގައި ނުކުންނެވި އިރު ރައީސް ޑޮނަލްޑް ޓްރަމްޕް ގެންދަވަނީ ނޯތު ކެރޮލީނާގައި ކެމްޕޭން ކުރައްވަމުންނެވެ. ޚިޔާލު ހޯދުންތަކުން ދައްކާ ގޮތުގައި ޕެންސިލްވޭނިއާގައި 51-43 އިން ކުރީގައި އުޅުއްވަނީ ބައިޑަން އެވެ. އެންމެ ފަހުން ބޭއްވި އިންތިޚާބުގައި، 2016 ވަނަ އަހަރު އެ ސްޓޭޓުގެ ވޯޓު ހަނި އަޣުލަބިއްޔަތުން ކާމިޔާބު ކުރެއްވީ ޓްރަމްޕެވެ.
ޓެކްސަސްގައި ދެ ކެންޑިޑޭޓުން ވެސް 47-47 އިން އެއްވަރެއްގައި އުޅޭ ކަމަށް ޚިޔާލު ހޯދުންތަކުން ދައްކަ އެވެ. އެއީ މީގެ ހަތަރު އަހަރު ކުރިން ޓްރަމްޕް ކާމިޔާބު ކުރެއްވި ސްޓޭޓެކެވެ. ނަވާރަ ސަތޭކަ ހަތް ދިހަ ހަ ވަނަ އަހަރު ޖިމީ ކާޓަރަށް ފަހު ޑިމޮކްރެޓިކް ކެންޑިޑޭޓަކަށް ޓެކްސަސްގެ ވޯޓު ކާމިޔާބު ކުރެއްވިފައެއް ނުވެ އެވެ.
ޕެންސިލްވޭނިއާގެ ފިލެޑެލްފިއާގައި ބޭއްވި ވަށް މޭޒު ބައްދަލުވުމެއްގައި އޮބާމާ ވާހަކަ ދައްކަވަނީ. --ފޮޓޯ:އޭއެފްޕީ
ބައިޑަން، 77، ކެމްޕޭން ހަރަކާތެއް ނުބާއްވަތާ މިހާރު ތިން ދުވަސްވެއްޖެ އެވެ. އެކަމަކު ޓްރަމްޕް، 74، ކެމްޕޭނުގައި އުޅުއްވަނީ ވަރަށް ހަރަކާތްތެރިކޮށެވެ. ޓްރަމްޕް ވަނީ ކެމްޕޭނުގައި ޑިމޮކްރެޓިކުން "ފިލައިފި" ކަމަށް ވިދާޅުވެފަ އެވެ.
ބައިޑަންގެ ކެމްޕޭނުން ބުނެފައި ވަނީ އެމަނިކުފާން ގެންދަވަނީ ބުރާސްފަތި ދުވަހުގެ ރޭ އޮންނަ ބަހުސް އަށް ތައްޔާރުވެވަޑައިގަންނަވަމުން ކަމަށެވެ.
ޑިމޮކްރެޓިކް ޕާޓީގެ ޕްރައިމަރީގައި އުމުރުން 59 އަހަރުގެ އޮބާމާ ހުންނެވީ ވަކި ކޮޅަކަށް ޖެހިވަޑައިނުގެންނެވެ. ޕާޓީގެ ޓިކެޓް ބައިޑަން އަށް ލިބިވަޑައިގަތުމާ އެކު އޮބާމާ ވަނީ އެމަނިކުފާނަށް ތާއީދު ކުރައްވައިފަ އެވެ. ބައިޑަންގެ ކެމްޕޭނުން ބުނެފައި ވަނީ އޮބާމާ ނުކުންނެވުމާ އެކު ޒުވާނުންގެ ތާއީދު އިތުރަށް ލިބޭނެ ކަމަށެވެ. އަދި އެމެރިކާގެ ކަޅު ނަސްލުގެ މީހުންގެ ތާއީދު ވެސް ބައިޑަން އަށް ލިބޭނެ ކަމަށް ވަނީ ބުނެފަ އެވެ. އެފްރިކާ ދަރިކޮޅުގެ އެމެރިކާ މީހުން ވަނީ 2008 އަދި 2012 ގައި އޮބާމާ އަށް ގިނަ އަދަދަކަށް ވޯޓުލައިފަ އެވެ. ނަމަވެސް 2016 ވަނަ އަހަރު އެ މީހުން ވޯޓުލީ އަދަދު މަދެވެ.
ޕެންސިލްވޭނިއާގެ ފިލެޑެލްފިއާގައި ވޮލަންޓިއަރުންގެ ގްރޫޕަކާ އޮބާމާ ވާހަކަ ދައްކަވަނީ. --ފޮޓޯ:އޭއެފްޕީ
ވީޑިއޯ މެސެޖެއް މެދުވެރިކޮށް އޮބާމާ އަންގާރަ ދުވަހު އެމެރިކާގެ ޒުވާނުންގެ ވޯޓު ބައިޑަން އަށް ދިނުމަށް އެދިވަޑައިގެންނެވި އެވެ. އޮބާމާ ވިދާޅުވީ އެމެރިކާ އަށް އިންސާފާއި ހަމަހަމަކަން ގެނެވޭނީ މި އިންތިޚާބު ޑިމޮކްރެޓިކް ޕާޓީ އަށް ކާމިޔާބު ކުރެވިގެން ކަމަށެވެ.
"އެހެން އެއްވެސް މީހަކަށް ވުރެ ބޮޑަށް ޖޯ ބައިޑަން އަޅުގަނޑަށް އެނގޭ. ރަނގަޅު ރައީސަކަށް ބައިޑަން ވާނެކަމުގެ އިތުބާރު އަޅުގަނޑަކަށް އެބައޮތް،" އޮބާމާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަޖުމުއްދީން
22 October 2020
އޮބަމާއަކީ ވަކި ސަހަލުމީހެއްނޫން. އަަބިދުނިޔެއަށް އަރަބި ސްޕުރިންގު ގެނަސް މުޅި އެސަަހައްދު ހަފުސްއަރުވާލައިފި.
ޔަހުޔާ.
22 October 2020
ޓުރަމްޕުގެ ޒަމާން ތިއަ ދިއާ.
ފިފުޓީ ސިކުސް
22 October 2020
އިންޝާﷲ
57541
23 October 2020
ޓުރަމްޕަށް ﷲ ކާމިޔާބު ދެއްވާދެވެ.