ދުނިޔެ / އެމެރިކާގެ އިންތިޚާބު 2016

ހިލަރީގެ މައްސަލަ އެފްބީއައި އިން ކޮންގްރެސް އަށް ރިޕޯޓްކުރީ އޭޖީގެ ރުހުން ނެތި

އެފްބީއައިގެ ޑިރެކްޓާ ޖޭމްސް ކޯމޭ ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.

31 އޮކްޓޯބަރ 2016 - 12:59

ވޮޝިންޓަން (އޮކްޓޯބަރު 31) - ރިޔާސީ ކެންޑިޑޭޓް ހިލަރީ ކްލިންޓަނުގެ އީމެއިލް މައްސަލައެއް ބަލަމުންދާކަން އެފްބީއައިގެ ޑިރެކްޓާ ޖޭމްސް ކޯމޭ ކޮންގްރެސް އަށް އެންގީ އެޓާނީ ޖެނެރަލް ލޮރެއްޓާ ލިންޗާއި ޑިޕިއުޓީ އެޓާނީ ޖެނެރަލް ސެލީ ޔޭޓްސްގެ ރުހުން ނެތި ކަމަށް ގާނޫނު ތަންފީޒުކުރާ އެޖެންސީގެ އޮފިޝަލުން ބުނެފި އެވެ.

އެފްބީއައިގެ މުވައްޒަފަކު ބުނީ ހިލަރީގެ އަމިއްލަ އީމެއިލް ސާވާގެ މައްސަލާގައި ލިންޗާއި ޔޭޓްސް އަދި ޑިރެކްޓާ ކޯމޭއާ ދެމެދު ސީދާ ވާހަކަތަކެއް ދެކެވިފައި ނުވި ނަމަވެސް ޖަސްޓިސް ޑިޕާޓްމަންޓުގެ މުވައްޒަފަކު ވަނީ ކޮންގްރެސް އަށް ސިޓީ ފޮނުވުމަކީ އެ ޑިޕާޓްމަންޓުގެ ސިޔާސަތާ ޚިލާފު ކަމެއް ކަމަށް ކޯމޭ އަށް ދަންނަވައިފައި ކަމަށެވެ. ނަމަވެސް އެ ސިޓީ ނުފޮނުވުމަށް ކޯމޭ އަށް އެއްވެސް ފަރާތަކުން އަންގައިފައެއް ނުވެ އެވެ. އިންތިޚާބަށް ދެ މަހަށް ވުރެ ވަގުތު ކުޑަތަންވެފައި ވަނިކޮށް ސިޔާސީ ގޮތުން ނާޒުކް މައްސަލަތަކުގައި އާއްމުންނަށް އެނގޭ ގޮތަށް ކޮމެންޓް ކުރުމަކީ އެފްބީއައި އިން މީގެ ކުރިން ކަންކުރަމުންދިޔަ އުސޫލެއް ނޫނެވެ.

ޖަސްޓިސް ޑިޕާޓްމަންޓުގެ އެންމެ އިސްވެރިންގެ ކަންބޮޑުވުންތައް ހުރި ނަމަވެސް ކޮންގްރެސް އަށް ކޯމޭ ފޮނުވި ސިޓީއާ ގުޅިގެން ހިލަރީގެ ކެމްޕޭން ޓީމުން ދަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. ހިލަރީގެ އީމެއިލްތަކާ ބެހޭ އާ މައްސަލައެއް ފޮނުވި އިރު އެފްބީއައި އިން ވަނީ އެކަމަނާގެ ޚާރިޖީ ވަޒީރުކަމުގައި އަމިއްލަ އީމެއިލް ސާވާ ބޭނުންކުރި މައްސަލަ ބަލާ ދައުވާ ކުރަންޖެހޭ ވަރުގެ ކަމެއް ނެތް ކަމަށް ޖުލައި މަހު ބުނެފަ އެވެ.

ކޮންގްރެސް އަށް ފޮނުވި ސިޓީއާ ގުޅިގެން ކޯމޭ ފަހުން ވަނީ އޭނާ އެކަން ކުރި ސަބަބު އެފްބީއައިގެ މުވައްޒަފުންނަށް ސާފު ކޮށްދެއްވައިފަ އެވެ. ކޯމޭ ވިދާޅުވީ ހިލަރީގެ މައްސަލަ ނިންމާފައިވާ ކަމަށް ޖުލައި މަހު ބުނެފައިވަނިކޮށް އާ މައްސަލައެއް ބަލަމުންދާކަން ނުބުނެ ހުރުމަކީ އެމެރިކާގެ ރައްޔިތުންނަށް އޮޅުން އަރާނެ ކަމެއް ކަމަށެވެ.

ހިލަރީގެ އީމެއިލްގެ އާ މައްސަލައެއް ފެންމަތިކޮށްފައި މި ވަނީ އެކަމަނާގެ ވަރަށް އަރިހުގައި މަސައްކަތް ކުރެއްވި ހުމާ އެބެޑިންގެ ވަކިވެފައިވާ ފިރިކަލުން އަދި ކޮންގްރެސްގެ ކުރީގެ މެންބަރެއް ކަމަށްވާ އެންތަނީ ވެއިނާ، ނޯތު ކެރޮލީނާގެ 15 އަހަރުގެ އަންހެން ކުއްޖަކަށް ފޮނުވި އީމެއިލްތަކުގައި ޖިންސީ ކަންކަމާ ގުޅޭ ވާހަކަތައް ހިމެނޭތޯ ބެލުމަށް ހިންގި ތަހުގީގެއްގެ ތެރޭންނެވެ. އެބެޑިން އަކީ ހިލަރީގެ ޚާރިޖީ ވަޒީރު ކަމުގައި އެކަމަނާގެ ޑިޕިއުޓީ ޗީފް އޮފް ސްޓާފެވެ. އަދި ރިޔާސީ ކެމްޕޭނުގައި ޑިޕިއުޓީ ޗެއާޕާސަން ވެސް މެ އެވެ.

ހިލަރީގެ ކެމްޕޭން ޓީމުން ބުނެފައި ވަނީ އީމެއިލްގެ މައްސަލައެއް ބަލަމުންދާކަން ކޮންގްރެސް އަށް ރިޕޯޓްކުރި ދަނޑިވަޅު ރަނގަޅު ނޫން ކަމަށެވެ. ހިލަރީ ވެސް ވިދާޅުވެފައި ވަނީ އާ މައްސަލައެއް ބަލަމުން ދިޔަ ނަމަވެސް ޖުލައި މަހު އެފްބީއައި އިން ނިންމާފައިވާ ނިންމުމަށް ބަދަލެއް ނާންނާނެ ކަމަށެވެ.

0 ކޮމެންޓް, 13 ރިއެކްޝަންސް

icon happy icon happy 31%
icon sad icon sad 0%
icon angry icon angry 69%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454