27 އޮކްޓޯބަރ 2020 - 08:47
ޑައިރެކްޓަރު އަލީ އައްބާސް ޒަފަރު، ސައިފް އަލީ ޚާނާ އެކު ގެނެސްދޭ ވެބް ސީރީޒް "ދިއްލީ" އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި އެމެޒޯން ޕްރައިމް ވީޑިއޯ އިން ސްޓްރީމްކުރާ ނިންމައިފި އެވެ.
މިދިޔަ އަހަރު ޝޫޓިން ނިންމާލައި، ޕޯސްޓް-ޕްރޮޑަކްޝަަންގެ އެންމެ ފަހުގެ މަސައްކަތްތައް ކުރަމުން އަންނަ 10 އެޕިސޯޑްގެ ސީރީޒް ގެނެސްދޭން ފަށާނެ ސީދާ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ. ޕޮލިޓިކަލް ތުރިލާއެއްގެ ގޮތުގައި ގެނެސްދޭ "ދިއްލީ" އަކީ "ބާރަތު" އާއި "ޓައިގާ ޒިންދާ ހޭ" ފަދަ ފިލްމުތައް ގެނެސްދިން އަލީއާ އެކު ސައިފް މަސައްކަތްކުރި ފުރަތަމަ ޕްރޮޖެކްޓެކެވެ.
ނެޓްފްލިކްސް އިން ގެނެސްދިން ކާމިޔާބު ސީރީޒް "ސެކްރެޑް ގޭމްސް" ގެ ލީޑް ރޯލް ވެސް ކުޅުނު ސައިފް "ދިއްލީ" ގައި ފެންނާނީ އިންޑިއާގެ ބޮޑުވަޒީރު ކަމަށް އަންނަން މަސައްކަތްކުރާ ނުފޫޒުގަދަ ސިޔާސީ ލީޑަރެއްގެ ގޮތުގަ އެވެ. މި ސީރީޒްގެ ތަޖުރިބާއާ ބެހޭ ގޮތުން ބަތަލާ ކަރީނާ ކަޕޫރްގެ ފިރިމީހާ ބުނީ އޭނާ ކުޅެފައިވާ ކެރެކްޓާ އަކީ އިންޑިއާގެ ކުރީގެ ވަރަށް މަޝްހޫރު ޝަހުސިއްޔަތެއް ކަމަށްވާ ޗަނަކިއާ ކަހަލަ ކެރެކްޓާއެއް ކަމަށެވެ.
"ޗަނަކިއާ ކަހަލަ ޒުވާން ލީޑަރެއް އަހަރެން ދިއްލީގައި ކުޅެފައިވާ ކެރެކްޓާ އަކީ،" ސައިފް ބުންޏެވެ.
އޭނާ ބުނިގޮތުގައި މި ސީރީޒަކީ ޒުވާނުންނާ ވެސް ވަރަށް ބޮޑަށް އަދި ޖުމްލަކޮށް ކޮންމެ މީހަކާ ވެސް ގުޅޭ ކަހަލަ ސީރީޒެއް ކަމަށެވެ. ސައިފް ބުނީ އެމެރިކާ އިން "ހައުސް އޮފް ކާޑްސް" ފަދަ ސިލްސިލާތައް ގެނެސްދީފައިވާ އިރު "ދިއްލީ" އަކީ އިންޑިއާ އިން ގެނެސްދޭ އެފަދަ އެއްޗަކަށް ވާނެ ކަމަށެވެ.
އަލީ އަދި ސައިފް.
"ޖުމްލަކޮށް އިންޑިއާގެ ސިޔާސީ މަސްރަހުގައި ކަންކަން ހިނގާ ގޮތް ސީރީޒުން ދައްކުވައިދޭނެ،" ސައިފް ބުންޏެވެ.
"ދިއްލީ" ގެ ކާސްޓުންގެ ތެރޭގައި ޕޫރަބް ކޯލީ އާއި ޑިމްޕަލް ކަޕާޑިއާ އާއި ސުނިލް ގްރޯވާ އާއި މުހައްމަދު ޒީޝާން އައްޔޫބާއި އަމީރާ ދާސްތޫރާއި ސާރާ ޖޭން ޑިޔަސް ހިމެނެ އެވެ.
މި އަހަރު "ތާނާޖީ: ދި އަންސަންގް ވޮރިއާ" އާއި "ޖަވާނި ޖާނެމަން" އަދި "ދިލް ބޭޗާރާ" އިން ފެނިގެން ދިޔަ ސައިފް މިހާރު އަންނަނީ ހޮރޯ-ކޮމެޑީ "ބޫތު ޕޮލިސް" ގެ ޝޫޓިން ފެށުމަށް ތައްޔާރުވަމުންނެވެ. އުމުރުން މިހާރު 50 އަހަރުގެ އެކްޓަރު ސޮއިކޮށްފައި ހުރި ފިލްމުތަކުގެ ތެރޭގައި "ގޯ ގޯއާ ގޯން 2" އާއި "އަދިޕުރުޝް" ހިމެނޭ އިރު، ދެން އެންމެ އަވަހަށް ބެލުންތެރިންނާ ހަމައަށް އަންނާނެ ސައިފްގެ ފިލްމަކީ "ބަންޓީ އޯރް ބަބްލީ 2" އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy