އޭއެފްސީ ކަޕްގެ ޕްރިލިމިނަރީ ބުރުގައި ރާއްޖޭގެ މާޒިޔާ (ކ) އާއި ބަންގްލަދޭޝްގެ ޑާކާ އަބަހާނީ ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
29 އޮކްޓޯބަރ 2020 - 10:53
ކޮވިޑް-19 ގެ ސަބަބުން މި އަހަރުގެ އޭއެފްސީ ކަޕް ކެންސަލް ކުރުމުން، ލިބުނު މާލީ ގެއްލުމުގެ ބަދަލު ހޯދަން ޓީމުތަކުން އޭއެފްސީގައި އެދުނު އެދުން ފުރިހަމަކޮށްދެވެން ނެތް ކަމަށް އެ އިދާރާ އިން ބުނެފި އެވެ.
މި އަހަރުގެ އޭއެފްސީ ކަޕް ކެންސަލްކުރުމުން ބަދަލު ހޯދަން ސިޓީ ފޮނުވި ކްލަބްތަކުގެ ތެރޭގައި ރާއްޖޭގެ މާޒިޔާ އާއި ޓީސީގެ އިތުރުން ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދުރާ ހިމެނެ އެވެ.
އެފްއޭއެމްގެ ޖެނެެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) "މިހާރު" އަށް ވިދާޅުވީ ރާއްޖޭގެ ޓީސީ އާއި މާޒިޔާ އޭއެފްސީ އަށް ފޮނުވި ސިޓީގެ ޖަވާބު ލިބިފައިވާ ކަމަށާއި މި ވަގުތު އެ ފަދަ ކަމެއް (މާލީ ބަދަލެއް) ދެވެން ނެތް ކަމަށް އޭއެފްސީން އެ ސިޓީގައި ބުނެފައިވާ ކަމަށެވެ.
ބަންގްލަދޭޝްގެ މީޑިއާ އިން ވެސް ރިޕޯޓްކުރި ގޮތުގައި އޭއެފްސީން ވަނީ އެ އިދާރާގެ މާލީ ހާލަތު މި ވަގުތު ހުރި ގޮތުން އިތުރު ކަންކަމަށް އެހީތެރިކަން ފޯރުކޮށްދެވެން ނެތްކަން އަންގައިފަ އެވެ.
މިދިޔަ މާޗު މަހު ކޮވިޑް-19ގެ ނުރައްކާ ބޮޑުވުމުން އޭއެފްސީން އެންމެ ފުރަތަމަ މުބާރާތް މެދުކަނޑާލީ އެވެ. މެމްބަރު އެސޯސިއޭޝަންތަކާއި ކްލަބްތަކާ އެކު އޭއެފްސީން މިދިޔަ ޖޫން އަދި ޖުލައި މަހު ބޭއްވި ބައްދަލުވުންތަކަށް ފަހު ނިންމާފައި އޮތީ އީސްޓް ޒޯންގެ މެޗުތަކާއި ވެސްޓާއި ސައުތު ޒޯންގެ މެޗުތައް އޮކްޓޫބަރު މަހު ފަށާ ގޮތަށެވެ.
އޭއެފްސީން އަލުން މުބާރާތް ފަށަން ރޭވީ ކޮންމެ ގްރޫޕެއްގެ މެޗުތައް ސެންޓްރަލައިޒްކޮށް ވަކި ސަރަހައްދެއްގައި ކުރިއަށްގެންދިއުމުގެ ގޮތުންނެވެ. އެ ގޮތުން ރާއްޖެ ހިމެނޭ ދެކުނު އޭޝިއާގެ ގްރޫޕް ކަމަށްވާ ގްރޫޕް އީގެ މެޗުތައް މި މަހު 23 އިން އަންނަ މަހު ހަތަރަކަށް މާލޭގައި ކުޅޭ ގޮތަށް ހަމަޖެހުނެވެ. އެކަމަކު މިދިޔަ މަހުގެ 13 ވަނަ ދުވަހު އޭއެފްސީގެ ހިންގާ ކޮމިޓީގެ ބައްދަލުވުމުގައި ނިންމީ މުބާރާތް ކެންސަލްކުރާށެވެ. އެ ގޮތަށް ނިންމަން ޖެހުނީ ބައެއް ގްރޫޕްގެ މެޗުތައް ބާއްވާނެ ގައުމެއް ނެތުމުންނެވެ.
އޭއެފްސީ ކަޕް ކެންސަލްކުރުމާ އެކު އެންމެ ބޮޑު ގެއްލުމެއްވާނީ މުބާރާތަށް އެންމެ ރަނގަޅަށް ތައްޔާރުވި ކްލަބްތަކަށެވެ. މި ސަރަހައްދުގެ ކްލަބްތަކަށް ބަލާއިރު އޭއެފްސީ ކަޕަށް ތައްޔާރުވީ ރާއްޖޭގެ ޗެމްޕިއަން މާޒިޔާ އާއި ޓީސީގެ އިތުރުން ބަންގްލަދޭޝްގެ ގަދަބާރު ބަޝުންދުރާ ކިންގްސް އެވެ. މުބާރާތް ކެންސަލްކުރިއިރު، މާޒިޔާ އިން ދިޔައީ ޓީމު ވަރުގަދަކޮށް ޕްރެކްޓިސް ވެސް ކުރަމުންނެވެ. އަދި އެނގިފައިވާ ގޮތުގައި މާޒިޔާ އިން ވަނީ އޭރު އޭއެފްސީ ކަޕަށް އަމާޒުކޮށް ބިދޭސީ ކުޅުންތެރިންނާ އެކު ކޮންޓްރެކްޓް ވެސް ހަދައިފަ އެވެ. މާޒިޔާ އިން ވަނީ އޭއެފްސީ ކަޕް ކެންސަލް ކުރުމުގެ އެ ކްލަބަށް ދެ މިލިއަން ރުފިޔާ އަށް ވުރެން ބޮޑު ގެއްލުމެއް ލިބުނު ކަމަށް ބުނެފަ އެވެ.
އޭއެފްސީ ކަޕް ކެންސަލްކުރިއިރު ޓީސީން އޮތީ އެ ޓީމުގައި ހިމެނި ބިދޭސީ ގޯލްކީޕަރު މާލެ ގެނެސް ޕްރެކްޓިސް ފަށަން ތައްޔާރުވެފަ އެވެ. މުބާރާތް ކެންސަލްކުރުމުގެ ގެއްލުން ޓީސީ އަަށް ބޮޑުވާ އެހެން ސަބަބެއް ވެސް އެބައޮތެވެ. އެއީ މި ފަހަރުގެ އޭއެފްސީ ކަޕަކީ އެ ޓީމަށް މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ވާދަކުރަން ލިބުނު ފުރަތަަމަ ފުރުސަތު ކަމަށްވެފައި އަންނަ އަހަރުގެ މުބާރާަތުން އެ ޓީމަށް ޖާގަ ލިބިފައިނުވުމެވެ.
އަންނަ އަހަރުގެ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުން ފުރުސަތު ލިބުނީ މި ފަހަރުގެ މުބާރާތުގެ ކޮލިފައިން ބުރު ފަހަނައަޅައި ގްރޫޕް ސްޓޭޖުން ފުރުސަތު ހޯދި މާޒިޔާ އަށެވެ. ކޮލިފައިން ބުރުގައި ކުޅޭނީ ލީގުގެ ރަނަރަޕް އީގަލްސް އެވެ. އީގަލްސް އަށް އެ ފުރުސަތު ދޭން ނިންމީ ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ސީޒަން އަވަހަށް ނިންމާލިއިރު، އެފްއޭ ކަޕް ކެންސަލްކުރުމުންނެވެ. އެފްއޭ ކަޕް ފުރިހަަމަނުކުރެވިއްޖަނަމަ އޭއެފްސީ ކަޕްގެ ދެ ވަނަ ޖާގަ ދެނީ ލީގުގެ ރަނަރަޕަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފިޒާ
30 October 2020
މި އައަސަދު ހާދަ ރީއްޗޭ
ގަޓް ބްރޯ
29 October 2020
ރާއްޖޭގެ ޓީމްތައް ކުޅޭ ފުޓުބޯޅަ ބަލަން 5ރ ދީފަ ސިޑިބަރި ޓިކެޓްއެއް ގަނެގެން ވަންނާނެ މީހަކުވެސް ނުވާކަން އޭއެފްސީ އަށްވެސް މިހާރު އެނގޭނެ.
އަނީ
29 October 2020
މާޒިޔާ އަކީ ވަރަށް އަމިއްލަ އެދުން ބޮޑުބައެއް. ފުޓުބޯޅައަށް ކޮންމެގޮތެއްވިޔަސް އަމިއްލަ އެދުމަަށްް ބައްސާމު ބަހައްޓަންވެސް އެންމެެ ފޯރިއެރުވީ މާޒިޔާ.
ސަލްވާ
29 October 2020
ހަގީގަތުގައި ގެއްލުމަކަށްވުރެ ބޮޑަށް މާޒިޔާ އަދި ޓީސީން ޑިމާންޑް ކުރީ ޕްރޮޖެކްޓެޑް ފައިދާއަކަށެވެ. އެއީ މުބާރާތް ކުޅުނު "ނަމަ" އަވޭ ކޮންމެ މެޗަކުން ލިބޭނެ ވިހި ހާސް ޑޮލާރާއި، އަދި ގްރޫޕް ސްޓޭޖުގެ އެއްވަނަ ލިބުނު "ނަމަ" މާޒިޔާއަށް ލިބޭނެ ކަމުގެ ހުވަފެން ދުށް އެއް ލައްކަ ޑޮލަރެވެ. އެއީ ފަހަރެއްގައިވެސް މާޒިޔާއަކުންވެސް ޓީސީއަކުންވެސް ކުރި ޚަރަދަކުން ލިބުނު ގެއްލުމެއް ނޫނެވެ. އެއީ ލިބޭނެކަމަށް ބެލި ފައިދާއެވެ. ވަކިން ޚާއްސަކޮށް ޓީސީ
ބްލޫޒް
29 October 2020
ވަރަށް ރަނގަޅު ވާހަކައެއް. މާޒިޔާއަކަށްވެސް ޓީސީއަކަށްވެސް އަސްލު ގެއްލުމެއް ނުވޭ. ޓިކެޓް ފައިސާ ދިނީ ސަރުކާރުން، ހުރުމާ ކެއުމާ ދިނީ އަވޭ ޓީމުން، ދެ ޓީމުންވެސް ކުޅުނީ އަވޭ މެޗެއް. ސަރުކާރުން ކޮންމެ ޓީމަކަށް އަދި އިތުރު ދެކޮޅު މިލިއަން ދިން. ދެން ކޮން ގެއްލުމެއްގެ ބަދަލެއް ހޯދާކަށް. ޖެހުނު ކޮންމެ ދިމާލަކުންވެސް ފައިސާ ފައިސާ ފައިސާ އެއީ މާޒިޔާވެސް ޓީސީގެވެސް ޕޮލިސީއަކީ
ރަދީފްއޮފިޝިއަލް
29 October 2020
ދޭން ނުޖެހޭ ހާލަތްތަކުގަ މާލީ ބަދަލު އެއީ މަމެންގެ ގައުމުގަ އެކަނި ދޭއެއްޗެއް.އޭފްސީގަ ތިބީ ގަމާރުންނެއް ނޫން ބުނާއިރަށް ގެއްލުމުގެ ބަދަލުދޭން.އޮންނާނެ މާޒިޔާއަށް އެއްޗެއް ވިސްނިފަ.ހެހެހެހެހެހެހެ
ޅަބޭ
29 October 2020
ދެން ތިހެންބުނެގެން ރަދީފުއައް އޭއެފްސީއިން ލާރި ދީފާނެތެ؟؟!