އިރާގުގެ ބޮޑު ވަޒީރު ހައިދަރު އަލް އަބާދީ އަސްކަރީ ހެލިކޮޕްޓަރަކަށް އަރުއްވަނީ. --ފޮޓޯ:އޭއެފްޕީ
01 ނޮވެމްބަރ 2016 - 10:39
ބަޣުދާދު (ނޮވެމްބަރު 1) - މޫސަލްއާ އިރާގު ސިފައިން ކައިރިވަމުންދާ އިރު ބޮޑު ވަޒީރު ހައިދަރު އަލް އަބާދީ ވަނީ އިސްލާމިކް ސްޓޭޓް (އައިއެސް) އަށް ވަރުގަދަ އިންޒާރެއް ދެއްވައިފަ އެވެ.
ކޮމްބެޓް ޔުނިފޯމް ލައްވައިގެން އިރާގުގެ ރަސްމީ ޓީވީ އަށް އަރުއްވާ އަބާދީ ވިދާޅުވީ އައިއެސް އަށް އިތުރު ގޮތެއް ނެތް ކަމަށެވެ. ހަމައެކަނި އޮތީ އެ މީހުން އަމާން ދިނުން ނޫނީ މަރުވެ ދިއުން ކަމަށެވެ. އަބާދީ އަކީ އިރާގު ސިފައިންގެ ކޮމާންޑަ-އިން-ޗީފް ވެސް މެ އެވެ.
އިރާގު ސިފައިން މިހާރު ތިބީ މޫސަލްގެ އިރުމަތިން އެއް ކިލޯ މީޓަރު (0.62 މޭލު) ދުރުގަ އެވެ. އިރާގުގެ ލަޝްކަރުން މިހާރު ތައްޔާރުވަމުން ދަނީ މޫސަލް އަށް ވަދެގަތުމަށެވެ. އަނެއްކޮޅުން ސިފައިންގެ ލަޝްކަރެއް ދަނީ މޫސަލްގެ ދެކުނުން ވެސް އެ ސިޓީއާ ކައިރިވަމުންނެވެ.
އަބާދީ ވިދާޅުވީ ހުރިހާ ދިމާއަކުން ވެސް އައިއެސް ބައްދާލާނެ ކަމަށާއި މާތްﷲ ގެ އިރާދަފުޅާ އެކު "ހަރުފައިގެ ބޯ" މިފަހަރު ބުރިކޮށްލާނެ ކަމަށެވެ.
މޫސަލް ހިފުމުގެ ހަނގުރާމައިގައި އިރާގު ސިފައިންގެ އިތުރުން ކުރުދީންނާއި ޝިއައީން ވެސް ދަނީ ބައިވެރިވަމުން.
އިރާގުގެ ކައުންޓާ-ޓެރަރިޒަމް ސާވިސް (ސީޓީއެސް) ލަޝްކަރާ އެކު ދަތުރުކުރާ ބީބީސީގެ ރިޕޯޓަރު އިއާން ޕަންވެލް ބުނީ މޫސަލް އަށް ހަމަލާތައް ދެމުންދާ އިރު އައިއެސްގެ ހަނގުރާމަވެރިންގެ ފަރާތުން ވެސް ބައެއް ކަހަލަ ރައްދު ކުރިމަތިކުރާ ކަމަށެވެ. އަދި އިރާގު ސިފައިންނަށް ކާރު ބޮމުގެ ހަމަލާތައް އަމާޒުކުރާ ކަމަށް ވެސް ބުންޏެވެ.
އިރާގު ސިފައިންގެ ޔުނިޓްތަކުން އިއްޔެ ވަނީ މޫސަލްގެ އިރުންނާއި އުތުރު އަދި ދެކުނުން ވަރަށް ގިނަ އަވަށްތައް ހިފާފައިވާ ކަމަށް ސިފައިން ވަނީ ބުނެފަ އެވެ. މޫސަލް އަށް ވަދެގަތުމުގެ ފަހު އޮޕަރޭޝަން ފަށާނެ އިރެއް އަދި ނޭނގެ އެވެ. މޫސަލް ހިފަން މީގެ ދެ ހަފުތާ ކުރިން ފެށި ހަނގުރާމައިގައި އިރާގު ސިފައިންނާއި ކުރުދީ އަދި ޝިއައީންގެ 50،000 މީހުން ދަނީ ބައިވެރިވަމުންނެވެ. މޫސަލް ހިފުމުގެ ހަނގުރާމަ މިދިޔަ މަހު 17 ވަނަ ދުވަހު ފެށުމުގެ ކުރިން އެ ސިޓީގައި 3،000-5،000 އާ ދެމެދުގެ އަދަދަކަށް އައިއެސްގެ ހަނގުރާމަވެރިން ތިބި ކަމަށްވެ އެވެ. އަދި އެ ސިޓީގައި އާއްމުންގެ 1.5 މިލިއަން މީހުން ތިބި ކަމަށް ވެސް ވެ އެވެ. ހަނގުރާމަ ފެށި ފަހުން 17،700 މީހުން މޫސަލް ދޫކޮށް ގޮސްފައިވާ ކަމަށް އދ. އިން ވަނީ ބުނެފަ އެވެ.
އައިއެސްގެ ބާރުގެ ދަށަށް އިރާގުގެ ދެ ވަނަ އަށް އެންމެ ބޮޑު ސިޓީ ގެންދިޔައީ ޖޫން، 2014 ގަ އެވެ. އައިއެސްގެ ޚިލާފަތު އެ ޖަމާއަތުގެ ލީޑަރު އަބޫބަކުރު އަލް ބަޣުދާދީ އިއުލާންކުރީ ވެސް މޫސަލްގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ަަަަަަަްއަބްދުﷲ
01 November 2016
ކިތަންމެވަރަކަށް މެރިޔަސް އިސްލާމްދީން މަރެއްނުވާނެ، ރާފިދީންނަކަށް އަމާންކަމެއް ނުލިބޭނެ.
އަމައްޔާއި
01 November 2016
ބަލަގަ އަސިސް އަކީ ޓެރަރިސްޓުން ތަކެކޭ. ދީން ނިވާ ފައްގަޑަކަށް ހަދައިގެން ހައްދުފަހަނަޅައިފާ ލާއިންސާނީ އަމަލު ތަށް ހިންގާ ގޭންގެކޭ. އެމީހުންނަޚީ މުޅި މުސްލިމް އުއްމަތަށް އޮތް ބޮޑު ނުރައްކަލެއް. މިފަދަ ޣައިރު ގާނޫނީ ޖަމާއަތަކާ ހަގުރާމަ ކުރުމަކީ މާތްވެގެންވާ އިސްލާމް ދީނުގެ ދިފާއުގައި ކުރެވޭ ޖިހާދެއް. އޮޅުވާނުލައްވާ!
ދިމްނާ
01 November 2016
ސައޫދީ އަރަބި ދުނިޔޭގައި މުޅިން އެކަހެރިވެއްޖެ. ހުރިހާ ބޮޑެތި އަސްކަރީ ބާރުގަދަ އަރަބި ގައުމުތައް ސައޫދީންނާ ދުޝްމަންވެއްޖެ. މިބުނީ އިރާގު ސީރިޔާ، މިސްރު ފަދަ ގައުމުތައް. މިގަުމުތަކުގެ ސުންނީންވެސް ސައޫދީން ދެކެ ފޫހިވޭ. ސައުދީ ގެ ފަހަތުގައި އެނބުރެނީ ފައިސާގެ ދަހިވެތިކަމުގައި އުޅޭ ކުދި އަދި ފަގީރު ގައުމުތައް. އިރާގުގެ ސުންނީން ކަމަށްވާ ސައްދާމް މެންގެ ބާސު ޕާޓީއާވެސް ސައުދީންނާ ޖެހުނީ މިހާރު ޔަމަނާ ދެކޮޅަށް ސައޫދީ ކުރާ ހަނގުރާމައިގާވެސް ޕާކިސްތާންވެސް ވަނީ ބައިވެރިނުވެ ސައޫދީންނާ ދުރަށްޖެހިފާ. އަނެއްކޮލުން ތެލުގެ އާމްދަނީ ދަށަށްގޮސް މާލީ ގޮތުންވެސް ދަތިވުމުން ސައޫދީގެ ރައްޔިތުންވެސް މިހާރު ހަޅުތާލަށް ގޮވަނީ
އިހުވާނުލް މުސްލިމީން
01 November 2016
ސާބަހޭ އިރާގުގެ ލަޝްކަރައް. ރާކަނިމަސް ކާންދޭތި. ސައުދީގެ އެހީ ނުލިބުނަސް އީރާނާ ތުރުކީ އަދި މުސްލިމުން މިތިބީ އިރާގުގެ ފަހަތުގަ