ރިޕޯޓް / ރާއްޖޭގެ ގާނޫނުއަސާސީ

މެމްބަރެއްގެ ގޮނޑީގެ މައްސަލަ އާންމު މީހަކަށް ވެއްދިދާނެތަ؟

މަޖިލިހުގެ ކޮމިޓީއެއްގައި ޔައުގޫބު ވާހަކަ ދައްކަވަނީ: އޭނާގެ ވަކީލުން ވިދާޅުވަނީ އާންމުންނަށް ގޮނޑީގެ މައްސަލަތައް ސުޕްރީމް ކޯޓަށް ނުވެއްދޭނެ ކަމަށް -- ފޮޓޯ/މިހާރު

އެކިއެކި ސަބަބުތަކާ ހެދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލުމަކީ ރާއްޖެއަށް އާ ކަމެއް ނޫނެވެ. ބައެއް ބޭފުޅުންގެ ގޮނޑި ގެއްލުނީ މާ ބޮޑު ބަހުސްތަކެއް ނެތި، ސާފުކޮށް ފެންނަން ހުރި ކަންކަމާ ގުޅިގެން ކަމަށް ވިޔަސް، ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲގެ ގޮނޑީގެ މައްސަލައަކީ ދެކޮޅަށް ވެސް ބަހުސް ކުރެވެން އޮތް ތަފާތު މައްސަލައެކެވެ. މޯލްޑިވްސް ނޭޝަނަލް އިިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްގެ ކައުންސިލް މެމްބަރުކަން އޭނާ ގަބޫލުކުރެއްވުމަކީ ދައުލަތުގެ އެހެން މަގާމެއް އަދާކޮށްގެން މެމްބަރެއްގެ ގޮނޑިއާ މެދު ސުވާލު އުފެދުނު ފުރަތަމަ މައްސަލަ އެވެ.

ޔައުގޫބްގެ މެމްބަރު ކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅަން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލާގެ ތެރެއިން މުޅިން އާ ބާވަތުގެ ސުވާލެއް ވެސް ވަނީ ފެންމަތިވެފަ އެވެ. އެއީ ދައުލަތުގެ ވަޒީފާއެއްތޯ އާއި އޭގެ ނަތީޖާއެއްގެ ގޮތުން އޭނާގެ މެމްބަރު ކަމުގެ ގޮނޑި ގެއްލޭނެތޯ އޮތް ބަހުސްގެ ކުރިއަށް އައީ މެމްބަރެއްގެ ގޮނޑީގެ މައްސަލައެއް އާންމު ރައްޔިތުންނަށް ހުށަހެޅިދާނެތޯ މައުލޫއު އެވެ.

ގާނޫނު އަސާސީގެ 74 ވަނަ މާއްދާ ބުނާ ގޮތުން މެމްބަރުކަމަށް ކުރިމަތިލާފައިވާ މީހެއްގެ ޝަރުތު ހަމަވޭތޯ ބެލުމުގައި ނުވަތަ މެމްބަރެއްގެ މަގާމު ގެއްލިއްޖެ ކަމާ މެދު ސުވާލު އުފެދިއްޖެ ނަމަ އެކަމެއްގައި ގޮތެއް ނިންމާނީ ސުޕްރީމް ކޯޓުންނެވެ. ނަމަވެސް މެމްބަރެއްގެ ގޮނޑީގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅޭނީ ކޮން ފަރާތްތަކަކަށް ކަމެއް އެ މާއްދާއަކު ނޯވެ އެވެ. އަދި ގޮނޑިއާ މެދު ސުވާލެއް އުފެދުން ކަމަށް ބެލެވޭނީ ކިހިނެއް އަދި ކޮން ހާލަތްތަކެއް މެދުވެރިވުމުން ކަމެއް ވެސް ގާނޫނުއަސާސީގައި ބަޔާން ކޮށްފައެއް ނުވެ އެވެ. އެ ފުރުސަތު އޮތީ ވަރަށް ފުޅާކޮށެވެ.

މެމްބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅަން މިހާތަނަށް ސުޕްރީމް ކޯޓަށް މައްސަލަތައް ހުށަހެޅީ މުޅިން ވެސް އާންމު ފަރާތްތަކުންނެވެ. ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރު އިސްމާއިލް އަބްދުލްހަމީދުގެ މައްޗަށް ދޮޅު އަހަރުގެ ހުކުމެއް އައުމުން އިސްތިއުނާފް މަރުހަލާގައި އޭނާގެ މެމްބަރުކަމަށް ވާނީ ކިހިނެއްތޯ އާއި އެ މުއްދަތުގައި މަޖިލީހަށް ހާޒިރު ވެވޭނެތޯ ސުވާލު އުފެދުނު މައްސަލަ 2011 ގައި ސުޕްރީމް ކޯޓުން ނިންމީ ބައެއް ވަކީލުންނާއި އަމިއްލަ މީހުންތަކެއް ހުށަހެޅުމުންނެވެ.

ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ، ހުކުމަކާ އެއްގޮތަށް ސާބިތު ދަރަންޏެއް ނުދެއްކެވި ކަމަށް ބުނެ އޭނާގެ މެމްބަރު ކަން ގެއްލިފައިވާ ކަމަށް 2012 ގައި ސުޕްރީމް ކޯޓުން ހުކުމްކުރީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ހުށަހެޅުއްވި ދުސްތޫރީ މައްސަލައެއްގަ އެވެ. އެފަދަ އެހެން މައްސަލައެއްގައި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމާއި އަލިފުށި ދާއިރާގެ ކުރީގެ މެމްބަރު އަލީ ނާޝިޒްގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން 2013 ގައި ނިންމީ އާންމު ރައްޔިތަކު ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.

އިސްމާއިލް އަބްދުއްހަމީދުގެ މެމްބަރުކަމުގެ ގޮނޑީގެ މައްސަލާގެ ހުކުމުގައި، ގާނޫނު އަސާސީގެ 74 ވަނަ މާއްދާގެ ދަށުން މެމްބަރެއްގެ ގޮނޑިއާ މެދު ސުވާލު އުފެދޭ މައްސަލަތައް ހުށަހެޅުމުގެ އިޖްރާއީ ހައިސިއްޔަތު ލިބިގެންވަނީ މަޖިލީހާއި އިލެކްޝަންސް ކޮމިޝަނަށް ކަމަށް ދޭހަވާ ފަދަ އިބާރާތެއް އޮވެ އެވެ. ނަމަވެސް ފަހުން ބެލި އެފަދަ މައްސަލަތަކުގައި އެއާ ތަފާތުކޮށް އަމަލުކޮށްފައި އޮތުމުން އެކަމާ މެދު ސުޕްރީމް ކޯޓުގެ ސާފު ނިންމުމެއް ނެތެވެ. ފާހަގަކޮށްލަން ޖެހޭ ކަމަކީ މީގެ ކުރިން ސުޕްރީމް ކޯޓާ ހަމައަށް ދިޔައީ ގާނޫނީ ގޮތުން ބުރަދަން ހުރި މައްސަލަތަކެއް ކަމެވެ.

ގޮނޑީގެ މައްސަލަތަކުގައި ކުރިން އެގޮތަށް ސުޕްރީމް ކޯޓުން ނިންމާފައި ހުއްޓަސް، ޔައުގޫބްގެ މައްސަލާގެ ތެރެއިން އުފެއްދި މައިގަނޑު އެއް ސުވާލަކީ އެ ފުރުސަތު އާންމުންނަށް ނޯންނާނެ ކަމަށް ބުނެ އެވެ. ގާނޫނު އަސާސީގެ ރޫހަކީ އެއީ ނޫން ކަމަށް ބުނެ ޔައުގޫބްގެ ވަކީލުން ސުޕްރީމް ކޯޓަށް ހުށަހެޅީ ގާނޫނުއަސާސީ އެކުލަވާލި ޚާއްސަ މަޖިލީހުގެ ޔައުމިއްޔާތަކެވެ. އެއީ ޚާއްސަ މަޖިލީހުގެ ޑްރާފްޓިން ކޮމެޓީގައި އެކަމާ މެދު ކޮށްފައި ހުރި ބައެއް ބަހުސްތަކެވެ.

އެ ޔައުމިއްޔާއިން އެނގޭ ގޮތުގައި މެމްބަރުން ގޮނޑީގެ މައްސަލަތައް ސުޕްރީމް ކޯޓުން ނިންމަން ޖެހޭ ގޮތަށް ގާނޫނު އަސާސީގެ 74 ވަނަ މާއްދާ އޮތުމުން ޑްރާފްޓިން ކޮމެޓީގެ މެމްބަރުން އެ ސުވާލު އަމާޒުކުރި އެވެ. މެމްބަރުންގެ ގޮނޑީގެ މައްސަލަތައް ކޯޓަށް ހުށަހަޅަން އާންމުންނަށް ފުރުސަތު ދޭން ފަށައިފި ނަމަ، އިތުރު މައްސަލަތަކެއް ނުކުމެދާނެ ކަމަށް ބައެއް މެމްބަރުން އެ ކޮމެޓީގައި ވިދާޅުވި ކަން އެނގެ އެވެ. މެމްބަރުން އެ ސުވާލު ކުރެއްވުމުން، އެއީ އާންމުން ސުޕްރީމް ކޯޓަށް އެފަދަ މައްސަލަ ހުށަހެޅުމުގެ ވާހަކަ ނޫން ކަމަށާއި އެ މާއްދާއިން ބާރު ދެނީ މަޖިލީހާއި އިލެކްޝަންސް ކޮމިޝަނަށް ކަމަށް އެ ކޮމެޓީގެ ރިޔާސަތުން ވިދާޅުވި ކަމަށް ވެސް ޔައުމިއްޔާގައިވެ އެވެ.

ގާނޫނުއަސާސީ އެކުލަވާލަން ރާއްޖެއިން ބޭރުން ގެނައި ތަޖުރިބާކާރުގެ ލަފާ ވެސް އެކަމާ ގުޅިގެން ޑްރާފްޓިން ކޮމެޓީން ހޯދި ކަމަށް ޔައުމިއްޔާގައިވެ އެވެ. އެ ތަޖުރިބާކާރު ދިން ލަފައަކީ ކޮބައިކަން ޔައުމިއްޔާއިން އެނގެން ނެތަސް، މެމްބަރުންގެ ގޮނޑިއާ މެދު ސުވާލު އުފައްދައި، ކޯޓަށް ހުށަހެޅުމުގެ ފުރުސަތު އާންމުންނަށް ދިނުމަކީ ޚާއްސަ މަޖިލީހުގެ ވިސްނުން ނޫން ކަމަށް ޔައުގޫބްގެ ވަކީލުން ވިދާޅުވެ އެވެ. އަދި ޚާއްސަ މަޖިލީހުގެ ވިސްނުމާ ޚިލާފަށް، އާންމުންނަށް އެ ފުރުސަތު ނުދެވޭނެ ކަމަށް ވެސް އެ ވަކީލުން ގަބޫލުކުރައްވަ އެވެ.

މީގެ އަނެއްކޮޅަށް ވިސްނާއިރު، އެ ފުރުސަތު އާންމުންނަށް ނުދީ އަދި މަޖިލީހާއި އިލެކްޝަންސް ކޮޮމިޝަނަށް އެކަނި އެ ފުރުސަތު ލިބޭ ގޮތަށް މާނަކުރާ ނަމަ އިތުރު މައްސަލަތަކެއް ވެސް ކުރިމަތިވެދާނެ އެވެ. މެމްބަރެއްގެ ގޮނޑިއާ މެދު ސުވާލު އުފެދޭ ކަމެއް ސާފުކޮށް ފެންނަން އޮތަސް، މަޖިލީހުގެ އެއިރުގެ އަޣުލަބިއްޔަތު އޮންނަ ގޮތަކުން އެ މައްސަލައެއް ކޯޓަށް ނުގެންގޮސް އެ މެމްބަރަކު މަގާމުގައި ބެހެއްޓުމަކީ ދުރު ކަމެއް ނޫނެވެ. އަދި އިލެެކްޝަންސް ކޮމިޝަނަކީ ވެސް މަޖިލީހުން އައްޔަންކުރާ ބަޔަކު ތިބޭ އަދި މަޖިލީހަށް ޖަވާބުދާރީވާން ޖެހޭ ކޮމިޝަނަކަށް ވާތީ އެ ކޮމިޝަނުން ވެސް ފަހަތު ފަޔަށް ބަރުވެގެން ތިބުމަކީ ވެދާނެ ކަމެކެވެ.

"މި މައްސަލައާ މެދު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ގޮތެއް ކަނޑައަޅުއްވާފައި އޮއްވާ ހަމަ އެހެން ބަޔަކަށް ވެސް އަނެއް މައްސަލަ ހިފައިގެން އެބަ ދެވޭ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އެޔަށް ގޮތެއް ކަނޑައަޅުއްވަން. ސިޔާސީ ފަރާތްތަކެއްގެ ވާހަކަ އަޅުގަނޑުމެން މި ދައްކަނީ. އެ ސިޔާސީ ފަރާތްތަކާ ދެކޮޅަށް މަސައްކަތް ކުރާނެ ވަރަށް ގިނަ މީހުން ވެސް ތިބޭނެ،

ގާނޫނުއަސާސީ މާނަކުރުމުގައި ބޭނުން ކުރާ ހަމައަކީ ގާނޫނުއަސާސީ ލިޔުނު ޚާއްސަ މަޖިލީހުގެ ވިސްނުން އެކަމެއްގައި ހުރި ގޮތެއް ބެލުމެވެ. ޚާއްސަ މަޖިލީހުގެ ޔައުމިއްޔާތަކާ ހަވާލާދީ ގާނޫނުއަސާސީގެ ބައެއް މާއްދާތައް ސުޕްރީމް ކޯޓުން ކުރިން މަނާ ކޮށްފައި ވެސް އެބަ ހުއްޓެވެ. ކޯޓު އަމުރެއް ނެތި ގޭގެ އާއި މީހުންގެ އަމިއްލަ ތަންތަނަށް ވަނުން މަނާކުރާ ގާނޫނުއަސާސީގެ 47 ވަނަ މާއްދާ މާނަކޮށް މި އަހަރު ސުޕްރީމް ކޯޓުން މައްސަލައެއް ނިންމީ ވެސް ޚާއްސަ މަޖިލީހުގެ ޔައުމިއްޔާތަކާ ހަވާލާދީ އެވެ.

ޔައުގޫބްގެ ވަކީލުންގެ ފާހަގަކުރައްވާ ނުކުތާއަކީ މެމްބަރުންގެ ގޮނޑިއާ މެދު ސުވާލު އުފެއްދުމުގެ ފުރުސަތު ކޮންމެ މީހަކަށް ލިބޭ ނަމަ، ކޮންމެވެސް މަގްސަދެއްގައި އަބަދުވެސް މެމްބަރެއްގެ ގޮނޑީގެ މައްސަލަައެއް ސުޕްރީމް ކޯޓަށް ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމެވެ. އޭރުން މެމްބަރަކަށް ސިޔާސީ ގޮތުން ޖެއްސުން ކުރުމަށް ނުވަތަ ދަތިކުރުމުގެ ގޮތުން ވެސް އެފަދަ ކަމެއް ކުރުމުގެ ދޮރު ހުޅުވިފައި އޮންނާނެ ކަމެވެ.

"މި މައްސަލައާ މެދު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ގޮތެއް ކަނޑައަޅުއްވާފައި އޮއްވާ ހަމަ އެހެން ބަޔަކަށް ވެސް އަނެއް މައްސަލަ ހިފައިގެން އެބަ ދެވޭ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އެޔަށް ގޮތެއް ކަނޑައަޅުއްވަން. ސިޔާސީ ފަރާތްތަކެއްގެ ވާހަކަ އަޅުގަނޑުމެން މި ދައްކަނީ. އެ ސިޔާސީ ފަރާތްތަކާ ދެކޮޅަށް މަސައްކަތް ކުރާނެ ވަރަށް ގިނަ މީހުން ވެސް ތިބޭނެ،" ޔައުގޫބްގެ ވަކީލުން ޓީމުގައި ހިމެނޭ މަހްފޫޒް ސައީދު އެ އަޑުއެހުމުގައި ވިދާޅުވި އެވެ.

ފުރަތަމަ އަޑުއެހުމުގައި ޔައުގޫބްގެ ވަކީލުން އިޖްރާއީ ނުކުތާއެއްގެ ގޮތުގައި އެކަން ނެންގެވުމުން ފަނޑިޔާރުންގެ ބެެންޗުން ނިންމެވީ އެ މައްސަލަ ހުށަހެޅި މުހައްމަދު ހަލީމާއި އައްސަދު ޝަރީފަށް އެ މައްސަލަ ހުށަހެޅުމުގެ ހައްގު ލިބިގެންވާ ކަމަށާއި އަދި މިހާރު އޮތް ގޮތަށް އެ މައްސަލަ ކުރިއަށް ގެންދެވުމަށެވެ. ނަމަވެސް ދެވަނަ އަޑުއެހުމުގައި އަނެއްކާވެސް އެ ނުކުތާ ވަކީލުން ނެންގެވުމުން ފަނޑިޔާރުން އެކަމާ ސުވާލު ކުރައްވައި، އެހެން ވިދާޅުވާ ސަބަބާ ސާފުކުރެއްވި އެވެ. ޚާއްސަ މަޖިލީހުގެ ޔައުމިއްޔާތަކާ ހަވާލާ ދެއްވައި، ވަކީލުން ސަބަބު ދެއްކެވި އެވެ. އެހެންކަމުން އެ މައްސަލަ ނިންމާއިރު، އާންމުންނަށް މެމްބަރުންގެ އެފަދަ މައްސަލަތައް ހުށަހެޅޭނެ ކަން ނުވަތަ ނޫން ކަމާ މެދު ގޮތެއް ނިންމާނެ ކަމަށް ބެލެވެ އެވެ.

އެތައް ހާސް ރައްޔިތުން ތަމްސީލުކުރާ މެމްބަރެއްގެ ގޮނޑިއާ މެދު ސުވާލު އުފައްދައި، ހުށަހަޅާ މައްސަލަތަކަކީ އާދައިގެ މައްސަލަތަކެއް ނޫނެވެ. ނާޖާއިޒް ގޮތެއްގައި އޭގެ ބޭނުން ކުރަން އެ ފުރުސަތު ދެވިގެން ނުވާނެ އެވެ. ނަމަވެސް އެއީ ބާރު އޮންނަ މަޖިލީހާއި ދައުލަތުގެ މުއައްސަސާތަކަށް އެކަނި ލިބޭނެ ފުރުސަތެއް ކަމަށް ބެލުމަކީ ވެސް އެންމެ ރަނގަޅު ގޮތެއް ނޫނެވެ. ހުކުމް އިއްވުމުގެ މަރުހަލާގައި އޮތް ޔައުގޫބްގެ ގޮނޑީގެ މައްސަލަ ނިމިގެން ދާއިރު، އެ ސުވާލުގެ ޖަވާބު ވެސް ލިބޭނެ ކަމަށް ބެލެވެ އެވެ.

10 ކޮމެންޓް, 20 ރިއެކްޝަންސް

icon happy icon happy 15%
icon sad icon sad 5%
icon angry icon angry 80%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

UEUL

12 November 2020

ޔައުގޫބަކީމަތިން ފައިބާފަހުރިމީމީހެއްތަ ބަލަ ރައްޔިތުމީހާ އަށްތިކޯޓަށް ނުވަދެވޭނަމަތިކޯޓް ހުރުމުގެ ބޭނުމެށް ނެތެއް ނޫންތޯ؛

The name is already taken The name is available. Register?

ޢިދުހާމް2

04 November 2020

ޜައީސްކަމަށް ކުރިމަތިލާ މީހުންގެ ކެންޑިޑެސީ ބާތިލުކުރަންވެސް ޢާންމު މީހުން ހުރީ ހުށަހަޅާފަ

The name is already taken The name is available. Register?

އަބްދޫ

04 November 2020

ގާނޫނަކުން އުފެދުނު ވަޒީފާއެއް ހިނެނޭނީ ދަވްލަތުގެ މަގާމަކަށް.ބޯޑެއްވިޔަސް ގާނޫނު ލާޒިމް ކޮށްފާޮއޮތުމުން އެއީދަވްލަތުގެ ވަޒީފާއެއް ކަމާސުވާލު އުފެދެންޖެހޭ ސަބަބެއްނެތް.

The name is already taken The name is available. Register?

ކަލޯ

05 November 2020

އަންތަރާސް ވެއްޖެ. ވަރަށް ސާފުކޮށް އެއޮތީ ގޮނޑި ގެއްލޭގޮތްތާއް ލިޔެފައި. ދިވެހި ކިޔާން ނޭނގޭ މީހުން މަޖިލީހަށް އިންތިހާބު ކުރީމާ ވާނީ ތިހެން. ތީ އަމިއްލަ ނަފްސައްވެސް މަކަރުހެދުން. އިހްލާސްތެރިކަމުގެ ކުޑވެސް މިންވަރެއް ހުރިނަމަ ތިޔަ ގޮނޑި ގެއްލިއްޖެކަމާމެދު ސުވާލު ނުއުފައްދާނެ. މިތިބީ ހުސް މުނާފިގުކަމުގެ ސިފަތައް

The name is already taken The name is available. Register?

ތަރަބެ

04 November 2020

މިވީހާ ތަނަށް ރާއްޖޭގައި އަމަލުކޮށްފައި އޮތީ އާންމު މީހަކަށްވެސް ހުށަހެޅޭނެ ގޮތަށް. އާ ގާނޫނު އަސާސީގެ ދަށުން މިވީހާ ތަނަށް މަގުބޫލު އުޒުރެއްނެތި އެފަދަ މައްސަލައެއް ސްޕްރީމް ކޯޓަށް ވައްދާފައެއްވެސް ނެތް. މިއަދު އެ ނުކުތާ ނެގިޔަސް އެއީ ވަރަށް ސާފު މައްސަލައެއް.

The name is already taken The name is available. Register?

ޢައްޔޫބް

04 November 2020

އެއީ ގޯސް ކޮށް ހިގާކަމެއްކަން ފަހުމްވާ ކޮންމެ ދިވެހި ރައްޔިތަކަށް މައްސަލަ ހުށަހެޅުމުގެ ފުރުޞަތު އޮންނަންވާނެ، އެއީ "ރައްޔިތުންގެ" މަޖްލިސް ދޯ؟

The name is already taken The name is available. Register?

ވަހީދު

04 November 2020

ގެއެއްގައި އަލިފާން ރޯވީމަ އެގޭގެ މީހުން ނޫން މީހަކަށް 118 އަށް ގުޅައިގެން އެންގިދާނެތަ؟ ެ

The name is already taken The name is available. Register?

ފަހުދު

04 November 2020

ޓީއެމްއޭ އައް

The name is already taken The name is available. Register?

ސައިމާ

04 November 2020

ވެރިކަން ފެށިގެން އަންނަނީވެސް އަދި ވެރިކަމުގެ ބާރުތައް އޮތީވެސް ރައްޔިތުންގެ އަތުގައިކަމަށް ގާނޫނު އަސާސީ ބުނޭ. އެހެންވީއިރު ރައްޔިތުން ސީދާ އިންތިޚާބުކުރި މެމްބަރަކާމެދު އެ ރައްޔިތުންނަށް ޝަކުވާ ނުއުފުލޭނޭގޮތަކަށް މި ނިޒާމު ބައްޓަންކުރުމަކީ ޑިމޮކްރަސީގެ އަސާސާއި ޚިލާފުވުން ނޫންބާ؟ ބައެއްގައުމުތަކުގެ (އެމެރިކާ) ގާނޫނު އަސާސީން ރައްޔިތުންނަށް އެމީހުން ބޭނުންވާކަންތަކަށް ޕެޓިޝަންކުރުމުގެ ހައްގު ލިބިދޭ. މިކަން ޔޫކޭގައިވެސް އޮވޭ.

The name is already taken The name is available. Register?

އަޑަފި

04 November 2020

ތިޔަ ވިދާޅުވާ ރައްޔިތުންގެ ބާރުގެ ވާހަކަ އަބަދުވެސް ދައްކަނީ، އިދިކޮޅުގައި ތިބޭ މީހުންނެވެ. ވެރިކަން ލިބުނީމާ ރައްޔިތުންގެ ބާރުގެ މަތިން ހަނދާނެއް ނުހުރެއެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454