03 ނޮވެމްބަރ 2020 - 20:51
މިހާތަނަށް ޔޫޓިއުބްގައި އެންމެ ގިނަ ވިއުސް ލިބުނު ވީޑިއޯގެ މަގާމު ކުޑަކުދިންނަށް ހާއްސަ ލަވަ "ބޭބީ ޝާކް" އަށް ލިބިއްޖެ އެވެ.
ދެކުނު ކޮރެއާގެ ފަންނާނެ ކަމަށްވާ ޕިންކްފޮންގްގެ މި އުފެއްދުމަށް މިހާތަނަށް 7.042 ބިލިއަން ވިއުސް ލިބިފައިވެ އެވެ. އެހެންވެ، މި ވީޑިއޯގެ ބެލި ވަގުތުގެ ދިގުމިން 30،187 އަހަރާ އެއްވަރެވެ. ޕޮޕް ޖޯންރާގެ އެ ލަވަ ނެރުނީ 2016 ގަ އެވެ. ލަވައިން މިހާތަނަށް ޕިންކްފޮންގަށް އާމްދަނީގެ ގޮތުގައި 5.2 މިލިއަން ޑޮލަރު ލިބިފައިވެ އެވެ.
ކުރިން އެންމެ ގިނަ ވިއުސްގެ ރެކޯޑް އޮތް ޔޫޓިއުބް ވީޑިއޯ އަކީ ލެޓިން އެމެރިކާގެ ފަންނާނު ލުއިޒް ފޮންސީގެ މަޝްހޫރު ލަވަ "ޑެސްޕަސީތޯ" އެވެ. މީގެ ތިން އަހަރު ކުރިން 2017 ގައި ނެރުނު ލަވައިގެ ވިއުސް އުޅެނީ 7.038 ބިލިއަންގަ އެވެ.
އެންމެ ގިނަ މީހުން ބޭނުންކުރާ ވީޑިއޯ ސްޓްރީމިން ހިދުމަތް ކަމަށްވާ ޔޫޓިއުބްގައި މިހާތަނަށް އެންމެ ގިނަ ވިއުސް ލިބުނު 10 އުފެއްދުމަށް ބަލާއިރު ތިން ވަނަ މަގާމުގައި އޮތީ އިނގިރޭސި ލަވަކިޔުންތެރިޔާ އެޑް ޝީރަންގެ "ޝޭޕް އޮފް ޔޫ" އެވެ. އެއީ 5.05 ބިލިއަން ވިއުސްއާ އެކީގަ އެވެ.
ލިސްޓްގައި ދެން ހިމެނެނީ އެމެރިކާގެ ރެޕާ ވިޒް ހަލީފާގެ ލަވަ ސީ ޔޫ އެގެއިން (4.79 ބިލިއަން ވިއުސް)، ގެޓް މޫވީޒްގެ މާޝާ އެންޑް ދަ ބެއާ (4.36 ބިލިއަން ވިއުސް)، ލޫލޫ ކިޑްސް ޖޯނީ ޖޯނީ ޔެސް ޕާޕާ (4.14 ބިލިއަން ވިއުސް)، މާކް ރޮންސަން/ބްރޫނާ މާސްގެ އަޕްޓައުން ފަންކް (3.99 ބިލިއަން ވިއުސް)، ދެކުނު ކޮރެއާގެ ފަންނާނު ސައިގެ ގަންގްނަމް ސްޓައިލް (3.84 ބިލިއަން ވިއުސް)، މިރޯޝްކާ ޓީވީގެ ލާނިން ކަލާޒް (3.65 ބިލިއަން ވިއުސް) އަދި ޖަސްޓިން ބީބާގެ ސޮރީ (3.36 ބިލިއަން ވިއުސް) އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފްއޮފިޝިއަލް
03 November 2020
އެހެންތަ؟