ކޮވިޑް-19 އަށް އާންމު މީހެއްގެ ސާމްޕަލް ނަގަނީ- ފޮޓޯ: އަހުމަދު އަވްޝަން/މިހާރު
06 ނޮވެމްބަރ 2020 - 13:54
ރާއްޖޭގެ ހުރިހާ ޓޫރިސްޓް ފެސިލިޓީތަކުގެ މުވައްޒަފުންގެ ތެރެއިން ކޮވިޑް-19 އަށް ރެންޑަމް ސާމްޕަލް ނަގަން ފަށާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މިއަދު ވިދާޅުވެއްޖެ އެވެ.
މައުސޫމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޓޫރިޒަމް ކުރިއަށް ގެންދިއުމުގައި އެންމެންގެ ސަލާމަތާ ރައްކާތެރިކަން މުހިންމު ކަމަށެވެ.
ރިޒޯޓު ތަކާއި އެހެނިހެން ފަތުރުވެރި ފެސިލިޓީތަކުގެ މުވައްޒަފުންގެ ރެންޑަމް ސާމްޕަލް ނަގަން ފަށަނީ. ފަތުރުވެރިަކަން ކުރިއަށް ގެންދިއުމުގައި އެންމެންގެ ސަލާމަތާއި ރައްކާތެރިކަން މުހިންމު. ޝުކުރިއްޔާ ރައީސް ޞާލިޙް . ޝުކުރިއްޔާ ހެލްތް ޕްރޮޓެކްޝަން އެޖެންސީ.#TogetherWeCan https://t.co/AjXnACbZOW
— Abdulla Mausoom (@Mausoom_Maus) November 6, 2020
މިނިސްޓަރު ކުރެއްވި ޓްވީޓް--
ޓޫރިސްޓް ފެސިލިޓީތަކުގެ މުވައްޒަފުންގެ ސާމްޕަލް ނަގަން މި ނިންމީ މިދިޔަ ހަފުތާގެ ތެރޭގައި ކަނޑިންމަ ރިސޯޓުގެ މުވައްޒަފަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ، ހާލު ދެރަވުމުގެ ސަބަބުން މަރުވެފައި ވަނިކޮށެވެ. އޭނާގެ މަރުގައި ރިސޯޓުގެ އިހުމާލު އެބަ އޮތް ކަމަށް އާއިލާއިން ވަނީ ތުހުމަތު ކޮށްފަ އެވެ. ނަމަވެސް ރިސޯޓުން އެކަން ދޮގުކުރެ އެވެ.
މި މައްސަލައިގައި ކަން ހިނގައިދިޔަ ގޮތް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގެ ޓީމަކުން ބެލުމަށް ފަހު، ތަހުގީގުކުރަން ފުލުހަށް ވަނީ މިހާރު ހުށަހަޅައިފަ އެވެ.
އިއްޔެއާ ހަމަ އަށް ކަނޑިންމަ ރިސޯޓުން 50 މުވައްޒަފަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފަ އެވެ.
މިހާތަނަށް ރާއްޖެއިން 11،893 މީހުން ކޮވިޑް-19 އަށް ޕޮޒިޓް ވެފައިވާއިރު 38 މީހަކު ވަނީ މަރުވެފަ އެވެ. އަދި ޕޮޒިޓިވް ވި މީހުންގެ ތެރެއިން 11،010 މީހަކު ވަނީ ރަނގަޅުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy