ސިންގަޕޫރުގައި ހުންނަވާ ރާއްޖޭގެ ސަފީރުކަމަށް އައްޔަން ކުރެއްވި އިބްރާހީމް ޝަހީބާއި ބަންގްލަދޭޝްގައި ހުންނަވާ ސަފީރުކަމުގެ މަގާމަށް އައްޔަން ކުރެއްވި ޝިރުޒިމަތު ސަމީރާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ބައްދަލުކުރައްވަނީ. ފޮޓޯ: ރައީސް އޮފީސް
15 ނޮވެމްބަރ 2020 - 14:48
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ސިންގަޕޫރާއި ބަންގްލަދޭޝަށް މިއަދު ސަފީރުން އައްޔަންކުރައްވައިފި އެވެ.
ސިންގަޕޫރަށް ރާއްޖޭން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް އައްޔަންކުރެއްވީ ހ.ޖެހޭ ވައި އިބްރާހީމް ޝަހީބެވެ. ބަންގްލަދޭޝަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކަމަށް އައްޔަންކުރެއްވީ މ. ޒީނާ ޝިރުޒިމަތެވެ.
އެ ދެ ބޭފުޅުން ސަފީރުކަމަށް އައްޔަންކުރެއްވީ މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
ސަފީރުކަމަށް މިއަދު އައްޔަންކުރެއްވި ދެ ބޭފުޅުންގެ ތެރެއިން އިބްރާހީމް ޝަހީބު މިހާތަނަށް ހުންނެވީ ފޮރިން މިނިސްޓްރީގެ ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމުގަ އެވެ. ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީކަމުގެ މަގާމާއި ޕާމަނަންޓް ސެކްރެޓަރީގެ މަގާމު ވެސް އޭނާ ކުރިން ފުރުއްވާފައިވެ އެވެ. ސިންގަޕޫރުގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަންގެ ފަސްޓް ސެކްރެޓަރީގެ މަގާމާއި އެ ގައުމުގައި ހުންނަވާ ރާއްޖޭގެ އެކްޓިން ހައިިކޮމިޝަނަރުކަމުގެ މަގާމު ވެސް އޭނާ ފުރުއްވި އެވެ.
ޝަހީބަކީ ސިންގަޕޫރުގެ ލީކުއާން ޔިއު ސްކޫލް އޮފް ޕަބްލިކް ޕޮލިސީ އިން ޕަބްލިކް ޕޮލިސީގެ ދާއިރާއިން މާސްޓާސް ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. ޕޮލިޓިކަލް ސައިންސް އަދި ޑިވެލޮޕްމެންޓްގެ ދާއިރާއިން އޭނާ ފުރަތަމަ ޑިގްރީ ހާސިލުކުރެއްވީ އޮސްޓްރޭލިއާގެ އޮސްޓްރޭލިއަން ނެޝަނަލް ޔުނިވާސިޓީންނެވެ.
ބަންގްލަދޭޝްގައި ހުންނަވާ ސަފީރުކަމުގެ މަގާމަށް މިއަދު އައްޔަން ކުރެއްވި ޝިރުޒިމަތު އެންމެ ފަހުން ހުންނެވީ ފޮރިން މިނިސްޓްރީގެ އީސްޓް އެންޑް ސެންޓްރަލް އޭޝިއާ ޑިވިޝަނުގެ އެޑިޝަނަލް ސެކްރެޓަރީގެ މަގާމުގަ އެވެ. ޖަރުމަނުގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނުގެ މިނިސްޓަ ކައުންސެލާގެ މަގާމު ވެސް އޭނާ ކުރިން އަދާކުރެއްވި އެވެ.
ޝިރުޒިމަތަކީ ސްޓްރެޓެޖީ އެންޑް ޑިޕްލޮމަސީ އިން މާސްޓާސް ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ މާސްޓާސް ހެއްދެވީ ނެޝަނަލް ޔުނިވާސިޓީ އޮފް މެލޭޝިއާގެ އިންސްޓްޓިއުޓް އޮފް ޑިޕްލޮމަސީ އެންޑް ފޮރިން ރިލޭޝަންސް އިންނެވެ. އިންޓަނޭޝަނަލް ބިޒްނަސްގެ ދާއިރާއިން އޭނާ ފުރަތަމަ ޑިގްރީ ހާސިލުކުރެއްވީ އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް އީސްޓް ލަންޑް އިންނެވެ.
ޝަހީބާއި ޝިރުޒިމަތު ސަފީރުކަމަށް އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ރުހުން ދިނީ މިދިޔަމަހު އެވެ. ސިންގަޕޫރުގައި ހުންނަވާ ރާއްޖޭގެ ސަފީރުކަމަށް މިސަރުކާރުން ފުރަތަމަ އައްޔަން ކުރީ މިހާރުގެ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީ އާދަނު
16 November 2020
ޝަހީބު މި އަރުވާލީ ޗީފް އޮފް ޕްރޮޓޯކޯލްގެ މަޤާމަށް ކަމުނުދާތީ ދޯ ؟ ޙަހަހަ
ދަލޭކާ.
16 November 2020
ސަރުކާރު އޮފީސްތައް ހިންގާން މާލޭ މީހާގެ ތަންތަން ކުއްޔަށް ހިފާފައި އަދި އޭނާއަށް ބޭރު ޤައުމަކުން ވަޒީފާ ދީފަ ދައުލަތުން މުސާރައާއި އިނާޔަތް. ސޯލިހް އަށް ސަލާމް.
މަޒްނާ
15 November 2020
ސަފީރު ކަން ވެސް ލިބެނީ މާލޭ މީހުންނަށް