ބްރެޒިލްގެ ތަރި ކަކާ (ކ) އެ ޓީމުގެ ވިލިއަންގައިގަ ބައްދާލަނީ.
02 ޖޫން 2016 - 10:29
ސައޮ ޕޮލޯ (ޖޫން 2) - ކުރީގެ ފޯމް ކަޓާފައިވާ އުމުރުން 34 އަހަރުގެ މިޑްފީލްޑަރު ކަކާ އަށް ކޮޕާ އެމެރިކާގައި ވާދަކުރާ ބްރެޒިލް ގައުމީ ޓީމުން ފުރުސަތު ލިބުމުން އޭނާ އާއި އޭނާގެ ސަޕޯޓަރުން ތިބީ ވަރަށް ބޮޑަށް ހިތްހަމަޖެހިފަ އެވެ. އެކަމަކު ބަޔާން މިއުނިކުގެ ޑަގްލަސް ކޯސްޓާ އަށް އަނިޔާވުމުން ސްކޮޑުން ފުރުސަތު ލިބުނު ކަކާ އަށް އަނިޔާގެ ސަބަބުން މިވަނީ ސްކޮޑުން ވަކިވާން ޖެހިފަ އެވެ.
ބްރެޒިލް ފުޓްބޯޅަ ފެޑެރޭޝަނުން އިއްޔެ ބުނީ ކޮޕަ އެމެރިކާ ސެންޓެނަރިއޯގައި ވާދަކުރާ ސްކޮޑުން ކަކާ ވަކިވާން ޖެހުނީ ފަލަމަސްގަނޑަށް ލިބުނު އަނިޔާއެއްގެ ސަބަބުން ކަމަށެވެ. އަނިޔާ ރަނގަޅުވާން މަދުވެގެން 20 ދުވަސް ނަގާނެ އެވެ.
ކަކާގެ ބަދަލުގައި ސްކޮޑަށް ނަގާފައިވަނީ ސައޮ ޕޯލޯގެ އުމުރުން 23 އަހަރުގެ ގަންސޯ އެވެ. އޭނާ އަކީ މީގެ ދެ ތިން އަހަރު ކުރިން ޔޫރަޕުގެ ކްލަބްތަކުން ވަރަށް ބޮޑަށް ބޭނުންވި ކުޅުންތެރިއެކެވެ. ބާސެލޯނާގެ ތަރި ނޭމާއާ އެކު ސަންތޯސް އަށް ކުޅެ ގަންސޯ ވަނީ ކޮޕަ ލިބެޓަޑޯރެސް ކާމިޔާބުކޮށްފަ އެވެ.
އެމެރިކާގެ މޭޖާ ލީގުގެ އޮލޭންޑޯ ސިޓީ އަށް ކުޅޭ ކަކާ ވަނީ ބްރެޒިލާ އެކު 92 މެޗު ކުޅެދީފަ އެވެ. އޭނާ ވަނީ އެ ޓީމާ އެކު 2002 ގެ ވޯލްޑް ކަޕް ވެސް ކާމިޔާބުކޮށްފަ އެވެ. ދުނިޔޭގެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް ހޯދި ކަކާ އޭސީ މިލާނާ އެކު މޮޅު ކުޅުމެއް ދެއްކި ނަމަވެސް ރެއާލް މެޑްރިޑަށް ބަދަލުވި ހިސާބުން ފޯމް ވަނީ ކަޓައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy