ޑީޖޭއޭ: ކުށާއި ދަރަނީ ރެކޯޑް އީމެއިލް މެދުވެރިކޮށް ސާފު ކުރެވޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައި -- ފޮޓޯ/މިހާރު
21 ނޮވެމްބަރ 2020 - 19:56
ކުށުގެ ރެކޯޑް ބެލެހެއްޓުން ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އަށް ބަދަލުކޮށްފައި ވާތީ ރެކޯޑް ސާފުކޮށްދިނުން ވެސް ދެން އޮންނާނީ އެ ތަނުން ކަމަށް އެ އޮފީހުން މިއަދު ބުނެފި އެވެ.
ޑީޖޭއޭ އިން މިއަދު ކުރި އިއުލާނެއްގައި ބުނީ ކުށުގެ ރެކޯޑް ބެލެހެއްޓުން އެ އޮފީހަށް ބަދަލުވީ ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ގެނައި ބަދަލާ ގުޅިގެން އެކަން އެގޮތަށް ބަދުލެވެފައިވާކަން އެޓާނީ ޖެނެރަލް އެ އޮފީހަށް އަންގަވާފައިވާތީ ކަމަށެވެ.
ވަޒީފާތަކަށް ވަނުމަށާއި އެނޫން ވެސް ބޭނުންތަކަށް މީހުންގެ ކުށުގެ ރެކޯޑް ސާފުކުރުން މީގެ ކުރިން އޮންނީ ވަރަށް އުނދަގޫ ގޮތަކަށެވެ. އެގޮތުން އެ ރެކޯޑް ސާފުކުރަން އެކި ކޯޓުތަކަށް ވަކިވަކިން އަދި އެހެން ބައެއް މުއައްސަސާތަކަށް ވެސް ވަކިވަކިން ހުށަހަޅަން ޖެހެ އެވެ. އެހެންވެ އެކަމަށް ގިނަ ވަގުތުވެސް ހޭދަވެ އެވެ.
ޑީޖޭއޭގެ އިއުލާނުގައި ބުނިގޮތުގައި ކުށުގެ ރެކޯޑް ސާފުކުރަން އެދޭ ފޯމް އެ އިދާރާ އަށް އީމެއިލް މެދުވެރިކޮށް ވެސް މިހާރު ހުށަހެޅޭނެ އެވެ. އަދި އެގޮތުން ހުށަހަޅާ ފޯމަށް އީމެއިލުން ޖަވާބުވެސް ދޭނެ އެވެ.
ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ތިން ވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް އަމަލުކުރަން ފެށީ މިދިޔަ ސެޕްޓެމްބަރު މަހު އެވެ. އެ އިސްލާހުގައި ބުނެފައި އޮތީ އެ ގާނޫނަށް އަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި، މަރުކަޒީކޮށް ކުށުގެ ރެކޯޑު ބަލަހައްޓާނެ އިދާރާއެއް އެޓާނީ ޖެނެރަލް ކަނޑައަޅަންވާނެ ކަމަށެވެ.
އޭޖީ އޮފީހުން އޭރު ބުނީ ގާނޫނުން މިގޮތަށް ލާޒިމްކުރާތީ، ޑީޖޭއޭ އަކީ މަރުކަޒީކޮށް ކުށުގެ ރެކޯޑް ބަލަހައްޓާ އިދާރާ ކަމަށް އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ހަމަޖެއްސެވީ ކަމަށެވެ. ގާނޫނުގައި ބުނާ ގޮތުން މިގޮތަށް އެޓާނީ ޖެނެރަލް ކަނޑައެޅުއްވުމާ އެކު ހަ މަސް ދުވަހުގެ ތެރޭގައި، މަރުކަޒީކޮށް ކުށުގެ ރެކޯޑު ބެލެހެއްޓޭނެ ނިޒާމެއް ޑީޖޭއޭ އިން ހަމަޖައްސަން ޖެހޭނެ އެވެ. \
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
Ahmed Shujau
22 November 2020
ތިޔަ ބުނާ ފޯމު ކޮބާ
ނަގުލުން ދާށި
21 November 2020
ތިކަން ވެސް ތި ދިޔައީ އެމްޑީޕީގެ ރައީސްގެ ދަށަށެވެ.
ހަބަރަނާ
22 November 2020
ޖޭ.އެސް.އީ އާ ޑީ.ޖޭ.އޭ އާ އެއީ ތަފާތު ދެތަނެއް