މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި ސީޗުއާން އިންޓަނޭޝަނަލް ޓްރެވަލް އެކްސްޕޯގައި ހުރި ރާއްޖޭގެ ސްޓޯލްގައި ރާއްޖެއާ ބެހޭ މައުލޫމާތު ދިނުމުގެ މަސައްކަތް ކުރިއަށް ދަނީ.-- ފޮޓޯ: އެމްއެމްޕީއާރުސީ
02 ނޮވެމްބަރ 2016 - 18:38
ޗައިނާގައި ބާއްވާ އެންމެ ބޮޑު އެއް ޓޫރިޒަމް ފެއާގައި މި އަަހަރު ރާއްޖޭގެ 23 ކުންފުންޏަކުން 51 މަންދޫބުން ބައިވެރިވާން ނިންމައިފި އެވެ.
މި މަހުގެ 11 އިން 13 އަށް ޝަންހާއީގައި ބާއްވާ ޗައިނާ އިންޓަނޭޝަނަލް ޓްރެވަލް މާޓު (ސީއައިޓީއެމް)ގައި ބައިވެރިވާ އެ މަންދޫބުންނާ އެކު މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ން ވަނީ މިއަދު ބައްދަލުވުމެއް ބާއްވައިފަ އެވެ.
އެ ބައްދަލުވުމަށް ފަހު އެމްއެމްޕީއާރުސީން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި އެ ކުންފުނީގެ ވަގުތީ މެނޭޖިން ޑިރެކްޓަރު ހާރިސް މުހައްމަދާއި ޓޫރިޒަމް މިނިސްޓަރުގެ ނައިބު ޝަޒާއިލް ޝިޔާމް ވަނީ އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން، ފެއާއާ ގުޅޭ އެންމެ ފަހުގެ މައުލޫމާތުތައް ދެއްވައިފަ އެވެ. އަދި ކުރިއަށް އޮތް ތަނުގައި ހިންގަން ހަމަޖައްސާފައިވާ ޕްރޮމޯޝަނަލް ކަންކަމާ ގުޅޭ ތަފްސީލުތައް ވެސް ދެއްވި ކަމަށް އެ ތަނުން ބުންޏެވެ.
ޝަންހާއީގެ އިތުރުން ކުންމިން ސިޓީގައި ވެސް ބާއްވާ ސީއައިޓީއެމްގައި މި އަހަރު ގާތްގަނޑަކަށް 2،500 ސްޓޯލް ހުންނާނެ އެވެ. އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ރިސޯޓު ހިންގާ ފަރާތްތަކާއި ޓުއާ އޮޕަރޭޓަރުންނާއި ޓްރެވަލް އެޖެންޓުން މި ފެއާގައި ބައިވެރިވާނެ އެވެ. އެ ފަރާތްތަކުން އިޝްތިހާރު ކުރާ ތަކެއްޗާއި ހިދުމަތްތައް ބަލައިލަން ޗައިނާ އާއި އެ ނޫން ވެސް އޭޝިއާ ސަރަހައްދުގެ އެކި ގައުމުތަކުން މީހުން ޒިޔާރަތް ކުރާނެ އެވެ.
"ސީޓީއައިއެމްގައި ބައިވެރިވުމަކީ ރާއްޖެ އިޝްތިހާރު ކުރުމުގެ އިތުރުން، ވަކިވަކި ވިޔަފާރިވެެރިންނަށް ވެސް ޗައިނާގެ އެންމެ ބޮޑެތި ވިޔަފާރިތަކާ ގުޅުން ބަދަހި ކުރުމަށް ލިބޭ ވަރަށް ރަނގަޅު ފުރުސަތެކެވެ،" އެމްއެމްޕީއާރުސީގެ ބަޔާނުގައިވެ އެވެ.
ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަނީ ޗައިނާއިން ކަމަށް ވިޔަސް، ޗައިނާ މާކެޓް ވަނީ ދަށަށް ދާން ފަށައިފަ އެވެ. އެ ގޮތުން، މިދިޔަ އޮގަސްޓް މަހު ޗައިނާ އިން އައީ 36،217 ޓޫރިސްޓުންނެވެ. އެއީ މިދިޔަ އަހަރުގެ އެ މަހު ޗައިނާ އިން އައި 40،850 މީހުންނަށް ވުރެ 11 ޕަސެންޓް ދަށް އަދަދެކެވެ. އެހެންވެ، މި އަހަރުގެ މިހާތަނަށް ޗައިނާ އިން އައި ޓޫރިސްޓުންގެ އަދަދު ވަނީ ގާތްގަނޑަކަށް 13 ޕަސެންޓް ދަށަށް ގޮސްފަ އެވެ.
ރާއްޖޭގެ ޓޫރިޒަމް ހީނަރުވެފައި ވާއިރު، ބޭރުގައި ބާއްވާ ޓޫރިޒަމް ފެއާތަކުގައި ބައިވެރިވުން މި ދުވަސްވަރު ރާއްޖޭން ވަނީ ގިނަކޮށްފަ އެވެ. އެ ގޮތުން، އެމްއެމްޕީއާރުސީން ވަނީ ޖަޕާނާއި ފްރާންސް އަދި ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ޗައިނާގައި ބޭއްވި ބޮޑެތި ފެއާތަކެއްގައި މި ފަހުން ބައިވެރިވެފަ އެވެ. އަދި އިންޑިއާގެ އެންމެ ބޮޑު ޓޫރިޒަމް ފެއާގައި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން ވެސް ބައިވެރިވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތުނބި ތުނބި
03 November 2016
މިފަދަ ބޮޑު ފެއަރ އެއްގައި ބައިވެރިވުމަށް އެންމެ 51 މީހުން އެއީ ރާއްޖެ ކަހަލަ ޤައުމަކުން ދިއުމަށް ތަންކޮޅެއް މަދު ޢަދަދެއް ! އެ ޢަދަދު މަދުވެގެން 5100 ނަމަ މިއަށް ވުރެ ތަންކޮޅެއް ރަނގަޅު ވީސްކަން ނޭގެ !