ކުޅިވަރު / ވޭން ރޫނީ

2010 ގައި ބާސެލޯނާ އަށް ދާން ބޭނުންވި: ރޫނީ

25 ނޮވެމްބަރ 2020 - 10:48

މެންޗެސްޓާ (ނޮވެމްބަރު 25) - މެންޗެސްޓާ ޔުނައިޓެޑް ދޫކޮށް 2010 ވަނަ އަހަރު ބާސެލޯނާ އަށް ބަދަލުވާން ބޭނުންވި ކަމަށް އިނގިރޭސި ކުރީގެ ފޯވާޑް ވޭން ރޫނީ ބުނެފި އެވެ.

މިހާރު ޑާބީ ކައުންޓީގެ ޕްލޭޔާ ކޯޗެއްގެ ޒިންމާ ނަގައިގެން ހުރި ރޫނީ ވަނީ 2010 ވަަނަ އަހަރު ކުއްލި ގޮތަކަށް ޔުނައިޓެޑް ދޫކޮށްލަން ބޭނުންވާކަން އެ ކްލަބަށް ރަސްމީކޮށް އަންގައިފަ އެވެ. ޔުނައިޓެޑްގެ ސަޕޯޓަރުންނާއި ކްލަބްގެ މެނޭޖްމަންޓަށް ވެސް ބޮޑު ހައިރާންކަމެއް ލިބިގެންދިޔަ މި ނިންމުމުގެ ފަހަތުގައި ސަބަބުތަކެއް އޮތް ކަމަށް ރޫނީ އޭރު ވަނީ ބުނެފަ އެވެ.

އޭގެ 10 އަހަރު ފަހުން ޔުނައިޓެޑްގެ ޕޮޑްކާސްޓް ޝޯއެއްގައި ރޫނީ ވަނީ އެ ފަހަރު އޭނާ އެ ގޮތަށް ނިންމި ސަބަބު ކިޔައިދީފަ އެވެ. ރޫނީ ބުނީ ދެ ދުވަހެއް ވަންދެން އޭނާ ސިކުނޑީގައި އޮތީ މުޅިން ބާސެލޯނާ އަށް ބަދަލުވުމުގެ ޝައުގުވެރިކަން ކަމަށެވެ.

"އަހަރެން ހުރީ ސްޕެއިނަށް ގޮސް އެ ގައުމުގައި ކުޅެން ވިސްނައިގެން. އަހަރެން ދާން ބޭނުންވެފައި ހުރީ ބާސެލޯނާ އަށް. އެކަމަކު އޭރު ފުރުސަތު ބޮޑީ ރެއާލް މެޑްރިޑަށް ދިއުމުގެ. ދެން ޗެލްސީ ވެސް އޮތް އަހަރެން ގެންދަން ޝައުގުވެރިކަން ފާޅުކޮށްފައި،" 13 އަހަރު ޔުނައިޓެޑަށް ކުޅެދިން ރޫނީ ބުންޏެވެ.

"އަހަރެން ވަރަށް ރަނގަޅަށް ހަނދާން އެބަހުރި. އަހަރެން ވިސްނީ ބާސެލޯނާގައި މެސީ، ޒަވީ، އިނިއެސްޓާ އަދި ބުސްކެޓްސްއާ އެއް ޓީމެއްގައި ކުޅެލަން. އަހަރެން އެ ހިޔާލުތައް ވެސް ކުރިން. އޭރު މެސީ ކުޅެނީ މިހާރު އެ ކުޅޭ ރޯލުގައެއް ނޫން. ފަޅިން ނިކުމެގެން މެސީ ކުޅެމުންދިޔައީ. އަހަރެންގެ ނަޒަރުގައި އެ ޓީމުގެ މުހިއްމު ރޯލެއްގައި އަހަރެން ފިޓްވާނެ،"

2009 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗުގެ ތެރެއިން މެސީ (ވ) ކައިރިން ރޫނީ ބޯޅަ ހިފައިގެންދާން މަސައްކަތްކުރަނީ.-- ފޮޓޯ: އޭއެފްޕީ

ރޫނީ ބުނީ ފަހުން ޔުނައިޓެޑްގެ ބޯޑާއި އޭރުގެ ކޯޗު އެލެކްސް ފާގަސަންއާ މަޝްވަރާކޮށް ނިންމުން ބަދަލުކުރީ ކަމަށާއި އެ ދުވަހު އޭނާގެ މުސްތަގުބަލާ ގުޅޭގޮތުން މީޑިއާގައި މާ ބޮޑު ވާހަކަތަކެއް ދައްކަން ބޭނުންނުވީ ހާލަތު ބަދަލުވަމުން އައި ގޮތުން ކަމަށެވެ.

"ވަރަށް ރަނގަޅަށް މީޑިއާގައި ވެސް އޮތް ވާހަކައެއް މޮރީނިއޯގެ ޗެލްސީން ވެސް އަހަރެން ބޭނުންވާ ވާހަކަ. އެކަމަކު އެ ފަހަރު އައީ ރެއާލް މެޑްރިޑާއި ބާސެލޯނާ ދެން މެންޗެސްޓާ ސިޓީގެ ހުށަހެޅުންތަކެއް. ފަހުން ވިސްނުނީ އަހަރެންނަށް އެ ހުށަހެޅުންތަކަށް ވުރެން ރަނގަޅީ ޔުނައިޓެޑްކަން. އެހެންވެ މަޑުކުރީ،" ރޫނީ ބުންޏެވެ.

އެވަޓަން ދޫކޮށް ރޫނީ ޔުނައިޓެޑަށް 2004 ވަނަ ބަދަލުވީ އޭރުގެ އެންމެ އަގުބޮޑު ޒުވާން ކުޅުންތެރިޔާގެ ގޮތުގައި 25.6 މިލިއަން ޕައުންޑަށެވެ. ތޭރަ އަހަރަށް ފަހު ޔުނައިޓެޑް ދޫކޮށްލިއިރު އޭނާ އަކީ އެ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިއާ ވެސް މެ އެވެ. ޔުނައިޓެޑާ އެކު ރޫނީ ވަނީ އިނގިރޭސި ޕްރިމިއާ ލީގު ފަސް ފަހަރު، ޗެމްޕިއަންސް ލީގާއި ކްލަބް ވޯލްޑް ކަޕް އެއް ފަހަރު ކާމިޔާބުކޮށްފަ އެވެ.

މިހާރު އުމުރުން 35 އަހަރުގެ ރޫނީ މިދިޔަ ޖެނުއަރީ މަހު ޑާބީ ކައުންޓީ އަށް ބަދަލުވުމުގެ ކުރިން ވަނީ ދެ އަހަރު ވަންދެން އެމެރިކާގެ ޑީސީ ޔުނައިޓެޑަށް ކުޅެފަ އެވެ.

0 ކޮމެންޓް, 5 ރިއެކްޝަންސް

icon happy icon happy 60%
icon sad icon sad 40%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454