އޭސީސީގެ މެމްބަރުން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި: ކޮރަޕްޝަން ހުއްޓުވޭނީ އެންމެންގެ އެއްބާރުލުން ލިބިގެން ކަން އޭސީސީން މިއަދު ވެސް ހަނދާންކޮށްދިން. --ފޮޓޯ/މިހާރު
26 ނޮވެމްބަރ 2020 - 15:46
ކޮރަޕްޝަނާއި ފަސާދަ އިން ގައުމު ސަލާމަތްކުރުމަކީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް އެކަނި ކުރެވޭވަރަށް ވުރެން އުނދަގޫ އަދި ބުރަ މަސައްކަތެއް ކަމަށާއި މިކަން ހުއްޓުވަން ދައުލަތުގެ ތިން ބާރުގެ އެހީތެރިކަން ބޭނުންވާ ކަމަށް އެ ކޮމިޝަނުން މިއަދު ބުނެފި އެވެ.
ކޮރަޕްޝަނުން ސަލާމަތްވެފައިވާ ނަޒާހަތްތެރި މުޖުތަަމައަކަށް ކުރިއަށް އޮތް ފަސް އަހަރަށް އޭސީސީގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން އިފްތިތާހްކުރުމުގެ ރަސްމިއްޔާތުގައި ކޮމިޝަންގެ ރައީސް މަރިޔަމް ޝިއުނާ ވިދާޅުވީ ކޮރަޕްޝަން ހުއްޓުވަން ތިން ބާރާއި އާއްމުންގެ އެއްބާރުލުމާއި އެހީތެރިކަން އަބަދުވެސް ބޭނުންވާ ކަމަށެވެ. ކޮރަޕްޝަނުން ދައުލަތަށް ލިބޭ ގެއްލުން ހުއްޓުވުމުގައި މުއައްސަސާތަކާއި އާއްމުންގެ އެއްބާރުލުން މިހާރު ވެސް ލިބޭ ކަމަށް ޝިއުނާ ވިދާޅުވެ ޝުކުރުއަދާކުރެއްވި އެވެ.
ޝިއުނާ ފާހަގަކުރެއްވި ގޮތުގައި ކުށްވެރިން އަބަދުވެސް ކުށްކުރުމުގެ ތެރެއިން ޒަމާނީ ވަސީލަތްތަކާ އެކު އާ ގޮތްތައް ހޯދަ އެވެ. ނަމަވެސް އޭސީސީން ކުރަމުން އަންނަ މަސައްކަތަކީ، އޭނާ ވިދާޅުވި ގޮތުގައި، ވަރުގަދަ އަޒުމަކާ އެކު މެދުކެނޑުމެއް ނެތި އެފަދަ ފަރާތްތަކާ ކުރިމަތިލުމެވެ. ފަސް އަހަރަށް އެކުލަވާލި އާ ސްޓްރެޓީޖިކް އެކްޝަން ޕްލޭނަކީ އެކަމަށް އިތުރު ފުރުސަތެއް ކަމަށް ވިދާޅުވި އެވެ.
- ކޮރަޕްޝަންގެ އަމަލުތައް ހިންގާ ފަރާތްތަކާ މެދު ތަފާތުނުކޮށް ފިޔަވަޅު އެޅުން.
- ކޮރަޕްޝަންގެ ސަބަބުން ގެއްލިގެންދާ ހައްގުތައް އިޔާދަކޮށް ހިމާޔަތްކުރުން.
- ކޮރަޕްޝަންގެ އަމަލުތަކަށް މަގުފަހިނުވާނެ ގޮތަށް ދައުލަތުގެ ހިންގުން ބައްޓަންކުރުން.
- ކޮރަޕްޝަން ހިނގިޔަ ނުދޭން ގުޅިގެން މަސައްކަތް ކުރުން.
- ނަޒާހަތްތެރި މުޖުތަމައެއް ބިނާކުރުން.
ޝިއުނާ ވިދާޅުވި ގޮތުގައި ފަސް އަހަރުގެ ސްޓެރެޓީޖިކް ޕްލޭން ތައްޔާރުކޮށްފައި ވަނީ މިހާރުގެ މާހައުލަށް ބަލައި އަދި ކުރީގެ ތަޖުރިބާތަކުން ފިލާވަޅު ދަސްވެ އޭސީސީގެ ތަސައްވަރަށް ވާސިލްވުމަށްޓަކައި އެކަށައެޅިފައިވާ އަމާޒުތަކަށް ވާސިލްވުމުގެ ސާފު މަގުޗާޓެއް އެކުލަވާލުމުގެ މަގްސަދުގަ އެވެ. މިއީ، މިނިވަން މުއައްސަސާއެއްގެ ގޮތުގައި އޭސީސީ 2008 ގައި ވުޖޫދުވި ފަހުން ދިގު ރާސްތާގެ އަމާޒަކަށް އެކުލަވާލެވުނު ތިން ވަނަ ސްޓްރެޓީޖިކް އެކްޝަން ޕްލޭނެވެ.
އޭނާ ވިދާޅުވީ ދެ ވަނަ ޕްލޭން ތަންފީޒުކުރަން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. އެކަމަކު މިފަހަރުގެ ޕްލޭން އެކުލަވާލާފައި ވަނީ އެކަންކަން ކުރިމަތިނުވާނެ ގޮތަށް، މޮނިޓަރިންގެ ނިޒާމު ވެސް ހަރުދަނާވާ ގޮތަށް ކަމަށް ވިދާޅުވި އެވެ.
"މި ޕްލޭނަކީ މި ކޮމިޝަނާ ހަވާލުވެފައިވާ ގާނޫނީ މަސްއޫލިއްޔަތު އަދާކުރަން ހުޅުވިގެންދާ ވަރަށް މުހިއްމު މަގެއް،" ޝިއުނާ ވިދާޅުވި އެވެ.
މި ޕްލޭނުން ދައުލަތުގެ ނަޒާހަތްތެރިކަން ކުރިއެރުވުމަށާއި ކޮރަޕްޝަންގެ އަމަލުތަކުން ސަލާމަތްވެފައިވާ ނަޒާހަތްތެރި ދިވެހި މުޖުތަމައެއް ހޯދުމަށް ކޮމިޝަނުން ދެކޭ ތަސައްވުރަށް ވާސިލްވުމަށް އެހީވެދޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ ޕްލޭނާ އެކު އުއްމީދަކީ ކޮމިޝަންގެ މުވައްޒަފުންގެ ގާބިލްކަން އިތުރުކޮށް މަސައްކަތްތަކުގެ އިޖުރާއަތްތައް އިތުރަށް ހަރުދަނާކޮށް ކޮރަޕްޝަން ހުއްޓުވަން ކަމާބެހޭ ފަރާތްތަކާ އެކު ގުޅިގެން މަސައްކަތް ކުރުމެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގަދަހުސޭން
26 November 2020
ނުވަންޏާ ދެން މަށަކަށްނުވާނޭ ބުނެފާ ދެން ގެއަށްދޭ.
ޙިނި
26 November 2020
ޙުސް ބޭކާރު މުވައްސަސާތައް. ޢެކަކުބޮލު އަނެކަކު ބޮލައް މިކަންޑާލަނީ. ަަަަަ
50 އިން
26 November 2020
އެމްޑީޕީ މީހުންނަކީ އެމީހުންގެ ޕާރޓީ މީހުންގެ މައްޗަށް ޤަވައިދާ ޤާނޫނު ހިންގަން އުނދަގޫވާ ބައެއް
މުހާމައްދު
26 November 2020
އެއް އަހަރާ އެތައް ޒަމާނެއް ވީ ފަހުން ތިޔަކަން ތިވީ ސްޕީޑް އެބަ އެނގޭ
އިބިރިހިންބެއްޔާ
26 November 2020
ކޮރަޕްޝަން ހުއްޓުވުމަކީ އުނދަގޫ ކަމެއް، ތިން ބާރާއި އޭސީސީ ވެސް ކޮރަޕްޝަނަށް ނޫނެކޭބުނުނަން ބޭނުން: އިބިރިހިން ބެއްޔާ
ބުރެދި
26 November 2020
އޭސީސީ އަށް ވާ ވަރަށް ކަންކަން ކޮށް ބަލާށެވެ. ހެކި ހުރި މައްސަލަ ތަކުގަ ދެން އެހެން ބައެއްގެ އެހީ ބޭނުމެއް ނުވާނެ އެވެ.
އީދުބެ
26 November 2020
ކޮރަޕްޝަން ހުއްޓުވޭނީ ސަރުކާރުން ހިންގާ ކޮންމެ ޕްރޮކިއުމަންޓެއްގެ ތަފްސީލު އެ އޮފީހެއްގެ ވެބްސައިޓުގައި ޝާއިއު ކުރަން މަޖުބޫރުކުރުވައިގެން. އޭރުން ރައްޔިތުންނަށް ފެންނާނެ ވެރިންގެ ގޭމުތައް. ބޭކާރު ހަރަދުތައް ކުރުންވެސް ވަރަށް މަދުވާނެ ކަމަށް ފެނޭ އޭރުން. ކޮންމެ މަހެއްގެ ރިޕޯޓު އަރުވަބަލަ. ދެން ޖެހޭނީ ވަޒީފާ ދޭ މީހުންގެ ރިޕޯޓު އެރުވުން.
ރަދީފު ބިން ރަފައިދާ
26 November 2020
ތިޔަކިޔާ ހުރިހާބާރުތަކެއްވެސް ވަނީ ބަޔަކު މުށުތެރޭގާ. ދެން ކިހިނެއް ޒީރޯޓޮލަރެންސްކުރާނީ. ޕާޓީމީހެއްވިއްޔާ ޒީރޯޓޮލަރެންސްގެ ރާޑަރަކަށް ނާރާ. މިސާލު: ހޯރައިއްބެ.
ކޮސްގޮވާ
26 November 2020
މާ މޮޅެތި މެޕުތަކާއި ޕްލޭންތައް ހަދާ ރައްޔިތުންނަށް ދަޅަ ދައްކައިގެނެއް ނޫން ކޮރަޕްޝަން ހުއްޓުވޭނީ، އެކަން ކުރެވޭނީ ތިމާމެންގެ ނަފްސު ވިއްކާނުލާ މީހުންނަށް. އޭސީސީ މެންބަރުންގެ އަމަލު ތަކަށް ބަލާއިރު ފެނިގެން ދިޔައީ ކެނެރީގެ އީވާ ފުއްޓަކިއެއް ޖަހާލީމަ ދަންވަރު ގަޑީގައި އޮފީސް ހުޅުވައިގެން ދައުވާ ބަދަލު ކުރި މަންޒަރު. ހެއްކެއް ގަރީނާއެއް ނެތް އިރުވެސް މަގާމުގެ ދިފާއުގައި ހެލްތު މިނިސްޓްރީ މަތިން ފެށިގެން އެޑްމިނިސްޓްރޭޓިވް އޮފިސަރާ ހަމަޔަށް ދައުވާ ކޮށްދިންތަން.
ކަމީލާ
26 November 2020
އުނދަގޫ ވާނެ! އެހެނަސް ތިޔަ ކަމިޝަންގެ މެންބަރުންނަކީ ރައްޔިތުންގެ މަޖިލީސް މެންބަރުންގެ ތުންފުހޭ ރުމާތަކެއް! ގާބިލު މަދު މީހެއް ތިބީ! ތަޖްރިބާ މަދު! ދެން އޮތީ ތިޔަ ކަމިޝަންގެ އެތެރޭ ސްޓާފުން. ގާބިލް ތައުލީމީ މީހުން މަދު! 30 އަހަރުގެ އަތޮޅުތެރޭގެ ރުށްގަސް ގުނަންދިޔަ ގުރޫޕްގިނަ! ދެން ނަތީޖާ ނެރެވޭނެބާ؟