06 ޑިސެމްބަރ 2020 - 07:40
މި މަހުގެ 25 ގައި ރިލިޒްކުރާ ވޯނާ ބްރަދާޒްގެ ސުޕަހީރޯ ފިލްމު "ވޮންޑަ ވުމަން 1984" ސިނަމާތަކުގައި އަޅުވާ ދުވަހު އެޗްބީއޯ މެކްސް އިން ސްޓްރީމްކުރާ ގޮތަށް ކުރިން ނިންމުމަށް ފަހު، އަންނަ އަހަރު އެ ސްޓޫޑިއޯ އިން ގެނެސްދޭ ހުރިހާ ފިލްމެއް ވެސް ސިނަމާތަކާ އެއް ދުވަހެއްގައި ސްޓްރީމްކުރާ ގޮތަށް ނިންމައިފި އެވެ.
މިކަން އިއުލާންކޮށް ވޯނާ ބްރޮސް އިން ބުނީ މި ގޮތަށް ނިންމި އެއް ސަބަބަކީ ކޮވިޑް-19 ގެ ސަބަބުން ސިނަމާތަކުގެ ވިޔަފާރި ހުއްޓިފައި އޮންނަތާ ގިނަ ދުވަސްތަކެއް ފަހުން ޖުލައި މަހުގެ ތެރޭގައި އަލުން ސިނަމާތައް ހުޅުވަން ފެށި ނަމަވެސް، ބައެއް މީހުން ސިނާމަތަކަށް ވަންނަން ޖެހިލުންވެ، އަދިވެސް ސިނަމާތަކަށް ހިންދެމިނުލެވޭތީ އެވެ. އެހެންވެ ފިލްމުތައް ބަލަން ބޭނުންވާ މީހުންނަށް ސިނަމާތަކަށް ނުގޮސް އާ ފިލްމުތައް ރިލީޒްކުރާ ދުވަހު ބެލޭނެ ގޮތެއް ފަހިކޮށް ދިނުމަކީ ވޯނާ ފަދަ ސްޓޫޑިއޯއެއްގެ ބޮޑު ޒިންމާއެއްގެ ގޮތުގައިދެކޭ ކަމަށް ބުންޏެވެ.
އެތަނުން ބުނީ އަންނަ އަހަރު ރިލީޒްކުރާ ހުރިހާ ފިލްމުތަކެއް ސިނަމާތަކާ އެއް ދުވަހެއްގައި އެޗްބީއޯ މެކްސް އިން ބެލޭނެ ގޮތް ހެދިޔަސް، އެ ޕްލެޓްފޯމް ނުލިބޭ މާކެޓްތަކުގެ މީހުންނަށް ސިނަމާތަކަށް ގޮސް ފިލްމުތައް ބެލޭނެ ކަމަށެވެ.
So...
— Kris Tapley (@kristapley) December 3, 2020
Warner Bros. will release its entire 2021 film slate on HBO Max concurrent with domestic theatrical runs for one month, similar to the Wonder Woman plan. Matrix, Space Jam, Dune, In the Heights, Suicide Squad, Godzilla, Conjuring, every-fucking-thing. From your couch. pic.twitter.com/hNOQNvC8pX
އަންނަ އަހަރު ރިލީޒްކުރާ ފިލްމުތައް އެޗްބީއޯ މެކްސް އިން ބަލާލުމުގެ ފުރުސަތު ލިބޭނީ މަހެއްހާ ދުވަހުގެ މުއްދަތަށެވެ. އެކަމަކު މިގޮތަށް ފިލްމުތައް މުޅި އަހަރުގެ ތެރޭގައި ފިލްމުތައް ގެނެސްދޭނެ ކަމަށް ބުންޏެވެ. ވޯނާ ބްރޮސް އަންނަ އަހަރު ސިނަމާތަކުގައި އަޅުވާ ދުވަހާ އެކީގައި އެޗްބީއޯ މެކްސް އިން ސްޓްރީމްކުރާނެ ފިލްމުތަކުގެ ތެރޭގައި ދަ ލިޓްލް ތިންގްސް، ޖޫޑާސް އެންޑް ދަ ބްލެކް މަސިއާ، ޓޮމް އެންޑް ޖެރީ، ގޮޑްޒިއްލާ ވާސަސް ކޮންގް، މޯޓަލް ކޮމްބެޓް، ދޯޒް ހޫ ވިޝްމީ ޑެޑް، ދަ ކޮންޖިއުރިން: ދަ ޑެވިލް މޭޑް މީ ޑޫ އިޓް، އިން ދަ ހައިޓްސް، ސްޕޭސް ޖޭމް: އަ ނިއު ލެގަސީ، ދަ ސުއިސައިޑް ސްކޮޑް، ރެމިނިޒެންސް، މެލިގްނަންޓް، ޑިއުން، ދަ މެނީ ސެއިންޓްސް އޮފް ނެވާކް، ކިންގް ރިޗަޑް، ކްރައި މާޗޯ އަދި މެޓްރިކްސް 4 ހިމެނެ އެވެ.
މި ފިލްމުތައް އެޗްބީއޯ މެކްސް އިން ސްޓްރީމްކުރާނީ 4K އަލްޓްރާ އެޗްޑީ އަދި އެޗްޑީއާރް ކޮލިޓީގަ އެވެ.
އާ ފިލްމުތައް އެޗްބީއޯ މެކްސް އިން ސްޓްރީމްކުރާ ގޮތަށް ނިންމުމަށް ފަހު ކުރިއަށް އޮތް ހަ މަސް ދުވަހަށް ވަނީ ސަބްސްކްރިޕްޝަނުން 22 ޕަސަންޓްގެ ޑިސްކައުންޓެއް ވެސް ދީފަ އެވެ. އެހެންވެ ކުރިން މަހު ފީ އަށް ނެގި 15 ޑޮލަރުގެ ބަދަލުގައި ޗާޖްކުރާނީ 12 ޑޮލަރެވެ.
އެޗްބީއޯ މެކްސް އަކީ މި އަހަރުގެ މެއި 27 ގައި ލޯންޗްކުރި ހިދުމަތެކެވެ. އޭގެ ސަބްސްކްރައިބަރުންގެ އަދަދު މިހާރު 8.6 މިލިއަނަށް ވުރެ ގިނަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy