ރިޕޯޓް

ރުގްޔާގެ ނަމުގައި އަނިޔާދީ، ނަޖާއިޒު ފައިދާ ނަގަނީ!

ސިހުރު ހަދާ ކަމަށް ތުހުމަތު ކުރެވޭ ތަނަކަށް ވަދެ ފުލުހުން ފާސްކުރަނީ: ރުގްޔާގެ ނަމުގައި ދަނީ ފަންޑިތަ ސިހުރުން އެތައް ޖަރީމާއެއް ހިންގަމުން. --ފޮޓޯ/ޕޮލިސް

ދެމަފިރިންގެ ދެމެދުގައި ޖެހުނު އަރައިރުމެއްގައި ރުގްޔާ އިން ފަރުވާ ހޯދަން ގެނައި މީހަކަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި 100،000ރ. ހޭދަކޮށްފި އެވެ. ރުގްޔާ ކުރަން ހޯދި އެ މީހާ ބުނިހާ ގޮތެއް ހަދައި ފައިސާ ދޭން މަޖުބޫރުވީ ކުރިމަތިވި މާޔޫސްކަމެވެ. ފައިދާއެއް ވެސް ނުވެ، ބުއްދި ގަބޫލުނުކުރެވޭ ކަންތައްތަކެއް ކުރުވައި ފައިސާ އަތުލީ ކަމުގެ ހޭވެރިކަންވިއިރު ކުރެވޭނެ ކަމެއް ނެތެވެ!

މިއީ އެކަކަށް ދިމާވި ގޮތެވެ؛ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ރުގްޔާގެ ނަމުގައި ސިހުރާއި ފަންޑިތަ އިން އެތައް ބަޔަކަށް އަނިޔާދެމުން އެބަދެ އެވެ. ބައެއް މީހުންނަށް ޖިންސީ ގޯނާ ކުރިމަތިވެފައިވާ އިރު ޖިސްމާނީ އަދި ނަފްސާނީ އެތައް އަނިޔާއެއް ތަހައްމަލް ކުރަން ޖެހި މުޅި އުމުރު އެ ހިތްދަތިކަމުގައި އުޅެން ޖެހިފައިވާ މީހުން ވެސް އެބަ ތިއްބެވެ.

ޝަރުއީ ރުގްޔާގެ އިލްމާއި ތަޖުރިބާއެއް ނެތް މީހުން ހިންގާ ޖަރީމާތަކުން އަނިޔާގެ ޝިކާރައަކަށް ވެފައިވާ އާއިލާތައް ގިނަ ކަން އެނގެނީ ރުގްޔާގެ ނަމުގައި މެދު ރާއްޖެތެރޭގެ ރަށެއްގައި، ހަތަރު މައިން ރަހީނުކޮށް ޖިންސީ އަދި ޖިސްމާނީ އަނިޔާ ދިން މައްސަލަ ރިޕޯޓްކުރުމާ އެކު ބައެއް މީހުން "މިހާރު"އަށް ހިއްސާކުރި ވާހަކަތަކުންނެވެ. މީގެ ތެރޭގައި އަނިޔާ ލިބި ހަދާނެ ގޮތް ހުސްވެފައި ތިބި މީހުންނާއި ބައެއް މީހުންނަށް ފަރުވާ ދޭން ރުގްޔާކުރި މީހުން ވެސް ހިމެނެ އެވެ.

ރުގްޔާ ކުރުމުގެ ނަމުގައި ގޮސް އެ މީހަކާ ސިހުރުގެ ކޮންމެވެސް ކަމަކާ ގުޅުވައި އެކަމުން ސަލާމަތްކުރުމުގެ ނަމުގައި ވިޔާނުދާ، ހަޑިހުތުރު، އަނިޔާވެރި އަމަލުތަކާ އެކު އެތައް އުނދަގޫތަކެއް ވެސް ބައެއް މީހުންނަށް ޖައްސާފައި އެބަ ހުއްޓެވެ. މިފަދަ އަމަލުތަކަށް އެކި މީހުން ބޯލަނބާފައި ވަނީ، އެ މީހުންގެ ވާހަކަތަކުން އެނގޭ ގޮތުގައި، ކުރިމަތިވާ ކަންކަމުން ގޮތް ހުސްވެ މާޔޫސްވުމުން، އެކަމަކުން އަރައިގަތުމަށެވެ.

ކުޑަކުދިން މާ ގަދައަށް ރުއިމާއި ކިޔެވުމަށް ބުރޫއަރައި ފޫހިވުމާއި ދެމަފިރިންގެ ދޭތެރޭގައި މައްސަލަ ދިމާވުމާއި ވިޔަފާރި ދަށްވުމާއި މީހާގެ އުޅުމާއި މިޒާޖަށް ބަދަލެއް އަތުވުން ފަދަ ކަންކަމުގައި، ފަރުވާއަކީ ރުގްޔާކުރުން ކަމަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގެ ވަރަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ. ރުގްޔާއަކީ ގުރުއާނުން ޝިފާ ހޯދުން ކަމަށް ވާތީ އެވެ. އެކަމަކު އެ ގަބޫލުކުރުންތަކުގެ ތެރެއަށް ސިހުރާއި ފަންޑިތައިގެ ނުބައި ކުޅިގަނޑު ވައްދައި އެތައް ޖަރީމާތަކެއް ހިންގައި ނާޖާއިޒު ފައިދާ ނަގަނީ އެވެ. ފުޅާ ދާއިރާއެއްގައި، ރާއްޖޭގެ އެކި ރަށްތަކުގައި މިކަން އެބަ ހިނގަ އެވެ. ބައެއް މީހުން މިކަމުގެ ތެރެއަށް ޣަރަގުވެފައިވާލެއް ބޮޑުކަމުން، ސިހުރު ހަދާ މީހުންނަށް އޭގެ ނާޖާއިޒު ފައިދާ ނަގަން ވެސް ފަސޭހަ އެވެ.

ރުގްޔާކުރާ ބައެއް މީހުން ބުނާ ގޮތުގައި އެންމެ ގިނަ ބަޔަކު ރުގްޔާ އިން ފަސޭހަކުރަން އެދެނީ ކުޑަ ކުދިން މާ ގިނައިން ރުއިމާއި ކިޔެވުމަށް ބުރޫއެރުމާއި ދެމަފިރިންގެ ދެމެދުގައި ޖެހޭ މައްސަލަތަކެވެ.

އަނިޔާވެރި އަމަލުތަކެއް، ބޮޑެތި އަދަދުތަކުން ފައިސާ އަތުލާ!

އިސްލާމްދީނުގައި އޮންނަ ގޮތަށް ޝަރުއީ ރުގްޔާކުރާ މީހުން އެބަ ތިއްބެ އެވެ. އަދި ގުރުއާނުގެ އާޔަތްތަކުން ފަރުވާ ހޯދުމަކީ އެހެން މީހެއްގެ އެހީއަކާ ނުލައި އެ މީހަކު އަމިއްލައަށް ވެސް ކުރެވެން އޮތް ކަމެކެވެ. މިއާ ޚިލާފަށް، ރުގްޔާގެ ނަމުގައި ސިހުރު ހެދީ ކަމަށް ތިލަވި މައްސަލަތަކުން ފެނުނީ މަކަރާއި ހީލަތެވެ. ގަސްތުގައި އަނިޔާވެރިވުމެވެ. މިކަންކަމުގެ ފަހަތުގައި އޮތީ ބަލިމީހާގެ އަތުން ބޮޑެތި އަދަދުތަކުން ފައިސާ ހޯދުމާއި ޖިންސީ ގޯނާ ކުރުމާއި އެކި ބާވަތުގެ އަނިޔާ ދިނުން ކަން ގަބޫލުކުރެވޭނެ ގިނަ ހާދިސާތަކެއް އެބަ ހުއްޓެވެ.

އުތުރުގެ ރަށެއްގައި ނުވަ އަހަރުގެ އަންހެން ކުއްޖަކަށް ކުރިމަތިވި އުނދަގޫތަކަކާ ހެދި ރުގްޔާކުރާ މީހެއްގެ އެހީއަށް އެދުމުން ރަނގަޅު ކުރުމުގެ ނަމުގައި އާއިލާގެ ނުރުހުމުގައި އޭނާ ބޭނުންވާ ކަންތައްތަކެއް ކުރީ އެވެ. ސިއްހީ ގޮތުން ހެޔޮ ހާލުގައި ހުރި އެ ކުއްޖާ އަށް ކިޔެވުމާއި ގަޔަށް ފެން އެޅުމުގެ ސަބަބުން މިހާރު އޮތީ އެނދުމަތިވެފަ އެވެ.

އާއްމުންނަށް އެ ހާދިސާ ކިޔައިދެމުން އެ ކުއްޖާގެ މަންމަ ފޭސްބުކްގައި ލިއުނު ގޮތުގައި ދަރިފުޅަށް ތެދުވެ ނޫޅެވެނީ، އޭނާގެ ހުއްދަ ނެތި ދަރިފުޅުގެ ގަޔަށް ފެން އެޅި ފަހުންނެވެ.

"ސަލާމަތުން އެ ކުއްޖާ ހުއްޓައި ޝައިތާނާ ވެރިވެފައޭ ކިޔައި ފެން އެޅީ. ދުވަހަކަށް ވުރެން ދުވަހެއް ދަރިފުޅުގެ ހާލަތު ދަނީ ދަށަށް، އެ ކުއްޖާއަކީ މިހާރު ނުކުޅެދޭ ކުއްޖެއް. އަމިއްލައަށް ތެދުވެ ނޫޅެވޭ. ގައިގައި ނުރިއްސާ އެންމެ ތަންކޮޅެއް ނެތް،" އޭނާ ބުންޏެވެ.

"ރޭގަނޑު ވެއްޖިއްޔާ މި ތިބެނީ ނުނިދައި. އަހަންނަކީ އެކަނިމާއެކަނި ދެ ދަރިން ގެންގުޅޭ މީހެއް."

އިންސާނުންގެ ބުއްދިއަށް ގަބޫލުކުރަން އުނދަގޫ އެތައް ވާހަކައެއް ރުގްޔާގެ ނަމުގައި އެ މީހާ ދެއްކި ކަމަށާއި އޭގެ ތެރޭގައި ޖިންނި ޝައިތޯނުން ކުރާ ހަނގުރާމަތަކަށް އެ މީހާ ހާޒިރުކުރާ ކަމަށް ބުނުން ހިމެނެ އެވެ. ބައްޔެއް ވެއްޖެ ނަމަ ޑޮކްޓަރަށް ނުދައްކައި އޭނާގެ ގާތަށް ދިއުމުން އެއީ ބޭސްފަރުވާ އިން ރަނގަޅު ކުރެވޭނެ ކަމެއްތޯ ނުވަތަ ނޫންތޯ އޭނާ ގެންގުޅޭ މުއުމިން ޖިންނީންގެ ގާތުން އޮޅުންފިލުވާ ކަމަށާއި ދެމަފިރިންގެ ދޭތެރޭގައި ޖެހޭ މައްސަލަތައް ވެސް އެ ޖިންނީންގެ އެހީގައި ހޯދާ ކަމަށާއި އެއްޗެއް ގެއްލިއްޖެ ނަމަ އޭނާ ގެންގުޅޭ މުއުމިން ޖިންނީގެ މަތިން ނަމާދުގައި ހުރެ ހަނދާންކޮށްފި ނަމަ، އެ އެއްޗެއް ފެންނަ ކަމަށް ބުނެފައިވާ ކަމަށް ވެސް، އަންހެން މީހާ ލިއެފައިވެ އެވެ.

ސަހަރާ ތެރެއަށް ވަދެ ބަޔަކު ކޮންނަނިކޮށް ފުލުހުން ހުއްޓުވަނީ: ރުގްޔާގެ ނަމުގައި ދަނީ ފަންޑިތަ ސިހުރުން އެތައް ޖަރީމާއެއް ހިންގަމުން. --ފޮޓޯ/ޕޮލިސް

ރުގްޔާގެ ނަމުގައި މީހުންނަށް އޮޅުވާލައި ސިކުނޑިއަށް ވަސްވާސް ވައްދަމުންދާ ކަމަށް ތުހުމަތުކުރެވޭ އެ މީހާގެ އެހެން ވާހަކައަކީ އިންސާނުންގެ ހަށިގަނޑުގެ އެތެރެ އޭނާއަށް ފެނުމެވެ. މިކަހަލަ ވާހަކަތަކުން އެތައް ބައެއްގެ ބޮލަށް ސަވާރުވެ އަނިޔާ ދިނުން ހުއްޓޭނީ އޭނާއާ ދޭތެރޭގައި ފިޔަވަޅު އަޅައިގެން ކަމަށް އެ ކުއްޖާގެ މަންމަ ލިއެފައިވެ އެވެ.

ށ. އަތޮޅުގެ ރަށެއްގައި ޒުވާން އަންހެނަކަށް ދިމާވި ކަމެއްގައި، ރުގްޔާކުރާ މީހަކު ގެންދިއުމުން، ފެން ކިޔަވައި އެ ފެނުން އޭނާ ފެންވަރުވަން އުޅުނީ ރުގްޔާކުރި ފިރިހެން މީހާ އެވެ. އެ އަންހެން މީހާއަށް ސިހުރު ޖެހުނީ ކެއި ޕިއްޒާއެއްގެ ސަބަބުން ކަމަށް ބުނެ އެކަން ރަނގަޅު ކުރުމުގެ ނަމުގައި، މާލެއިން ގެންގޮސް ކުނި ޕިއްޒާއެއް ވެސް ކާންދިނެވެ.

"މާލެ އިން ގެންދިޔަ ޕިއްޒާ ތިން ދުވަސް ވަންދެން ބަހައްޓައިގެން ކާންދިން. ނުބައި ވަސް ދުވާ އެވަރަށް، ހޮޑުލަވަނީއޭ ބުނީމަ ބުނަނީ ތިއީ ޖިންނިއޭ، ނުކާންވެގެންނޭ. [އެކަމުން ރަނގަޅުކުރަން ބޭނުންވެފައި ތިބި އާއިލާ ބައެއް މީހުން ހިތްވަރުދީ] އެންމެން ވެސް ދެން ބުނޭ ތި ކާންވާނެއޭ، ޖިންނި ވަދެފައި އިނީމަ ކާލާށޭ،" ރުގްޔާ ކުރާ މީހަކު، ނަން ނުޖަހާ ގޮތަށް، ކިޔައިދިނެވެ.

މޫދުން ލޮނު ނަގައި އެއަށް އެކި ބާވަތުގެ އެއްޗެހި އެއްކޮށް ސިއްހީ ގޮތުން ވެސް ބޯން ކަމުނުދާ ވަރަށް އެ ބަދަލުކޮށް އަންހެން މީހާއަށް ބޯންދީފައި ވެސް އެބަހުއްޓެވެ.

ރުގްޔާ ކުރަން ގޮސް މާ ބޮޑު ކަމެއް ނެތް މީހުންގެ ގަޔަށް ޖިންނި ވައްދާފައި އެބަ ހުރި ކަމަށް، ރުގުޔާކުރުމުގެ ތެރޭގައި އުޅޭ ބައެއް މީހުން ބުނެ އެވެ. ބޭނުމަކީ ޖިންނި ވައްދައިގެން އެކި މީހުންނަށް ދިމާވެފައި ހުންނަ ކަންކަމުގެ މައުލޫމާތު ޖިންނި މެދުވެރިކޮށް ހޯދުމެވެ.

"ގިނަ މީހުންނަށް ހީވެފައި މި އޮންނަނީ ރުގްޔާކުރުމަކީ ބަލި މީހަކު ބާއްވާފައި ކިޔަވައިގެން ޖިންނި ވައްދައިގެން މައުލޫމާތު ހޯދުމޭ. އެއީއެއް ނޫން ރަނގަޅު ގޮތަކީ. ރުގްޔާކުރުމަކީ އެ އެއްޗެހި ދުރުކުރުން،" އެކަކު ބުންޏެވެ.

ރުގްޔާ ކުރަން ގޮސް އޭނާއާ ކައިވެނިކޮށްގެން ނޫން ގޮތަކަށް ރަނގަޅު ނުވާނެ ކަމަށް ބުނެ، ދެމަފިރިން ދުރުކޮށް، ކައިވެނިކޮށްފައި ވެސް އެބަ ހުއްޓެވެ. ބައެއް ކޭސްތަކުގައި، އަންހެނުން ގައިގައި ބީހުމާއި ޖިންސީ ގޯނާ ވެސް ކޮށްފައިވެ އެވެ.

ދުރު ރަށްރަށުގައި ތިބޭ މީހުންނަށް ފޯނުން ގުޅައިގެން ވެސް ބައެއް މީހުން ރުގްޔާކޮށްދެ އެވެ. އެ ކިޔަވާ އެއްޗެއް ކިޔަވަނީ ފޯނުންނެވެ. ދެން ފެން އަޅާފައި ހުންނަ ބާލިދީއަށް ފުމެން ޖެހެނީ ކައިރީގައި ތިބޭ މީހުންނެވެ. މިފަދަ ބައެއް ކިޔެވުމުގައި، އޭނާގެ ހަބަރެއް ނުވެގެން އެ އާއިލާގެ މީހުން ހާސްވެ ގޮތް ހުސްވާ ދަރަޖައަށް ވެސް ދެ އެވެ.

މާލެ އަތޮޅުގެ ރަށެއްގައި ޚަތިމްގެ ގަނޑުތައް ޕްރިންޓްކުރުވައި އެއަށް ކިޔަވައި ގޭގެ ވަޅަށް ފެއްތި އެވެ. ގުރުއާނަށް އިހްތިރާމް ކުޑަކުރުވަން ޖައްސައި އެ މީހުންނަށް ދިން ޔަގީންކަމަކީ ހަތް ދުވަހުގެ ތެރޭގައި ރަނގަޅު ކޮށްދިނުމެވެ.

ރުގްޔާގެ ނަމުގައި އޮޅުވާލައިގެން ސިހުރު ހަދާ މީހުން، ބަލި މީހާއަށް ދިމާވެފައި ހުރީ ކޮން ކަމެއްތޯ ބަލައި ދިނުމުގެ އަގު ބައެއް ފަހަރު ފަށަނީ ވެސް 500ރ. އިންނެވެ. އޭގެ ފަހުން ކިޔެވުމާއި ފެން އެޅުމާއި ކާންދީފައިވާ ސިހުރު ހޮޑުލައްވައި ހަށިގަނޑުން ބޭރުކުރުން ފަދަ ކަންކަމަށް ވަކިވަކިން އަގު ނަގަ އެވެ. މިކަންކަން އެތައް މަހަކަށް ދިގު ދެމިގެން ގޮސް ބޮޑެތި އަދަދުތަކުން ފައިސާ އަތުލާފައި ވެސް އެބަހުއްޓެވެ.

"އަޅުގަނޑާ ދިމާވި އެކަކު ބުނި މިހާރު 70،000ރ. ހަރަދުވެއްޖެއޭ. މިގޮތަށް ބޮޑެތި އަދަދުތައް ވެސް އެބަހުރި ނަގާފައި،" "މިހާރު"އާ ވާހަކަ ދެއްކި ރުގްޔާކުރާ މީހަކު ކިޔައިދިނެވެ.

ސްކޫލްތަކުގެ ދަރިވަރުންނަށް ކުރިމަތިވާ ޖިންނީންގެ އުނދަގޫތައް، އެހެން ދަރިވަރުންނާ ގުޅުވައި ބޮލަކަށް ވަކި އަދަދެއްގެ މަގުން ފައިސާ ނަގަން އުޅެފައި ވެސް އެބަހުއްޓެވެ.

"ގައިގައި އަތްލާކަށް ނުޖެހޭނެ"

ގުރުއާނުގެ އާޔަތްތަކުން ޝިފާ ހޯދާ ޝަރުއީ ރުގްޔާގައި ހަށިގަނޑުގެ ގުނަވަންތަކުގައި އަތްލުމާއި އަނިޔާވެރި އަދި އިސްލާމްދީނާ ޚިލާފު އަމަލުތައް ހިންގުމެއް ނޯވެ އެވެ. ރުގްޔާގެ ނަމުގައި އެ މިސްރާބަށް ވާހަކަ ދައްކާ ނަމަވެސް އެއީ ސިހުރު ކަމަށް ބައެއް އިލްމުވެރިންނާއި ޝަރުއީ ރުގްޔާކުރާ މީހުން އަންނަނީ ބުނަމުންނެވެ.

ގައިގައި އަތްލެވޭނީ ޖިންނި ހަށިގަނޑަށް ވަދެފައި އިންނަ ވަގުތު އެ މީހާ ކަރުގައި ހިފުން ނުވަތަ އެ ނޫން ވެސް އަމިއްލަ ހަށިގަނޑަށް ގެއްލުމެއް ދޭން އުޅޭ ހާލަތެއްގައި އޭނާ އަށް ސަލާމަތާއި ރައްކާތެރިކަން ހޯދައި ދިނުމުގެ ގޮތުން އެކަންޏެވެ.

"ޝަރުއީ ރުގްޔާގައި ކިޔަވާ ގުރުއާނުގެ އާޔަތްތައް އެނގެން ޖެހޭނެ، އަޑު އިވެން ޖެހޭނެ. ޖިސްމާނީ، ނަފްސާނީ ލާއިންސާނީ އެއްވެސް އަމަލެއް ނުހިމެނޭނެ. ހަޑިހުތުރު ކަމެއް ނުހިމެނޭނެ. އެފަދަ ކަންކަމަކީ ސިހުރުވެރިން ޝައިތާނުން ކުރާ ކަންކަން. ކުނި އެއްޗެހި ކައިގެން ނުވާނެ. ކާން ޖެހޭނީ ހަލާލު، ރަނގަޅު ތަކެތި،" ރުގްޔާގެ ރަނގަޅު ގޮތް ބުނެދީ ހޭލުންތެރިކުރަން އުފައްދާފައިވާ ދި އިސްލާމިކް އެކްސޮސިޒަމް ޖަމިއްޔާގެ ރައީސް އަހްމަދު މުއާޒް ވިދާޅުވި އެވެ.

އަންނައުނާއި ގޭގެ ފަރުނީޗަރުތައް އެންދުމާއި ތެލި ތަށިތައް އުކާލުމަކީ ރުގްޔާއެއް ނޫނެވެ. ބައެއް ރަށްރަށުގައި ރުގްޔާގެ ނަމުގައި ވަޅުދިޔަ ހިއްކަން ޖައްސާފައި ވެސް އެބަ ހުއްޓެވެ. އެކަމަކު އެ ފެން ގޭތެރެއަށް ނޭޅޭ ގޮތަށެވެ.

ޖަމިއްޔާ އިން އެދެނީ، ރުގްޔާކުރާ މީހެއްގެ އެހީއަށް އެދުމުގެ ކުރިން އެކަން އޮންނަ ގޮތް އޮޅުންފިލުވުން މުހިއްމު ކަމަށެވެ. ދަރިފުޅު ހަމަ ރޯލާއިރަށް ނުވަތަ ހުން އަންނައިރަށް މީހަކަށް ގުޅައިގެން ރުގްޔާކުރަން ނުގެންދަން ޖަމިއްޔާ އިން ނަސޭހަތްތެރިވެ އެވެ.

"ނުބައި މިސްރާބަކަށް ކަމެއް ދާކަމަށް ފާހަގަވެއްޖެ ނަމަ، އެ މީހަކު އެ ކުރާ ކަމަކަށް ނޫނެކޭ ބުނަން ޖެހޭނެ، ހުއްޓުވަން ޖެހޭނެ،" މުއާޒް ވިދާޅުވި އެވެ.

ޖަރީމާތަކަށް ފިޔަވަޅު އެޅޭނެ ގޮތެއް ނެތް!

ރުގްޔާގެ ނަމުގައި ހިންގާ ޖަރީމާތަކުން އާއްމުންނަށް އަނިޔާދިނުން އާއްމުވެފައި އޮތަސް މިކަމުގައި ފިޔަވަޅު އެޅޭނެ ގޮތެއް ނެތެވެ. އެކަމަކު ތިލަވެފައިވާ ހާދިސާތަކުން އެނގެނީ މިކަން މިހާރު އޮތީ ކޮންމެވެސް އެއްގޮތަކުން ހުއްޓުވަން ޖެހޭ ހިސާބުގައި ކަމެވެ. މިފަދަ ބައެއް މައްސަލަތައް ފުލުހުންނަށް ރިޕޯޓްކުރުމުން އެ މީހަކު ދިރިއުޅޭ ގެއަށް ގޮސް ސިހުރު ފޮތްތައް "ހައްޔަރުކޮށްފައި" ތަހުގީގު އެ ހިސާބުން ނިމެނީ އެވެ.

ސިހުރާ ގުޅޭ އަނިޔާވެރި އަމަލުތަކަށް ހަރުކަށި ފިޔަވަޅު އަޅަން ޖެހުނަސް އެކަމެއް ނުކުރެވެ އެވެ. ބައެއް މައްސަލަތައް ރިޕޯޓްކުރުމުން މީހާ ހައްޔަރުކޮށްފައި ވެސް ދޫވަނީ އެވެ. ދެން ފެންނަނީ އަނެއްކާވެސް އެކަމުގެ ތެރޭގައި އެ މީހަކު އުޅޭ ތަނެވެ.

ސިހުރުވެރިން ހުއްޓުވަން އޮތް އެއްގޮތަކީ ބައެއް މީހުން ދެކޭ ގޮތުގައި ރުގްޔާ ރެގިއުލޭޓްކުރުމެވެ. އެކަމަކު ހުއްދަ ނެތި ރުގްޔާ ނުކުރެވޭ ގޮތަށް ހަމަޖެއްސުމަކީ ހައްލެއް ނޫން ކަމަށް އެއް ބަޔަކު ގަބޫލުކުރަނީ ދީނުގައި އޮންނަ ގޮތަށް ޝަރުއީ ރުގްޔާކުރާ މީހުންގެ މަސައްކަތަށް ހުރަސްއެޅިދާނެ ކަމުގެ ބިރު އޮތުމުންނެވެ.

"ގާނޫނެއް ހަދައިގެން ނަމަވެސް ހަރުކަށި ފިޔަވަޅު އަޅަން ވެއްޖެ ކަމެއް މިހާރު މިއީ،" މުއާޒް ވިދާޅުވި އެވެ.

ސައުދީ އަރަބިއްޔާ ފަދަ ގައުމުތަކުގައި ރުގްޔާއާ ގުޅޭ ގާނޫނުތަކާއި އުސޫލްތަކުގެ މައްޗަށް ރާއްޖެ އަށް ފެތޭ އުސޫލްތަކެއް ހެދުމުގެ މަޝްވަރާ އަށް ކަރުދާހެއް އިސްލާމިކް މިނިސްޓްރީ އަށް ހުށަހެޅުމުގެ ވިސްނުން ރުގްޔާއަށް ހޭލުންތެރި ކުރުމުގެ ޖަމިއްޔާ އިން ގެންގުޅެ އެވެ.

އެއީ، މާ ބޮޑު ކަމެއް ނޫން ކަމަށް ދެކި ނިންމާލެވޭ ވަރަށް ވުރެން މި އަނިޔާ މޫލައި ފުޅާވެފައި އޮތުމުންނެވެ.

51 ކޮމެންޓް, 56 ރިއެކްޝަންސް

icon happy icon happy 9%
icon sad icon sad 16%
icon angry icon angry 75%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޒުވާނާ.

09 December 2020

ފުލުހުންގެ ދޯދިޔާކަން ދޫކޮއްލާ މީހުންގެ ގޯތި ގެދޮރައް ބޫޓާއެކުނުވަދޭ

The name is already taken The name is available. Register?

ބަކަޅޭ

09 December 2020

ތިޔަހެން ޢަމަލުކުރާ މީހުން ނޫޅެއެކޭ ނުބުނަން. އެކަމު މިހާރު ހީވާ ގޮތުން ތިޔައީ އިސްލާމްދީނާއި ދުރު ބަޔަކު ނުވަތަ ލާދީނީ ބަޔަކު އަޑީގައި ތިބެގެން އިސްލާމްދީނުގެ ޝަރުޢީ ޢަމަލުތަކާއި މީހުން ދުރުކޮށް އެޔަށް ނަފުރަތު އުފައްދަން ހިންގާ މަކަރުވެރި ރޭވުމެކެވެ. އަދި އެ ރޭވުން ވަރަށް ކާމިޔާބެވެ. ނަމަވެސް ތިޔަހެން ތިބެވޭނީ ކުޑަ ދުވަސް ކޮޅަކުއެވެ. ހަޤީޤީ އިސްލާމްދީން ކަލޭމެންނާއި އަރާ ހަމަކުރާނެއެވެ.......

The name is already taken The name is available. Register?

މުހައްމަދު

09 December 2020

މިމައްސަލަ އަށް ހައްލެއް ހޯދުމުގައި ނޫސްވެރިންގެ ދައުރު ވަރަށް ބޮޑުކަމުގައި ދެކެން.

The name is already taken The name is available. Register?

ރަދީފު ބިން ރަފައިދާ

08 December 2020

"ޓުއަރިސްޓުޕޮލިސް"ގޮތަށް "ރުގުޔާޕޮލިސް" އުނިޓެއް އެކުލަވާލުން ކީއްތޯ؟

The name is already taken The name is available. Register?

ހާމިދު ޝާހިދު

08 December 2020

ތިކަން ކުރާ ބައިގަނޑު އަތުލާ ހައްޔަރު ކުރަން ނުކުރިގެން އެއުޅެނީ، ރުގިޔާގެ ބިރުވެރިކަން ޝެއިހް އިމްރާނަށްވެސް ކުރިމަތިވެފައިވާތީ. ގައިމު ލީކުވި ވީޑިއޯއެއްގައި ހުސްގަޔާ އިންނަވައިގެން އެއްޗެތިތަކެއް ކިޔާފައި ފެންބޯތަންފެނޭ. މިއެންމެ މައިތިރި ކޮށްލެވޭނެ ވެރިއަކު މިއަދު ގައުމަށް ބޭނުންވަނީ

The name is already taken The name is available. Register?

ޝިޔާމް

08 December 2020

ސިހުރު ހަދައިގެންވެސް މީހުންނަށް ކުރާ އަނިޔާ ވަރަށް ގިނަ. އެކަންވެސް ހުއްޓުވާ. ރުޤުޔާގެ ނަމުގައި އެކަން ކުރަނީވެސް ގިނައިން ސިހުރު ހަދާ މީހުން

The name is already taken The name is available. Register?

މަދޮށި ގެރި

08 December 2020

ރުގުޔާ، ސިހުރު އަދި ފަންޑިތަ އަކީ ހަގީގަތެއް ނޫން. އެއީ ހުސް ޝައްކާއި ވަހުމް.

The name is already taken The name is available. Register?

ޑޮމެސްޓިކް ވައިލެންސް

08 December 2020

މިއީ ސެކްޝުއަލް ސޭޑިޒަމް ގެ އަމަލުތަށް މި ހިންގަނީ މީހުން ލައްވާ ރުގުޔާ ކުރާ މީހާގެ ޖިންސީ އެދުންވެރިކަން ހިލުވަން މިސާލަކަށް އެ ކުނި ޕިއްޒާ ކާންދިނުން ކަހަލަ އަނިޔާ އަދި އާއިލާއެއް ރަހީނު ކޮއްގެން ކުރި އަނިޔާ، މިއީ ގަސްތުގައި މީހަކަށް ގެއްލުން ދިނުން މިހާރު ހުރި ގާނޫނު ތަކުންވެސް އަދަބު ދެވޭނެ ، ރުގުޔާގެ ނަމުގައި އަނިޔާ ކުރާ މީހުންނަށް ދައުވާ ކުރޭވޭނެ ސަރުކާރު ބޭނުމިއްޔާ.

The name is already taken The name is available. Register?

@ މީ 2

08 December 2020

ހޯ މް މިނިސްޓަރ އި މްރާން ރުގުޔާ ކުރަން ކަ މަށް ބުނެ ޤަބުރުުސްތާން ވެސް ކޮނުނު

The name is already taken The name is available. Register?

ާއުނިމާ

08 December 2020

ފުރަތަމަ ހައްޔަރު ކުރަންވީ އެކުއްޖާގެ މައިންބަފައިން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454