ޝަހީދު ހުސެއިން އާދަމް ބިލްޑިން: މަޝްއަރު ޓުއާސްގެ ވެރިންނަށް ދައުވާކުރަން ފުލުހުން ވަނީ ފޮނުވައިފައި.-- ފޮޓޯ: މިހާރު
09 ޖެނުއަރީ 2025 - 14:06
މިދިޔަ އަހަރުގެ ރޯދަ މަހު އުމްރާއަށް މީހުން ގެންގޮސް ހާލުގައި ޖެއްސި އަލް-މަޝްއަރު ޓުއާސްގެ ވެރިންނަށް ދައުވާކުރަން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފުލުހުން ފޮނުވައިފި އެވެ.
ފުލުހުންގެ އޮފިޝަލަކު މިއަދު "މިހާރު"އަށް ވިދާޅުވީ މަޝްއަރު ޓުއާސްގެ މަކަރާއި ހީލަތުގެ ތިން މައްސަލައެއް ފުލުހުން ބަލަމުން އަންނަ ކަމަށެވެ. އޭގެ ތެރެއިން އެއް މައްސަލާގައި ދައުވާކުރަން ޕީޖީއަށް މިހާރު ފޮނުވާފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ބާކީ އޮތް ދެ މައްސަލާގައި ދައުވާކުރަން ފޮނުވުމުގެ ކުރިން، ޕީޖީއާ އެކު މަޝްވަރާ ކުރަމުންދާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
މީގެ ފަސް އަހަރު ކުރިން އުފެއްދި މަޝްއަރު ޓުއާސް އަކީ ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ބާތިލްކޮށްފައިވާ ގްރޫޕެއް ކަމަށްވާ އަލް-މަޝްއަރު ހައްޖު އެންޑް އުމްރާ ވެސް ހިންގާ "އަލް-މަޝްއަރު ޕްރައިވެޓް"ގެ ދަށުން އުފައްދާފައިވާ ޓްރެވަލް އެޖެންސީއެކެވެ. އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގައި ތިބެނީ އަލީ ފާރިޝް އާއި މޫސާ ޔާމީން އެވެ.
މަޝްއަރު ޓުއާސްގެ މައްސަލަ މިދިޔަ އަހަރުގެ އެޕްރީލް މަހު ފުލުހުންނަށް ހުށަހެޅީ އިސްލާމިކް މިނިސްޓްރީންނެވެ.
މިދިޔަ އަހަރުގެ ރޯދަ މަހު މަޝްއަރު ޓުއާސް އިން އުމްރާއަށް ގެންދިޔަ ބަޔަކު ހާލުގައި ޖެހި، އެނބުރި މާލެ އާދެވޭނެ ގޮތެއް ނެތި ސައޫދީ އަރަބިއްޔާގައި ތާށިވި އެވެ. އެއީ އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީ ދީފައި އޮތް ބައެއް ނޫނެވެ. އޭރު ބެލިބެލުމުން އެނގުނު ގޮތުގައި، އެ ކުންފުންޏަކީ މިނިސްޓްރީން ހުއްދަ ބާތިލުކޮށްފައި އޮތް ބައެކެވެ. އެ ކުންފުންޏަށް ދިން ހުއްދަ ބާތިލުކޮށްފައި އޮތުމުން ވަކިން ޓުއާ އެޖެންސީއެއް ހަދައިގެން އާންމުންނަށް އޮޅުވާލައިގެން އުމްރާއަށް ގެންދިޔައީ އެވެ.
މަޝްއަރު ޓުއާސްގެ ހަވާލުގައި ދިޔަ މީހުން މައްކާގައި ތާށިވީ އެ މީހުންގެ ރިޓާން ޓިކެޓް ނަގަން ޓްރެވަލް އެޖެންޓަށް ދިން ފައިސާގެ ޗެކު ބައުންސް ވުމުންނެވެ. އެކަމަކު އުމްރާ އަށް ފުރުމުގެ ކުރިން އެންމެންގެ އަތުން ހުރީ ދެކޮޅު ޓިކެޓާއި ކެއުމާއި ހުރުމުގެ ހުރިހާ ހަރަދަކަށް ވާ ފައިސާ ނަގައިފަ އެވެ.
އެ މައްސަލާގައި މަޝްއަރު ޓުއާސް އާއި މިނިސްޓްރީއާ ދެމެދުގައި ވެސް މުއާމަލާތްތައް ކުރި އެވެ. އެންމެފަހުން އެ މީހުން ރާއްޖެ އައީ ރާއްޖެ އަންނަން އޮތް ތާރީހަށް ވުރެ ހަފުތާއަކަށް ވުރެ ގިނަ ދުވަސް ވީ ފަހުންނެވެ. އެ މުއްދަތުގައި އެ މީހުން މައްކާގައި ތިބުމުގެ ހުރިހާ ހަރަދެއް ހަމަޖެއްސީ އެ މީހުންގެ އަމިއްލަ ޖީބުންނެވެ. އަދި ރިޓާން ޓިކެޓް ވެސް ނެގީ އަމިއްލަ އަތުން ހަރަދުކޮށްގެންނެވެ.
މަޝްއަރު ޓުއާސްގެ ވެރިންނަށް ދައުވާކުރަން ފޮނުވި އިރު، އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ އޮވެ، ބަޔަކު އުމްރާއަށް ގެންގޮސް ހާލުގައި ޖެއްސުވި އެހެން މައްސަލައެއް މިހާރު ވަނީ ފެންމަތިވެފަ އެވެ. އެއީ އަލް-ހިޖްރަ ޓްރެވަލް އެންޑް ޓުއާސް ޕްރައިވެޓް ލިމިޑެޓުގެ ހަވާލުގައި އުމްރާއަށް ގެންދިޔަ މީހުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަޅޯސް
10 January 2025
ތިހާ ކަންހާ ވަރަށް ޒިންމާ އުފުލޭނީ! އިހުގަ ނުލާހިކު ހިތްތިރިކޮށް އެންމެނާ ވާހަދަދައްކާ އުޅުނު މީހަކު ހައްޖުކޮޕޮރޭސަންގެ ބޮޑުމީހަކަށް ހަމަޖެއްސީމާ ފޯނުކޮށްލީމާ ޖަވާބު ނުދިންތާގަ ފޮނުވި ތަހުނިޔާ މެސެޖަށްވެސް ޖަވާބު ނުދޭ، ބޮޑާކަން އިންތިހާ. އޭނަޔަށް ތިބުނާ ކަންތައް މި އެނގެނީ ބަޔަކު ސައުދީގަ ތާށިވެގެން ރާއްޖެ ނާދެވިގެން ނޫސްތަކުގަ އެވާހަކަ ޖެހީމަތަ؟މިއޮއް ހުރިހާ ދުވަހު ނޭގޭތަ؟ނާގާބިލެއް ނޫންތަ؟ ހައްޖުކޮޕޮރޭސަންގެ ވެރިޔާ އިސްތިއުފާ ދޭކަށް ނުވޭތަ؟
ޑރ ވާންޗޯ
10 January 2025
އަދިވެސް ތަންކޮޅެއް އަވަސްދޯ މައްސަލަ ސަރީއަތަށް ފޮނުވަން. މިވަރުންވެސް މިކަހަލަ ބޮޑެތި ކޮރަޕްސަންތަކުގަ ސަރުކާރުގެ ބޮޑެއްގެ ބައިވެރިވުން އޮވެގެނޭ މިގޮތަށްދަނީ ބުނާމީހާ ގޯސްވާނީ!!!!.
ށްހީމު
09 January 2025
ކުރިން ވެސް ފުނުވާފައިވަނީ. ޕީޖީއަށް ފުނުވާ ހުރިހާ މައްސަލައެއްގެ ވާހަކަ މިހާރު ނޫހުގައި ނުޖަހާނެ. އެނހިެްހގެ
އަހައްމާކަލޯ
09 January 2025
އެތައް ބައެއްގެ ޙައްޤުތަކަށް އަރައިގަތްތާ އަހަރެއްވަނިކޮށް (އެހެން ކަމެއް ފެންމަތިވުމުން) ތިން މައްސަލައިން އެއް މައްސަލަ ޕީޖީ އަށް ފޮނުވީ. ދެން ވެދާނެ ގޮތްތައް 1. ޕީޖީއަށް ނުފޮނުވާ ދެ މައްސަލައިގެ ލިޔުންތަކުގެ މައްޗަށް ކޮފީތަށްޓެއް ބަންޑުންވުން 2. ފޮނުވި މައްސަލައިގެ އުންސުރުތައް ހަމަނުވުން. 3. ކޯޓް އަމުރެއް ނެތް މީހަކާ ސުވާލު ކުރީތީ ތަޙުޤީޤު ބާޠިލުވުން. 4. އިޢުތިރާފުގެ އެއްބަސްވުމެއް ހެދުމަށްފަހު މަޝްޢަރުގެ ވެރިންނަށް ޤައުމީ އިނާމެއް ދިނުން.
އަލްހިޖްރަގްރޫޕް
09 January 2025
މި ހިޖުރަކުރި ގްރޫޕުގެ މައްސަލަ ފެންމަތި ނުވިނަމަ ފުލުހުން ތިބޭނީކަންނޭގެ އަޅާވެސް ނުލާ،، މިހާރުވެސް ތިން މައްސަލައިގެ ތެރެއިން އެއް މައްސަލަ ދައުވާކުރަން މި ފޮނުވީ، ހީވަނީ އަދި ބަޔަކު އުޅެނީހެން އެބުރި ނާންނަ، އެކަހަލަ ބައެއްގެ ޚަބަރެއް ނޫހަށް އަރާއިރަށް އަނެއް މައްސަލައިގެ ދައުވާކުރަން ފޮނުވަން ބެހެއްޓީކަން ނޭގެ
ބަބްސް
09 January 2025
މައްސަލަ ފެންމަތިވީ އެކްޓިވޭޓްވީ ... މިގައުމުގެ ފުލުހުންގެ ހާލަތު.
އުދުހޭ
09 January 2025
މައްސަލައިހެ ހަބަރު ނޫސްތަކުން ދިޔައީ ފުލުހުން ނިދީ؟
ބަކުރުބޭ
09 January 2025
މަށަށް ހީވަނީ ހުސް ވަގުންހެން އުޅެނީ. މައްސަލަ އެއް ދިމާވާއިރަށް ކުރިން ހިނގާފަ އޮތް ކަމަކާ ގުޅޭ ބަޔަކަށް ދައުވާ ކުރަން ފޮނުވާނީ
ދުވިސައްތަ
09 January 2025
މަސްވަރު ޓުއާސްގެ ކަންތައް ކިހާވަރަކުންދާނެބާ؟
ތިބެނީ ރެޑީގަ
09 January 2025
މިވެސް އަނެއްކާ އަރަތެއް ކަހަލަ ކަމެކެވެ.....ރައްޔިތުންގެ ބަޔަކު ރުޅި އަރާ އިރައް ކޮންމެވެސް ދައުވާ އެއް ކުރަން ފޮނުވާނެ އެވެ.
އިބުނު މަހުދީ
09 January 2025
ކޮބާ އެމީހުންގެ ފޮޓޯ، އެއީ ތުނބުޅިލާފައިތިބީމަ ފޮޓޯ އާމުނުކުރީ ބާ