މާލޭގެ އައްޑާއެއްގައި މަސްތުވާތަކެތި ބޭނުންކުރާ ބައެއް: ފަރުވާ ހޯދަން އެދި ކިއޫގައި އެތައް ސަތޭކަ ބަޔަކު މިހާރު ވެސް އެބަ ތިބި
29 ޑިސެމްބަރ 2020 - 08:57
ފަރުވާއަށް ދާން ޑްރަގް ކޯޓުން ހުކުމްކޮށް ފަރުވާ ނުފެށި ދިގު ކިއުގައި މަޑުކޮށްގެން އެތައް ސަތޭކަ ބަޔަކު އެބަ ތިއްބެވެ. މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްނުވެވި އެތައް ބަޔަކު މަރުވެއްޖެ އެވެ. މުސްތަގުބަލާ މެދު ދެކެމުން އައި ފޮނި ހުވަފެންތައް މާޒީވެ، އުއްމީދުތައް ގެއްލިފަ އެވެ؛ އާއިލާތައް ރޫޅި ބިކަވެފައި ތިބި ދަރިންނެވެ. އެކަމަކު މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމުގައި ސަރުކާރުތައް ވަނީ ފެއިލްވެފަ އެވެ.
އެކަމަށް އެންމެ ބާރު ދޭ ހެއްކަކީ، އދ.ގެ ޑްރަގް އެންޑް ކްރައިމް އޮފީހުން 2011/2012 ގައި ރާއްޖޭގައި ހެދި މަސްތުވާތަކެއްޗާ ބެހޭ ފުރަތަމަ އަދި ބޮޑު ދިރާސާއަށް ފަހު ވެސް ހާލަތަށް މާ ބޮޑު ބަދަލެއް ނައުމެވެ. ތޮއްޖެހިފައިވާ މާލޭގެ މަގުތަކާއި އާއްމު ތަންތަނުން މިހާރު ފެންނަ މަންޒަރަކީ އޭގެ މިސާލެވެ.
ދިރާސާގައި އޭރު އަންދާޒާކުރި ގޮތުގައި ރާއްޖޭގައި މަސްތުވާތަކެތި ބޭނުންކުރާ 7،500 ކުދިން/މީހުން ތިބޭނެ އެވެ. އެއީ ރަށްރަށުގައި 3،154 އަދި މާލޭގައި 4،342 ކުދިން/މީހުންނެވެ. ދިރާސާގެ ބައިވެރިންގެ އުމުރު އުޅުނީ 15-19 އަހަރާ ދެމެދުގަ އެވެ.
މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ބޮޑު ބައެއް، އުމުރުގެ ވަކި ހިސާބެއްގައި ހައްޔަރުކުރެ އެވެ. އޭގެ ތެރެއިން ގިނަ ބަޔަކަށް ދައުވާކޮށްފައިވާ ކަމަށް އެ ދިރާސާ ރިޕޯޓުގައި ބުންޏެވެ. އެހެންވުމުން، ސިއްހީ އަދި އިޖުތިމާއީ މައްސަލައަކަށް ވުރެ ބޮޑަށް ރާއްޖޭގައި ޑްރަގްގެ ކަންތައް ބަލާފައި އޮންނަނީ ޖިނާއީ ކުށެއްގެ ގޮތުގައި ކަމަށް ވެސް ރިޕޯޓްގައިވެ އެވެ.
އެކަމަކު މީގެ ނުވަ އަހަރު ކުރިން ފާސްކުރި "މަސްތުވާތަކެއްޗާ ބެހޭ ގާނޫނު"ގެ ބޭނުމަކީ ޖިނާއީ ބޮޑު ކުށެއްގެ ގޮތުގައި ދެކެމުން އައި ގޮތް ބަދަލުކޮށް ސިއްހީ ނަޒަރަކުން އެކަމަށް ފަރުވާ ދިނުމެވެ. އެއީ 1977 ގައި ރާއްޖޭގައި އެންމެ ފުރަތަމަ އަމަލުކުރަން ފެށި މަސްތުވާތަކެއްޗާ ބެހޭ ގާނޫނާ އަޅާބަލާއިރު ވަރަށް ބޮޑު ތަފާތެކެވެ.
ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ބޯޑުގެ ޗެއާމަން، އަބްދުލް ހަމީދު ވިދާޅުވި ގޮތުގައި ރާއްޖޭގައި މިހާރު މި އޮތީ މަސްތުވާތަކެތި ބޭނުންކުރުމުގެ ބަލިމަޑުކަމެކެވެ. އެހެންކަމުން އެ ބަލިމަޑުކަމުން ސަލާމަތްވުމަށް ދޭ ފަރުވާއަށް ބަދަލުތަކެއް އަންނަން ޖެހޭކަން ބޯޑުން ވެސް ގަބޫލުކުރެ އެވެ. އެކަމަކު މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން އެޖެންސީއެއް އުފައްދައި، ދައުލަތުގެ ބަޖެޓުން ކުރާ ހަރަދާ އެއްވަރަށް ނަތީޖާއެއް ނެރެވޭތޯ ސުވާލު އުފެދެ އެވެ.
އެންޑީއޭއަށް މިދިޔަ އަހަރު 79 މިލިއަން ރުފިޔާ، މި އަހަރަށް 86.2 މިލިއަން ރުފިޔާ އަދި އަންނަ އަހަރަށް 105.5 މިލިއަން ރުފިޔާގެ ބަޖެޓެއް ވަނީ ކަނޑައަޅައިފަ އެވެ.
ފުލުހުން ދާދި ފަހުން ހިންގި ޑްރަގް އޮޕަރޭޝަނުގައި ބައިވެރިވި ހަތަރު ނޫސްވެރިންނާ އެކު، އެންޑީއޭގެ ބޯޑުން މިދިޔަ މަހުގެ 30 ގައި ބޭއްވި ބައްދަލުވުމުގައި ހަމީދު ވިދާޅުވީ މިހާރު އެންމެ ފާހަގަވަނީ މަސްތުވާތަކެތި ބޭނުންކުރާ މީހުން ފަރުވާ ހޯދުމަށް އޮންނަ ކިއު އެވެ. އެ މީހުންނަށް މިއޮތް ހުރިހާ ދުވަހު ދިނީ ވަރަށް އެއް ކަހަލަ ފަރުވާއެއް ކަމަށް ވިދާޅުވި އެވެ. އެހެންވެ، ފަރުވާ ހޯދުމަށް ވަކި ރަށަކަށް ދިއުމުގެ ބަދަލުގައި އެ މީހަކު ހުންނަ ތަނަކުން ފަރުވާ ލިބޭ ކޮމިއުނިޓީ ބޭސްޑް ނިޒާމަކަށް ބަދަލުކޮށް، ކިއު ކުޑަކުރުމުގެ މަސައްކަތްކުރާނެ ކަމަށް ވިދާޅުވި އެވެ.
"އެންމެ ކުރިން ފަށައިގެން ބަލާކަމުގައިވާ ނަމަ ކުއްޖަކު އާއްމުކޮށް ފެންނަން ނުވާ ތަނަކުން ފެނުނީމަ ވެސް އެންޑީއޭގެ ސިސްޓަމް ތެރެއަށް ވަންނަން ޖެހޭ. އެ ސިސްޓަމަށް މިހާރު މި ދަނީ. އެއީ އަޅުގަނޑުމެން ބޭނުންވާ ސިސްޓަމަކީ ވެސް. އެ ސިސްޓަމަށް ދިއުމުގެ މަސައްކަތް މިހާރު މި ކުރެވެނީ،" ހަމީދު ވިދާޅުވި އެވ
އެ ގޮތަށް ފަރުވާ ދިނުމަށް ގއ. ވިލިނގިލީގައި އިއްޔެ ވަނީ "ދަގެނާ" ނަމުގައި އައުޓްޕޭޝަންޓް ކޮމިއުނިޓީ ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރެއް ހުޅުވައިފަ އެވެ. މިއީ އާ ކޮންސެޕްޓަކަށް ޑްރަގްގެ ފަރުވާ ދޭން ފެށި ފުރަތަމަ ރަށެވެ. އޭގެ އިތުރުން އައްޑޫގައި ޑްރަގް ރިހެބިލިޓޭޝަން ސެންޓަރެއް އަންނަނީ އަޅަމުންނެވެ.
އެންޑީއޭ ހިންގާ އިމާރަތް: އެންޑީއޭއަށް ބޮޑެތި ބަދަލުތަކެއް އަންނަން ޖެހޭ-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު
މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ދޭނެ ފަރުވާ ކަނޑައަޅަނީ އެސެސްމަންޓަކަށް ފަހުގަ އެވެ. ދޭނެ ފަރުވާ ކަނޑައަޅަނީ ކައުންސެލަރާއި އެންޑީއޭގެ ޓެކްނިކަލް ޓީމެއްގެ މަޝްވަރާއާ އެކު އެވެ. އެ ފަރުވާއާ މެދު ހިތްހަމަނުޖެހޭ ނަމަ ރިވިއު ކޮމިޓީއަށް ހުށަހެޅުމުގެ އިހުތިޔާރު އެ މީހަކަށް އޮންނާނެ އެވެ.
އެސެސްމަންޓަށް ފަހު ޑްރަގް ކޯޓަށް ހުށަހެޅުމުން، ދޭނެ ފަރުވާ އެ ކޯޓުން ކަނޑައަޅާނެ އެވެ. ރާއްޖޭގައި ލިބެން ހުރި ފަރުވާގެ މައުލޫމާތު ކޯޓަށް ދިނުމަކީ އެންޑީއޭއިން ކުރަން ޖެހޭ ކަމެކެވެ. ވީހާ ވެސް ގިނަ ފަރުވާ ތައާރަފުކޮށް، އެ ފަރުވާތައް ކޯޓުގައި ރަޖިސްޓްރީކުރުމުން އެ އެސެސްމަންޓަށް ބެލުމަށް ފަހު ކުރިއަށް ދާން ފަސޭހަވާނެ ކަމަށް ހަމީދު ވިދާޅުވި އެވެ. އެކަމަކު މިހާރު ލިބެން ހުރި ފަރުވާ މަދުކަމަށާއި އެގޮތަކަށް ފަރުވާ ނުގެންދެވޭނެ ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.
އޭނާ ވިދާޅުވީ މިހާރު ހިންގާ ޕްރޮގްރާމްތައް ރިވިއުކުރަން ފަށައިގެން އުޅޭތާ ދެ މަހެއްވަރު ވެއްޖެ ކަމަށެވެ. އަމާޒަކީ މިހާރު ހުރި ޕްރޮގްރާމްތައް ރިވިއުކޮށް، އެމީހެއްގެ ހާލަތާ ގުޅޭ ވަކި ފަރުވާއެއް ދިނުމެވެ.
"ކުރިއަށް އޮތް ތަނުގައި ސިސްޓަމް ބަދަލުވެގެން މި ދަނީ އިންޑިވިޖުއަލައިޒްޑް ޓްރީޓްމަންޓަށް،" ހަމީދު ވިދާޅުވި އެވެ.
އެންޑީއޭގެ ބޯޑުގައި ޖެންޑާ މިނިސްޓްރީ ތަމްސީލުކުރައްވާ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައިޝަތު ރަޝީދު ވިދާޅުވީ ރިހެބިލިޓޭޝަން ޕްރޮގްރާމާއި ޖަލުގައި އެކި ޕްރޮގްރާމްތައް ނިންމައި މުޖުތަމައުގެ ތެރެއަށް ނުކުންނައިރު އެ މީހުން ބަލައިގަތުމުގެ މައްސަލަތައް ދިމާވާ ކަމަށެވެ. ފަރުވާ ނިންމައިގެން ރަށަށް ދިޔަސް އެކަން ފާހަގަވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ފުލުހުން ހިންގި އޮޕަރޭޝަނުގައި މާލޭގައި މަސްތުވާތަކެތި ބޭނުންކުރާ ގިނަ އައްޑާތަކެއް ފާސްކުރި އެވެ. އެ ތަނުން ބައްދަލުވި ގިނަ މީހުންގެ ޝަކުވާއަކީ ވެސް ފަރުވާ ހޯދަން ދިގު ކިއުއެއް އޮތުމެވެ. އެކަމަކު އޭގެ ތެރޭގައި ރިހެބިލިޓޭޝަން ސެންޓަރުން އެތައް ފަހަރަކު ފަރުވާ ހޯދިއަސް އެކަމުން މިންޖުނުވެވި ތިބި މީހުން ވެސް ހިމެނެ އެވެ.
އައިސްތު ވިދާޅުވީ ފަރުވާ ނިންމުމަށް ފަހު ވެސް އެ މީހަކު އަނބުރާ މަސްތުވާތަކެތީގެ ތެރެއަށް ވަންނަނީ އާފްޓަ ކެއާ ނުވަތަ ފަރުވާގެ ފަހުން ދޭން ޖެހޭ އަޅާލުން ރަނގަޅަށް ނުގެންދެވޭތީ އެވެ. އާފްޓާ ކެއާއަށް ސަމާލުކަން ދީ ހަރުދަނާކޮށްގެން ނޫނީ މިކަމުން ނުނިކުމެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ރިހެބުން ވެސް ނުކުމެގެން ކޮމިއުނިޓީ ފަރުވާ ލިބޭއިރު ވެސް އަޅުގަނޑުމެން އެ މީހުންނަށް ދޭން ޖެހޭ ސަޕޯޓާއި ޓްރެއިނިންނާއި މިކަންތައްތައް ކުރަން ޖެހޭ،" އައިސްތު ވިދާޅުވި އެވެ.
އެންޑީއޭއިން މި މަހުގެ 10 ވަނަ ދުވަހު ހިއްސާކުރި މައުލޫމާތުތަކަށް ބަލާއިރު، އެތަން އުފެއްދި ފަހުން މިހާތަނަށް 8،520 މީހުންނަށް ފަރުވާދީފައި ވެ އެވެ. މި ވަގުތު ފަރުވާ ނުފެށި ކިއުގައި ތިބި މީހުންގެ އަދަދަކީ 617 އެވެ.
މި އަހަރުގެ ޖެނުއަރީން ނޮވެމްބަރުގެ ނިޔަލަށް ޑްރަގް ކޯޓުން ވަނީ 333 މީހަކަށް، ފަރުވާއަށް ދާން ހުކުމްކޮށްފަ އެވެ. މި މަހުގެ ވިއްސާ ހަމައަށް އަލަށް ފަރުވާ ފަށާފައި ވަނީ، އެންޑީއޭ އިން ބުނި ގޮތުގައި، 108 މީހުންގެ އެވެ. އެކަމަކު މިއީ މި އަހަރު ހުކުމްކުރި މީހުން ކަމެއް، ކުރީ އަހަރުތަކުގައި ހުކުމްކޮށް އެކަމަކު ފުރުސަތު ނުލިބި ތިބި މީހުންކަމެއް ސާފެއް ނުވެ އެވެ.
އެންޑީއޭއިން މިހާތަނަށް ދެމުން އަންނަނީ ރެސިޑެންޝަލް އަދި ކޮމިއުނިޓީ ފަރުވާ އެވެ. ރެސިޑެންޝަލް ފަރުވާއަކީ، ހާއްސަ މަރުކަޒެއްގައި ވަކި މުއްދަތެއް ވަންދެން ދިރިއުޅޭއިރު ދޭ ފަރުވާ އެވެ. އެ ތަނުން ފަރުވާ ދެނީ މަސްތުވާތަކެތީގެ އެޑިކްޝަން ބޮޑު މީހުންނަށެވެ. ޑްރަގް ކޯޓުން ގިނައިން ހުކުމްކޮށްފައިވަނީ ވެސް ރެސިޑެންޝަލް ފަރުވާއަށް ދިއުމަށެވެ.
ރާއްޖޭގައި މި ވަގުތު ރެސިޑެންޝަލް ފަރުވާ ދޭ ހަމައެކަނި މަރުކަޒު ހުރީ ކ. ހިންމަފުށީގަ އެވެ. އެ ސެންޓަރުގައި މިވަގުތު 97 މީހުންނަށް ފަރުވާ ދިން ކަމަށް ވިޔަސް ފުލް ކެޕޭސިޓީއަކީ 172 އެވެ. އަންހެނުންނަށް ފަރުވާދޭ ރިހެބިލިޓޭޝަން ސެންޓަރުން އެއްފަހަރާ 12 މީހުންނަށް ފަރުވާ ދެވެ އެވެ. އެކަމަކު ތަނުގައި މިވަގުތު ތިބީ ހަ މީހުންނެވެ. ހިންމަފުށީގައި ހުންނަ ޑިޓޮކްސިފިކޭޝަންގައި ދެ މީހުން އެބަ ތިއްބެވެ. އެކަމަކު އެ ސެންޓަރުން އެއްފަހަރާ 10 މީހުންނަށް ފަރުވާ ދެވެ އެވެ.
ކޮމިއުނިޓީ ފަރުވާއަކީ، މުޖުތަމައުގެ ތެރޭގައި އުޅެމުން ވަކި ދުވަހެއްގައި ނުވަތަ ވަގުތެއްގައި ފަރުވާ ހޯދަން ވަކި ސެންޓަރަކަށް ދިއުމެވެ. މާލެ ސަރަހައްދުގެ އިތުރުން ރާއްޖޭގެ ހަތަރު ހިސާބެއްގައި ފަރުވާ ދިނުމަށް ޑްރަގް ޓްރީޓްމަންޓް އެންޑް ޑިޓޮކްސިފިކޭޝަން ސެންޓަރު އެބަ ހުއްޓެވެ.
މާލޭގައި މަސްތުވާތަކެތި ބޭނުންކުރާކަމަށް ތުހުމަތުކުރާ ގެއަކަށް ފުލުހުންނާ އެކު ނޫސްވެރިން ދިޔައިރު ބަޔަކު މަސްތުވާތަކެތި ބޭނުންކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
ޖާގަ ހުރިއިރު ވެސް ފަރުވާއަށް މީހުން ނުގެންދާ ސަބަބާ ގުޅޭ ގޮތުން އޮފިޝަލަކު ވިދާޅުވީ ކޮވިޑް-19ގެ ހާލަތަށް ބެލުމަށް ފަހު ރިހެބިލިޓޭޝަން ސެންޓަރަށް ފަރުވާ ހޯދަން ގެންދަނީ ފަހަރަކު 10 މީހުންގެ ބެޗެއް ކަމަށެވެ. ކަރަންޓީނުގެ މުއްދަތު ފުރިހަމަކުރުމަށް ފަހު އަނެއްކާވެސް އާ ބެޗެއް ގެންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެންޑީއޭ އުފައްދައި ފުރަތަމަ އެކުލަވާލި ބޯޑުގެ ޗެއާޕާސަން ލުބްނާ ޒާހިރު ހުސެއިން ވިދާޅުވީ ފަރުވާ ނުފެށި ކިއުގައި ތިބި މީހުންނަށް ވީހާވެސް އަވަހަކަށް ފަރުވާ ދެވޭނެ ގޮތެއް ހޯދަން ޖެހޭ ކަމަށެވެ.
މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ދޭ ފަރުވާގެ ނިޒާމް ފެއިލްވެފައި އޮތް ކަމަށް އޭނާ ގަބޫލެއްނުކުރައްވަ އެވެ. އެކަމަކު ހުކުމަށް ފަހު ފަރުވާ ނުފެށި ގިނަ ދުވަހު ތިބެން ޖެހުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް ވިދާޅުވި އެވެ. ލުބުނާ ސިފަކުރެއްވި ގޮތުގައި "އެއީ ނުރައްކާތެރި ކަމެކެ"ވެ. އަދި ދާއިމީ ހައްލެއް ގެންނަން ޖެހޭނެ ކަމަށް ވެސް ދެކެވަޑައިގަނެ އެވެ.
"ހައްލުތައް އަޅުގަނޑުމެންގެ ލޯ މަތީގައި ހުންނާނެ. ކްރިއޭޓިވްކޮށް ހައްލު ހޯދަން އެނގެން ޖެހޭނީ ބޯޑަށް. ބޯޑު ބުނާ ކަންތައް އެ ތަނުގައި ތިބޭ މުވައްޒަފުން ޖެހޭނީ ތަންފީޒުކުރަން،" ލުބްނާ ވިދާޅުވި އެވެ.
"އަޅުގަނޑަށް ގަބޫލުކުރެވޭ އެންޑީއޭގެ ބޯޑަކީ ފަރުވާގެ ނިޒާމް ރަނގަޅުކުރަން ސީދާ މަސައްކަތްކުރަން ޖެހޭނެ ބައެއް ކަމަށް. އަޅުގަނޑަށް ގަބޫލުކުރެވެނީ އެންޑީއޭ ބޯޑު މިހާރު މަސައްކަތްކުރަނީ އެ ގޮތަށް ނޫންކަން. ބޭންކުގެ ބޯޑު ސިޓްކުރާ ގޮތަށް އެންޑީއޭ ބޯޑެއް ނުހިންގޭނެ. މަސްތުވާތަކެއްޗަކީ މުޅިން އެހެން ކަހަލަ ކަމެއް. މިއީކީ ކޯޕަރޭޓް އެފެއާޒެއް ނޫން. މިއީ ވަރަށް ބޮޑަށް ސޯޝަލް ކަމެއް."
ލުބުނާ ވިދާޅުވީ ބޭރުގެ ފަރާތްތަކާ ގުޅިގެން މަސްތުވާތަކެތީގެ ފަރުވާ ދިނުމުގައި އެންމެ ފަހުގެ ނިޒާމުތަކަށާއި ފެސިލިޓީތައް ހުޅުވައި އެ ފަރުވާތައް ލިބޭތޯ އެންޑީއޭ ބޯޑުން މަސައްކަތްކުރަން ޖެހޭ ކަމަށެވެ. އެގޮތަށް މަސައްކަތްކޮށްފި ނަމަ ކަންބޮޑުވުންތަކަށް އެކަށީގެންވާ ހައްލެއް ލިބިގެންދާނެ ކަމަށް ވެސް ވިދާޅުވެ އެވެ.
މަސްތުވާތަކެއްޗަކީ އެންމެންނާ ވެސް ގުޅިފައިވާ މައްސަލައަކަށް ވުމުން ތަފާސްހިސާބުތައް ބެލެހެއްޓުމުގެ އިތުރުން މީޑިއާތަކާ ބައްދަލުކޮށް އެ މައުލޫމާތުތައް ދިނުމަކީ، ލުބުނާ ގަބޫލުކުރައްވާ ގޮތުގައި، މުހިއްމު ކަމެކެވެ. ނަމަވެސް މިހާރުގެ އެންޑީއޭގެ ބޯޑު ފެންނަނީ މީޑިއާތަކާ ވަރަށް ބީރައްޓެހި ތަނެއްގެ ގޮތުގައި ކަމަށް އޭނާ ވިދާޅުވި އެވެ.
ހާލަތު ބޮއްސުންލައި އެންޑީއޭ ބަދަލުކުރަން ގޮވާލައި ސޯޝަލް މީޑިއާގައި ކެމްޕެއިނެއް ފަށައި ބައެއް މީހުން މުޒާހަރާކުރި އިރު ވެސް އެ އެޖެންސީން އިސްވެ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައެއް ނުވެ އެވެ. އިސްކުރީ ހަނުހުރުމެވެ.
އެންޑީއޭ ރިފޯމްކުރަން ގޮވާލައި އެ އެޖެންސީ ކައިރީގައި މީގެ ކުރިން ބޭއްވި އެއްވުމުގައި ބައިވެރިވި މީހަކު ބޯޑު ހިފައިގެން ޝުއޫރު ފާޅުކުރަނީ.- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު
ލުބުނާ ދެން ނެންގެވި މައްސަލައަކީ ޖެންޑަ މިނިސްޓްރީގެ ދަށުން އެންޑީއޭ ހިންގަމުން ދިއުމެވެ. އެންމެ ފުރަތަމަ އެތަން ހިންގީ ހެލްތު މިނިސްޓްރީގެ ދަށުންނެވެ.
ލުބުނާ ވިދާޅުވި ގޮތުގައި މަސްތުވާތަކެއްޗާ ބެހޭ މުޅި ގާނޫނު ވެސް ގަބޫލުކުރަނީ މަސްތުވާތަކެތި ނެގުމަކީ ސިއްހީ ފަރުވާ ދޭން ޖެހޭ ކަމެއްގެ ގޮތުގަ އެވެ. އެހެންކަމުން އެތަން ޖެންޑާ މިނިސްޓްރީގެ ދަށުގައި އޮތުން ރަނގަޅު ނޫން ކަމަށް ވިދާޅުވި އެވެ. ދުނިޔޭގެ އެކި އިދާރާތަކުން ވެސް އެގޮތަށް ބަލައިގަންނައިރު، ޖެންޑާ މިނިސްޓްރީގެ ދަށުގައި އޮވެގެން ބޭރުގެ އެހީ ލިބޭނެތޯ ސުވާލު އުފެދޭ ކަމަށް ވެސް ވިދާޅުވި އެވެ.
"ސީދާ ހެލްތު މިނިސްޓްރީގެ ދަށުގައި އޮންނަން ޖެހޭ ތަނެއް ނޭޝަނަލް ޑްރަގް އެޖެންސީއަކީ،" ލުބްނާ ވިދާޅުވި އެވެ.
އެންޑީއޭ އުފެއްދުމުގެ ކުރިން ފަރުވާދިނީ ތެރަޕިއުޓިކް ކޮމިއުނިޓީ ކޮންސެޕްޓުގެ ދަށުންނެވެ. އޭރު ފަރުވާ ހޯދާ މީހުންގެ އަދަދު ވެސް ހުރީ، ތެރަޕިސްޓުންނާ އެކަށީގެންވާ ވަރެއްގަ އެވެ. އެކަމަކު ފަރުވާ ދޭން ތިބޭ މީހުންނަށް ވުރެ، ފަރުވާ ހޯދާ މީހުންގެ އަދަދު އެތައް ގުނައެއް މިހާރު އިތުރެވެ.
"ފަރުވާ ހޯދާ މީހުންގެ އަދަދު އިތުރުވާއިރު، މުވައްޒަފުން ނެތުމަކީ އުނދަގުލެއް. ކައުންސެލިންގެ ސެޝަނަކަށް ވެސް 45 މިނެޓާއި ގަޑިއިރަކާ ދެމެދުގެ ވަގުތެއް ހޭދަވާއިރު އެކަންތައް އެކަށީގެންވާ ވަރަށް ނުކުރެވޭ ހިސާބަށް ދާން ފެށީ،" ކައުންސެލިންގެ ދާއިރާއިން މާސްޓާސް ހާސިލްކުރައްވައި މިހާރު ވެސް އެ ދާއިރާގައި މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅަކު، ނަން ނުޖަހާ ގޮތަށް، ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ތެރަޕިސްޓަކަށް 25-30 އާ ދެމެދުގެ އަދަދަށް އެޑިކްޓުން އެބަ ތިބޭ ކަމަށެވެ. އެހާ ބައިވަރު ކްލައިންޓުން ދިނުމަކީ އުސޫލެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.
މަސްތުވާތަކެތި ބޭނުންކުރާކަމުގެ ތުހުމަތުކުރާ ގެއެއްގެ ފާރުގައި، ފުލުހުންގެ ޑްރަގް އެންޑް އެންފޯސްމަންޓް ޑިޕާޓްމަންޓަށް ލިޔެފައިވާ މެސެޖެއް.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
ދެން އޭނާ ފާހަގަކުރެއްވި މައްސަލައަކީ މުސާރަ ކުޑަވުމެވެ.
"ޕްރޮގްރާމް ރަނގަޅުކުރެވޭނީ ވެސް އެ ޕްރޮގްރާމް ދޭން ތިބި މީހުންނަށް ވެސް ރަނގަޅަށް ކަންތައްތަކެއް ވެގެން. ހަމައެކަނި އެއް ސައިޑަކުން އައީމަ ނުވާނެ ރަނގަޅެއް،" އޭނާ ވިދާޅުވި އެވެ.
ކަސްޓަމްސްގެ ކުރީގެ ޑެޕިއުޓީ ކޮމިޝަނަރު އަދި އެންޑީއޭ ބޯޑުގައި ވެސް މަސައްކަތް ކުރެއްވި ފާތިހު އަލީ ވިދާޅުވީ އެންޑީއޭ މިހާރު އޮތީ ބަލަދުވެރިޔާގެ ޒިންމާ އަދާކުރެވޭ ގޮތަކަކަށް ނޫން ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެންމެ ބޮޑު މައްސަލައަކަށް ދިމާވަނީ އެ އެޖެންސީގެ ސީއީއޯ، ސިވިލް ސާވިސްގައި ތިބޭ ބައެއްގެ ކޮންޓްރޯލްގައި ހުންނަވަން ޖެހުމެވެ. އޭގެ ސަބަބުން އެންޑީއޭ އާއި ސީއީއޯ ފެއިލްކޮށްލުމަށް ފަހު "އެއްލާލަނީ މަގުމައްޗަށް" ކަމަށް ވިދާޅުވި އެވެ.
ފާތިހު ގަބޫލުކުރައްވާ ގޮތުގައި އެންޑީއޭ ރަނގަޅުކުރާ ނަމަ، އެ ތަނުގެ އެންމެ އިސްކޮށް ހުންނަވާ ބޭފުޅެއްގެ ދަށުގައި މުވައްޒަފުން ތިބޭ ގޮތަށް ހަމަޖައްސަން ޖެހޭނެ އެވެ. އެންޑީއޭގެ ކުރީގެ ބޯޑުން އެ މަސައްކަތް އޭރު ފެށި އެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން 2012 ގައި ބަދަލުވީ އެ ކަމުގެ ތެރޭގައި އުޅެނިކޮށެވެ.
އެންޑީއޭ ރިފޯމްކުރަން ގޮވާލައި އެ އެޖެންސީ ކައިރީގައި ބޭއްވި އެއްވުމުގައި މީހަކު ހިފަހައްޓައިގެން ހުރި ޕޯސްޓަރެއް.- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު
ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީއީޑީ)ގެ ހެޑް، ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝާކިރު ވިދާޅުވީ ރިމާންޑް ސެންޓަރު ގާއިމްކޮށްފައި ހުރި ނަމަ މާލޭގެ މަގުތަކުން މިހާރު ފެންނަ މަންޒަރު ނުފެންނާނެ ކަމަށެވެ. ގާނޫނު ތަންފީޒުކުރަން ފަށާތާ 18 މަހުގެ ތެރޭގައި ސެންޓަރު ގާއިމްކުރި ނަމަ، މިހާރު މަގުމަތިން ފެންނަ ގިނަ މީހުން ތިބޭނީ އެ ސެންޓަރުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޝާކިރު ގަބޫލުކުރައްވަނީ ފިޔަވަޅު އަޅަން ލަސްވެއްޖެ ނަމަ މި މައްސަލަ ރަނގަޅުކުރެވޭނެކަމުގެ އުއްމީދު ގެއްލޭ ހިސާބަށް ދާނެ ކަމަށެވެ. އެހެންކަމުން ޑްރަގްގެ މައްސަލަ ހައްލުކުރަން މިއީ އެންމެ ރަނގަޅު ވަގުތު ކަމަށް ވިދާޅުވި އެވެ.
"ހަގީގަތަކީ މި މީހުން މަގުމަތީގައި ތިބެގެން ނުވާނެ. އެ މީހުން ތިބެން ވާނީ ޑްރަގް އޮފެންޑާ ރިމާންޑު ސެންޓަރުގައި ނޫނީ ރިހެބިލިޓޭޝަން ސެންޓަރުގައި ނޫނީ އާފްޓަ ކެއާ ޕްރޮގްރާމެއްގައި،" ޝާކިރު ވިދާޅުވި އެވެ.
"މަސްތުވާތަކެތި ބޭނުންކުރާ މީހަކު ފުލުހުންނަށް ފާހަގަވެއްޖިއްޔާ ނޫނީ އޭނާ ހުރީ މަސްތުވެގެން ކަމަށް ފާހަގަވިއްޔާ އޭނާ ނަގައިގެން ގެންދަން ޖެހޭ ތަނަކީ ޑްރަގް އޮފެންޑާ ރިމާންޑް ސެންޓަރު. އެތަނެއް ވުޖޫދަކު ނެތް. ވުޖޫދުގައި އެތަން ހުރި ނަމަ އަޅުގަނޑުމެން ގަބޫލުކުރަނީ މީގެ ތެރެއިން ވަރަށް ގިނަ ބަޔަކު މަގުމައްޗަކު ނުތިބޭނެއޭ."
ޝާކިރު ގަބޫލުކުރައްވަނީ ޒިންމާ ނަގަން ޖެހޭ އެންމެންގެ ފެއިލްވުމެއް މި މައްސަލާގައި އޮތް ކަމަށެވެ. އެހެންކަމުން ދެން ވެސް އޮތީ އެންމެން ގުޅިގެން މަސައްކަތް ކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.
ލުބްނާ ވިދާޅުވި ގޮތުގައި އޭނާގެ ޗެއާޕާސަންކަމުގައި މާލޭ ޖަލުގައި ރިމާންޑް ސެންޓަރެއް ހެދި އެވެ. އެތަން ބަންދުކުރަން ޖެހުނީ ސަރުކާރުން ބޭނުންވެގެން އެތަން ނެގުމުން ކަމަށް ވިދާޅުވި އެވެ.
އެތަނުގެ އިތުރުން އަންހެނުންނަށް ފަރުވާ ދޭ ހާއްސަ މަރުކަޒެއް ވެސް ވިލިމާލޭގައި ގާއިމްކުރި އެވެ. ޖެންޑާ މިނިސްޓްރީން ބޭނުން ނުކޮށް ހުރި އެ އިމާރާތުގައި ހެދި އަންހެނުންނަށް ފަރުވާދޭ މަރުކަޒު ހުއްޓާލީ ޖެންޑާ ޑިޕާޓްމަންޓުން ބޭނުންވެގެން އެތަން އަތުލުމުންނެވެ. އޭރު ރެސިޑެންޝަލް ފަރުވާގައި ބައިވަރު އަންހެނުން ތިބި ކަމަށް ވެސް ލުބުނާ ވިދާޅުވި އެވެ.
ސަރުކާރުން މިހާރު ވަނީ ގުޅީފަޅުގައި ވަގުތީ ރިމާންޑް ސެންޓަރެއް ހަދަން ނިންމައިފަ އެވެ.
އައިސްތު ވިދާޅުވީ ރިމާންޑު ސެންޓަރާ ގުޅޭ ގަވައިދުތަކާއި އުސޫލުތައް ހެދުމަށް ފަހު އަންނަ މަސް ނިމުމުގެ ކުރިން އެތަން ބޭނުންކުރަން ފަށާނެ ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖޭމްސްބޯންޑު
30 December 2020
ތި ފަރުވާ ދީފަ ދޫކޮށްލާ މީހުންގެ ތެރެއިން %90 އަށް ވުރެ ގިނަ މީހުން އެނބުރި މަސްތުވާތަކެތީގެ ތެރެއަށް ވަދޭ. ޥައްކަމާ އެތެއް ކުށެއް ތިކަމުގެ ތެރޭގައި އުޅޭ. ކުރެވޭ ކަމަކީ ފަރެއްގައި ތިކަމުގައި އުޅޭ ބޮޑުންގެ ދަރިންނާ ބޮހުން ޖަލުގަ ނުތިބެ ފަރުޖެހޭނެ ގޮތެއް ހޯދެނީ
ސޯސޯ
29 December 2020
ޑުރަގު ބޭނުންކުރުމާ ޑުރަގު ވިޔަފާރި ކުރުމާއި ޑުރަގު ތުރެފިކު ކުރުމަކީ ބައްޔެއްކަމަށް ވިސްނާދޭން އުޅޭނެ ކަމެއްނެތް. ޢެ ކަންތަކަކީ ބޮޑުވެގެންވާ ކުށެއް. ހުރިހާ ރައްޔިތުންނާ ތިކަމާ ގުޅުވަން އުޅޭނެ ކަމެއްނެތް. ގުޅުވަންޏާ ސަރުކާރާ ތިކަމާ ގުޅުވާ. ތިކަންތައް ހުއްޓުވަން އޮތް ސަރުކާެުން ތިކަން ނުހުއްޓުވައިގެން އުޅޭނީ ކޮންމެވެސް ސަބަބެއް އޮތީމާހެން ހީވަނީ.
މޯލީ
29 December 2020
މި ގައުމުގައި އޮތީ ކޮރޮޕްޝަނާ ހިޔާނާތާ، ވައްކަމާ، މަސްތުވާތަކެތި. ދެން އޮތީ ނާޖާއިޒު ފައިދާ ހޯދާ ދިނުމާ ލިބިގަތުމާ، ތަފާތު ކުރުން. ދިވެހި ރައްޔިތުންނަށްވުރެ ބިދޭސީބްގެ ބާރު ގަދަކުރުމާ ޤާނޫނުންވެސް ރެކި ތިބުން. ބައިތުލްމާލު ސަރުކާރު ހިބްގުމުގެ ނަމުގައި ހަފުސްކޮށް އެއްރަށަކަށް ތަޅާ ބުރުއްސުން. ޤާނޫނުއަސާސީ އެއްފަރާތް ކޮށްލާފާ ގާނޫނާއި ގަވާއިދު ހަދައިގެން މޮޑުން . ޖުރުމައިނާ އާއި ރައްޔިތުން ފެލުން
ލާލުޕަރީ
29 December 2020
ތީ އެކުލަވާލަންޖެހޭ ނިޒާމެއްތޯ. ސަރުކާރުންނުޖެހޭ ކާންދޭކައް. ދުރަގު ބޯންވީ ކީއްކުރަން. ތީ ދައުލަތުން ކުރާ ވަރައްބޮޑު އިސްރާފެއް. މުޅި ދައުލަތުން ތިކަމައްކުރާ ހޭދަ އެހެން ކަމަކައް ކުރިއަޔާ މާރަގަޅު.
ޏިޒާމ
29 December 2020
ނިޒާމް އެކުލަވާލަން ނޭގެންޏާ ނުހައްގު 85000 ނަގާ މީހުންތައް ވަޒީފައިން ވަކިކުރަން ޖެހޭ އެބަ
ާހަސަންބެ
29 December 2020
ދިމާވެގެން އޫޅެނީ ނިޒާމުގެ މައްސަލައެއްނޫން. ދިމާވެގެން އުޅެނީ ޤާނޫނުއަސާސީ ގައިވާ ގޮތަށް ގައުމު ހިންގަން ބޭނުން ނުވެގެން އުޅުން. ޤާނޫނުއަސީއާ އިދިކީލަކޮށް ގައުމު ހިންގަން އުޅޭތީ. ޢެއްރަށް ދައުލަތެއްގެ ކުރެހުން ގެންގުޅެ ތަފާތުކުރުން އިސްކުރެވެނީ
ބޯގަޅި
29 December 2020
މިގައުމުގަ ކޮންނިޒާ މެއްތޯ ބޮއްސުން ނުލަނީ؟. ވަގުންނާ ޕާޓޭއިއިން ތަންތަން ލޫޓުވުމުގަ، ގައުމުގެ ބޮޑުން ގައުމު ލޫޓުވުމުގަ، ވެރިމީހާ ކީރިތިކުރެއްވުމުގަ.
ފިލާވަޅު
29 December 2020
ކޮރަޕްޓް ޤަޢުމެއްގަ މިކަން ނުވާނެ ހައްލެއް ، އިންތިޙާބު ކުރަނީވެސް އެއްމެ މޮޅައް ވައްކަން ކުރަން އިނގޭމީހުން ދެން ކިހިނެއްވާނީ
ބަބުރަންޖީ ހާޖީ
29 December 2020
ބޮއްސުންނުލަނީ ކޮންކަމެއް؟ އަޅެބުނެބަލަ. މަގުތަކުގާ ދުއްވާލައިފިއްޔާ ބެކުބޯނު ނުގޮވާގޮތަކަށް ލާހިކެއްނޫން ސައިކަލުދުއްވާކަށް. ފޭމަންޓުމަތިން ހިނގާލައިފިއްޔާ ފޮށޭވަރުން ނުކުޅަދާނަ.
ބަންޑާރީ
29 December 2020
"މަސްތުވާތަކެއްޗަކީ އެންމެންނާވެސް ގުޅިފައިވާ މައްސަލައަކަށް ވުމުން" ލުބުނާ ވިދާޅުވާނެކަމެއްނެތް. ވަރަށް ރުޅިއައިފި. ހުސްދޮގު. މިކަމާ އަހަރެންނަކާ ގުޅުވަން އުޅޭނެކަމެއްނެތް: ހަމާގައިތިބެން ބޭނުން ނުވާމީހުން މިޤައުމުގެ ވެރިކަމުގައިތިބޭނެ. އެމީހުންނަށް ބޮޑު ޚަރަދުކުރަނީ ޓެކްސް ފައިސާނަގައިގެން: މިކަމަށް ޓެކްސް ފައިސާއިން ޚަރަދުކުރާނެކަމެއްނެތް. ސިންގަޕޫރުގައި މިވަބާ ހުޢްޓުވަން ކުރާ މަސައްކަތަކީ ޤައުމީޤުރުބަނީއެއް. މުޖުތަމަޢު ފަސާދަށް ދީގެންނުވަނެ
ކުންނާރުއޮށް
29 December 2020
މި ކުދިން ހާދަ ގިނަ ވެއްޖެ އޭ. ހުކުރު ދުވަހުވެސް މި ކުދިން ސަލާންޖަހަން މަރުކަޒު ކައިރީ ލައިން ދަމާލާފަ. ގޮތެއް ހަދާބަލަ މި ކުދިންނަށް އެހީ ވާން. ކޮބާތަ ސަރުކާރުގެ ޖެންޑާ. ސިދާތާ ނެތީމަ ވީގޮތް ހާދަ ދެރައޭ. ސިދާތާ އަށް ގޮވާބަލަ މިކަމިގަ ދުރުގަ ހުރެގެންވިއަސް ކަމެއް ކޮށްލަ ދޭތޯ. ސިދާތާ އަކީ ބަރާބަރު މީހެއް އަލުން ގެންނަން ފެނޭ