ކޮވިޑްގެ ބަލި މީހަކަށް ފަރުވާދެނީ: އެގްޒެކިއުޓާސް އިން ފަސް ވެންޓިލޭޓަރު ފޮނުވިއިރު ބާކީ 60 ވެންޓިލޭޓަރު ފޮނުވަން ޖެހޭ.
16 ޑިސެމްބަރ 2020 - 12:29
ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކޮށް ނުލިބި ހުރި 65 ވެންޓިލޭޓަރުގެ ތެރެއިން އިތުރު ފަސް ވެންޓިލޭޓަރު އޭޑީކޭ ޓްރޭޑިން މެދުވެރިކޮށް ރާއްޖެ ފޮނުވައިފި އެވެ.
ހެލްތު މިނިސްޓްރީގެ ކޮމިޝަނަރު އޮފް ކޮލިޓީ އެޝުއަރެންސް ތަސްލީމާ އުސްމާން (ތަހޭ) ވިދާޅުވީ، އެގްޒެކިއުޓާސްގެ ފަރާތުން ފޮނުވި އައިސީޔޫ ފަސް ވެންޓިލޭޓަރު ހަވާލުކުރަން އޭޑީކޭ ޓްރޭޑިން އިން އީމެއިލެއް ލިބިފައިވާ ކަމަށެވެ. އެއީ، ހެލްތު މިނިސްޓްރީން އެގްޒެކިއުޓާސްއާ އެކު އެއްބަސްވި ޑްރެގާ ބްރޭންޑް ކަމަށް ތަސްލީމާ ވިދާޅުވި އެވެ.
އޭޑީކޭ ޓްރޭޑިންއަކީ ޑްރެގާ ބްރޭންޑުގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރެވެ. އެ ކުންފުނިން ބުނީ ވެންޓިލޭޓަރުތަކާ ހަވާލުވާން ހެލްތު މިނިސްޓްރީ އަށް އަންގާފައިވާ ކަމަށެވެ.
ޑްރެގާ ބްރޭންޑުގެ ވެންޓިލޭޓަރުތައް އޭޑީކޭ ޓްރޭޑިން މެދުވެރިވެ ހެލްތު މިނިސްޓްރީއާ މި ފަހަރު ހަވާލުކުރާއިރު، ކުރިން އަމަލުކުރީ ޑިސްޓްރިބިއުޓަ ބައިޕާސްކޮށް ތިން ވަނަ ފަރާތެއްގެ އަތުންނެވެ. މިގޮތަށް އަމަލުކުރުމުން އޭޑީކޭ ޓްރޭޑިން އިން ހިތްހަމަނުޖެހިގެން ނެރުނު ބަޔާނުގައި، އެގްޒެކިއުޓާސްއާ ހަވާލުކުރީ ޑްރެގާ ބްރޭންޑް ފޯރުކޮށްދޭން އެ ކުންފުނިން ތައްޔާރަށް ތިއްބައިކަން ފާހަގަކޮށްފައިވެ އެވެ.
މިދިޔަ މެއި މަހުގެ ތެރޭގައި އެގްޒެކިއުޓާސްއާ ވެންޓިލޭޓަރުތައް ގެންނަން ހަވާލުކުރީ ކޮވިޑް-19ގެ ފަރުވާ އަށް އަވަހަށް ހޯދަން ބޭނުންވެގެންނެވެ. އެކަމަކު މިހާތަނަށް ވެސް ވެންޓިލޭޓަރުތައް ފޮނުވައި ނުނިމެ އެވެ. ބާކީ 60 ވެންޓިލޭޓަރު ލިބެން ޖެހެ އެވެ.
ވެންޓިލޭޓަރު ހޯދަން އެގްޒެކިއުޓާސްއާ އެކު ހެލްތު މިނިސްޓްރީން އެއްބަސްވީ 34 މިލިއަން ރުފިޔާ އަށެވެ. މީގެތެރެއިން 30 މިލިއަން ރުފިޔާ އެ ކުންފުންޏަށް އެޑްވާންސްގެ ގޮތުގައި ދޫކުރީ ބޭންކް ގެރެންޓީއަކާ ނުލަ އެވެ. މިއީ ގޯސްކޮށް ހިންގާފައިވާ މުއާމަލާތެއް ކަން އޮޑިޓް ރިޕޯޓުގައި ވަނިކޮށް އޭސީސީން މި މައްސަލަ ތަހުގީގުކޮށް ޚިޔާނާތް ހިންގާފައިވާ ކަމުގެ ތުހުމަތުތަކާ އެކު ދައުވާކޮށްދޭން ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުގައި ވަނީ އެދިފަ އެވެ.
އޭސީސީން ބުނެފައިވާ ގޮތުގައި ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި އެ މިނިސްޓްރީގެ އިތުރު ބައެއްގެ މައްޗަށް ދައުވާ ކުރަން ފޮނުވީ، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ ޚިލާފުވެ، ވަކި ފަރާތަކަށް ނާޖާއިޒު މަންފާއެއް ހޯދައިދިން ކަމަށް އެކަށީގެންވާ މިންވަރަށް ހެއްކާއި ގަރީނާ ހުރި ކަމަށް ތަހުގީގަށް ސާބިތުވާތީ އެވެ.
އޭގެ ތެރޭގައި، ވެންޓިލޭޓަރު ހޯދަން ގާބިލް ކުންފުންޏެއްތޯ ނުބަލައި ހަވާލުކުރުމާއި އެއްބަސްވުމެއް ނެތީސް މަސައްކަތް ކުރިއަށް ގެންދަން އެ ކުންފުންޏަށް އެންގުމާއި އެއްބަސްވުމެއް ނެތި އަދި މާލިއްޔަތު ގަވާއިދާ ޚިލާފަށް އެޑްވާންސް ޕޭމަންޓުގެ ގޮތުގައި އެއްބަސްވުމުގެ 90 ޕަސެންޓް، 30 މިލިއަން ރުފިޔާ ދިނުން ހިމެނެ އެވެ. އެޑްވާންސް ފައިސާ ދެއްކީ އޭސީސީން ބުނެފައިވާ ގޮތުގައި، އެގްޒެކިއުޓާސް އިން 65 މެކޭނިކަލް ވެންޓިލޭޓަރާއި 10 ޕޯޓަބަލް ވެންޓިލޭޓަރު ނުލިބެނީސް އެ ތަކެތި ލިބިފައިވާ ކަމަށް ސެޕް ސިސްޓަމުން "ގުޑްސް ރިސީވްޑް" ކަމަށް ދައްކައިގެންނެވެ.
އޭރު އެގްޒެކިއުޓާސްއާ އެކު އެއްބަސްވުމުގައި ސޮއެއް ވެސް ނުކުރެ އެވެ. އެގްޒެކިއުޓާސްއާ އެކު ސޮއިކުރީ، އެޕްރީލް، 2 ގައި ކަމަށް ހެލްތު މިނިސްޓްރީގެ ލިޔުންތަކުގައި ވިޔަސް ފައިނަލް އެއްބަސްވުމުގައި އެގްޒެކިއުޓާސް އިން ސޮއިކޮށް ހެލްތަށް ފޮނުވީ، އެޕްރީލް، 16، 2020 ގައި ކަމަށް އޭސީސީގެ ރިޕޯޓުގައިވެ އެވެ. އެގްޒެކިއުޓާސްއަކީ ޑަބްލިއުއެޗްއޯގެ މަޝްވަރާގެ މަތިން ހޮވި ކުންފުންޏެއް ކަމަށް ބުނާ ވާހަކަ ވެސް އޭސީސީން ވަނީ ދޮގުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހައު11
17 December 2020
ތިބޭނުމެއް ނޫން މިހާރު. ޥެކްސިން ގެނަން އުޅޭތަން ވެސް މިފެންނަނީ މިހާ ވަނދުކޮށް. ޢެއްވެސް ކަހަލަ އޮއްޓަރެއް ނެތް. މީހުންގެ ނަންނޯޓް މިކުރަނީ 2024 ވަނަ އަހަރު ޑަބްލިއުއެޗް އޯއިން ލިބިދާނެ ވެކްސިނަކަށް ބަލައިގެން.
އަހްމަދު111
17 December 2020
ވެންޓިލޭޓަރުތައް ނުލިބިދިއުން އެއީ މައްސަލައެއް. އެކަމަކު މިނިސްޓަރ ވައްކަން ކުރެއްވިކަމަން ޕާލަމެންޓުން ނިންމާ ވަރަށް މުޑުދާރު ކުޅިގަނޑެއް ކުޅުނީ. ފޯލްޓްތަކެއް ހުރުމަށްވުރެ އެޑީލް ނާކާމިޔާބުވުން ގުޅިފައިއޮތީ އެވަގުތު އޮތްހާލަތާ. އެޑީލާހުރެ ހެލްތްމިނިސްޓަރގެ މުޅިމަސައްކަތް ގޯސްކޮށް އަގެއްނެތް އެއްޗަކަށް ހަދައި އަބުރުކަތިލީ މިގައުމުގަ މާގާބިލު ލާމަސީލު ވެރިން ގިނަކަމުން. ބޮޑުބޭބެއަށް ގޮނޑިދެވިއްޖެ. ރައްޔިތުންގެ ލާބައަށްޓަކާ ދަންޖެހޭ ސޮރެއް!
އަލީގ
17 December 2020
މިހާރުދެން ތި ވެންޓިލޭޓަރުތައް މިގައުމައް ބޭނުންތަ. އެގްރީމެންޓު ކަންސަލްނުކުރެވެންޏާ ތީގެ ބޭނުން އިންތިހާއައްބޮޑުވެފަތިބި އެހެންބަޔަކައް ވިއްކާލުންވެސްމާރަނގަޅުވާނެ.
ައަފުރާސިޔާބު
16 December 2020
ކިޔާ އުޅުނު ތިޔަ ބްރޭންޑްގެ ވެންޓިލޭޓަރުތައް އެޔަށްވުރެ އަގުހެޔޮކޮށް ގެނެސްދޭން އެންމެ މަތީ އޮފީހަށް އޭޑީކޭއިން ޕްރޮޕޯސަލް ހުށަހެޅިޔޭ. އެ ޕްރޮޕޯސަލް އެތަނުގައި ފޮރުވާފައި ބާއްވާފައި ދެން އަގުބޮޑު ފަރާތަކާ ޙަވާލުކުރަން ނިންމި ސަބަބެއްވެސް އޮންނާނެތާ؟ ދެން ތިބުނާ ދުބާއީ ކުންފުންޏަކާ ޙަވާލުކުރި ވެންޓިލޭޓަރުތަކެއް އޭޑީކޭ އިން ގެނެސްދޭން ތިޔަފެށީ ހަމަ ހިލޭ އެމީހާއަށް ކޮށްދޭ ސަދަގާތެއްގެ ގޮތުންބާ؟ ތިޔަ އެއްޗެއް ނުލިބިގެން ރައްޔިތުން ފޯރިމަރާތީ އޭޑީކޭއާއެކުޑީލެއްހަދައިއިސްތިހާރުކުރަނީނޫންބާ؟
އުދުހޭ
16 December 2020
ތިޔަ ކުންފުނިގެ ގޮވައިގެން ކޯޓަކަށް ނުދާނެ. އެންމެނަށްވެސް އެނގޭ އެއްބަސްވި ގޮތަށް އެކުންފުނިން ވެންޓިލޭޓަރު ނުފޮނުވާކަން. އެކަމަކު އަނބުރާ ފައިސާ ހޯދާކަށްވެސް އުޅޭ. ދަމަކުން ބަޑިއެއްޖަހާހެނެ ހައެއްކަ ވެންޓިލޭޓަރު ފޮނުވާލަފޮނުވާލާ އެތިބެނީ. އެން ވަގަށްގޮވީމާ ބުނާނެ ވައްކަމެއް ނުކުރަމޭ ހެޔޮނިޔަތޭ.
ހަކީމް
16 December 2020
މިއުޅޭ ބޮޓު ތައް ވާކުޅަދާނަ .. ސަސްޕެންޑް ކުރި މުއަޒިފުންނަށް އަދިވެސް މުސާރަ ބަރާބަރަށް އެބ ހިނގާ .... އެހެންވީމާ ޒީރޯ ޓޮލަރަންސަށްވެސް ހަމަ ސާބަސް.
ރައްޔިތު ސޮރު
16 December 2020
އަގު ވެއްޓި އެހެން ޤަޢުމުތަކުން ބޭނުންކެނޑި ގޮނޑަށް އުކާލީމަ ހޮވައިގެން ގެނެސް ފޮނުވަނީދޯ. ޑިމާންޑު އޮތްއިރު އެދުވަސްވަރު ފޮނުވޭނެ ކަމަށް އެއްބަސްވި ޤާބިލު ކުންފުނި ތިޢީ. މިއީ ކޮރަޕްޝަންގެ އެންމަމަތީ ޖަރީމާއެއް. ކީއްވެހޭ އަމީނުއާ އޭނަގެ ބޮޓްތައް ހައްޔަރުނުކުރަނީ.
ފަރިއްސަވެ ނިމެނީ!
16 December 2020
މަށަށް ފެންނަ ގޮތުގައި ހައްޔަރު ކުރަން ޖެހެނީ ނަޝީދު. އެއީ ދޮގު މައްޗަށް ދޮގު ހަދާ، މިނިވަން ޕްރޮސިކިއުޓަރެއް ދައުވާ ނުކުރަން ނިންމީމަ މަޖިލީހުން އޭނާއަށް ޕްރެޝަރުކޮށް އަނެއްކާ ދޮގު ބޮނޑިއެއް ތައްޔާރުކޮށް ދައުވާ ކުރަން ފޮނުވީމަ. ކޮބާހޭ ތިމަންނާމެން ޔާމީނެކޭ އެއްގޮތަށް މީހުންގެ މަގާމު އަތުލަން ދޮގު ދައުވާ އުފަން ނުކުރާނަމޭ ކިޔާ ވީހާ ވައުދާ އަހުދު؟؟؟!!!
އޮނަރަބަލް ބޮޑު މުހަންމަދު
16 December 2020
ވަރަށް ބޮޑަށް ޝުކުރިއްޔާ ކޮވިޑު ނިމެންވާއިރަށް ފޮނުވާދިނީތީ. ދެން އަމީންއަށް ދުބާއީގެ އެމްބެސެޑަރކަން ހަވާލުކުރަންވީ.
އާއްމުނަން
16 December 2020
ބާކީ 60 އެތި ލިބޭނީ އަދި ކިތައް އަހަރު ނިމޭ ފަހުންބާ؟ އެހާ ފުރިހަމައަށް ބަލައިގެން ހޮވި ކުންފުންޏެއްވީމަ ސީދާ ވަގުތަށް އެތަކެތި ފޮނުވަމުން އެ ގެންދަނީ ދުނިޔެއިން ބޭރުގަ އޮތް ކޮންމެވެސް ތަރިއެއްގައި ހިނގާ ކަލަންޑަރަކަށް ބަލައިގެން ކަމަށް ލަފާކުރެވެނީ.
މާންް
16 December 2020
އުފާވެެއްޖެ. ޝުކުރިއްޔާ އަމީން. ދޮގު މައްޗަށް ތެދު ގަދަވެގަންނާނެ، ބާތިލު ނެތި ހައްގަށް ނަސްރު ލިބޭނެ.
ބާން
16 December 2020
ކަލޭމެންނަށް ހަމަ ނުފެންނަނީތަ މިދިޔަ މެއިމަހު ގެންނަން ހަވާލުކުރި އެއްޗެހި ތަކެއްގެ ތެރެއިން އަދިވެސް 60 އެތި ނުލިބި އޮތްއިރުވެސް؟
ކޮސްގޮވާ
16 December 2020
ދެން ހަމަ ނޭނގެނީތަ މި ދުނިޔޭގެ އެންމެން އުޅުނީ އެއް ފަހަރާ ވެންޓިލޭޓަރު ބަނޑަށް ޖެހިގެންކަން؟
ޙަސަން.
17 December 2020
ބަލަ ނުގެނެވޭނެ ބަޔަކާ ކީއްކުރަންތަ ހަވާލު ކުރަނީ. އަދިވެސް އމީންގެ ބޯޓުން އެކްޓިވްތަ؟ އަނެއްކާ ނުލިބެންޏާ ލާރި އަބުރާ ދޭންވީއެންނު؟ ގައިމު ދެން ތިބި ވެންޓިލޭޓަރުތައް ލިބިއްޖެ. ކޮވިޑްގެ ފަހުން ތި ވެންޓިލޭޓަރުތައް މާ އަގު ހެޔޮ ވާނެ. އޭރުން ގަނެފަ ފޮނުވަން މަޑުކުރަން ވީނުންތޯ؟
ކޮސްގޮވާ
17 December 2020
އަޖައިބެއް. ފުރަތަމަ ދުވަހުވެސް މި ކިޔަނީ ތި ވާހަކަ ނޫންތަ؟ މިކަަމަކާ އަމީންއަކާ ކޮން ގުޅުމެއްހޭ؟ ވެންޓިލޭޓަރުތައް ނުލިބެންޏާވެސް އެ ފައިސާ ހޯދާނެ ވާހަކަ އެ އޮތީ ބުނެފައި އެއަށް ލާރި ދެއްކި ފިނޭންސް މިނިސްޓަރު. މުޅި ދުނިޔެ ވެންޓިލޭޓަރަށް ޖެހިފައި އޮތް ހާލަތެއްގައި ވެންޓިލޭޓަރު ނުލިބި ދިޔަ އެތައް ގައުމެއް އެބައޮތް. ބާރުގަދަ ގައުމުތަކުން އެންމެ ފަހުން އުފައްދަން ފެށީ. އެހެންވީމަ މި ބުނަނީ މިކަމަކާ އަމީންއަކާ ކޮން ކަމެއްހޭ