ވެންޓިލޭޓަރުގެ މައްސަލައިގައި ދައުވާކޮށްދޭން ޕީޖީގައި އެދިއްޖެ

ކޮވިޑް-19ގެ ފަރުވާ އަށް 149 ވެންޓިލޭޓަރު ހޯދުމުގައި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ދައުލަތަށް ގެއްލުންވާ ގޮތަށް އަމަލުކޮށްފައިވާ ކަމުގެ ތުހުމަތާ އެކު ދައުވާކޮށްދޭން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުގައި މިއަދު އެދިއްޖެ އެވެ.


ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި އެ މިނިސްޓްރީގެ ފައިނޭންޝަލް އެގްޒެކެޓިވް އަހްމަދު އަސްލަމާއި ބިޑް ކޮމިޓީގެ އިހުމާލު އޮތް ކަމަށް އޮޑިޓަ ޖެނެރަލްގެ ރިޕޯޓުގައި ވެސް ފާހަގަކޮށްފައިވާ މި މައްސަލައިގައި ދައުވާ ކުރަން ފޮނުވީ ކޮން ބައެއްގެ މައްޗަށް ކަމެއް އޭސީސީއަކުން އަދި ނުބުނެ އެވެ.

ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުގެ އިންފޮމޭޝަން އޮފިސަރު، އަދި ޕަބްލިކް ޕްރޮސިކިއުޓަ އަހުމަދު ޝަފީއު "މިހާރު" އަށް ވިދާޅުވީ ތަހުގީގު ނިންމައި ފުރަތަމަ ފޮނުވުމުން އިސްލާހުކުރަން ލަފާ ދިން ކަންކަން ރަނގަޅުކޮށް، އެ މައްސަލަ އަލުން އޭސީސީން ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ. އެ މައްސަލަ މާދަމާ ދިރާސާކުރަން ފަށާނެ ކަމަށް ވިދާޅުވި އެވެ.

ދައުވާ ކުރަން ފޮނުވާ މައްސަލަތައް ލަސްނުކޮށް ޝަރީއަތަށް ހުށަހަޅަން ޕީޖީ އޮފީހުން މަސައްކަތް ތަރުތީބު ކޮށްފައި ވާތީ، ވެންޓިލޭޓަރުގެ މައްސަލައިގައި އަންނަ ހަފުތާގެ ކުރީކޮޅަށް ގޮތެއް ނިންމޭތޯ ބަލާނެ ކަމަށް ޕީޖީ އޮފީހުގެ އިސް އޮފިޝަލަކު ވިދާޅުވި އެވެ.

ވެންޓިލޭޓަރު ހޯދުމުގައި އަމަލުކުރި ގޮތާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހާއި އާއްމުންގެ ތުހުމަތުތަކެއް އަމާޒުވުމުން މިދިޔަ މެއި މަހުން ފެށިގެން އޭސީސީން އައީ އެކަން ބަލަމުންނެވެ. އެ ތަހުގީގު ނިމެން އުޅެނިކޮށް، ފުލުހުންނާ އެކު ޖޮއިންޓް އިންވެސްޓިގޭޝަނެއް ފެށީ، ވެންޓިލޭޓަރު ހޯދުމުގައި މާލިއްޔަތު ގަވާއިދާ ޚިލާފު ކަންކަން ހިންގާފައިވާ ކަމަށް އޮޑިޓު ރިޕޯޓުގައި ހުރި ތުހުމަތުތައް ބަލަން ރައީސް އޮފީހުން އެންގުމުންނެވެ.

މި ތަހުގީގު ފެށުމާ އެކު މީގެ މަހެއްހާ ދުވަސް ކުރިން މިނިސްޓަރު އަމީން ވަނީ، މަސްއޫލިއްޔަތުތަކުން އަމިއްލައަށް އެކަހެރިވެވަޑައިގެންފަ އެވެ. އެއީ، އޭނާ ވިދާޅުވެފައިވާ ގޮތުގައި، ތަހުގީގަށް ޖާގަ ދެއްވާށެވެ. އެކަމަކު ހެލްތު މިނިސްޓްރީގެ ފައިނޭންޝަލް ކޮންޓްރޯލަރާއި ބިޑް ކޮމިޓީ ސަސްޕެންޑްކުރީ ރައީސް އޮފީހުން އަންގައިގެންނެވެ.

އެއްބަސްވި މުއްދަތަށް ވެންޓިލޭޓަރުތައް ނުގެނެވި ޝަކުވާ ބޮޑުވުމުން، އެކަމުގައި މާލިއްޔަތު ގަވާއިދާ ޚިލާފަށް އެއްވެސް ކަމެއް ހިންގާފައި ނޯންނާނެ ކަމުގެ ޔަގީންކަން ހެލްތު މިނިސްޓްރީން ދިނެވެ. އެކަމަކު އޮޑިޓް ރިޕޯޓުން ވަނީ ބޮޑެތި ގޯސްތަކެއް ދައްކައިފަ އެވެ. އެހެން ކުންފުނިތަކަށް ފުރުސަތު ގެއްލޭ ގޮތަށް ވަކި ކުންފުނިތަކެއް ހޮވައި ވަކި ބަޔަކަށް ނާޖާއިޒު ފައިދާއެއްވާ ގޮތަށް ހަވާލުކޮށްފައިވާ ކަމަށް އޮތްއިރު، އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި އޮތީ 75 ވެންޓިލޭޓަރު ހޯދަން ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކުރި ގޮތެވެ.

އެ ކުންފުންޏަށް ވަނީ މާލިއްޔަތު ގަވާއިދާ ޚިލާފަށް ޕްރޮޖެކްޓުގެ އަގުގެ 90 ޕަސެންޓަށްވާ 30 މިލިއަން ރުފިޔާ ބޭންކް ގެރެންޓީއަކާ ނުލައި ދޫކޮށްފަ އެވެ. އެ ކުންފުންޏާ އެކު އެއްބަސްވީ 34 މިލިއަން ރުފިޔާ އަށް ޕޯޓަބަލް 10 ވެންޓިލޭޓަރާއި 65 އައިސީޔޫ ވެންޓިލޭޓަރު ހޯދާށެވެ.

ކޮވިޑްގެ ފަރުވާ އަށް ކޮންމެހެން ވެސް ވެންޓިލޭޓަރުތަކެއް އަވަހަށް ބޭނުންވެގެން ހެލްތު މިނިސްޓްރީން ކުރި މަސައްކަތުގައި ދުބާއީގެ ކުންފުނީގެ ނަން ދިނީ ޑަބްލިއުއެޗްއޯ އިން ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެ އެވެ. ޑަބްލިއުއެޗްއޯގެ ރެޕްރެޒެންޓޭޓިވް އަރުވިންދު މާތުރާ އެކު މިކަމުގައި ހިންގެވީ ރަސްމީ މުއާމަލާތެއް ކަމަށް މިނިސްޓަރު ވިދާޅުވި ނަމަވެސް އޮޑިޓް ރިޕޯޓުގައި ބުނެފައި ވަނީ ދުބާއި ކުންފުންޏަކީ ޑަބްލިއުއެޗްއޯގެ މަޝްވަރާގެ މަތިން ހޮވި ކުންފުންޏެއް ނޫން ކަަމަށް އެ ޖަމާއަތުން ބުނެފައިވާ ކަމަށެވެ.

އޮޑިޓުގައި ބުނެފައިވާ ގޮތުގައި އެ ކުންފުނި ހޮވުމުގައި ޑަބްލިއުއެޗްއޯގެ އެއްވެސް ދައުރެއް ނެތްކަން ލިއުމުން ވަނީ އޮޑިޓަށް މައުލޫމާތު ދީފަ އެވެ. އެހެންކަމުން އެއީ ޑަބްލިއުއެޗްއޯގެ ނަމުގައި ހިންގި އޮޅުވާލުމެއް ކަަމަށް އޮޑިޓުގައިވެ އެވެ.

އޮޑިޓުގައި ދެން ފާހަގަކޮށްފައިވާ މައްސަލަ އަކީ ޕާފޯމަންސް ގެރެންޓީއަކާ ނުލައި އެޑްވާންސް ޕޭމަންޓުގެ ގޮތުގައި އެއްބަސްވުމުގެ 90 ޕަސެންޓަށްވާ 30 މިލިއަން ރުފިޔާ ދޫކުރުމެވެ. މިކަން މާލިއްޔަތު ގަވާއިދާ ޚިލާފް ކަމަށް އޮޑިޓުގައިވެ އެވެ. ދިވެހި ދެ ކުންފުންޏަށް އެޑްވާންސް ފައިސާ ދޫކޮށްފައެއް ނުވެ އެވެ.

ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި ސަސްޕެންޑްކޮށްފައިވާ ހެލްތު މިނިސްޓްރީގެ ފައިނޭންޝަލް ކޮންޓްރޯލަރާއި ބިޑް ކޮމިޓީ މާލިއްޔަތު ކޮމިޓީ އަށް ހާޒިރުކުރުމުން އެ ބޭފުޅުން ވިދާޅުވީ ގަވާއިދާއި ގާނޫނާ ޚިލާފަށް ނާޖާއިޒު އެއްވެސް މަންފާއެއް ހޯދައިދިނުމުގެ އަމަލެއް ހިންގާފައި ނޯންނާނެ ކަމަށެވެ. ތިން ކުންފުންޏާ އެކު އެއްބަސްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ދެއްވި ހުއްދައާ އެއްގޮތަށް، ކޮވިޑް-19ގެ މަސައްކަތުގައި ހިމެނުނު ދައުލަތުގެ ހުރިހާ މުއައްސަސާތަކަށް އެނގިގެން ކަމަށެވެ. އެކަމަކު އަމީރު ވިދާޅުވެފައި ވަނީ ގަވާއިދާ ޚިލާފަށް އަމަލުކުރަން ހުއްދައެއް ދެއްވާފައި ނޯންނާނެ ކަަމަށެވެ.