އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) ބައްދަލުވުމެއްގައި ވާހަކަ ދައްކަވނީ.
16 ޑިސެމްބަރ 2020 - 14:38
ރާއްޖެ އަންނަ ޓޫރިސްޓުން ގިނަވި ވަރާ އެއްހަމައެއްގައި އިމިގްރޭޝަނަށް ހިދުމަތް ނުދެވުމުން، ޓާމިނަލްގެ ތޮއްޖެހުން ބޮޑުވެ، ދަތުރުވެރިން ކުރަމުން އައި ޝަކުވާތަކަށް ނިމުން ގެނެސްފި އެވެ. އިމިގްރޭޝަނުން ބުނީ މިހާރު ފްލައިޓެއްގެ ފަސިންޖަރުން ކްލިއާކުރަން ނަގާނީ އެންމެ 15 މިނިޓް ކަމަށެވެ.
އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) "މިހާރު"އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި ގޮތުގައި މި ފަހުން ކުރިމަތިވި ތޮއްޖެހުން ހަމަޔަކަށް އެޅުވީ އިމިގްރޭޝަނުން ބޭނުންކުރަމުން އަންނަ ސޮފްޓްވެއާއަށް ވެސް ގެނައި ބަދަލުތަކާ އެކުގަ އެވެ.
ރާއްޖޭގެ އެންމެ ބޮޑު އެއާޕޯޓް، ވީއައިއޭއިން ނުނިކުމެވި، އެތައް ގަޑިއިރެއް ހޭދަކުރަން ޖެހުމުގެ ޝަކުވާ ޓޫރިސްޓުންނާއި ރިސޯޓްތަކުގެ މުވައްޒަފުން ގެންދިޔައީ ފާޅުކުރަމުންނެވެ. އިމިގްރޭޝަނުން ބުނީ އެކަން ހައްލުކުރަން މިދިއަ އާދިއްތަދުވަހުން ފެށިގެން މަސައްކަތް ފެށި ކަމަށެވެ.
ހަނަފީ ވިދާޅުވި ގޮތުގައި މިހާރު ފްލައިޓަކުން އަންނަ ގާތްގަނޑަކަށް 350 މީހުން 15 މިނެޓް ތެރޭގައި ކްލިއާ ކުރެވޭނެ އެވެ. އެގޮތުން އިމިގްރޭޝަން ކައުންޓަރާ ހަމަޔަށް އައުމަށް ފަހު އެންމެ ލަސްވެގެން ވެސް 35 ސުކުންތުގެ ތެރޭގައި ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. ކައުންޓަރުން ކޮންމެ ދަތުރުވެރިއެއްގެ ޕާސްޕޯޓް ކްލިއަކުރަން މީގެ ކުރިން އެވްރެޖްކޮށް މިނިޓެއް ވަރު ނަގަ އެވެ.
ފަހުން ފެނުނު ތޮއްޖެހުމުގައި ކައުންޓަރާ ހަމައަށް ނުދެވި އެތައް ގަޑިއިރެއް މަޑުކުރަން ޖެހުނެވެ.
"މިހާރު އަޅުގަނޑުމެންގެ ހުރިހާ ކައުންޓަރަކުން ހިދުމަތް ދެވޭނެ. ކޮވިޑްގެ ކުރިން ހިދުމަތް ދޭ ސްޕީޑުގައި ހިދުމަތްތައް ދެވޭ ގޮތަށް ބަދަލުތައް ގެނެސްފައި މިވަނީ،" ހަނަފީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިމިގްރޭޝަން ކައުންޓަރުތަކުގައި ޓޫރިސްޓުން މަޑުކުރަން ޖެހޭ ވަގުތު ވީހާ ވެސް ކުޑަކޮށް، މިހާރަށް ވުރެ ވެސް އަވަހަށް ހިދުމަތް ފޯރުކޮށްދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެސް އެދިވަޑައިގަތުމެއް ކަމަށެވެ.
މުވައްޒަފުން އިތުރުކުރުމުގެ ބަދަލުގައި މަސައްކަތްކުރަމުން އަންނަނީ، ހަނަފީ ވިދާޅުވި ގޮތުގައި، އާ ޓެކްނޮލޮޖީއާ އެކކު ހިދުމަތްތައް އަވަސްކޮށްގެންނެވެ.
މިދިއަ ހޮނިހިރުދުވަހު އައި ޓޫރިސްޓުން ވަނީ އެއާޕޯޓުގައި ހަތަރު ފަސް ގަޑި އިރު ހޭދަކޮށްފަ އެވެ. އެއީ ކޮވިޑް-19އާ ގުޅިގެން ރާއްޖޭގެ ޓޫރިޒަމަށް އައި ހުއްޓުމަށް ފަހު، ދުވާލަކު 4،000 އަށް ވުރެ ގިނަ ޓޫރިސްޓުން އައި ފުރަތަމަ ދުވަހެވެ.
ކުރިއަށް އޮތް ކްރިސްމަސް އާއި އާ އަހަރު، ރާއްޖޭގައި ޗުއްޓީ ހޭދަކުރަން ޒިޔާރަތްކުރާ ޓޫރިސްޓުންގެ އަދަދު މިހާރު އަންނަނީ ވަރަށް ބޮޑަށް މައްޗަށް އަަރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހުމަދޫ
17 December 2020
350 މީހުން 15 މިނެޓް ތެރޭގަ؟ ދޮގު ހެދިޔަސް ބޮޑުވަރު
އިމިގްރޭސަން ކުއްޖެއް
17 December 2020
ހަމަ ސީދާ ކަނޑައެޅިގެން ދޮގެއް.. މިވަރަށް ރައްޔިތުންނަށް އޮޅުވާލާމީހަކު ދެން ފަހެ ނުކުރަނީ ކޮންކަމެއްތޯއެވެ.. އަޅަމެންނަށް ހެޔޮ ވިސްނުންދެއްވާށި.. ވަޒީފާގެ ބިރުވެތިކަމުގަ މަގުފުރެދޭ ބައެއްކަމުގައި ނުހައްދަވާށީ.
ޅަބޭ
17 December 2020
ކަނޑައެޅިގެން ދޮގެއް!
އޮނަރަބޮލް ލޮލް
17 December 2020
ކީއްވެގެންތޯ ސަރުކާރުގެ އެއްވެސް އިދާރާއަކަށް، މައްސަލައެއް އެއީ މައްސަލައެއްގެ ގޮތުގައި ނޫހެއްގަ ޖެހީމަ ނޫނީ ނުފެންނަނީ؟ އެއްވެސް އިދާއެއްގައި ހުންނަ މައްސަލައެއް އަމިއްލައަށް ފާހަގަ ނުވަނީ ކީއްވެތޯ؟ ފެނުނަސް ނޫހުގަ ޖެހީމަ ނޫނީ ހައްލުކުރަން މަސައްކަތް ނުކުރަނީ ކީއްވެތޯ؟ ގެއަށް ގޮސް ހިތައް އަރާތޯ "އަޅުގަނޑަށް ލިބޭ މުސާރަ އެއީ ހައްޤު އެއްޗަކަށް ވާވަރަށް މަސައްކަތް ކުރެވުނުތޯ؟"
ރަންދެލި
17 December 2020
މިހާރު ނޫހުގެ ފްރަންޓް ޕޭޖް މެއިން އާޓިކަލް އެއްގެ ގޮތުގައި އެއް ދުވަސް އެއްކޮށް މިކަމާ ގުޅޭ އާޓިކަލް ޖެހުމުން، ދެން މިސޮރަށް މިވާ އެއްޗެއް އިނގުނު ކަމަށް ވީ؟ ނޫނޭވާ ސާބަސް އިނގޭ...
ދިމިގުރޯސީ
16 December 2020
ޕާސްޕޯޓު ސުކޭނުކޮށްލައިފައި ފޮޓޮއެއް ނެގީމައި ވީ.. އެހެންވީމައި 35ސ. އިން ނުވާންވީ ކީއްވެ. ކުޅަދާނަވާނެ އެތާނގެ ކުދިން.
އޮނަރަބްލް އަފީފު ދީދީ
16 December 2020
ބީއެމްއެލް، މޯލްޑިވިއަން އަދި ފެނަކަ ހޯދާފަދަ އެވޯޑެއް އިމިޤްރޭޝަން ވެސް ކަށަވަރުކުރީދޯ. # އެކަމަކު ތިވާހަކަ ބުނެފިނަމަ ޗެންގީ، ސޯލް، ޓައިވާން، ހޮންގްކޮންގ، މިއުނިކް ފަދަ އެއަރޕޯޓް ހިންގާމީހުން ލަދުން ހަލާކުވާނެ.
އުދުހޭ
16 December 2020
ދެން 5 ގަޑިއިރު މަޑުކުރަން ޖެހުނު ޓޫރިސްޓުންނަށް އޮތީ ކޮން ބަދަލެއް؟ އެމީހުންގެ ޗުއްޓީން 1 ދުވަސް ގެއްލުނީ ދޯ. 5 ގަޑިއިރު ކޮޅަށްހުރުމަކީވެސް ކުޑަ ކަމެއްނޫން. ދުނިޔޭގެ އެންމެ މަތީފެންވަރުގެ ޓޫރިސްޓުން ފޮނި އުންމީދަކާއިގެން މިރާއްޖެއަށް އައީމަ ތިޔަ ކަންތައްކުރަނީ ރަސީރުންނަށް ކަންތަައްކުރާހެން. ކަންކަން ރެޑީވެފަ ނެތިއްޔާ ދޮރުގަ ބަންދުބޯޑަު އަޅުވާފަ އިސްތިއުފާދީބަލަ.
އަރުވާލި އާދަނުގެ ސިޔާސީ ހާސަރު
16 December 2020
ތިޔައީ ޒުވާން އިލްމީ ބޭފުޅުން ތިޔަ ފަދަ މަގާމްތަކުގެ ވެރިންނަށް ރައީސް އިބޫ އައްޔަނު ކުރެއްވި މަގުސަދު. މަރުހަބާ އިމިގްރޭޝަން ޓީމް
އަހަންމާ.
17 December 2020
ދައްކާ ދޮގު ވާހަކަތަކަށް އަތްޖަހަން އާދަނުމެން ތިބޭ.
އަރުވީލި އާދަނުގެ ދަރި
17 December 2020
ބައްޕަ ހުރޭ އަތްޖަހަން.. ވަޒީފާއެއް ނުދޭނެކަމަށް ބައްޕައަށް ނޭނގޭތަ މީ ކޮންބައެއްކަމެއް..
ސަލީމު އިދުރީސް
16 December 2020
320 ފަސިޖަރުންތިބި ބޯޓެއް އެއާޕޯޓު ހުރިހާ ކައުޓަރެއް ބޭނުން ކޮއްގެން މިނެއްޓަކު ކިތަން މީހުން އެތެރެ ކުރެވިގެންތޯ ތިވަރު އަވަސްތިވީ ތިއީ ހައިރާން ވާވަރު އަވަސް ވަގުތެއް