ގަމު ރީޖަނަލް ހޮސްޕިޓަލުގައި ސީޓީ ސްކޭންގެ ހިދުމަތް ދެނީ.-- ފޮޓޯ: ގަމު ރީޖަނަލް ހޮސްޕިޓަލް
17 ޑިސެމްބަރ 2020 - 17:22
ލ. ގަމު ރީޖަނަލް ހޮސްޕިޓަލުގައި ސީޓީ ސްކޭންގެ ހިދުމަތް މިއަދު ފަށައިފި އެވެ.
އެ ހޮސްޕިޓަލްގެ މެނޭޖަރު އަލީ ނަޝީދު ވިދާޅުވީ އެޕޮއިންޓްމެންޓަށް ހުޅުވާލައި ސްކޭން ކޮށްދޭން ފަށާފައިވާ ކަމަށެވެ. އެގޮތަށް، ގަމު ހޮސްޕިޓަލުން އެންމެ ފުރަތަމަ ހަދައިދީފައި ވަނީ މީހެއްގެ ސިކުނޑީގެ ސްކޭނެކެވެ.
ނަޝީދު ވިދާޅުވިގޮތުގައި، ސްކޭންގެ ހިދުމަތް އެންމެ ފުރަތަމަ ދޭނީ ހަފުތާއަކު ތިން ދުވަހެވެ. ނަމަވެސް ޑިމާންޑް އޮންނަ ވަރަކުން ދުވަސްތައް އިތުރުކުރާނެ ކަމަށް ވިދާޅުވި އެވެ.
ގަމު ހޮސްޕިޓަލުގައި މި ވަގުތު ދެ ރޭޑިއޮލޮޖިސްޓާއި ދެ ރޭޑިއޯގްރާފަރުން އެބަތިއްބެވެ. ސްކޭން ހައްދައިދޭނީ ޝްޕެޝަލިސްޓް ޑޮކްޓަރެއް އެކަމަށް ރިކޮމެންޑުކުރުމުން އެޕޮއިންޓްމަންޓް ހެދުމަށް ފަހުގަ އެވެ.
ގިނަ ބަޔަކު ފަރުވާ ހޯދާ ގަމު ހޮސްޕިޓަލުގައި ސީޓީ ސްކޭންގެ ހިދުމަތް ފައްޓަވައިދެއްވީ މި މަހުގެ ތިން ވަނަ ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. މީގެ ކުރިން ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ސީޓީ ސްކޭންގެ ހިދުމަތް ފެށިއިރު، އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި ވެސް އެމްއާރުއައިގެ ހިދުމަތް ދެ އެވެ.
ނަޝީދު ވިދާޅުވީ، އެކްސިޑެންޓުތައް ގިނަ ގަމުގައި ސީޓީ ސްކޭންގެ ހިދުމަތް ފެށުމަކީ ވަރަށް ބޮޑު ލުޔެއް ލިބޭނެ ކަމެކެވެ. މިހާރު ވެސް ގަމުން، މާލެ އަށް ފޮނުވާ ދެ ބައިކުޅަ އެއްބައި މީހުންނަކީ ސީޓީ ސްކޭން ހަދަން ފޮނުވާ މީހުންކަން އޭނާ ފާހަގަކުރެއްވި އެވެ.
ގަމު ރީޖަނަލް ހޮސްޕިޓަލުގައި މީހަކު ސީޓީ ސްކޭން ހަދަނީ.-- ފޮޓޯ: ގަމު ރީޖަނަލް ހޮސްޕިޓަލް
"ވަރަށް ކުޑަ އޮޕަރޭޝަން ވެސް ނުކުރެވި މި ހުންނަނީ ސީޓީ ސްކޭން ނެތިގެން. ސީޓީ ސްކޭން ހެދޭ ނަމަ ވަރަށް ގިނަ އޮޕަރޭޝަންތައް ކުރެވޭނެ،" ނަޝީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ސައިނަސް ކަހަލަ ކުދި އޮޕަރޭޝަން ކުރުމުގެ ކުރިން ވެސް ސީޓީ ސްކޭނެއް ހަދަން ޑޮކްޓަރުން ބޭނުންވެ އެވެ. މީގެ ކުރިން އެކަމަށް އޮތް ހުރަހަކީ ސްކޭނެއް ކުރެވެން ނެތުމެވެ.
ކޮވިޑް-19 ގެ ސަބަބުން މާލެ އަށް ދަތުރުކުރުމުގައި ހުރި ހުރަސްތަކުގެ ސަބަބުން ގިނަ ބަޔަކު މިހާރު ފަރުވާ ހޯދަމުން އަންނަނީ އަތޮޅު ހޮސްޕިޓަލާއި ރީޖަނަލް ހޮސްޕިޓަލްތަކުންނެވެ. އެތަނުން އެންމެ ބިޒީއެއް ހޮސްޕިޓަލަކީ ގަމު ރީޖަނަލް ހޮސްޕިޓަލެވެ.
ނަޝީދު ވިދާޅުވީ، 600-700 އާ ދެމެދުގެ މީހުން އެޕޮއިންޓްމަންޓް ހައްދަން ކޮންމެ ދުވަހަކު ވެސް ގުޅާ ކަމަށެވެ. ނަމަވެސް އެ ތަނުން ފަރުވާ ދެނީ އެވްރެޖްކޮށް 350-400 މީހުންނަށެވެ. ކޮވިޑުގެ ހާލަތު އައުމުގެ ކުރިން ގަމު ރީޖަނަލް ހޮސްޕިޓަލުން ފަރުވާ ހޯދިީ ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 100 އެއްހާ މީހުންނެވެ. އެ އަދަދު އެއަށް ވުރެ އިތުރުވަނީ ހޮނިހިރު ދުވަހު އެކަންޏެވެ. އެހެންވެ ނަޝީދު ވިދާޅުވީ ފަރުވާ ދިނުމުގައި ގަމު ހޮސްޕިޓަލަށް އާއްމުންގެ އިތުބާރު ހޯދިފައިވާ ކަމަށެވެ.
"އެގޮތަށް ފަރުވާ ހޯދާފައި މީހުން ފީޑްބެކް އެބަ ދޭ، [ގަމު ރީޖަނަލް ހޮސްޕިޓަލުން] ރަނގަޅު ފަރުވާ ލިބެން ހުރި ކަމެއް ކުރިއަކުން ނޭނގޭއޭ. މި ރަށު މީހުންނަށް ފަރުވާގެ ކަންކަން އޮތް ގޮތް އެނގޭނެ. އެކަމަކު މެދުރާއްޖެތެރޭގައި ދިރިއުޅޭ މީހުންނަށް މިހާރު އެނގިއްޖެ މާލެ ނުދިޔަސް ފަސޭހައިން ފަރުވާ ލިބެން އެބަހުރިކަން،" ނަޝީދު ވިދާޅުވި އެވެ.
ގަމު ހޮސްޕިޓަލުގައި ދެ ރޭޑިއޮލޮޖިސްޓާއި ދެ ރޭޑިއޯގްރާފަރުން އެބަތިއްބެވެ. ހޮސްޕިޓަލުގައި މި ވަގުތު 30 ޑޮކްޓަރުން މަސައްކަތް ކުރެ އެވެ.
ނަޝީދު ވިދާޅުވީ މި ދަތި ދުވަސްވަރު މުހިއްމު ހިދުމަތެއް ފެށުނީ މުވައްޒަފުންގެ ބުރަ މަސައްކަތުން ކަމަށެވެ. އެކަމުގައި ގަމު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ވިސާމަށާއި ސަރުކާރުން ކޮށްދިން މަސައްކަތަށް ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުސެން
19 December 2020
ލ.ގަމުގައި ވަޒަންވެރިވުމުގެ ފުރުސަތު ދިވެހިކޮންމެ ރައްޔިތަކަށްވެސް އެބައޮތްއިނގޭތޯ! ކުރިޔަށްއޮތް 10 ވަރަކަށް އަހަރު ދުވަސްތެރޭ ލ.ގަން މާލެއަށްވުރެން ތަރައްގީވާނެ، ވަގުތުނަގާނުލާ ދަރިންގެ މުސްތަގުބަލަށްޓަކާ ލ.ގަމަށް ހިޖުރަކުރާށޭ، މިހާރުވެސް މާލެއިން ލިބޭ ހުރިހާ ހިދުމަތެއް ލ.ގަމުން ލިބޭ، ބޭންކް، އެއަރކާގޯ، ހޮސްޕިޓަލް މިފަދަ ހުރިހާކަމެއް، ހިޖުރަކުރަންއެދޭ މީހުނަށް ފަސޭހައިން ގަމަށް ހިޖުރަކުރެވޭނެގޮތަށް ކަންކަން ރޭވުމަށް ގަމުގެ އިސްވެރިންނަށް ގޮވާލަން
ޗިކުނޑި
19 December 2020
ލާމު ގަމުގަ ވައްކަމާ ފޭރުމާ މާރާމާރީވެސް އެހާ ގިނަ.
ދިއެޓޯލްޑޮޓްކޮމް
20 December 2020
ޗިކުނޑި ގެނަމުގައ ރިޕްލޭކުރިފަރާތަށް ސުވާލެއްކޮށްލާނަމެވެ، މާލޭގައި ވައްކަމާ ފޭރުމާ މާރާމާރީ ނެތީމަތޯ ނުވަތަ މަދުކަމުންތޯ މީހުންގޮސް ދަތިހާލުގައި ކުއްޔަށް އުޅެނީ؟ ނޫން ހިދުމަތްތައް ލިބޭތަނެއްގައި އުޅެންވެގެން ނުވަތަ ކުދިންނަށް ކިޔަވައިދިނުމަށް، ލ.ގަމަކީ ދެވަނަ މާލެ، މިއީ ޝައްކެއްވެސް އޮތްކަމެއްނޫން
ވޭނީ އިންތިޒާރު
18 December 2020
އެތެރެހަށީގެ އަދި އިތުރު ޑޮކްޓަރަކާއި ދަތުގައި ދާއިމީ ފުޓުނި އެޅުމުގެ ޚިދުމަތް ފެށޭނެ ދުވަހަކަށް އިންތިޒާރުކުރަން.....
އަހްމަދު007
18 December 2020
ފުވައްމުލަކުގަ ސިޓީ ބޯރޑް އަޅުވާގެން މިކަހަލަ އެއްވެސް ހިދުމަތެއް ނުލިބޭ..
ސްކިޕަރ
17 December 2020
21 ވަނަ ގަރުނުގައި، 2020 ވަނަ އަހަރު ރަށަކުން ސީޓީ ސްކޭން ހެދެން ފެށުމަކީ ކާމިޔާބީއެއް ނޫން. އެއީ 10 އަހަރުކުރިން ޔަގީން ފޯރުކޮށްދީފައި އޮންނަން ޖެހޭ އަސާސީ ހިދުމަތެއް މާފަހުން، އެތަކެއް ބަޔަކަށް އެތަކެއް ގެއްލުންތަކެއް ވުމަށްފަހު އެންމެފަހުން ކޮށްދިނުން.
ރީނދޫގެރި
18 December 2020
ކަލޭމެންނަށް ރަނގަޅު އެއްގޮތެއްވެސް ނޯންނާނެ! މޫސާގެފާނުގެ ޔަހޫދީން ފަދަ ހަމަ!
އެނީ
17 December 2020
މިޒަމާނަށް ބަލާއިރު މިވެސް އަސާސީ ޚިދުމަތެއް. އެކަމަކު މިކަހަލަ ކޮންމެ ޚިދުމަތެއް ފަށަންވެސް ރާއްޖެން އަދިވެސް އުޅެނީ އޭރަކު ވެރިކަމުގަ އުޅޭ ބަަޔަކު ވަރަށް ބޮޑު ކަމެއް ރައްޔަތުންނަށް ކޮށްދޭކަމެއްގެ ގޮތުގައި ދައްކަން.
ވަސީލާ
17 December 2020
ޝުކުރިއްޔާ މިނިސްޓަރ އަމީން. ހިންގުންތެރި ކަމުގެ ލާމާސީލު، ނެތަސް އަދިވެސް ތި އަގުހުރި މަސައްކަތްތަކުގެ ރާހަތު މި ލިބެނީ.