ކުޅިވަރު / ބެސްޓް ފީފާ އެވޯޑްސް

ފީފާ މޮޅު ކުޅުންތެރިޔާގެ މަގާމު ލެވަންޑޯސްކީ އަށް

18 ޑިސެމްބަރ 2020 - 08:14

2 comments

ޒިއުރިކް (ޑިސެމްބަރު 18) - ލިއޮނަލް މެސީ އާއި ކްރިސްޓިއާނޯ ރޮނާލްޑޯ ފަހަތަށް ޖައްސާލުމަށް ފަހު ފީފާގެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑް ބަޔާން މިއުނިކްގެ ޕޮލެންޑް ފޯވާޑް ރޮބާޓް ލެވަންޑޯސްކީ ކާމިޔާބުކޮށްފި އެވެ.

ކުރިން ދެމުން އައި ފީފާގެ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް 2008 ވަނަ އަހަރު ރޮނާލްޑޯ ހޯދި ފަހުން އޭނާ އާއި މެސީ ނޫން ކުޅުންތެރިއަކަށް މި އެވޯޑް ލިބުނީ 2018 ވަނަ އަހަރު އެވެ. އެ ފަހަރު އެވޯޑް ހޯދީ ކްރޮއޭޝިއާގެ މިޑްފީލްޑަރު ލޫކަ މޮޑްރިޗް އެވެ. އެ މުއްދަތުގެ ތެރެއިން 2010 އިން 2015 އަށް ފީފާ އިން އެވޯޑް ދިނީ ބެލޮންޑިއޯ އެވޯޑާ ގުޅިގެންނެވެ. އަދި 2016 އިން ފެށިގެން ދެނީ ފީފާ ބެސްޓް އެވޯޑުގެ ގޮތުގަ އެވެ. މިދިޔަ އަހަރު އެވޯޑް ހޯދީ ރެކޯޑް ހަ ވަނަ ފަހަރަށް ޓްރޮފީ އުފުލާލި މެސީ އެވެ.

އެހެން އަހަރުތަކާ ހިލާފަށް މި ފަހަރުގެ އެވޯޑް ހަފްލާ ކުރިއަށްގެންދިޔައީ ވާޗުއަލް ކޮށެވެ. މޮޅު ކުޅުންތެރިޔާގެ އެވޯޑް ލެވަންޑޯސްކީއާ ހަވާލުކުރީ ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އެވެ.

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ، ލެވަންޑޯސްކީއާ ބެސްޓް އެވޯޑް ހަވާލުުކުރަނީ.

އުމުރުން 32 އަހަރުގެ ލެވަންޑޯސްކީ ވަނީ ޔޫރަޕްގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދައިފަ އެވެ. އޭނާ ފީފާ އެވޯޓް ހޯދީ 52 ސްކޯރިން ޕޮއިންޓް ހޯދައިގެންނެވެ. ލެވަންޑޯސްކީގެ ޕޮއިންޓްތަކުގެ ތަފްސީލަށް ބަލާއިރު ގައުމީ ޓީމުތަކުގެ ކޯޗުންގެ ފަރާތުން އޭނާ އަށް 554 ޕޮއިންޓް، ގައުމީ ޓީމުތަކުގެ ކެޕްޓަނުންގެ ފަރާތުން 631 ޕޮއިންޓް، މީޑިއާގެ ފަރާތުން 807 ޕޮއިންޓް އަދި ސަޕޯޓަރުންގެ ފަރާތުން ވަނީ 679,997 ޕޮއިންޓް ލިބިފަ އެވެ.

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ (ވ) ބަޔާންގެ ފޯވާޑް ލެވަންޑޯސްކީއާ ބެސްޓް އެވޯޑް ހަވާލުކުރަނީ. -- ފޮޓޯ: ބަޔާން މިއުނިކް/ ޓްވިޓާ

ދެ ވަނަ އަށް ދިޔަ ރޮނާލްޑޯގެ ސްކޯރިން ޕޮއިންޓަކީ 38 ޕޮއިންޓެވެ. އޭނާ އަށް ގައުމީ ޓީމުތަކުގެ ކޯޗުންގެ ފަރާތުން 186 ޕޮއިންޓް، ގައުމީ ޓީމުތަކުގެ ކެޕްޓަނުންގެ ފަރާތުން 259 ޕޮއިންޓް، މީޑިއާގެ ފަރާތުން 153 ޕޮއިންޓް އަދި ސަޕޯޓަރުންގެ ފަރާތުން ވަނީ 457,905 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނަ އަށް ދިޔަ މެސީގެ ސްކޯރިން ޕޮއިންޓަކީ 35 އެވެ. ގައުމީ ޓީމުތަކުގެ ކޯޗުންގެ ފަރާތުން މެސީ އަށް 196 ޕޮއިންޓް ލިބުނުއިރު، ގައުމީ ޓީމުތަކުގެ ކެޕްޓަނުން ވަނީ 207 ޕޮއިންޓް ހޯދައިދީފަ އެވެ. މީޑިއާގެ ފަރާތުން 103 ޕޮއިންޓް އަދި ސަޕޯޓަރުންގެ ފަރާތުން 356,950 ޕޮއިންޓް މެސީ އަށް ވަނީ ލިބިފަ އެވެ.

ކެޕްޓަނެއްގެ ހައިސިއްޔަތުން އާޖެންޓީނާގެ ކެޕްޓަން މެސީ ވޯޓު ދިނީ ނޭމާ އާއި ކީލިއަން އެމްބާޕޭ އަދި ލެވަންޑޯސްކީ އަށެވެ. ޕޯޗުގަލްގެ ކެޕްޓަން ރޮނާލްޑޯ ވޯޓު ދިނީ ލެވަންޑޯސްކީ، މެސީ އަދި އެމްބާޕޭ އަށެވެ.

ބަޔާނަށް މިދިޔަ ސީޒަނުގައި 47 މެޗުން 55 ގޯލު ޖެހި ލެވަންޑޯސްކީ ވަނީ ޗެމްޕިއަންސް ލީގުގައި އެކަނި ވެސް 15 ގޯލު ޖަހައިފަ އެވެ. އޭނާގެ ގޯލުތަކާ އެކު ބަޔާނުން ވަނީ މިދިޔަ އަހަރު ޖަރުމަނު ލީގާއި ޖަރުމަނު ކަޕް ވެސް ހޯދައިފަ އެެވެ. ޖަރުމަނު ސުޕަ ކަޕާއި ޔުއެފާ ސުޕަ ކަޕް މި ފަހަރު އުފުލާލީ ވެސް ބަޔާނުންނެވެ. އެ ޓީމުން ވަނީ މި އަހަރު މިހާތަނަށް ފަސް މުބާރާތް ކާމިޔާބުކޮށްފަ އެވެ.

މި އަހަރުގެ އެންމެ މޮޅު ކޯޗުގެ އެވޯޑް ލިބުނީ މިދިޔަ އަހަރު ވެސް އެ މަގާމު ހޯދި ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް އަށެވެ. ބަޔާނަށް ފަސް މުބާރާތް ކާމިޔާބުކޮށްދިން ހަންސީ ފްލިކް ހަނި ތަފާތަކުން ދެ ވަނަ އަށް ދިޔައިރު، ތިން ވަނަ އަށް ދިޔައީ ލީޑްސް ޔުނައިޓެޑް އިނގިރޭސި ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްކޮށްދިން އާޖެންޓީނާގެ ކޯޗު މާސެލޯ ބިއެލްސާ އެވެ.

އެންމެ މޮޅު އަންހެން ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑް ހޯދީ އިންގްލެންޑްގެ ލޫސީ ބްރޮންޒް އެވެ. ޑެންމާކުގެ ޕާނީލް ހާޑާ ދެ ވަނަ އަށް ދިޔައިރު ތިން ވަނަ އަކީ ވެންޑީ ރެނާޑް އެވެ. އެއް ވަނަ އަންހެން ކޯޗަކީ ނެދަލެންޑްސްގެ ސަރީނާ ވިއޭގްމަން އެވެ.

މި އަހަރުގެ އެންމެ މޮޅު ގޯލްކީޕަރުގެ މަގާމް ހޯދީ ބަޔާންގެ ކެޕްޓަން މެނުއަލް ނޯޔާ އެވެ. އެއީ ލިވަޕޫލްގެ އެލިސަން ބެކާ އާއި އެތުލެޓިކޯ މެޑްރިޑްގެ ޔެން އޮބްލަކްއާ ވާދަކޮށެވެ. އެކަމަކު ފިފްޕްރޯ ފީފާ ޓީމުގައި އެއް ވަނަ ކީޕަރު ނޯޔާގެ ބަދަލުގައި ހިމެނުނީ އެލިސަން އެވެ. ފިފްޕްރޯ ޓީމުގެ ޑިފެންޑަރުންނަކީ ރެއާލްގެ ސާޖިއޯ ރާމޮސް އާއި ލިވަޕޫލްގެ ވާޖިލް ވެން ޑައިކާއި ޓްރެންޓް އަލެކްސަންޑަ އާނޯލްޑާއި ބަޔާންގެ އަލްފަންސޯ ޑޭވިސް އެވެ. މިޑްފީލްޑަރުންނަކީ ޔޫރަޕްގެ މޮޅު މިޑްފީލްޑަރު މެންޗެސްޓާ ސިޓީގެ ކެވިން ޑިބްރޭނާ އާއި ބަޔާން ދޫކޮށް މި ސީޒަނުގައި ލިވަޕޫލާއި ގުޅުނު ތިއާގޯ އަލްކަންްޓާރާ އަދި ބަޔާންގެ ޔޯސުއާ ކިމިޗް އެވެ. ފޯވާޑުންނަކީ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ވާދަކުރި ރޮނާލްޑޯ އާއި މެސީ އަދި ލެވަންޑޯސްކީ އެވެ.

Introducing the FIFA FIFPRO Men’s World 11, as chosen by players from across the globe! Alisson Becker, Trent...

Posted by FIFA Football Awards on Thursday, 17 December 2020

ފީފާގެ ޑްރީމް ޓީމު.

އަހަރުގެ އެންމެ މޮޅު ގޯލަށް ދޭ ޕުސްކަސް އެވޯޑް މި ފަހަރު ހާސިލްކުރީ ޓޮޓެންހަމްގެ ދެކުނު ކޮރެއާގެ ފޯވާޑް ސޮން ހެއުން މިން އެވެ. އެއީ ޕްރިމިއާ ލީގުގައި ބާންލީ ކޮޅަށް ޖެހި ގޯލެވެ. އަމިއްލަ ހާފް ތެރެއިން ހިފައިގެން ބާންލީގެ ގިނަ ކުޅުންތެރިންތަކެއްގެ ތެރެއިން ދެމިގަނެގެން ގޮސް ސޮން ވަނީ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.

ރޭގެ އެވޯޑް ހަފްލާގައި ފީފާ އިން ވަނީ މި އަހަރު މަރުވި ފުޓްބޯޅައިގެ ދެ ލެޖެންޑެއްގެ ހަނދާން އާ ކޮށްފަ އެވެ. އެއީ އާޖެންޓީނާ އަށް 1986 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ކާމިޔާބުކޮށްދިން ކެޕްޓަން ޑިއޭގޯ މަރަޑޯނާ އާއި އިޓަލީ އަށް 1982 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކޮށްދިން ފޯވާޑް ޕައޮލޯ ރޮސީ އެވެ.

މީގެ އިތުރުން އިންގްލެންޑްގެ ކުޑަކުދިންގެ ހައްގުގައި މެންޗެސްޓާ ޔުނައިޓެޑްގެ ފޯވާޑް މާކަސް ރެޝްފޯޑް ކުރަމުން އަންނަ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ފީފާ އިން ވަނީ އޭނާ އަށް ފައުންޑޭޝަން އެވޯޑް ދީފަ އެވެ.

2 ކޮމެންޓް, 9 ރިއެކްޝަންސް

icon happy icon happy 89%
icon sad icon sad 0%
icon angry icon angry 11%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޢިބޫ

18 December 2020

މމމމެސީ އޮތީ މީގެ ކުރިން ދެ ފަހަރެއްގެ މަތިން ރޮނާލްޑޯއަށްވޯޓް ދީފަ.. ރޮނާލްޑޯއަށް އަދި ކިރިޔާ މެސިއަށް ވޯޓެއް ދެވުނީ.. އެއްޗެއް ނޭގުނަސް ވާހަކަ ދައްކާތި.

The name is already taken The name is available. Register?

އިރުއަލި

18 December 2020

މެސީ އާ ރޮނާލްޑޯގެ ތަފާތު ވޯޓުން ފެނިއްޖެއްވެ. ރޮނާލްޑޯ އާ އެންމެ ވާދަވެރިޔާ މެސީއަށް ރޮނާލްޑޯ ވޯޓް ދިންއިރު، މެސީއަށް އެވަރު ކޮށްނުލެވުނެވެ. ރޮނާލްޑޯގެ އަހްލާގް ރަނގަޅީއެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454