މަސް ދޯންޏަކުން ފެލިވަރު ފެކްޓަރީއަށް ގެންދިޔަ މަސްތައް ދޯނިން ބާލަނީ .-- ފައިލް ފޮޓޯ: ހުސައިން ވަހީދު/ މިހާރު
24 ޑިސެމްބަރ 2020 - 07:57
ސަރުކާރުން މަސް ގަންނަތާ ފަސްދޮޅަހަކަށް އަހަރު ވީ އެވެ. މިއީ ކުރު މުއްދަތެއް ނޫނެވެ. އެކަމަށްޓަކައި ދައުލަތުގެ ބަޖެޓުން، އެކި ސަރުކާރުތަކުން ވަރަށް ބޮޑު ހޭދައެއް ކޮށްފި އެވެ. ފަސްދޮޅަހަކަށް އަހަރު ފަހުން، ސަރުކާރުގެ މަސްވެރިކަމުގެ އިންވެސްޓްމެންޓަށް ބަލާއިރު މިއަދު ފެންނަން އޮތީ މީގެ ތިރީހަކަށް އަހަރު ކުރިން ގެނެސްފައިވާ ދިހަވަރަކަށް ބޯޓާއި މީގެ ތިރީހަކަށް އަހަރު ކުރިން ހަދާފައިވާ، މިހާރު ޒަމާނަށް ނުވެސް ފެތޭ ދެތިން ކޯލްޑް ސްޓޯރޭޖާއި ފެލިވަރު ކާރުހާނާ އެވެ. އެތަން ވެސް ވަނީ "ފުނޑިފަ" އެވެ. މަސް ގަންނަ ކުންފުންޏަށް ބަލާއިރު، މަސްވެރިންނަށް ނުދަރާ އޮތް ދުވަހެއް އެ ކުންފުނީގެ ހަޔާތަކުން ނުދެ އެވެ. މުޅިން ވެސް ފެންނަނީ މަސްވެރިން އެ ކުންފުނި ފަހަތުން ދުވާ މަންޒަރެވެ!
މިހާ ގެއްލުން ބޮޑު، އަދި ސަރުކާރަށް ނުކުރެވޭ ކަމެއް ކުރަން އުޅެނީ ކީއްވެ ހެއްޔެވެ؟ ރާއްޖޭގައި މަސްވެރިން ބާނާހާ މަހެއް ގަންނަން ސަރުކާރަށް މަޖުބޫރުވަނީ ކޮން ސަބަބެއް އޮވެގެން ބާ އެވެ؟ އެހެން އިންޑަސްޓްރީތަކާ ހިލާފަށް މަސްވެރިކަމުގެ އުފެއްދުންތައް އުފެއްދުމާއި ކުންފުނިތައް ހިންގުމާއި މަސް ގަތުމުގެ މަސައްކަތް ސަރުކާރަށް ހުއްޓާ ނުލެވިގެން މި އުޅެނީ ކީއްވެގެން ހެއްޔެވެ؟ ބަރިބަރި އަށް ފައިސާ އޮއްސާއިރު ވެސް މިފްކޯ އަށް ހިންދެމިނުލެވިގެން އުޅެނީ އޭގެ ފަހަތުގައި ކޮން ހަގީގަތްތަކެއް އޮވެގެން ހެއްޔެވެ؟
މަސް ގަތުމަށް ސަރުކާރުން ކުންފުންޏެއް ހިންގުމަކީ ކުޑަ އިންވެސްޓްމެންޓެއް ނޫނެވެ. އެކަމަކު އެ ކުންފުނި، މިފްކޯ މިހާރު އޮތީ ވަރަށް ހާލުގަ އެވެ. މަސްވެރިން ބޭނުންވާ ކަންކަން ހާސިލްކޮށެއް ނުދެވެ އެވެ. މަސްވެރިން މިފްކޯ އަށް ބަރޯސާވެފައިވާލެއް ބޮޑުކަމުން އެ ޑިމާންޑާ އެއްވަރަށް މިފްކޯ އަށް މަސް ނުގަނެވި، އަދި އައިސް ވެސް ފޯރުކޮށްނުދެވޭތީ މަސްވެރިން ވަނީ ރަތަށް އަރައިފަ އެވެ. މަސްވެރިން އިހުތިޖާޖު ކުރާތާ އެތައް ދުވަހެއް ވެއްޖެ އެވެ. މަހުގެ ތިރީސް ދުވަހުގެ ތެރެއިން ފަސް ދުވަހު މަހަށް ހިނގައްޖެ ނަމަ އަނެއް 25 ދުވަހު ތިބެން ޖެހެނީ އެ މަސްކޮޅު ވިއްކާލަން ކިޔޫގަ އެވެ.
ފެލިވަރު މަސް ފެކްޓަރީއަށް މަސް ގެންދަނީ: ކެޕޭސީޓީއެއް ނެތް -- ފައިލް ފޮޓޯ: ހުސައިން ވަހީދު/ މިހާރު
މަސްވެރިންގެ އަނެއް ޝަކުވާ އަކީ މަހަށް "ހަމަ އަގު" ނުލިބުމެވެ. އެކަމަކު މިފްކޯ އޮތީ އެ ބުނާ "ހަމަ އަގު" ދެވޭ ހާލަތެއްގައެއް ވެސް ނޫނެވެ. އެއަށް ވުރެ އެ ކުންފުނީގެ އޮޕަރޭޝަން ހަރަދު ބޮޑުވެ ކުންފުނި އޮތީ ހަގީގަތުގައި ބަނގުރޫޓުވެފަ އެވެ. ކުންފުނި ސަލަމާތްކުރަން ސަރުކާރުން އަބަދުވެސް ސަބްސިޑީ ދެ އެވެ. އެކަމަކު އެވަރުން ވެސް ނުފުދިގެން އެންމެ ފަހުން އެ ކުންފުނި އެސްޓީއޯގެ ދަށަށް ދިޔައީ އެވެ. އެސްޓީއޯ އިން ވެސް މިހާރު އެތައް ބައިވަރު ހޭދައެއް ކޮށްފި އެވެ. އެކަމަކު މިފްކޯ އޮތީ ސަލާމަތްވާ ހިސާބެއްގައެއް ނޫނެވެ. އެހެންވެ، އޭގެ މާނައަކީ މިއީ ނިމުމެއް ނެތް ޚަރަދެއް ކަމެވެ.
މިފްކޯ އަށް ސަރުކާރުން އިންވެސްޓްކޮށްދީ، ނުވިތާކަށް ބިންތަކާއި ރަށްރަށް ވެސް ހިލޭ ދީ، ސަބްސިޑީ ދީގެން އުޅޭ އިރު ވެސް، ފެންނަނީ ނުވެގެން އުޅޭ މަންޒަރެވެ. އަބަދު ދަރާފައި އޮންނަ ތަނެވެ. އެކަމަކު، އަނެއްކޮޅުން ތަންތަން ބޮޑު އަގުގައި ކުއްޔަށް ނަގައިގެން، އަދި ސަރުކާރަށް ޓެކްސް އާއި އެހެނިހެން ފީތައް ވެސް ބަރާބަރަށް ދައްކައިގެން އަމިއްލަ މަސް ކުންފުނިތައް ވަނީ މިލިއަން ޑޮލަރުގެ ކުންފުނިތަކަށް ބަދަލުވެފަ އެވެ. އޭގެ ތެރޭގައި އެންސިސް ހިމެނެ އެވެ. ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި އެ ފެންނަ މަންޒަރަކީ، ވިޔަފާރި އުސޫލުން މަހުގެ ވިޔަފާރި ކުރުމާއި ސިޔާސީ އުސޫލުން މަހުގެ ވިޔަފާރި ކުރުމުގައި ހުރި ތަފާތެވެ.
މިފްކޯގެ މެނޭޖިން ޑިރެކްޓަރު ކަން ކުރެއްވި އަދި އެ ކުންފުނީގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އާދިލް ސަލީމް ވިދާޅުވި ގޮތުގައި މިފްކޯ އޮތީ މި ޒަމާނުގެ މަސްވެރިކަމަށް ބާވެފަ އެވެ. އޭނާ އެކަމަށް ވަރަށް ބައިވަރު ހެކިތައް ދެއްކެވި އެވެ.
ފެލިވަރު ކާރުހާނާ: މިފްކޯގެ އެންމެ ބޮޑު އިންވެސްޓްމަންޓަކީ މިއީ -- ފައިލް ފޮޓޯ: މިހާރު
"ކުންފުންޏެއް ކިތަންމެ ބޮޑަކަސް އެތާނގައި ރަނގަޅު މީހުން ނެތިއްޔާ ކުންފުންޏެއް ނުހިނގާނެ،" އާދިލް ވިދާޅުވި އެވެ.
"އަޅުގަނޑަށް މިވޭތުވެދިޔަ ތަނުގައި ފެނުނީ މިފްކޯގައި ތިބި ރަނގަޅު ހުރިހާ މީހުން އެ މީހުން އެކި ގޮތްގޮތުން ވަޒީފާއިން ވަކިވެގެން ދިޔަތަނާއި ވަޒީފާއިން ވަކިކުރިތަން. ވިޔަފާރި އުސޫލުން ނޫން ގޮތަކަށް އެތަންތަން ހިންގަންޏާ އެތަންތަނަކު މީހަކު ނުތިބޭނެ. އެހެންވެ އޭގެ ތެރެއިން ބައެއް މީހުން އެތަނުން ކެނޑިގެން ހަމަ މަސްވެރިކަމުގެ ތެރެއަށް ވަދެ ކާމިޔާބު ހޯދާފައި އެބަ ތިބި."
މި މަސްވެރިކަމަށް މިފްކޯ އަކީ މިހާރު އެކަށީގެންވާ ކުންފުންޏެއް ނޫނެވެ. އެ ކުންފުނި މި ޖީލުގެ މަސްވެރިކަމަށް ފައްކާ ކުރަން ބޭނުން ނަމަ، ތަޖުރިބާކާރުން ވިދާޅުވަނީ، އެއީ ބިލިއަން ރުފިޔާގެ އިންވެސްޓްމެންޓެއް ކަމަށެވެ.
"މަސްވެރިކަމުގައި މިފްކޯގެ ރޯލް މިހާރު ނިމިއްޖެ. ސަރުކާރުން މަސް ގަންނަ ކުންފުންޏެއް އުފެއްދީ ޕްރައިވެޓް ސެކްޓާ އެކަމަށް ނުކުޅެދިފައި އޮތް ދުވަސްވަރެއްގައި. މިހާރު އެކަން އެހެނެއް ނޫން. މިހާރު މިފްކޯގައި މަސް ގަންނަ ބޯޓެއްގެ ކެޕޭސިޓީއާ އެއްވަރަށް އެންމެ ދޯންޏަކުން ވެސް އެބަ މަސް ބާނާ،" އާދިލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މިފްކޯގައި މިހާރު ފެންނަނީ އެކަން ކުރަން ނޭނގިގެން އުޅޭ ތަނެވެ. އެކަމަކު ވިދާޅުވީ މަސްވެރި މޫސުންތަކަށް މިފްކޯ ތައްޔާރުވާން ބޭނުން ވަންޏާ އެވަރަށް މައުލޫމާތު އެތާނގައި ހުންނާނެ ކަމަށެވެ.
"މަސް ބާނާ ވަރާއި ބޭނުންވާނެ ކެޕޭސިޓީ އާއި ޑިމާންްޑާ މި އެއްޗެހީގެ ސްޓެޓިސްޓިކްސް މިހާރު ވެސް މިފްކޯގައި ހުންނާނެ. ހަމަ ތައްޔާރުވާންވީ. އެކަމަކު ސިޔާސީ މީހަކު ބުނާހާ ގޮތަކަށް، މެމްބަރަކު ބުނާހާ ގޮތަކަށް މިކަން ކުރަން ވެއްޖިއްޔާ ދުވަހަކު ވެސް މަހެއް ނުގަނެވޭނެ،" އާދިލް ވިދާޅުވި އެވެ.
ހަގީގީ މައްސަލަ އާދިލް އެ ވިދާޅުވީ އެވެ؛ މިފްކޯގެ ބަލި ފަޔަކީ ސިޔާސީ ގޮތުން ފޯރާ ނުފޫޒެވެ. ދުނިޔޭގެ މާކެޓުގައި ކޮންމެ އަގެއްގައި ހުއްޓަސް މަސްވެރިން ރުއްސަން ނުއަގުގައި މަސް ގަތް މައްސަލަތަކެވެ. މީގެ ކުރީގެ ތާރީހުތަކަށް ބަލާއިރު ނުއަގުގައި މަސް ގަނެގެން ނުއަގުގައި އެތައް ކޮންޓެއިނަރެއްގެ މަސް މިފްކޯ އިން ބޭރުކޮށްފި އެވެ. އަދި ހަމަ އެހެންމެ، އެތައް ޝިޕްމެންޓެއްގެ މަސް އުކައި ވެސް ލައިފި އެވެ. ސަރުކާރުން ބެލީ މަސްވެރިން ރުއްސުމަށެވެ. އެއީ، ކުންފުނި ގުރުބާން ކޮށްފައި ވެސް ހެޔޮ ކަމަށެވެ!
މިފްކޯ ބާއްވައިގެން ސަރުކާރުން މަސް ގަތުމުގެ ހަގީގީ މަގުސަދު ސިޔާސީ ގޮތުން ވެސް ފުރިހަމައެއް ނުވެ އެވެ. މަސްވެރިންނަކަށް ވެސް އޭގެ ފައިދާއެއް ހަގީގަތުގައި ނުކުރެ އެވެ. އެހެން ވިއްޔާ ސަރުކާރުން މަސް ގަތުމުގެ ބޭނުމެއް ނެތެވެ.
މަސްވެރިކަމުގެ ތެރޭގައި މުޅި އުމުރުހެން ހޭދަކުރައްވަމުން ގެންދަވާ ތަޖުރިބާކާރު ވިޔަފާރިވެރިޔާ މައިޒާން އުމަރުމަނިކު ވިދާޅުވި ގޮތުގައި ކޮންމެ ކަމަކަށް ސަރުކާރުން އަތްބާނާކަށް ނުޖެހެ އެވެ. އޭނާ ސުވާލު ކުރެއްވީ، ސަރުކާރަށް މިކަން ދޫކޮށްނުލެވިގެން މި އުޅޭ ސަބަބާ ބެހޭ ގޮތުންނެވެ.
"ސުވާލަކީ ކީއްވެގެން ބާއޭ ސަރުކާރަށް މިކަން ދޫކޮށްނުލެވިގެން އުޅެނީ؟،" އޭނާ އެއްސެވި އެވެ. އަދި ހަމަ އެ ސުވާލަށް އަމިއްލަ އަށް ޖަވާބު ވެސް ދެއްވި އެވެ.
"ޖަވާބަކީ ދެ ބޭނުމެކޭ މި އޮތީ. އެއް ކަމަކީ އަމިއްލަ ޖީބަށް ވަންނަ ފައިސާ. އަނެއް ބޭނުމަކީ ސިޔާސީ ވޯޓު!"
ފެލިވަރުގައި މި ހަފުތާގައި ކުރި މުޒާހަރާގައި ދޯންޏެއްގައި ދަމާފައި ހުރި ބެނާއެއް -- ފޮޓޯ: ޓްވިޓާ
މަސްވެރިކަން ނުވަތަ މަސްވެރިން ގެންގުޅެނީ ސަރުކާރުން ވޯޓު ހޯދަން ބޭނުންވާ ވަސީލަތެއްގެ ގޮތުގައިކަން އޭނާ ފާހަގަކުރެއްވި އެވެ. އުމަރު ވިދާޅުވި ގޮތުގައި ކޮންމެ ސަރުކާރެއް ވެސް ރިިޔާސީ ކެމްޕޭންގެ ތެރޭގައި، މަސްވެރިންނަށް އެ ވާ ވައުދުތަކާ ހެދި މަސްވެރިން މިހާރު އެކުރާ ގޮތަށް ޑިމާންޑް ކުރުމަކީ މައްސަލައެއް ވެސް ނޫނެވެ.
"އެހެންތާ ވާނީ... އެއްބަޔަކު ބުނާނެ ބެޔަސް ނުބެޔަސް 10،000ރ. ދޭނަމޭ. އަނެއް ބަޔަކު ބުނާނެ ހަމަ އަގު ދޭނަމޭ. މިހެން ގޮސް އުންމީދުތަކެއް މި ގެނުވަނީ. އެހެންވީމަ، މަސް ނުކިރެންޏާ ޝަކުވާ ކުރާނެ. ހަމަ އަގު ނުލިބެންޏާ ވެސް ޝަކުވާކުރާނެ،" އޭނާ ވިދާޅުވި އެވެ.
އެހެންވެ، އޭގެ އެންމެ ރަނގަޅު ގޮތަކީ، ސިޔާސީ ފައިދާތަކެއް ނުނަގައި އެހެން އިންޑަސްޓްރީތަކެކޭ އެއްގޮތަށް މަސްވެރިކަން ވެސް ދޫކޮށްލުން ކަމަށް އޭނާ ވިދާޅުވި އެވެ. ތަޖުރިބާކާރެއްގެ ހައިސިއްޔަތުން އެ ވާހަކަ ދައްކަވާތާ އެތައް އަހަރެއް ވެއްޖެ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.
"ރައީސް [މުހަންމަދު] ނަޝީދުގެ ސަރުކާރު އައުމާ އެކު އަޅުގަނޑު ދެންނެވިން ރައީސް އަރިހު ކީއްކުރަން ކުރާ ކަމެއްހޭ، ސަރުކާރުން އަވަހަށް މަސް ގަތުން ހުއްޓާލާށޭ،" އޭނާ ވިދާޅުވި އެވެ.
އެކަމަކު އެކަމެއް އަދިވެސް ނުވެ އެވެ. ސަރުކާރުގެ ވިސްނުމަކީ މިކަން އަދިވެސް ފުޅާކުރުމެވެ. މިހާރު އޮތް ޕްލޭންތަކުގެ ތެރޭގައި ލޯނު ނަގައިގެން ކޯލްޑް ސްޓޯރޭޖްތައް އިތުރުކޮށް މަހުގެ އުފެއްދުންތައް ވެސް ގިނަ ކުރުން ހިމެނެ އެވެ. އެގޮތުންް ފެލިވަރު ފެކްޓަރީ ޒަމާނާ އެއްގޮތަށް ބަދަލު ކުރުމުގެ ބޮޑު މަޝްރޫއެއް ހިންގުން ވެސް ހިމެނެ އެވެ.
އަދިވެސް އަޅުގަނޑު ދަންނަވާނީ މަސްވެރިން ބާނަ މަސް ގަތުމަކީ ސަރުކާރުގެ ޒިންމާއެއް ނޫނޭ. އަދި ބާނާ ހުރިހާ މަހެއް ގަތުމަކީ ސަރުކާރުގެ ކަމެއް ކަމަށް ވެސް މަސްވެރިން ގަބޫލުކޮށްގެން ނުވާނެއޭ -- އުމަރު
"އެކަމަކު އަދިވެސް އަޅުގަނޑު ދަންނަވާނީ މަސްވެރިން ބާނާ މަސް ގަތުމަކީ ސަރުކާރުގެ ޒިންމާއެއް ނޫނޭ. އަދި ބާނާ ހުރިހާ މަހެއް ގަތުމަކީ ސަރުކާރުގެ ކަމެއް ކަމަށް މަސްވެރިން ވެސް ގަބޫލުކޮށްގެން ނުވާނެއޭ،" އުމަރު ވިދާޅުވި އެވެ.
އާދިލް ސަލީމް ވެސް އަދި އުމަރު މަނިކު ވެސް ގަބޫލުކުރައްވާ ގޮތުގައި، މަސްވެރިކަން ޕްރައިވެޓައިޒްކުރުމަކީ އޭގައި ވަރަށް ބޮޑު ފައިދާތަކެއް އޮތް ކަމެކެވެ. ދެ ބޭފުޅުން ވެސް އެއްބަސްވެވަޑައިގަންނަވާ ގޮތުގައި ސަރުކާރު ވާންވީ ރެގިއުލޭޓަރީ ބޮޑީއަކަށެވެ. އަދި ޒަމާނީ ކޮންސެޕްޓްތައް ތައާރަފުކޮށް މަސްވެރިކަން މާކެޓްކޮށްދޭ ބަޔަކަށް މިފްކޯ ބަދަލުކުރަން ވީ އެވެ.
"މިފްްކޯ ވާންވީ މަސް ގަންނަ ކުންފުންޏަކަށް ނޫން. މިފްކޯ ބަދަލުވާންވީ ޒަމާނީ އާ ޖީލުގެ ދޯނިފަހަރު ތައާރަފުކޮށް ކޮންސަލްޓެންސީ ދޭ ކުންފުންޏަކަށް. ސަރުކާރު ވާންވީ ރެގިއުލޭޓަރީ އަދި އެޑްމިނިސްޓްރޭޓިވް ބޮޑީއަކަށް،" އާދިލް ވިދާޅުވި އެވެ.
ޓޫރިޒަމް ދާއިރާ އިން މިސާލު ޖައްސަވަމުން އޭނާ ވިދާޅުވީ ރާއްޖޭގައި އެނދު ނެތް ވަރަށް ޓްރެވެލް އެޖެންޓުން ޓޫރިސްޓުން ގެނެސް، އެ މީހުން ބައިތިއްބަން ސަރުކާރުގައި އެދެމުން ނުދާ ކަމަށެވެ.
"އެކަމަކު ބާނާހާ މަހެއް ގަނެފައި، އަދި އެ ތާޒާކަން މަތީގައި ރައްކާކުރެވޭނެ ގޮތެއް ވެސް ދޯނީގައި އިންވެސްޓް ނުކޮށް ތިބެ މި ކިޔަނީ ސަރުކާރުން މި ގަންނާށޭ. ކިހިނެއްތޯ މިހެން ވާނީ؟" އޭނާ ވިދާޅުވި އެވެ.
އާ ޖީލުގެ މަސް ދޯންޏެއް: އޮޑިވެރިން ވަނީ ބޮޑެތި އިންވެސްޓްކޮށްފައި -- ފައިލް ފޮޓޯ؛ ނިޝާން އަލީ/މިހާރު
ދޯނިފަހަރު އާދަޔާ ހިލާފަށް ބޮޑުވި އިރު، އާދިލް ފާހަގަކުރެއްވި ގޮތުގައި، އެ ދޯންޏަށް އޮޑިވެރިޔާ ހުންނަނީ ޒަމާނީ ހުރިހާ ވަސީލަތެއް ހޯދައި އިންވެސްޓްކޮށްފަ އެވެ. އެކަމަކު އެންމެ މުހިންމު ކަންތައް އޮންނަނީ ސަރުކާރުގެ ޒިންމާއެއް ކަމަށް ބަލައި، ސަރުކާރުގެ ބޮލަށް ކަނޑާލައިފައި ކަމަށް ވިދާޅުވި އެވެ.
"މި ދަންނަވަނީ ބާނާ މަސް ތާޒާކޮށް ބެހެއްޓޭނެ ނިޒާމެއް ނެތް ވާހަކަ. އެހެން ހުރިހާ ހަރަދެއް ކުރާއިރު އޮޑިވެރިޔާ ވިސްނަނީ އެއީ ސަރުކާރުން ކުރަން ޖެހޭނެ ކަމެކޭ ފެކްޓަރީތަކުގައި. އައިސް ލިބެން ޖެހޭނެއޭ. ސާޅީސް ޓަނުގެ މަސް ބާނައިގެން ދިޔަޔަސް ވަގުތުން ކިރެން ޖެހޭނެއޭ. އެކަމަކު އެއީ ވާނެ ކަމެއް ނޫން،" އާދިލް ވިދާޅުވި އެވެ.
އެ ސަބަބުތަކާ ހެދި، ސިނާއަތެއްގެ ވިސްނުމުން މަސްވެރިކަމާ ދޭތެރޭ ވެސް ވިސްނަން މި ދެ ބޭފުޅުން އެދިވަޑައިގަންނަވަ އެވެ. ރާއްޖެ ކަހަލަ މަހަކުން މަހަކުން މިވަރަށް މަސް ބާނާ ގައުމެއް ދުނިޔޭގައި ނެތް އިރު، އެ ލަގަބު މާކެޓް ކުރުމާއި އަމިއްލަ ކުންފުނިތަކަށް ސަޕޯޓް ދޭ ބަޔަކަށް ސަރުކާރު އޮތުން މާ މުހިންމުކަން އެ ބޭފުޅުން ފާހަގަކުރައްވަ އެވެ.
"އާންމުންނާ ސަރުކާރު ވާދަކޮށްގެން ނުވާނެ އެއްވެސް ގޮތަކަށް،" އުމަރު ވިދާޅުވި އެވެ.
އެ ހިސާބުން މައްސަލަ ހައްލުވީ އެވެ! އާންމުންނާ ވާދަކުރަން ސަރުކާރުގެ އެއްވެސް ކުންފުންޏެއް އުޅޭނެ ކަމެއް ނެތެވެ. އާންމުންނަށް ކުރެވޭވަރުގެ ވިޔަފާރިތައް ދޫކޮށްލަންވީ އެވެ. މަސްވެރިކަމަށް ސަރުކާރުން މީގެ އަހަރުތަކެއް ކުރިން ވަދެފައި އެވަނީ އޭރު އަމިއްލަ ކުންފުނިތަކުގައި އެވަރުގެ ކުޅަދާނަ ކަމެއް ނެތީމަ އެވެ. އެކަމަކު މިހާރު މުޅިން ތަފާތެވެ. އަމިއްލަ ކުންފުނިތައް އެންމެ ޒަމާނީ ސްޓައިލްގައި މަހުގެ ވިޔަފާރި ކުރަނީ އެވެ. ސަރުކާރު ކުންފުނި ހަޑިހާވަނީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙަސަން ނުުރ
27 December 2020
އާދިލް ސަލީމް ގެސްޓު ހައުސް ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ އަޅައިގެން ހުރެ ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެn މަސްވެެިން ވިޔަފާެިވެެިން ދަށު ކުރަން އެއޫލޭނީ... މަެިޒާން ވެ ސް
ހިތަދޫ މީހާ
26 December 2020
މިފްކޯ އުވާލުން ނުވަތަ މިފްކޯ ތެރޭގައި ހިންގާ ކަރަޕްޝަން ހުއްޓުވައި މަސްވެރީން ބާނާ މަސްކޮޅު ކިރޭނެ އިންތިޒާމެއް ހަމަޖެއްސުން. މިދެކަމުން ކޮންމެސް އެއްކަމެއް ސަރުކާރުން ކުރާންވެއްޖެ. މިފްކޯ ބޯޓު ފަހަރުގައި ތިބޭ ވެރީން ނުހައްގު މުއްސަނދިކަމުގައި އުޅޭކަން ނޭގޭ މީހަކު މިއުޑު ބަޅުކުރެއްވި ހިސާބުގައި ހުންނާނެހެން ހިއެއް ނުވޭ. މަމެންގެ ހިތަދޫ ތެރެއިންވެސް މިމަންޒަރު ފެނޭ. އަނބިގޮއްޔެ ނަމުގައި ވިޔަފާރި ކުރީމާ އޭސީސީ އަށް ނޭގުނަސް ރަށު ރައްޔިތުންނަށް އިނގޭ
ބޮނޑަގޭ ދޮންއަލިއެ
26 December 2020
ސަރުކާރަކަށް އެއްވެސް އިންޑަސްޓްރީއެއް ނުހިންގޭނެ. ޓޫރިޒަމް ރަންބިސްއަޅާ ކުކުޅަކަށް ހެދުނީ ޕްރައިވެޓް ސެކްޓާރގެ މަސައްކަތުން. ރައީސް މައުމޫނު ވެރިކަމުން ފެށިގެން މިއަދާއި ހަމައަށް ބަދަލުނުވި ކަމަކީ މަސްވެރިން ބާނާ މަސްކޮޅު ކިރޭނެ ގޮތެއް އިންތިޒާމް ނުކުރެވި އޮތުން. ބަނދަރުތަކާއި ބުރިޖުތަަކަށް ކުރާ ހޭދަ ހުއްޓާލާފައި މަސްވެރިން ބާނާ މަސްކޮޅު ކިރޭނެ ގޮތެއް ހޯދަދޭން ވެއްޖެ. މިފްކޯ ބޯޓުފަހަރުތަކުގައި ކަރަޕްޝަން އިންތިހާއަށް ކިހިނެއްތް ހިންގޭނީ.
ކާލާ އެކީ ގައުމު ކާލާ
26 December 2020
މާދަމާ ބުނާނެ ޕާޓޭންނަށް މަސްތުވާތަކެތި ވިއްކާކަށް ނޭނގެޔޭ، މަހުޖަނުންނާ ހަވާލުކުރާށޭ. ޓެކްސް ވެސް ދައްކާނަމޭ!
ހުވަދޫ ބަގާވާތް
26 December 2020
ރައްޔިތުން ބުރަ މަސައްކަތުން ގެންނަ ސަރުކާރުތައް އާޚިރުގައި މަހުޖަނުންގެ އުނދުޅިއަކަށް ބަދަލުވަނީ ކީއްވެތޯ ރައްޔިތުން ވިސްނާ. ކިތަންމެ ނުރުހުނަސް، ދީނޭ، ވަހުދަތޭ ކިޔަސް ކެނެރީގޭ ނަޝީދަށް ނޫނީ މިނުބައި އާދަ މިތަނުން ފިލުވޭނެ ދެވަނަ ވެރިއެއް ފެންނާކަށެއް ނެތް.
ހޮޅި ވިސްނުން
26 December 2020
މީގެ 40 އަހަރު ކުރީން ސަރުކާރުން ތިޔަ ފެކްޓަރީތައް އެޅިގޮތަށް އަދިވެސް އެޅޭނެ. އޭރު ކިރިޔަ ކިރިޔާ އުޅެވޭ ގައުމެއް! މިއަދު 2 ބިލިއަން ޑޮލަރު އަހަރީ ބަޖެޓުވެސް! 6 ބިލިއަނަށް ގުޅީ ފަޅު ހިއްކާ 750 މިލިއަން ޑޮލަރުގެ ބުރިޖުއަޅަން ކެރޭ! ރަށްފުށު މަސްވެރީން، ދަނ ޑުވެރީންނަށް އިންވެސްޓް ނުކުރަނީ ވަން ޑޮލަރ ރިސޯޓް އޯނަރުންގެ ހައްގުގާ!
ވގު ފކްޓަރީ
26 December 2020
ތެދެއް ތިވެސް ކޮންމެވެސް ކޮއްޔަކަށާއި ޗަމްޕާ އަކަށް ދީ! ގައުމެއްގެ ހުރިހާ ރިސޯސްއެއް ބައިއަޅާ ހުސްކުރަން ވާނެެ! އޭރުންތާ 5 ލައްކަ ރައްޔިތުން އިގްތިސޯދީ އަޅުންގެ ގޮތުގައި ދެމިތިއްބޭނީ!
ރައްޔިތުންގެ ވިންދު
25 December 2020
ސަރުކާރުން ކާޑުގެ ބާވަތްތައް ނުވިއްކާނަމަ ވާނީ ކިހިނެއްތޯ؟ ސަރުކާރުން މަސްގަތުން ހުއްޓާލައިފިނަމަ ވާނީ ކިހިނެއްތޯ؟ ރަމަޟާން މަހާއި ދިމާކޮށް ސަރުކާރުން ފިޔާ އަލުއި ކުކުޅުބިސް ނުވިއްކާނަމަ ވާނީ ކިހިނެއްތޯ؟ ރައްޔިތުން ވިސްނާލުން ހުއްޓެވެ.
އަހުމަދު
25 December 2020
ސަރުކާރުން ނުވަތަ މިފްކޯއިން މަސްގަތުން ހުއްޓާލި ދުވަހަކުން މިތާ މިތިބަ ކުންފުނިތަތް ތިބެެގެން މިހާރު ހުރި އަގުވެސް ނުލިބޭނެ. މިކަން ވަރަށް ސާފުކޮށް އެނގޭން ކަންނެލި މަސްވެރިކަމަށް ބެލީމަ. އަދި ނުވިތާކަށް އިހަކަށް ދުވަހާ ހަމައަށް އަމިއްލަ މަސްކުންފުނިތަކަށް 18 ރުފިޔާ އަށް މަސްގަތް. އެކަމަަކު މިފްކޯއިން ކުޑަ ކުރީ ވަގުތުން އަގު ވައްޓަލީ. ޑޮލަރު އަގުވަނީ ބޮޑު. މީ ހަމަ ވިޔަފާރިވެރިން އަޑީގަ ތިބެގެން ގެންނަ މޮޅެތި ޙަބަރުތައް އެމީހުންގެ ފައިދާ އަށް.
އިބްރ
25 December 2020
ސަރުކާރުން މިފްކޯ ހިންގާނެކަމެއްނެތް. ސަބަބު ހިންގަންނޭނގުން. ސަރުކާރުން އެމްޓީސީސީ ހިންގާނެކަމެއްނެތް. ސަބަބު ސޭމް ޓު އެބަވް. ސަރުކާރުން އެސްޓީއޯ ކިޔާނެކަމެއްނެތް އެއްވެސް ކުންފުންޏެއް ހިންގާނެކަމެއްނެތް ސަބަބު ހަމަ ސޭމް. ސަރުކާރުން ކުރާންވީކަމަކީ ހަމަ ފާޑުފާޑުގެ ޓެކްސް ނެގުމާއި ޖޫރިމަނާ ކޮށްގެން ރައްޔިތުން އަތުން ފައިސާނެގުން. އެއީ އެޖެންޑާ 19