ގއ. ވިލިނގިލީގައި ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް ނަސީމާއި ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ރައީސް އޮފީސް
28 ޑިސެމްބަރ 2020 - 12:25
ކޮންމެ ބަދަލެއް ގެނެސްގެން ވެސް މަސްތުވާތަކެތީގެ މައްސަލަ ހައްލު ކުރުމަށްޓަކައި މަސައްކަތް ކުރަން ޖެހޭނެ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ވިދާޅުވި އެވެ.
ގއ. ވިލިނގިލީގައި ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ނައިބު ރައީސް ވިދާޅުވީ، އެތައް އަހަރުތަކެއް ވީއިރު މަސްތުވާތަކެތީގެ މައްސަލަ އަށް އެކަށީގެންވާ ހައްލެއް ލިބިފައިނުވާ ކަމަށެވެ. އެހެންވެ، ބަދަލު ގެނެސް، ކޮންމެ ކަމެއް ކޮށްގެން ވެސް އެކަން ކާމިޔާބު ކުރަންޖެހޭ ކަމަށް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ ސިސްޓަމެއް އޮވެގެން ސިސްޓަމްގެ ތެރެއިން އެކަށީގެންވާ ރަނގަޅު ނަތީޖާއެއް ނުނެރެވިއްޖެ ނަމަ އެ ސިސްޓަމެއް ބަދަލުކުރަންޖެހޭ ކަމަށެވެ.
"ވޭތުވެދިޔަ ދުވަސްތަކުގައި އެތައް ސަތޭކަ ޒުވާނުންނަށް މި މައްސަލަ ދިމާވެ ގައުމުގެ ތަރައްގީގައި އެ ޒުވާނުންނަށް ފުރުސަތު ލިބިފައި ނެތީ ކީއްވެގެންތޯ؟ ރަނގަޅު ނުކުރެވުނީ ކީއްވެގެންތޯ؟ މިއަދު އެންޑީއޭ ބޭފުޅުން ހާއްސަ ސަމާލުކަމެއް ދެއްވައިގެން ކުރަންޖެހޭ ކަމެއް. ބަދަލަކީ ހެޔޮ ކަމެއް، ހެޔޮ ކަމަކަށް ވަންޏާ ކުރަންޖެހޭ. ބަދަލު ގެންނަނީ ރައްޔިތުން، ރައްޔިތުން ބަދަލު ގެނޭ،" ނައިބު ރައީސް ވިދާޅުވި އެވެ.
ގއ. ވިލިނގިލީގައި ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް ނަސީމް ވާހަކަފުޅުދައްކަވަނީ-- ފޮޓޯ: ރައީސް އޮފީސް
"ވަރަށް ގިނަ ގިނައިން ވެސް ބަދަލު ގެނޭ. ކަންތައްތަކުގައި ބަދަލު ގެންނަން އެ ވާހަކަ ދައްކާ. އެހެންވީމާ މިއަދު އަޅުގަނޑު ގަބޫލުކުރަނީ އެތައް އަހަރުތަކެއް ވީއިރު އެކަށީގެންވާ ހައްލެއް ލިބިފައި ނެތް މި މައްސަލައަށް، ބަދަލު ގެނެސްގެން ވެސް ގެންނަން ޖެހޭ ކޮންމެ ކަމެއް ކޮށްގެން ވެސް މިކަން [މަސްތުވާތަކެތީގެ މައްސަލަ] ކާމިޔާބު ކުރުމަށްޓަކައި މަސައްކަތް ކުރަން ވާނެ."
އެއީ ކޮނޑުގައި އެޅިފައިވާ މަސްއޫލިއްޔަތެއްކަން ފާހަގަކުރައްވައި އެންޑީއޭ ހިންގުމުގައި ތިއްބެވި ބޭފުޅުންނާއި ޖެންޑާ މިނިސްޓްރީ އާއި މިކަމާ ގުޅުން ހުރި ފަރާތްތަކުން ގަބޫލު ކުރަންޖެހޭ ކަމަށާއި އެހެން ނޫނީ ރަނގަޅު ފިޔަވަޅެއް ނޭޅޭނެ ކަމަށް ވިދާޅުވި އެވެ.
ނައިބު ރައީސް ވިދާޅުވިގޮތުގައި، އެކި ރަށްރަށުގައި މަސްތުވާތަކެތީގެ މައްސަލަތައް ވަރަށް ބޮޑެވެ. އިޖުތިމާއީ މައްސަލަތަކަށް ވުރެ ބޮޑަށް ބޭނުންވެފައި މި އޮންނަނީ އިމާރާތްކުރުމާއި މަގުތާރު އެޅުން ފަދަ ލޮލަށް ފެންނަން ހުރި ކަންތައްތަކަށް ކަންތަކަށް އިސްކަންދީގެން މަސައްކަތް ކުރުން ކަމަށާއި އިޖުތިމާއީ ކަންތައްތަކަށް ދެވޭ ސަމާލުކަން އޮންނަނީ ކުޑަވެފައި ކަމަށް ވިދާޅުވި އެވެ. މީގެ ކުރިން އެގޮތަށް ދިމާވެފައި ހުރި ނަމަވެސް މި ސަރުކާރުން ކަންތައް ކުރާގޮތް މުޅިން ތަފާތުވާނެ ކަމަށް ވިދާޅުވި އެވެ.
ނައިބު ރައީސް ވިދާޅުވީ މޮޅު ރީތި އިމާރާތެއް ހުރެގެން ނުފުދޭ ކަމަށެވެ. މުހިއްމު ވަނީ އިހުލާސްތެރިކަމާއެކު ހެޔޮ ނިޔަތުގައި ކުރާ މަސައްކަތް ކަމަށާއި ވިލިނގިލީގައި ހުޅުވި ރިހެބިލިޓޭޝަން ސެންޓަރުގައި ވެސް ރަނގަޅު މަސައްކަތްތަކެއް ކޮށްފި ނަމަ ނަތީޖާ ހާސިލްކުރެވޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. ބޭނުންވަނީ ނަތީޖާ ހޯދަން ކަމަށާއި އެކަން ހާސިލްކުރެވޭނީ އަމަލު ރަނގަޅުކުރެވެގެން ކަމަށް ވިދާޅުވި އެވެ.
ކޮމިއުނިޓީ އެ ފަރުވާ ކާމިޔާބު ވެއްޖެނަމަ އޭގެ ފައިދާ މުޅި ރާއްޖެއަށް ކުރާނެ ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.
ސެންޓަރުން ދޭ ފަރުވާއަކުން އެކަނި ނުނިމޭނެ ކަމަށާއި މަސައްކަތް ވެސް ދަސްކޮށްދޭން ޖެހޭކަން ފައިސަލް ފާހަގަކުރެއްވި އެވެ. ގައުމުގައި ބައިވަރު މަސައްކަތްތައް އެބަހުރި ކަމަށާއި އުއްމީދުތައް ހާސިލް ކުރަންޖެހޭނީ ދިވެހިންކަމަށް ވިދާޅުވި އެވެ. ކުރާ ކޮންމެ ކަމަކީ ބޭރުން މީހުން ގެނެސްގެން ކުރަންޖެހޭ ކަމެއް ނޫން ކަމަށް ެސް ވނައިބު ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވަނީ ދަރިންނާއި ޒުވާނުންނާ މެދު އުއްމީދުތަކެއް ކޮށް އަތްތައް ހުޅުވާލައި ރަނގަޅު ވިސްނުމެއް ގެންގުޅުމަށް އެދިވަޑައިގެންފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުހައްމާ
28 December 2020
ބަޔަކު އިސްލާހުކުރަން ފަށަންވީ އެބަޔަކު އެކަމެއްގެ ތެރެއަށް ވަދެ ޣަރަޤު ވީމައެއް ނޫން. ވަނުމުގެ ކުރިން ދޭންވާ ފަރުވާއާއި ކުރަންޖެހޭ ކަމެއް ކޮށްގެން. ވަނުމުގެ ކުރިން ދޭންޖެހޭ ފަރުވާއާއި އަޅަންޖެހޭ ފިޔަަވަޅުތަކުގެ ކުރަންޖެހޭ ކަންކަމުގެ ވާހަކަ ނުދައްކަނީ ކީއްވެ؟ އެކަންކަން ނުކުރަނީ ކީއްވެ؟
ދިއްދޫމީހާ
28 December 2020
ކެމްޕޭނުގާ ފައިސަލް ވިދާޅުވީ ވެރިކަމާ ހަވާލްތާ 3މަސްދުވަސްތެރޭގަ މަސްތުވާތަކެތި ހުއްޓުވާލާނެކަމަ، ބަންދުވަސް ނުހިމެނާ 3މަސް ދުވަސްވެއްޖެތޯ؟؟؟
ފަހީމާއިބުރޭ
28 December 2020
1 މަސްވެގެންހުރެ މީހުންއުޅޭ އެއްވެސް ރަށެއްގެ މަގެއްގެ މަތިން ފެނިއްޖެނަމަ އެއީ ކުށަކަށްހަދާބަލަ 2 މަސްތުވާތަކެތިބޭނުންކުރުމުގެ ރެކޯޑްއޮތް މީހަކު ތަންތަނަށް ދާންވާނީ ބެލެނިވެރިއަކާ އެކީގަ އެކަނިދިޔުންވެސް ކުށެއް 3 މަސްތުވާތަކެތީގެ ވިޔަފާރީގައި ޙުކުމެއް އަތުވެއްޖެނަމަ އާސަންދައާ ސަރުކާރުގެ ހުރިހާ އިނާޔަތެއްކެނޑޭނެ 4 މަސްތުވާތަކެތީގެ ވިޔަފާރީގައި ބެދިއްޖެމީހެއްގެ މުދަލާ ބިންތައް ވިއްކާލާ އެފައިސާ ފަރުވާހޯދާ މީހުންނަށްހޭދަކުރޭ 5 . 18 އަހަރުވީތަ މަސްތުވީތައަދަބު
ޢަނީ
28 December 2020
ފަރުވާގެ ނަމުގަ އެތައް އަހަރެއް ވަންދެން ތިޔަ ކުރި ކަމަކީ މަސްތުވާތަކެތި ބޭނުންކުރާ މީހުން ޖަލައްނުލާ މިނިވަންކޮށް އުޅެވޭނެ ގޮތެއް ހަދާފަ ބޭއްވުން. އަހަރެން ޕާރސަނަލީ ދަންނަ އެތައް ބަޔަކު ތިޔަ ފަރުވާ ހޯދައިފި. އެންމެ މީހެއްވެސް ރަނގަޅު ނުވޭ. ކުރީގަ ޖަލައް ލީ މީހުން ހުކުމް ނިންމާފަ ރަނގަޅު ވިތަން ފެނޭ. އެކަމަކު މިހާރު ޖަލުންވެސް މަސްތުވާ ތަކެތި ލިބޭ. މޮޅަތި ވާހަކަ ދައްކާާ ޕްލޭން ހަދަން ތިއްބަ އެތައް ޖީލެއްް ހަލާކުވެގެން ދަނީ..
ވިސްނާލަމާ ހެޔޮކޮށް
28 December 2020
ކޮވިޑުން ދަސްކޮށްދިން ފިލާވަޅަކީ އެންމެން އެކުގައި ބަލިމަޑުކަމެއް ފިލުވަން އުޅެފިއްޔާ އެކަން ވާނެކަން. ޑުރަގު ގެ ކަންތައް ވެސް ފިލުވޭނީ އެންމެން އެކުގައި މަސައްކަތް ކޮށްގެން. ޑުރަގު ބޯ މީހުން ބޭނުންކޮށްގެން ހިންގާ ޖަރީމާތަކާއި، ކަޅުފައިސާ އެނބުރުން ހުއްޓުވާ، ކޮރަޕްޝަން ހުއްޓުވައިގެން.
ފިފުޓީ ސިކުސް
28 December 2020
އަހަރެން ކުރިން ގަބޫލުކުރީ އައިސަތު މުހައްމަދު ދީދީ ޖެންޑަރ މިނިސްޓްރީއާއި ހަވާލުވީމާ ކަންކަން ރަގަޅުވާނެކަމަށް ނަމަވެސް ގިނަކަންކަން ހުރީ ހުރިގޮތަށް އަނެއްބައި ކަންކަން ވީގޯސް މިއިން އެންގުނީ ރައީސް އޮފީހުންގައި މިމީހުންނަށް ރަގަޅު ޑައިރެކްޝަނެއް ނުދެވޭކަން މިނިސްޓަރުންގެ ގާބިލްކަންނެތްކަން މިހާރު ހިޔާގައި ތިބި ކުދިންކޮޅު ރަށްރަށަށް ބަހާލައި ލޯމަތީން ފޮރުވާލީ މިނިސްޓަރވެސް ޖެންޑަރގެ ސްޓޭޓުމިނިސްޓަރުންވެސް ފެއިލްވީ!